މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ މިރޭ ސުއޫދު ވާހަކަ ދައްކަވަނީ: ޕާޓީ ހުއްޓުމަކަށް ގެނައި ފަރާތަށް ޕާޓީ ހިންގުން ކޯޓުން ހަވާލުކުރީ ކަމަށް ވިދާޅުވި --ފޮޓޯ/މުހައްމަދު ޝަރުހާން
21 އޮކްޓޯބަރ 2016 - 21:45
ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނަށް ލިބޭ ގޮތަށް ކުރި ހުކުމް އިސްތިއުނާފް ކުރަން އަމިއްލަ މީހަކު ހައި ކޯޓަށް މައްސަލަ ހުށަހެޅީ އިސްތިއުނާފްގެ ހައްގު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ގެއްލުވާލުމަށް ކަމަށް މައުމޫންގެ ވަކީލް ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ހިންގުން ރައީސް ޔާމީނާއި ހަވާލުކުރި މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް މައުމޫންގެ ފަރާތުން ކުރަމުން ދަނިކޮށް އެމަނިކުފާނަށް އެނގިވަޑައިގަތުމަކާ ނުލައި މައްސަލަ އިސްތިއުނާފްކުރީ ޕާޓީގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރު ކިޔާ މީހެކެވެ. އޭނާއަކީ ދަށު ކޯޓަށް މައްސަލަ ހުށަހެޅި ދެ މެމްބަރުންގެ ތެރެއިން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ގާތް މީހެކެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ސުއޫދު ވިދާޅުވީ އައްބާސް އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިސްތިއުނާފީ އުސޫލުތައް މުގުރާލުމަށް ފަހު، މައުމޫނަށް އިސްތިއުނާފްގެ ހައްގު ގެއްލުވާލުމަށް ކަމަށެވެ. އެފަދަ ކަންކަމަށް ކޯޓުތަކުން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ސުއޫދު ވިދާޅުވީ އެފަދަ ކަންކަމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ފަދަ އަމަލުތައް ކަމަށެވެ.
"މައުމޫނަށް ވުރެ ކުރިން މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ތައްގަނޑު ޖައްސުވާލާނަމޭ ޝާހިދު އޭނާގެ ގާތް ބޭފުޅުންގެ ގާތު ވިދާޅުވި ކަމަށްވޭ. އެހެން އޮއްވާ މައުމޫނަށް ވުރެ ކުރިން ޝާހިދުގެ ކެމްޕެއިން މެނޭޖަރު އައްބާސް މައްސަލަ މި އިސްތިއުނާފްކުރީ. އެހެންވީމަ މިއީ އެބިއުޒް ދެއްތޯ؟. މައްސަަލަ ދަށު ކޯޓަށް ހުށަހެޅި ފަރާތުން އަނެއްކާ މި އިސްތިއުނާފް ވެސް މިކުރަނީ އަނެއް ފަރާތަށް ހައްގު ގެއްލުވާލަން،" ކުރިން ބަންޑާރަ ނައިބު ކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
ޟަރޫރީ ހާލަތު މެދުވެރިކުރީ ރިޔާސީ ޓިކެޓް ހޯދަން. އެއީ ޕާޓީގެ ކޮންގްރެސް އާއި އަސާސީ ގަވާއިދު އޮތްގޮތުން ނެތީ ލިބެން. އެހެންވެ އެކަމަށް މަގުފަހިކުރަން ޕާޓީ ހުއްޓުމަކަށް ގެނައި ފަރާތަށް ޕާޓީ ހިންގުން މި ހަވާލުކުރަނީ. މިއީ މަސްލަހަތު ފުށުއަރާ ކަމެއް. އެފަދަ ކަންކަމަށް ކޯޓުތަކުން ވެސް ފުރުސަތު ދީގެން ނުވާނެ: ސުއޫދު
ސުއޫދު ވިދާޅުވީ އައްބާސް ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލަން ޖެހޭ ކަމަށާއި މިކަން މިހެން ހިނގާއިރު ކޯޓަށް މިކަން އެނގޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެފަދަ ކަންކަމަށް ކޯޓުތަކުން އަދަބު ދޭންޖެހޭނެ ކަމަށާއި މިއީ އަދުލު އިންސާފު ޖޯކަކަށް ހަދައި، "ބަތް ކައްކާ ކުޅުން" ފަދަ ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އޮތް ހައްލަކީ އައްބާސް ހުށަހެޅި މައްސަލަ ބޭރުކޮށްލުން. އައްބާސް އެ ކުރަނީ ހައި ކޯޓާ ސަމާސަ. ހައި ކޯޓާއި ސަމާސަ ކުރެވިގެން ނުވާނެ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ޕާޓީ ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ ހުކުމް ކުރިއިރު އެ ހުކުމުގެ ދަށުން ޕާޓީ ހިންގުން ލިބިގެން ދިޔައީ ޕާޓީ ހުއްޓުމަކަށް ގެނައި ރައީސް ޔާމީނަށް ކަމަށެވެ. ޕާޓީ ހުއްޓުމަކަށް އައީ ޕްރައިމަރީއެއް ނެތި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހޯދަން އުޅުނު މައްސަލާގައި ކަމަށާއި އެކަން އެހެން އޮއްވާ ރައީސް ޔާމީނަށް ޕާޓީ ހަވާލު ކުރުމަކީ މަސްހަލަތު ފުށުއަރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޟަރޫރީ ހާލަތު މެދުވެރިކުރީ ރިޔާސީ ޓިކެޓް ހޯދަން. އެއީ ޕާޓީގެ ކޮންގްރެސް އާއި އަސާސީ ގަވާއިދު އޮތްގޮތުން ނެތީ ލިބެން. އެހެންވެ އެކަމަށް މަގުފަހިކުރަން ޕާޓީ ހުއްޓުމަކަށް ގެނައި ފަރާތަށް ޕާޓީ ހިންގުން މި ހަވާލުކުރަނީ. މިއީ މަސްލަހަތު ފުށުއަރާ ކަމެއް. އެފަދަ ކަންކަމަށް ކޯޓުތަކުން ވެސް ފުރުސަތު ދީގެން ނުވާނެ،" ސުއޫދު ވިދާޅުވި އެވެ.
މައުމޫންގެ ސަބަބުން ޕާޓީ ހުއްޓުމަކަށް އައީ ކަމަށް ކޯޓަށް ގަބޫލު ކުރެވިއްޖެ ނަމަ ޕާޓީ ހިންގޭނެ އެހެން ގޮތްތައް ވެސް އެބަހުރި ކަމަށާއި އެކަމަކު އޭގެ ބަދަލުގައި ރައީސް ޔާމީނާ ޕާޓީ ހަވާލު ކުރި ކުރުމަކީ ދިން "އިނާމެއް" ގެ ގޮތުގައި ސުއޫދު ސިފަ ކުރެއްވި އެވެ.
"އެހެން ގޮތްތައް ވެސް އެބަހުރި. ކައުންސިލް އެބައޮތް. ޕީޖީ ގްރޫޕް އެބައޮތް. އެކަމަކު ޕާޓީ ހުއްޓުމަކަށް ގެނައި ފަރާތަށް އެ ފުރުސަތު ދިނުމަކީ ޕާޓީގެ މަސްލަހަތު ހުރި ގޮތަކަށް ނުވާނެ. އެހެންވެ ޟަރޫރީ ހާލަތެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. ގަވާއިދުގައި ނެތް ކަމެއް ކޯޓަކަށް ތައާރަފެއް ނުކުރެވޭނެ،" ސުއޫދު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އަދާ ނުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދުގައި އޮތްއިރު ގަވާއިދުގެ ބޭރުން ކޯޓަށް ހައްލު ހޯދައިދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. ހައި ކޯޓުގައި ޕީޕީއެމް ތަމްސީލު ކުރުމުގެ ފުރުސަތު ރައީސް ޔާމީންގެ ފެކްޝަނަށް ލިބެންޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ހައި ކޯޓުން އަމަލުކުރަންޖެހޭނީ ދަށު ކޯޓުގެ ހުކުމް އައުމުގެ ކުރިން ޕީޕީއެމް އޮތް ހާލަތާ އެއްގޮތަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމުއި ވާރޭން ފަރީއްކުޅުއްވާ
22 October 2016
މައުމޫނަށް އެނގިވަޑައިގަތުމަކާ ނުލައި އެޕާރޓީގެ ކަންކަން ހިންގުވާނަމަ އެއީ ޤަވާޢިދާ ޚިލާފަށް ކުރެވޭ ވައްކަމުގެ ޢަމަލަކަށް ނޫނީ ނުވާނެ ޕާރޓީގެ ރައީސަކަށް ކުރައްވަންޖެހޭ ހުރިހާ އިޙްތިރާމެއް އެމަނިކުފާނަށް ޕާރޓީގެ މެމްބަރުންގެ ފަރާތުން ކުރަން ޖެހޭނެ
ބަތްކައްކާ
22 October 2016
ނޫން ސުއޫދު ޕާޓީ ހުއްޓުވުމަކަށް އައީ ޕާޓީގެ ސުލޫކީ ކޮމެޓީން ވަކިކޮށްފައިވާ ދެ މެމްބަރުން ޕާޓީގެ ކައުންސިލުގައި ބައިވެރި ވުމުން އެކަމާ ދެކޮޅަށް މެޖޯރިޓީ މެމްބަރުން އިޚްތިޖާޖު ކުރުމުން. ޕާޓީގެ ރައީސް ސިފަުރީ އެއި ބަޣާވާތެއްގެ ގޮތުގައި. އަދި އިތުރަށް ކައުންސިލް ބައްދަލުވުމެއް ބޭއްވޭނީ އިހުތިޖާޖު ކުރި މެމްބަރުން މައާފަށް އެދުމުން ކަމަށް ޕާޓީ ރައީސް ވިދާޅުވުމުން. ވިސްނުން ތަފާތުވުން އެއީ މައާފަށް އެދޭވަރު ކަމެއް ނޫން. ގަވާއިދާ ޚިލާފުވީ ވަކިކުރި ދެމެމްބަރުން ކައުންސިލް ބައްދަލުވުމުގައި ބައިވެރި ކުރީމަ. އަދި އެދެބޭފުޅުން ހިމާޔަތުގައި ކައުންސިލް މެޖޯރިޓީއާ ދެކޮޅަށް ޕާޓީ ރައީސް މަސައްކަތް ކުރެއްވީމާ.
ސަމާސާ
22 October 2016
އެންމެ ރަގަޅުވާނީ ޕާޓީގެ ކޮންގުރެސް ވީހާ އަވަހަށް ބޭއްވުން. މިހާރުވެސް ކޮންގުރެސް ބޭއްވުމުގެ މުއްދަތު އެވަނީ ފަހަނަ އަޅާ ގޮސް. ކޯޓު އަމުރުގެ ދަށުން ޕާޓީ ހިންގުމާ ހަވާލުވި ފާރާތުން މިކަން އަވަސް ކޮށް ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކޮށް ޕާޓީގެ ކުރިމަގުގައި މިކަހަލަ ދަތިތައް ދިމާ ނުވާނެ ގޮތަށް އަސާސީ ގަވާއިދާ ހިންގާ ގަވާއިދު އިސްލާހު ކުރެވުނީމަ މިކަހަލަ ސަމާސަ ކުރުމާ ބަތް ކައްކާ ކުޅުން ނުހިނގާނެ.
އުމަރު
22 October 2016
ކޯޓުންވެސް ކޯޓް އަމުރެއްނެރެ ސިޔާސީ ޕާޓީއެއްގެ ކައުންސިލްގެ ނިންމެވުންތަކުގެ ބޭރުން ކަމެއްކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާގޮތުގެ މަތިން، ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ އެންމެ ބާރުގަދަ އެއްބާރު އަދި ތިންބާރު އޮތްއިރު އެއްބާރުން އަނެއްބާރަށް ކަމެއް މިހަވާލުކުރަނީ އާންމުންގެ އަދި ޤާނޫނީގޮތުން އުފެދިފައިވާ ވަކި ވަކި ޝަހުސިއްޔަތުތަކުގެ އަސްލު ނައްތާލުމަށްފަހު، މައުމޫނު ވަރަށް ފަހުންވެސް ކައުންސިލް ބައްދަލުވުމެއް ބޭއްވެވި، އެބައްދަލުވުން ކުއްލިއަކަށް ހުއްޓިގެންދިޔައީ އެތަނުގައިތިއްބެވި ޕީޖީ ގްރޫޕަށް އައި ފޯނުކޯލަކަށްފަހު، އެހެންކަމުން ޕީޕީއެމްގެ ކައުންސިލް އެއީ ހުއްޓިފައިއޮތް ކައުންސިލެއްގެ ގޮތުގައި ނުނިންމޭނެ، އަދި ޕީޕީއެމްގެ މައްސަލަ އެއް ބައްލަވައި ދިރާސާކުރަން ވަގުތު ހޭދަކޮށްފައިނެއްކަންވެސް ފާހަނގަކޮށްލެވޭ، އަދި ޕީޕީއެމްގެ މައްސަލައެއް އެގޮތަށް ކޯޓުން ނިންމަންޖެހޭނީ ކައުންސިލްގެ ޔަމްއިއްޔާތަށްވެސް ބަލައި އޭގައި ހުރި ކަންކަމަށް ރިޔާއަތްކޮށްގެން، ނަމަވެސް ބުރާސްފަތި ދުވަހުލި މައްސަލައެއް ޖެހިގެން އައި ހޮނަހިރު ދުވަހު ހުކުމެއްކުރުމުން އެނގޭ އެއީ ކުރިންވެސް ނިންމާފައިވާގޮތްކަން، އެހެންކަމުން ކޯޓުތަކުން މިހާރު އެބަޖެހޭ ޤައުމުގެ ވަތަންއެދޭގޮތް ބަލައި އެގޮތަށް ދީލާލާން
ވުޖޫދު
22 October 2016
މިޝަރުއީ ނިޒާމު މިހިސާބައް ގެނައި މީހެއްގެ ކަރުބުޑުގައި ރަހަ ލައިގެން މިކަން ނިމޭނީ. ދެދުނިޔޭގައި ޖަޒާ ލިބޭކަމައް އިލްމުވެރިން އެބުނާ ވާހަކަަައަކީ ތެދެއް.
ވައިޓުހައުސް
22 October 2016
އާދަނާ.. މަށައްފެނޭ މިވެރިންނާ ދައުވަކުރަން... އާދަނު އިސްތިއުނާފުކުރި މާތްމަގުސަދު އޮޅުވާލާ އަހަރެމެންކުރިމަތީ އާދަނުގެ އަގުވައްޓާލިޔަ ނުދީ.. އަބުރު ބްރޯ
ހޮޔޮއެދޭ
22 October 2016
ކީއްވެބާ އެއްވެސް މީހަކު ކޮމެންޓް އެއް ނުކުރީ ، ސަބަބު ރިޕޯޓް ގަައި ވަރަށް ތެދައް އެކަން އޮތްގޮތް ބުނެފެވާތީ ، އަދި ދިވެހިންނަކީ މިހާރު ގުނބޯހެން އެބުރޭ ބައެއް އެހެންވީމަ އަދި ބޭނުމެއްވެސް ނުވާނެ ހަގީގަތް ގަބޫލް ކުރާކަށް އަދި ގަބޫލެއްނުވެސް ކުރާނެ، ގައުމެއް ހަލާކު ކޮށްލެވޭނެ 2 ބެއް މިވަނީ އެއްބަޔަކީ ހަގީގަތް އިނގިހުރެ ތެދުހާމަ ނުކުރުން ، އަނެއް ބަޔަކީ ހަގީގަތް ނޭގި އޮޅުވާލާ ބައިގަނޑު ،ހިތްހަމަ ނުޖެހުނަސް ހަގީގަތް ބަދަލެއްނުކުރެވޭނެ.
ލޮލް
22 October 2016
މިވަރު ވާއިރުވެސް ޔާނުއައް ސަޕޯޓުކުރާ މީޙުން ހޭ އަރާކައް ނުވޭތަ...
ފހގ
22 October 2016
ނާރާނެ. ޓްރަމްޕަށް ސަޕޯޓް ކުރާ މީހުން ހޭ އަރާތަ؟ ވޯޓު ވިއްކާ މީހުން ވޯޓު އެވިއްކަނީ ނޭގިނެއްނޫނޭ. އެބުނަނީ ސާރވޭ ކޮށްލާއިރަށްވެސް އާ އެނގެޔޭ މީ ރިޝްވަތުކަން. އެކަމަކު ބޭނުންކުރަމޭ. އަޑެއް ނާހަންތައް ލޯ ހުއްޓަސް ނުފެންނަ، ކަންފަން ހުއްޓަސް ނީވޭ މީހުންގެ ވާހަކަ. ބަގަރާ ސޫރަތް ކިއަވާލާ. އޭރުން އެނގޭނެ.
މުހަންމަދު
22 October 2016
ސުޢޫދަށް ތިފެނިވަޑައިގަންނަނީ ސަލާމަތްބުއްދީގެހަމަތަކާއި އުޞޫލުން މިކަންތައްގަނޑާއިމެދ ވިސްނައި، ފިކުރުކުރާނަމަ، ޤަބޫލުކުރުން އެންމެ އެކަށީގެންވާގޮތްކަމުގައި ފެނެއެވެ. ތާއީދެވެ. މިރާއްޖޭގައި ސަލާމަތްބުއްދިހުރެ އީމާންތެރިކާމާއި ހަމަޔާއި އިންޞާފުގެމަގުން ރިވެތި ޢަޚުލާޤާއި އުޞޫލުތަކާއި އެއްގޮތަށް ވިސްނައި، ޢަމަލުކުރަނީ ކޮންބައެއްތޯ، ސުވާލުއުފެދެމުންދަނިކޮށް މިލައިގަތީ ބޮޑުވެގެންވާ ސުވާލުތަކަކާއިއެވެ. ތިވިދާޅުވާކަންތައްތައް ކޯޓަށް އެނގޭނެޙާލުގައި، މިކަން ޤަބޫލުކޮށް މައްސަލަ ކުރިއަށްގެންދަނީ ކިހިނެތްވެބާވައެވެ؟ މިމައްސަލަ ހައިކޯޓުން ބޭރުނުކޮށް، ދަށުކޯޓުން ނިންމާފަވާގޮތަށް ތާއީދުކުރުއްވައިފިނަމަ، މިރާއްޖޭގައި ދެންހިނގާ ކަމަކާއިގުޅިގެން ދަޢުވާއެއް ލިބިގަންނަފަރާތެއްގެޙައްޤު ބަޔަކު ނަގާލަންއުޅޭނަމަ، މިގޮތަށް ނަގާލަފާނެބާވައެވެ؟
އޯކޭޑް
22 October 2016
ސޫދު މެން ތިވާހަކަ ދައްކަން މާ ތާހިރެއް ނޫނެވެ. ޖީއެމްއާރަށް އެއާރޕޯރޓް ދިނީ އެއީ ސޫދު މެންގެ ލީގަލް އެޑްވައިޒް ދީގެންނެވެ. ދިވެހި ވިޔަފާރިވެރިން އެއާރޕޯރޓް އިން ނަގާ ހޫރާލާ އިންޑިއާ މީހުންނަށް ވިޔަފާރި ދިނީ އެއީ ސޫދު މެންގެ ވެރިކަމުގައެވެ. ދިވެހި ވިޔަފާރިވެރިން ބިކަ ކޮށްލީ އެއީ ސޫދު މެން ލީޑް ރޯލް ކުޅުނު ވެރިކަމުގައެވެ. އެއިރަށްވުރެން އެތައް ހާސް ގުނައެއް ރަނގަޅު ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ވިޔަފާރިވެރިންނަށް. މީގައި އަދިވެސް ރަންރީނދޫ ކުލަ ހުންނަ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ފެނަކަ އާއި އަދި އެމްޕީއެލް އާއި އަދި ތިމާވެށި މިނިސްޓްރީން ލަންކާ ކުންފުނިތަކަށް މަސައްކަތް ދިން ކަމުގައި ވިޔަސް މަޑުމަޑުން ސަރުކާރުގެ މަސައްކަތް ދިވެހި ޓެކްސް ޕޭކުރާ ދިވެހި ކުންފުނިތަކަށް ލިބެމުން ދާކަން ފާހަގަކުރެވެއެވެ. އެހެން ކަމަށްވާ ނަމަ މަމެންނަށް ހެޔޮ ރައީސް ޔާމީން 2018 އަށް ރައީސް ކަމަށް ކުރިމަތި ލާން މަގުފަހި ކުރި ނަމަވެސް. މަމެން ބޭނުން ވަނީ މަމެންގެ ގައުމުން ވިޔަފާރި މަމެންނަށް ލިބުން. އެކަން ކުރެވެންނާ މަމެންނަށް ނިމުނީ އެވެ.
ރަންރީދޫ ޓުވިޓަރޭ
22 October 2016
ތަމެންގެ ބިއުޓިފުލް ސަރުކާރުން ދިވެހި ތާރީހުގަ ހިންގި އެންމެ ބޯޑު ހިޔާނަތް ވަނީ ހިންގާފައެވެ.....އެވާހަކު ބުނިމީހާގެ ވާޒީފާވެސް ގެއްލުވާލީއެވެ......ވަރައް އޯސަމްއެވެ.
މޮޔަ ވީ ދޯ
22 October 2016
ޖީއެމް އާރް އަށް އެއާ ޕޯޓް ދިނުމުގައި އެއްވެސް ކޮރްޕްޝަނެއް ނެތް ކަމަށް އޭސީސީ އިން ވަނީ ބުނެފައި! ދެން އާރބިޓްރޭޝަން އިން ނިންމީ ދިވެހި ދައުލަތުން ބަދަލު ދޭން! ގޯށް ކޮށް ކޮށްފަ އޮތް ކަމެއް ނަމަ އާބިޓްރޭޝަން އިން ޖީއެމްއާރް އަށް ބަދަލު ދޭކަށް ނުޖެހޭނޭ ތާ! ރަނގަޅު ސައްޙަ ވިޔަފާރީގެ މުއާމަލާތެއް އުވާލުމާޢި ގުޅިގެން އެ މުއާމަލާތުގައި ގަވާއިދާޢި ޚިލާފަށް ކަން ކުރި ފަރާތް ކުށްވެރި ވިކަން މުޅި ދުނިޔެ ގަބޫލުކުރާ އާބިޓްޜޭޝަން އަކުން މިއޮތީ ނިންމާފަ! ވީމާ ސަރުކާރަށް ލަފާ ދިން މީހުން މިކަމުގައި ދީފައިވަނީ ރަނަގަޅަށް. މިކަމުގައި ގޯސް ލަފާ ދިނީ އާޒިމާ ސުކޫރު! އޭނާ ޖެހޭނެ ދިވެހި ދައުލަތުން އުފުލަން ޖެހޭ ބުރަ ދަރަނީގެ ބަދަލު ދޭން!