މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝަހީދު ވާހަކަ ދައްކަވަނީ.
21 ޖޫން 2020 - 00:16
ކޮވިޑް-19 ފެތުރޭތީ އެޅި ފިޔަވަޅުތަކަށް ލުއިދިނީ ވަކި ކަންތައްތަކަށް ބަލާފައި ކަމަށާއި އެކަންތައްތައް ހަފުތާއަކުން ހަފުތާއަކުން އަލުން ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަށް ލަފާ ދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި ޓެގްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މި ހަފްތާ ނިމުމުން އަނެއްކާ ވެސް ހާލަތު ބަލާނެ ކަމަށާއި ބަލީގެ ހާލަތު އިތުރަށް ގޯސްވާ ނަމަ ލޮކްޑައުން ހާލަތު އިތުރަށް ދަމަހައްޓަން ޖެހިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ހާލަތު ކޮންމެ ދުވަހަކު ގާތުން ބަލަމުން އަންނަ ކަމަށެވެ.
"މިއީ ހަމަ ވަރަށް ގާތުން މޮނިޓާ ކުރެވޭ ކަންތައްތަކެއް. މި ބަލަމުންދާ މިންގަނޑުތަކަކީ ކޮންމެ ހަފްތާއަކު އެއްފަހަރު ކަހަަލަ ގޮތަކަށް މޮނިޓާކުރަމުން މިދަނީ. މިހަފްތާ ނިމުމަށް ފަހު އޮންނާނެ އިތުރު މޮނިޓަރިން އެއް،" ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާލަތު ވަަޒަން ކުރުމަށް ބަލާ ކަންތައްތަކުގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދަައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދާއި ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދާއި މީހުން މަރުވާ އަދަދު ހިމެނެ އެވެ. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނީ އެ މިންގަަނޑުތަކުން ބެލި އިރު ހިތްހަމަޖެހޭ ގޮތަކަށް ހާލަތު އޮތުމުންނެވެ.
އޭނާ ވިދާޅުވީ ހާލަތު ވަޒަންކުރުމަށް ޓަކައި ކަނޑައަޅާފައިވާ ސްކޯރިން ސިސްޓަމެއް އޮންނަ ކަމަށެވެ.
މިހާރު ދީފައިވާ ލުޔާ އެކު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ..
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ. މިރޭގެ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ވެންޓިލޭޓަރަށް ލާފައި ވަނީ 77 އަހަރުގެ ދިވެހި އަންހެނަކާއި 43 އަހަރުގެ ފިލިޕީންސް ފިރިހެނެކެވެ. ދިވެހި އަންހެންމީހާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. ފިލިޕީންސް މީހާ އޮތީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގަ އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އަފްޒަލް ވިދާޅުވީ ލުއިދިނުމާ ގުޅިގެން މީހުން ބޭރަށް ނުކުމެ އުޅުމުގެ ސަބަބުން ބަލިފެތުރޭ ވަރު އިތުރުވެެއްޖެކަން ނުވަތަ ނޫންކަން އެނގޭނީ ހަފްތާއެއް ވަރު ފަހުން ކަމަށެވެ. މިހާރު އާއްމުންގެ ފަރާތުން މަންޒަރުތައް ފެންނަނީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ލޮކްޑައުންގައި އުޅުމުން އާއްމުން ވަނީ އެގޮތަށް ހޭނިފައި ކަމަށާއި އެކަމަކު ދިން ލުޔާ އެކު އެކަން ކޮންމެވެސް ވަރަކަށް ހަނދާން ނެތިގެން އުޅޭ ކަމަށެވެ.
"މި ދިން ލުއިފަސޭހައިގެ ބޭނުން އެންމެ ރަނގަޅަށް ހިއްޕަވާށޭ. އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަނބުރާ ލޮކްޑައުންއަށް ދާކަށް ނުޖެހޭނޭ،" އަފްޒަލް ވިދާޅުވި އެވެ.
ދިން ލުއިތަކާ އެކު އާއްމުންގެ ފަރާތުން ފެނުނު މަންޒަރުތަކާ މެދު ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެޗުޕީއޭ އިން އާންމުކުރި ވީޑިއޯއެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ މާލެ އިން މިހާރު ފެންނަނީ މަގުތަކަށް ވަރަށް ގިނަ މީހުން އެއްވާ ތަން ކަމަށެވެ.
"މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުފައްކިރު
21 June 2020
ޑޮކްޓަރ ޝަހީދު މާގިނައިން " އަސްލުގަ " ވިދާޅުވޭ. އެއީ ރަގަނޅު ކުރައްވަން ޖެހޭ ކަމެއް.
ހާސަރު
21 June 2020
ރައްރަށު އެތައްބަޔަކު މާރައްކާތެރިކޮށް ފޮނުވަންވެގެން ރަށަށް ދިޔަނުދީ މާލޭގައި ބައިތިއްބާފަތިބިއިރު، އެޗްޕީއޭ ކަންތައްކުރާގޮތުގެ ވާހަކަ ދައްކާބަލަ! މިހާރު ރާއްޖޭންބޭރުން އަންނަ އެންމެން ހޯމް ކަރަންޓީންއަށް ފޮނުވަނީ އެއަރޕޯޓުން އާންމު ޓެކްސީތަކުގާ! މިއީ ކިހިނެއް ރައްކާތެރި ކަމަކަށް ވަނީ!؟
ބިރު ކުޑޭ---
21 June 2020
ޕޮޒިޓިވް ނެގެޓިވް ވެންޓިލޭޓަރު ހޯމް ކަރަންޓީނު ރިކަވަރީ މި ހުރިހާ އަލާމާތެއް ކޮވިޑު 19 އާއި އެޑު ކުރުމަށް ފަހު ހަފުތާކު އެއްފަހަރު 7 ން ޑިވައިޑު ކޮށްގެން ނަތީޖާ ނެރޭ ވާހަކަދޯ
ގިރާވަރު ކައިދަ
21 June 2020
ތިތާ ތިބޭ ކޮންމެ މީހަކަށް ދުވާލަކަށް 300 ނޫނީ 500 ލިބޭނެ. އެއީ މުސާރަ އާއި އިތުރު ގަޑީގެ އިތުރުން. އެހެންކަމުން ހާލަތަށް ވާނެގޮތް އެނގޭ އަޅުގަނޑު މެންނަށް، ރައްޔިތުން މަގުމަތި ކޮށްފި. ޝުކުރިއްޔާ !
މޯޑް
21 June 2020
އަދި ހާލަތު ގޯހެއް ނޫން. ހުރިހާވެސް މަންސަލަޔަކީ ގައިދުރު ކަމެއްނެތި ބޭރުތެރޭ އުޅޭ ބޭކާރު މީހުން ގިނަވުން. ފޮލިހުވެސް މިހާރު ނުބަލާ އެއްކަމެއްވެސް. ޓޭކުއަވޭ ތަންތާ ބޮޑި ޖެހިފަ ތިބޭއިރު ވެސް ފޮލިހުން އަޅާވެސް ނުލާ. މީ ދިވެހިން. ދިވެހިން ވަރަށް ހަނދާން ބަލިވާނި. ހަނދާން ކޮންދޭށް ޖެހޭނި އަބަދުވެސް
އިޔެ1
21 June 2020
އަހަރެން ގެންގުޅޭ ގަސްގަހުގެ ހާލަތުވެސް ދުވާލަކު ދެފަހަރު ބަލަން. ބޮޑު ޕެންޑެމިކްއެއްގެ ހާލަތު ބަލަނީ ހަފްތާއަކު އެއްފަހަރު؟؟؟؟؟
މަދޫރީ
21 June 2020
ދަރިންނޭ ދެވަނަ ސާޖަކުން ސަލާމަތްވާން ފަރުދީ ޒިންމާ ރަނގަޅަށް އަދާކުރޭ.. އެންމެންވެސް އެމީހެއްގެ ރޯލު ފުރިހަމައަށް އަދާކޮށްގެން އެންމެންވެސް މިކަމުން މިންޖުވާން އޮތީ. ލުއިތަށް ދިނުމަކީ އެއްކޮށް ރަނގަޅުވުމެއް ނޫން. އެކަން ހަނދާން ބަހައްޓައިގެން ބޭރަށްވެސް ކޮންމެހެން ނިކުންނަން ޖެހޭ ހާލަތެއްގައި މެނުވީ ނުނިކުމޭ..