ރިޕޯޓް / ތައުލީމް

ލައިސަންސްގެ ކުރިން ޓީޗަރުންނަށް ކޮށްދޭން ޖެހޭ ކަންކަން ގިނަ

ސީއެޗްއެސްއީގައި ދިވެހި ޓީޗަރަކު ކިޔަވައިދެނީ-- މިހާރު ފޮޓޯ

މާދަމަ އަށް ގައުމުގައި ރަނގަޅު ޖީލެއް ބިނާކުރަން ބޭނުން ނަމަ، މިއަދުގެ ކުޑަކުދިންނަށް ރަނގަޅު ތައުލީމެއް ދޭން ޖެހެ އެވެ. އެ ޒިންމާ އުފުލަން ތިބީ ޓީޗަރުންނެވެ. އެހެންވެ އެ ޓީޗަރުންނަށް ރަނގަޅު މުސާރައަކާއި ވަޒީފާގެ ޔަގީންކަމާއި އިހުތިރާމް ދޭން ޖެހެ އެވެ. އެކަމަކު، ފެންނަ މަންޒަރުތަކަށް ބަލާއިރު ކުރިއަށް އޮތީ ޓީޗަރުންނަށް ބަނަ ދުވަސްތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ގާތްގަނޑަކަށް 90،000 އަށް ވުރެ ގިނަ ދަރިވަރުންނާ ގުޅިފައިވާ މި ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާތާ އެތަކެއް ޒަމާނެއް ވެއްޖެ އެވެ. ހާލަތު ދަނީ ގޯސްވަމުންނެވެ. ހަރުދަނާ ޖީލެއް ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީޗަރުންގެ ގޮތުގައި ތައުލީމީ ދާއިރާ އަށް މީހުން ވަންނަލެއް މަދެވެ. ދިވެހިން ނުލިބުމުން، އަހަރުތަކަކަށް ފަހު ޕްރައިމަރީ ގްރޭޑަށް ބިދޭސީ ޓީޗަރުން ހޯދަން ވެސް ވަނީ ފަށައިފަ އެވެ.

މީގެ ސަބަބު ބޮޑަށް ގުޅިފައިވަނީ ޓީޗަރުންގެ މުސާރައާ އެވެ.

ސިވިލް ސާވިސްގެ އެންމެ ދަށް ރޭންކުގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި ލިބެނީ 7،070ރ. އާއި އެލަވަންސްގެ ގޮތުގައި 2،500ރ. އެވެ. އެންމެ މަތީ ރޭންކުގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 10,640ރ. އަދި އެލަވަންސްގެ ގޮތުގައި 2،500ރ. ލިބޭނެ އެވެ.

މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި، ޑިސެމްބަރު 7، 2019 ގައި މަޖިލީހަށް ވަނީ "ތައުލީމުގެ ބިލް" ގެ ނަމުގައި ބިލެއް ހުށަހަޅައިފަ އެވެ. ޓީޗަރުން ރަޖިސްޓްރީކޮށްގެން ނުވަތަ ލައިސަންސް ހޯދައިގެން ކިޔަވައިދިނުން މަޖުބޫރުކުރުން އެ ބިލުގައި ހިމެނެ އެވެ.

ތައުލީމީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށް، އެ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި، ޓީޗަރުންނަށް ލައިސަންސް ދިނުމަކީ ތައުލީމީ ދާއިރާ އަށް މުހިއްމު ބަދަލެކެވެ. އެކަމަކު، އޭގެ ކުރިން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ތައުލީމީ ދާއިރާ މިހާރަށް ވުރެ ވާދަވެރި ކުރަންޖެހޭ ކަމަށެވެ. އޭރުން ފެންވަރު ރަނގަޅު ޓީޗަރުން ލިބި، މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލުތަކެއް އަންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ތާޖުއްދީން ސްކޫލުގެ ކްލާސްރޫމެއްގައި ދަރިވަރުން ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު ޓީޗިން ދާއިރާއަކަށް މީހުން ނުވަދޭ. އަނެއްކާ [މިހާރު] ވަންނަ މީހުންނަކީ ވެސް އެއްވެސް ފެންވަރެއް ނެތް ބަޔަކަށް ވީހިނދުގައި ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމުގައި ލައިސެންސެއް ދޭން އެގްޒާމެއް ބޭއްވުމަކީ ތާކުންތާކު ނުޖެހޭ ކަމެއް. އެހެންވެ ފުރަތަމަ ކުރަންވީ ކަމަކީ މި ދެންނެވި ކަންތައްތައް. ޓީޗިން ދާއިރާއަށް މޮޅެތި މީހުން ވައްދަންވީ،" އޭނާ ވިދާޅުވި އެވެ.

"އެ މީހުން ވަރަށް ކޮލެޓީކޮށް ތައްޔާރުކޮށްފައި އެއްކަލަ މި ދާއިރާގައި އުޅެން ބޭނުންވާ މީހުން ގިނަ ވީމަ ދެން އެ މީހުންގެ އިންނަ ކޮމްޕެެޓިޝަން އޮންނާނެތާ؟ ދެން ލައިސެންސް ދޭން އޯކޭ.. އެކަމަކު މިއަދު މި އުޅެނީ ކިހިނެއްތޯ؟ ޓީޗަރުން ނުލިބިގެން މި އުޅެނީ."

އޭނާ ވިދާޅުވީ ދަރިވަރުންނަށް ވުރެ ޓީޗަރުންގެ ފެންވަރު ބައެއް ފަހަރަށް ދަށް ކަމަށެވެ. އޭގެ ސަބަބަކީ އެ ދާއިރާ އަށް މޮޅެތި މީހުން ނުވަނުމެވެ.

ތައުލީމީ ދާއިރާގެ އެހެން ތަޖުރިބާކާރަކު ވިދާޅުވީ ހަރުދަނާ އުސޫލަކާ އެކު ލައިސެންސް ދޭ ނަމަ ޓީޗަރުކަމުގައި ދެމި ތިބޭނީ ވަރަށް ގާބިލް ބައެއް ކަމަށެވެ. ނަމަވެސް އެފަދަ އުސޫލެއް ނެތް ނަމަ، ސިވިލް ސާވިސް ވަޒީފާއަކަށް ވުމުން، ފަރުވާ ކުޑަ ނުކުރާހާ ހިނދަކު އެ މީހަކު ވަޒީފާގައި ދެމިހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ސުވާލަކީ، އޯ ލެވެލް ނުވަތަ އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާފައި ތިބޭ ކުދިން، ވަރަށް މަދު ކުދިން، ކިޔަވައިދިނުމަށް ޒަމާނުއްސުރެ ޝައުގުވެރިކަން ހުންނަ ކުއްޖެއް ޓީޗިން އަށް ޖޮއިން ކުރި ކަމުގައި ވިއަސް ގިނަ ކުދިން މި ބަލަނީ ކޮބައިތޯ އެ މީހުންނަށް ހުރި އެންމެ ރަނގަޅު ފުރުސަތުތަކަކީ،" ސްކޫލުތައް ހިންގުމުގައި ގިނަ ދުވަަހު މަސައްކަތްކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިސެންސް ދިނުމުގެ ކުރިން އެހެން ކަންކަން ކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން ލައިސެންސާ އެކު އިތުރު ފަސޭހަތަކެއް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗިން ލައިސަންސް މުހިއްމު

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ، ޓީޗަރުންނަށް ލައިސަންސް ދިނުމަކީ ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. ފެންވަރު ރަނގަޅު ޓީޗަރުން ކިޔަވައިދޭން ތިބި ނަމަ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވާނެ ކަމަށާއި ރާއްޖޭގައި ޓީޗަރުން މިހާރު ކިޔަވައިދެމުން އަންނަނީ އެއްވެސް ލައިސަންސެއް ނެތި ކަމަށް ވުމުން އެ ދިނުމުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވި އެ ސްކޫލުގެ ބައެއް ދަރިވަރުން--. ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުރަތަމަ ކަމަކީ، ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުން. އެއީ، ދެވޭ ލައިސަންސް އަކީ ދާއިމީ ލައިސަންސް އަކަށް ވެގެން ނުވާނެ. މިސާލަކަށް ތިން އަހަރު ދުވަހަށް ލައިސަންސް މި ލިބެނީ. އެހެންވީމަ އެ ތިން އަހަރު ފަހުން އެ ލައިސަންސް ރިނިއު ކުރާއިރު ހަދަންޖެހޭނެ ކޮންމެ ވެސް ކަހަލަ އެގްޒާމެއް ކަހަލަ އެއްޗެއް އަދި އޭނާގެ ޕޯޓްފޯލިއޯއެއް ވެސް ހަމަ [ރަޖިސްޓްރޭޝަން] ކައުންސިލުން ބަލާނެ،" އެ މިނިސްޓްރީގެ ކޮލެޓީ އެޝުއަރެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުންނެވި އާތިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލުން ހުއްދަ ދޭއިރު ކިޔަވައިދީފައި ހުރި ގޮތަށް ބެލުމުން އިތުރަށް ކުރިއަރައި ދިއުމަށް ޓީޗަރުންނަށް މަޖުބޫރުވާނެ ކަމަށެވެ. އެ ސަބަބުތަކާ ހެދި، ފެންވަރު ރަނގަޅު ޓީޗަރުން ހޯދަން ލައިސަންސް ދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޓީޗަރަކަށް އުޅެނިކޮށް، މުޖުތަމައު ގަބޫލުނުކުރާ ފަދަ އަމަލެއް އޭނާގެ ކިބައިން ފެނިއްޖެނަމަ ނުވަތަ ކުށެއް ކޮށްފިނަމަ ވެސް އެ ލައިސަންސް އަނބުރާ ނުދެވޭ ގޮތަށް އަތުލެވޭނެ ކަމަށެވެ.

"ޑިސިޕްލިން ކޮންޓްރޯލްކުރުން ކަހަލަ ކަންތައްތައް ވެސް ހަމަ ކުރެވޭނެ ޓީޗާ ލައިސަންސް އައީމަ. އެކި ގައުމުތަކުގައި ޓީޗަރުންގެ ފެންވަރު އެކި ގޮތަށް ކަނޑައަޅާފައި އޮންނަނީ،" އާތިޔާ ވިދާޅުވި އެވެ.

ޓީޗިން ލައިސަންސް ދޭނީ ކިހިނެއް؟

ތައުލީމާ ބެހޭ ބިލް ގާނޫނަކަށް ވެ އެއަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް"އެއް އުފައްދަން ޖެހޭނެ އެވެ. އޭގެ ހަ މަސް ފަހުން، އެ ކައުންސިލްގައި ރަޖިސްޓްރީވެ ލައިސަންސް ހޯދަންޖެހޭނެ އެވެ.

އާތިޔާ ވިދާޅުވީ ރާއްޖޭގައި އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ އޮންނަ ފެންވަރަށް ޓީޗަރުންގެ ފެންވަރު ހުންނަން ޖެހޭނެ ކަމަށެވެ. އޭގެ މާނައަކީ ހަމައެކަނި މާއްދާއަކަށް ހާއްސަ ޑިގްރީއެއްގެ ބަދަލުގައި އެޑިއުކޭޝަންގެ ޑިގްރީއެއް ވެސް މަދުވެގެން އޮންނަންޖެހުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި މި ކިޔަވައިދެނީ ބެޗެލާ އޮފް އެޑިއުކޭޝަންތާ ސަބްޖެކްޓުތަކުގެ ބަދަލުގައި؟ އެކަހަލަ ކަންތައްތަކެއް އޭޣެ ތެރެއަށް ވަންނާނީ ޖުމްލަ ގޮތެއްގައި. ކައުންސިލެއް އުފައްދާނެ އެ ގާނޫނު އައީމަ އެ ކައުންސިލުން ރަޖިސްޓްރީ ލައިސަންސް ދިނުމާއި ލައިސަންސް އަތުލުމާއި ލައިސަންސް އާ ކުރުމާ، އެކަހަލަ ކަންތައްތައް ކުރިއަށްދާނީ،" އާތިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާރު ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުވެފައިވާއިރު އެ ބަދަލުތަކަށް އަހުލުވެރިވެ އެ ކަންތައްތަކާ އެއްކޮށް ކުރިއަށް ދާން މަސައްކަތްކުރެވޭނީ ވެސް އެއަށް ކޮންމެ ވެސް ކަހަލަ ގަވާއިދުތަކެއް އޮވެގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ކަންކަން ހުއްޓިފައި އޮތް ކަމުގައި ވިއަސް ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާތިޔާ ވިދާޅުވި އެވެ.

ލައިސަންސް އާއެކު، ރަނގަޅަށް މަސައްކަތްކުރާ ޓީޗަރުންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި ޓީޗަރުން ކެޓަގަރީއަށް ބަލާފައި މުސާރައަށް ބަދަލުތައް ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިލްގައި އޮތް ގޮތުން ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ޖެހެ އެވެ. އެކަމަކު ހަ މަސް ދުވަހަކީ އެކަށީގެންވާ ވަގުތަކަށް ނުވާތީ އެ މުއްދަތު އިތުރުކޮށްދޭން އެދިފައި ވެ އެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ރ. އަތޮޅު ތައުލީމީ މަރުކަޒު

ބޭރު ގައުމުތަކުގައި ދެނީ ކިހިނެއް؟

ތައުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑުގައި ޓީޗިން ލައިސެންސް ދެނީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ޓީޗަރުންނަށް އެކަންޏެވެ. މާސްޓާސް އަށް ކިޔަވާއިރު ވެސް ސްކޫލުތަކުގައި ކިޔަވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެއަށްފަހު މާސްޓަސްއާ ހަމައަށް ވާސިލްވުމުން ޓީޗާސް ލައިސެންސް ހޯދަން އިތުރު ސެޓްފިކެޓެއް ބޭނުންވެ އެވެ.

އެ ސެޓްފިކެޓަކީ ތައުލީމީގޮތުން ބަލާއިރު މާސްޓާސް އަށް ވުރެ ލެވެލްގެ ގޮތުން ދަށް ސެޓްފިކެޓެކެވެ. ނަމަވެސް އެއިން ސްކޫލު ލެވެލްގެ ޓީޗަރެއްކަން ވަކިކޮށްދެ އެވެ. އޭގެ އިތުރުން އެ ޓީޗަރެއްގެ ކުށުގެ ރިކޯޑާއި ސިއްހީ މައުލޫމާތުތައް ހިމަނަންޖެހެ އެވެ.

އިނގިރޭސިވިލާތުގައި ވެސް ޓީޗަރަކަށް ވުމަށް މަދުވެގެން ޑިގްރީއެއް އޮންނަންޖެހޭނެ އެވެ. ރަސްމީ ރޫޓަކީ، ޑިގްރީއެއް އޮވެފައި، ތިން އަހަރުގެ ޓީޗިން ސެޓްފިކެޓެއް ނެގުމެވެ. އެ ނެގުމަށް ފަހު އަހަރެއް ވަންދެން މަސައްކަތް ކުރަންޖެހެ އެވެ. އެގޮތަށް މަސައްކަތްކުރާއިރު ހިސާބާއި އިނގިރޭސި ކިޔަވައިދިނުމުގެ އެކި ކަންކަމުގައި އެސެސްކުރާނެ އެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެލުން

15 February 2021

ތިޤާނޫނު ފާސްކުރަން ތިއްބެވި ބެއިފުޅުންގެ އަތްޕުޅުގައި އޮތީ ކޮންވަތްތަރެއްގެ ލަދިސަނެތްތޯ؟

The name is already taken The name is available. Register?

ވިސްނާލާށޭ

01 July 2020

ތައުލީމީ ނިޒާމް ހަމައެކަނި އިނގިރޭސިވިލާތް ނޫނީ ފިންލޭންޑް ފެންވަރު. ރައްޔިތުން މަޖްލިސް ކުރާގޭގޭ ފެންވަރު ކޮންތަނެއްގެ ފެންވަރެއްބާ؟

The name is already taken The name is available. Register?

މާ އެންގޭ

01 July 2020

ލިބޭ މުސާރައާ ނުބައްދަލު މަސައްކަތް ކުރުވީމަ އަދި ފެންނާނެ ޓީޗަރުން ހުސްވާމަންޒަރު. ކުރިން ކިޔަވާދިނުމަކީ އެހާބުރަ ކަމެއްނޫން. މިހާރު އަމިއްލަ އަނބިދަރިން ހާލުބެލުމުގެ ބަދަލުގަ ކިޔަވަދޭ ކުދިން ގެ ހުރިހާ (ނިދިތޯ، ގެއިން ނުކުތްތޯ، ނައީކީއްވެތޯ، ފޯނަށް ޖަވާބުނުދީމަ ގެޔައްގޮސް ބަލާ، ޖެންޑާއައް ގޮސް، ބެލެނިވެރިން ކިހިނެއްތޯ އޮޅުންފިލުވާ، 500 ފޯމު ދުވާލަކު ފުރާފަ) ކަންކަމާމި އުޅެންޖެހެނީ ހުރިހާވަގުތެއްގަ. މުސާރަ ކުޑަ ކޮއްފަ ބަހައްޓާ އަދިވެސް...

The name is already taken The name is available. Register?

އަލީބަލީ

01 July 2020

ރިޕޯޓަރުން ރަނގަޅަށް މައުލޫމާތު ހޯދުން މުހިންމު ހަމަ ގަިމު ވެސް އިނގިރޭސި ވިލާތުގަ ޓީޗަރަކަށް ވަނީ ތހިނ އަހަރުގެ ޑިގްރީ އަކަށްފަހު އެއް އަހަރުގެ ޓީޗިންގް ސެޓްފިކެޓެއް ހޯދަިގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454