ޝާލީ އަސްދޫނިތަކާ އެކު.
15 ޖޫން 2020 - 07:31
ބާޒާރުން ކާން ގަންނަ ބިހަކީ އާންމުކޮށް ފިޔޮއް ވިއްސަން ބޭނުންކުރާ އެއްޗެއް ނޫނެވެ. އަދި އެފަދަ ބިހަކީ ގިނަ ފަހަރަށް އާޓިފިޝަލް ވަރަށް ގިނަ އުކުޅުތައް ބޭނުންކޮށްގެން އަޅުވާ ބިހެވެ.
އެކަމަކު ބާޒާރުން ގަތް "ކްލިއަރެންސް ކޯޓް" ބްރޭންޑްގެ އަސްދޫނި ބިހުން ފިޔޮއްތަކެއް ވިއްސުމަކީ އެހާ އާދައިގެ ކަމަކަށް ނުވާނެ އެވެ. އިނގިރޭސިވިލާތުގެ އަންހެނަކު ވަނީ މިކަން ތަޖުރިބާކޮށް، ބާޒާރުން ގަތް ބިހުން އަސްދޫނި އުފަންކޮށްފަ އެވެ.
ހާޓްފޯޑްޝަޔާގައި ދިރިއުޅޭ ޝާލީ ލެލޯ، 29، މަޝްހޫރު ސުޕަމާޓް ޗެއިން ވެއިޓްރޯޒްގެ އައުޓްލެޓަކުން ގަތް ބިސްތަކުން ތިން އަސްދޫނި ލިބިފައިވެ އެވެ. އެ އެއްޗިއްސަށް އޭނާ ވަނީ ލޯބިން ނަން ވެސް ދީފަ އެވެ. އެއީ ބީޕް، ޕީޕް އަދި މީޕެވެ.
ޝާލީ ބުނި ގޮތުގައި ބާޒާރުން ގަތް ބިހުން އަސްދޫނި އާލާވޭތޯ މަސައްކަތްފެށީ މާ ބޮޑު އުންމީދެއް އޮވެގެންނެއް ނޫނެވެ. ކޮވިޑް-19އާ އެކު އިއުލާންކުރި ލޮކްޑައުނާ ހެދި ގޭގައި ތާށިވެގެން ހުންނަން ޖެހުމުން ފޫހިފިލުވާނެ ކަމެއް ކުރަން ބޭނުންވީ އެވެ. އެހެންވެ، ގަތް ބިސްތައް އިންކިއުބޭޓަރެއްގައި ބާއްވައިގެން ވާނުވާ ބަލަމުން ދިޔައީ ކަމަށް ބުންޏެވެ.
ކްލިއަރެސް ކޯޓްގެ އަސްދޫނި ބިސްތަކެއް.
"އަސްލު މިކަން ކުރަން ބޭނުންވީ ބާޒާރުން ގަތް ކުއަލް ބިސްތަކެއް އާލާކޮށްގެން ފިޔޮއް ވިއްސި ވީޑިއޯއެއް މީހަކު ފޭސްބުކްގައި ޝެއާކޮށްފައި އިނީމަ ހިތަށް އެރީ ވެއްޖޭ މިކަން ތަޖުރިބާކޮށްލަން،" ފިހާރައެއްގައި އެސިސްޓަންޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ ޝާލީ ބުންޏެވެ. "އެހެންވެ އެއް ދުވަހަކު ވެއިޓްރޯޒަށް ދިޔަ ދުވަހެއްގައި އަސްދޫނި ބިސްތަކެއް ފެނިގެން ހިތަށް އެރީ ގަނެގެން ގޮސް ވާ ގޮތެއް ބަލާނީއޭ."
އޭނާ ކިޔައިދިން ގޮތުގައި ކާން ގަތް ބިހުން އަސްދޫނި އާލާކުރަން އުޅޭ ވާހަކަ ބައެއް ރައްޓެހިންނާއި އާއިލާގެ މީހުން ގާތު ބުނުމުން އެ މީހުން ޖެހީ ޖޯކެވެ. އަދި އެއީ ވާނެ ކަމެއް ނޫން ކަމަށާއި ބޭކާރުކަމަކާ އުޅުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ވަރަށް ގިނަ މީހުން ލަފާދިން ކަމަށް ބުންޏެވެ.
"އެކަމަަކު އިންކިއުބޭޓަރަށްލީތާ މަހެއްހާ ދުވަސް ފަހުން ފާހަގަވާން ފެށި ބިހަށް ބަދަލުތަކެއް އަންނަކަން. އެގޮތުން މަޑުމަޑުން އިވެން ފެށީ އަޑުތަކެއް. އެ ހިސާބުން ކަށަވަރުވެއްޖެ ބިސްތަކަށް ދިރުން އަންނަކަން،" ޝާލީ ބުންޏެވެ. "އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް ދެން ފެނުނީ ލޯބިލޯބި އަސްދޫނިތަކެއް."
އޭނާ ބުނީ އުންމީދެއް ނެތި ފެށި ކަމެއް ކާމިޔާބުމުން ވަރަށް އުފާވި ކަމަށެވެ. އަދި މިހާރު ތިން އަސްދޫނި ވަރަށް ހާއްސަ ކަމަށް ބުންޏެވެ.
"މިއީ ހަގީގަތުގައި ލޮކްޑައުންއާ ހެދި ކުރަން ހިތްވަރު ލިބުނު ކަމެއް. އާދައިގެ ދިރިއުޅުމެއްގައި ނަމަ، މި ކަހަލަ ކަމެއް ކުރުމުގެ ކެތްތެރިކަމެއް ވެސް އަހަރެންގެ ނުހުންނާނެ." މަސައްކަތް ކާމިޔާބުވުމުން އުފާވެފައި ހުރި ޝާލީ ބުންޏެވެ.
އަސްދޫނިތައް.
އަދި އޭނާ ވަނީ މި ވާހަކަ ވެއިޓްރޯޒާއި ކްލިއަރެސް ކޯޓް ފާމްސްއާ ވެސް ހިއްސާކޮށްފަ އެވެ.
ކްލިއަރެންސް ކޯޓްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޝާލީގެ އެ މަސައްކަތަކީ ފާހަގަކޮށްލެވޭނެ ކަމެކެވެ. އަދި އެތަނުގެ އަސްދޫނި ބިހުން ފިޔޮއް އާލާވުން ވަރަށް ނާދިރު ކަމަށް ބުންޏެވެ.
"އެކަމަކު އެއީ ނުވާނެކަމެއް ނޫންކަން ޝާލީގެ މަސައްކަތުން އެ އޮތީ ސާބިތުކޮށްދީފައި." ތަރުޖަމާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
15 June 2020
އަދި އެއުރެން ބުނާކަމުގަ ވެއެވެ. ތިމަންމެން މަރުވެ ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން ތިމަންމެން ވޭހެއްޔެވެ؟ ކަލޭގެ ފާނުވިދާޅުވާށެވެ. ހަމަކަށަވަރުން އިސްވެދިޔަ މީހުންނާއި ފަހުން އަންނާނޭ މީހުންނީ އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. މީ މިފަދަ ކަންކަމުން ލިބިގަންނަން ޖެހޭ ހަގީގަތެއްކަން ދަސްކުރާށެވެ.