ސިފައިންގެ ވެރިޔާ ޖެނެރަލް މިލޭ (ކ) އަދި ޑިފެންސް މިނިސްޓަރު އެސްޕާ (މ) ޓްރަމްޕް އަރިހު ފައްޅި އަށް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
12 ޖޫން 2020 - 10:40
ވޮޝިންޓަން (ޖޫން 12) - ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން އެމެރިކާގައި މުޒާހަރާތައް ވަރުގަދަވެފައި ވަނިކޮށް ވައިޓް ހައުސް އިން ނުކުމެވަޑައިގެން ކައިރީގައިވާ ފައްޅިއަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަރިހު ވަޑައިގެންނެވުނީތީ ހިތާމަ ކުރައްވާ ކަމަށް ސިފައިންގެ ވެރިޔާ ޖެނެރަލް މާކް މިލޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޖޫން 1 ވަނަ ދުވަހުގެ އެ އިވެންޓް ދިޔަ ގޮތުން "ސިފައިން ސިޔާސީ ކަންކަމުގައި ބައިވެރިވި ކަމަށް" ވިސްނުމުގެ ޖާގަ އެބައޮތް ކަމަށެވެ.
ޓްރަމްޕް ފައްޅިއަށް ވަޑައިގެންނެވީ ވައިޓް ހައުސްގެ ބޭރުގައި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުން ދިޔަ މީހުން ދުރަށް ޖެއްސުމަށް ފަހު އެވެ. މުޒާހަރާ ކުރާ މީހުން ދުރަ ކުރަން ސިފައިން ބޭނުން ކުރުން އެމެރިކާގައި ވަނީ ބޮޑު ބަހުސަކަށްވެފަ އެވެ.
ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޗެއާމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް މިލޭ ވިދާޅުވީ އެ ދުވަހު ޓްރަމްޕް އަރިހު އޭނާ ފައްޅިއަށް ގޮސްގެން ނުވާނެ ކަމަށެވެ.
ވައިޓް ހައުސް އިން ނުކުމެވަޑައިގެން ޓްރަމްޕް ހިންގަވާފައި ފައްޅި އަށް ވަޑައިގަންނަވާ އިރު ސިފައިންގެ ވެރިޔާ ޖެނެރަލް މިލޭ (ކ) އަދި ޑިފެންސް މިނިސްޓަރު އެސްޕާ (މ) ޓްރަމްޕް އަރިހު. --ފޮޓޯ:އޭއެފްޕީ. --ފޮޓޯ:އޭއެފްޕީ
"އަޅުގަނޑު އެތަނުގައި ހުރުމަކީ، ސިފައިން ދާޚިލީ ސިޔާސީ ކަންކަމުގައި ބައިވެރިވާ ކަމަށް ޖާގަ ދެވޭނެ ކަމެއް. ކޮމިޝަންޑް ޔުނިފޯމް އޮފިސަރެއްގެ ގޮތުން އެއީ އަޅުގަނޑަށް ހެދުނު ގޯހެއް. އަދި އެކަމުން ފިލާވަޅު ލިބިގެންފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ޖެނެރަލް ވިދާޅުވީ ޖޯޖް ފްލޮއިޑް މަރާލި އަނިޔާވެރި ގޮތާ މެދު އޭނާ ވަރަށް ބޮޑަށް ކޯފާވި ކަމަށެވެ. އަދި އިހްތިޖާޖަށް މީހުން ނުކުތީ ފްލޮއިޑުގެ މަރާ ދެކޮޅަށް އަޑު އުފުލަން އެކަނި ނޫން ކަމަށާއި އެކަމަކު އެތައް ގަރުނެއް ވަންދެން އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާ މެދު އޮތް ތަފާތު ކުރުމާ ދެކޮޅަށް އަޑު އިއްވަން ކަމަށެވެ.
ހިންގަވާފައި ޓްރަމްޕް ފައްޅިއަށް ވަޑައިގެންނެވި އިރު ސިފައިންގެ ވެރިޔާ ހުންނެވީ އަސްކަރީ ޔުނިފޯމުގަ އެވެ. އެހެންވެ އެތައް ބަޔަކު އެކަން ސިފަކޮށްފައި ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ސިފައިން ނެރުމަށް ޖެނެރަލް މިލޭ ވެސް ތާއީދުކުރެއްވީ ކަމަށެވެ.
ޑިފެންސް މިނިސްޓަރު މާކް އެސްޕާ ވެސް އެ ދުވަހު ޓްރަމްޕް އަރިހު ހުންނެވި އެވެ. ނަމަވެސް އެއީ ގޯހުން ކުރެއްވުނު ކަމެއް ކަމަށް އެސްޕާ ވިދާޅުވެފައެއް ނުވެ އެވެ. އެސްޕާ ވިދާޅުވީ އޭނާ ހީކުރެއްވީ ޓްރަމްޕް ވަޑައިގެންނެވީ އެހެން މަގްސަދެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑްމޭން
13 June 2020
ނަސީބެއް ތިޔަވަރު ބުނެލަން ކެރުނުކަންވެސް! ޓަރަމްޕް ހުންނާނީ މިހާރު ވަރަށް ނައްޓާފައި ތިޔަހެން ބުނެގެން..
ސަންޕާޅޯ
13 June 2020
ސިޔާސީ މީހުން އެމީހުންގެ އަމިއްލަ އެދުމުގައި އެތައް ދުވަހެއްގެ މަސައްކަތުން މީހުން ބިލްޑް ކޮއްފައި ހުންނަ ކެރިއަރ ފުނޑުފުނޑު ކޮށްލާ އެބަ. ރީތި ނަން ކިލނބު ކޮށްލާ. ވިޔަފާރިތައް ޚަރާބުކޮށްލާ. އަމާނާތްތެތިން ވަގުންނަށް ހަދާލާ. މިނިވަން ފިކުރުގެ މީހުން އަޅުންނަށްވެ ގައުމަށް ގައްދާރުވާ ބައެއްގެ ގޮތުގައި ހަދާލާ. ރާއްޖޭގައި ވެސް މިކަން ވަނީ ހަމަ މިމަގުން. ވަރަށް ވިސްނައިގެން ތިބެން ޖެހޭނ.
ތިލަފަޅު މޫސަ
12 June 2020
ސިފައިން ނުވަތަ އަސްކަރިއްޔާ ގެ ބޭނުން ރާއްޖޭން ވެސް ބައިނަލް އަގުވާމީ މަދަނީ ގަނޫނުތަކާ ހިލާފަށް ވަނީ ބޭނުން ހިފާފަ ރައްޔިތުން މަޖިލިސްކުރާ ގެ ސްޕްރީމް ކޯޓު އިމާރާތާ މަގުތައް މަތީގައި އަސްކަރިއްޔާ ގެ ބާރު ރައްޔިތުންނާ ދެކޮޅަށް ގާނޫނޫ އަސާސީއާއި ހިލާފަށް ވަނީ ހިފާފަ... މި އީ ބަލަން ޖެހޭ މައްސަލަތަކެއް
74453
12 June 2020
އެހެން ގައުމު ތަކުގެ މީހުން އެމެރިކާގެ ވާހަކަ ދައްކާއިރު އެމީހުންގެ ގައުމު ތަކަގެ ހާލު މާބޮޑު އެމެރިކާ ނޫން އެހެން ތަނެއްގަ ރާއީސް މީހާ ކުރާ ހުރިހާ މޮޔަކަންތައްތަކަށް ވެސް ތާއީދުކޮށް ސަނާ ކިޔާގެން ނޫނީ މަތީ މަތީ ޕޯސްޓެއްގަ ނުހުރެވޭނެ.
ވަސަޢީރާ
12 June 2020
ދުނިޔެ އުފައްދަވާ ދުނިޔެ އަށް އިންސާނާ ފޮނުއްވެވީ ވަރުގަދަ ޒިންމާއެއް އަދާ ކުރަންއޭ އެގޮތުން ގައުމު ތަކުގެ ވެރިންނާއި ހަވާލުކުރެވޭ ޒިންމާ އަކީ އެއީ އެންމެ މަތީ ޒިންމާއެ އެޒިންމާ އަށް އިހްމާލު ނުވެ ގައުމުގެ އެންމެހާ ރައްޔިތުންނަށް އިންސާފުވެރި ކަމާއި އޯގާތެރިކަމާއި ހަމަހަމަކަމާއި އެކު ކަން ކޮށް ދިނުމަކީ އެއީ ގައުމުގެ ވެރިންގެ ޒިންމާއެކޭ އެކަމަކު ވެރިކަމުގެ ބާރުލިބުމުން އިންސާނާ މިކަން ހަނދާންނެތެެނީއޭ ކޮން ނިއުމަތެއް މަދުވެގެންތެ އެގޮތްވަނީ އިންސާނުންނަށް
މުޖުރިމޫން
12 June 2020
އެމެރިކާގެ ފުލުހުން އެއީ އަނިޔާވެރި ބަޔެއް ނޫން ކަމަށް ދައްކަން އެމެރިކާގެ ރައީސް މަރުފަލި ޖެހިނަމަވެސް އެކަން ނުހުއްޓުވޭނެއޭ އެދަނީ ދުވަހުން ދުވަހަށް ދުނިޔެއަށް ހާމަވަމުންނޭ ނިކަމެތި ރައްޔިތުންނަށް ސަރުކާރު ތަކުން ކުރާ އަނިޔާ ތައް ފޮރުވަން މަސައްކަތް ކުރާ ވެރިން އެއީ ބެލެވޭނީ އަނިޔާވެރިން ކަމުގައޭ އެއީ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ އަސްލާއި ޚިލާފު ކަމެކޭ އެފަދަ ވެރިން ގައުމު ތަކުގެ ވެރިންގެ ގޮތުގައި ތިބެން ނުޖެހޭނެއޭ މިކަމަށް އިންކާރުނުކުރާށޭ
ތުކައްޒިބާން
12 June 2020
ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ އަނިޔާވެރިކަން އިންތިހާ އަށް ގެންގޮސް ތިމާއަށް އެއް ކަމެއް ވެސް ނުކުރެވޭނެ ކަމަށް ހީކޮށްގެން ރަސްކަލަކަށް ހެދިގެން ވެރިކަން ކުރި މީހެކޭ ޒިންމްބާބްވޭ ގެ މުގާބޭ އަކީ އެކަމަކު އޭނާ އަތުން އޭނާއަތުގައި އޮތް ޒަމާންވީ ބާރު ދާން ނެގީ ފަޅި ސިކުންތެކޭ މިއަދު އޭނާގެ ވާހަކަ ދައްކާ މީހަކު ވެސް ޒިންމްބާބްވޭ ގައިވެސް ނެތޭ އޭނާގެ އާއިލާ ވެސް އެގައުމުން ފިލައިފިއޭ މިކަމަށް އިންކާރުނުކުރެވޭނެއޭ މީ ދުނިޔެކޮށްފައިވާ ތަޖްރިބާއޭ
ފަބިއައްޔި
12 June 2020
ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް ފަހު ތިމާއަކީ އެއީ ގަދަފަދަ މީހެއް ކަމަށް އެމެރިކާގެ ރައީސް ދުނިޔެ އަށް ދައްކަންވެގެން ކުރާ ކަންކަން އެއީ އެމެރިކާގެ ނިކަމެތި ރައްޔިތުންގެ ހިތްތައް ފަޅަ ފަޅައިގެންދާ ކަމެއް
ކިހާ ދެރަ
12 June 2020
އެއްމެން ގުއިރޯނުގައި ޖެއްސީ އެވެ.