ކޮވިޑާ ގުޅިގެން ރާއްޖެ ގެންނަން އެކި ފަރާތްތަކާ ހަވާލުކުރި ވެންޓިލޭޓަރުގެ ތެރެއިން މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ގެނެސްފި އެވެ.

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ބާކީ 14 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށާއި އެއާ އެކު އެ ކުންފުނިން ގެންނަން ހަވާލުވި 50 ވެންޓިލޭޓަރު ގެނެސް ހަމަވީ ކަމަށެވެ.

މެޑްޓެކުން ބުނީ މިއަދު ގެނައި ވެންޓިލޭޓަރުތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ހެލްތު މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.

މެޑްޓެކާ ހަވާލުކޮށްފައި ވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން ފުރަތަމަ 18 ވެންޓިލޭޓަރު ގެނެސްފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ދެވަނަ ބެޗު ގެނެސްފައި ވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހު އެވެ.

މެޑްޓެކުން ބުނީ އެ ކުންފުނިން ގެނައި ހުރިހާ ވެންޓިލޭޓަރަކީ ވެސް އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި ސްވިޒަލޭންޑްގެ އައިއެމްޓީ މެޑިކަލް އިން އުފައްދާފައިވާ ވެންޓިލޭޓަރު ކަމަށެވެ. އެއީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި މެޑިކަލް އިކުއިޕްމަންޓް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.

މެޑްޓެކުން މިހާތަނަށް ޖުމްލަ 52 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާއިރު އޭގެ ތެރެއިން ދޭތި ހަވާލުކޮށްފައިވަނީ ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފީހާ އެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުކުރީ ހެލްތު މިނިސްޓްރީއާ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ފެށި ތައްޔާރީތަކުގައި އެކި ކުންފުނިތަކުން 149 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކޮށްފައި ވެއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 50 ވެންޓިލޭޓަރާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރެވެ.

މީގެ ތެރެއިން މިހާތަނަށް ހުރިހާ ވެންޓިލޭޓަރުތަކެއް ގެނެސްފައި ވަނީ މެޑްޓެކުން އެކަންޏެވެ.