ނައިޖީރިއާ ފުލުހުންތަކެއް.
09 ޖޫން 2020 - 05:20
މަންމަގެ އަތުން ފައިސާތަކެއް ހޯދުމުގެ ބޭނުމުގައި ނައިޖީރިއާގެ ފުރާވަރުގެ އަންހެން ކުއްޖަކު، އޭނާގެ ލޯބިވެރިޔާއާ ގުޅިގެން ފޭކް ކިޑްނެޕެއް ޖައްސައިގެން އުޅުނު މައްސަލައެއް ފަޅާއަރައި އެ ދެ މީހުން އާދީއްތަ ދުވަހު ހައްޔަރުކޮށްފި އެެވެ.
މި ހާދސާއާ ބެހޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަބިމްބޯލާ އޮޔެޔޭމީ ވިދާޅުވީ 17 އަހަރުގެ ސެއޫން އެޑެކުންލޭ އާއި އޭނާގެ ލޯބިވެރިޔާ ބާސިތު ފޭކް ކިޑްނެޕެއް ޖައްސައިގެން މަސައްކަތްކުރީ އަންހެން ކުއްޖާގެ މަންމަގެ އަތުން 500،000 ނައިރާ (1،338 ޑޮލަރު) ހޯދަން ކަމަށެވެ.
ކުއްޖާގެ މަންމައާ ހަވާލާދީ ތަރުޖަމާނު ވިދާޅުވި ގޮތުގައި އަންހެން ކުއްޖާ މި މަހުގެ 1 ވަނަ ދުވަހު ގެއިން ދިޔަ ގޮތަށް ޚަބަރެއް ނުވެގެން އުޅެނިކޮށް އޭގެ ދެ ދުވަސް ފަހުން ލިބުނީ ކާކުކަން ނޭނގޭ ނަމްބަރަކުން ކޯލެކެވެ. އަދި ދަރިފުޅު ކިޑްނެޕްކޮށްފައިވާ ކަމަށާއި ސަލާމަތުން ދަރިފުޅު ފެންނަން ބޭނުން ނަމަ 500،000 ނައިރާ ހަމަޖައްސައި ދޭން އެދުނު ކަމަށް ބުންޏެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކޮށްގެން ނުވާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
ނަމަވެސް އަންހެން މީހާ އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން ވަނީ ގުޅި ނަމްބަރު ހޯދައި، އެ މީހުން ތިބި ތަން ހޯދައިފަ އެވެ.
ސިއޫން އާއި ލޯބިވެރިޔާ ބާސިތު ފުލުހުންގެ ބެލުމުގެ ދަށުގައި.
ފުލުހުންނަށް އަންހެން ސެއޫން އާއި ބާސިތު ފެނުނީ ވަލެއްގެ ފިލައިގެން އުޅެނިކޮށެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށް މިހާރު އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ކޯޓަށް ވެސް ފޮނުވާނެ ކަމަށެވެ.
ފުލުހުން ވަނީ ނައިޖީރީ އަކީ ފައިސާ ހޯދުމުގެ ބޭނުމުގައި ފޭކް ކިޑްނެޕްގެ ހާދިސާތައް ގިނަ ގައުމަކަށްވާތީ އެފަދަ ކަންކަމަށް ސަމާލުވާން އިލްތިމާސް ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy