އޭސީ މިލާނުގެ ލޮކަޓެއްލީ (ކ) އާއި ޓީމުގެ އެހެން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
23 އޮކްޓޯބަރ 2016 - 09:54
މިލާން (އޮކްޓޯބަރު 23) - އުމުރުން 18 އަހަރުގެ މެނުއަލް ލޮކަޓެއްލީގެ ލަނޑާ އެކު 1-0 އިން ޔުވެންޓަސް ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
އެއް ވަނައިގައި 21 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު މިލާން ދެ ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ފަރަގާ އެކު 19 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި، އެއް މެޗުން މަދުން ކުޅެފައިވާ ރޯމާ އޮތީ 16 ޕޮއިންޓާ އެކު އެވެ.
ޔުވެންޓަސް އަތުން މިލާން މި މޮޅެއް ހޯދީ 2012 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ މިރަލެމް ޕިޔަނިޗް ހިލޭ ޖެހުމަކުން ގޯލެއް ކާމިޔާބުކުރި އެވެ. އެކަމަކު އެ ބޯޅަ އަށް ލިއޮނާޑޯ ބޮނޫޗީ ހަރަކާތްކުރިއިރު އޭނާ އޮފްސައިޑް ހުރުމުން ކަމަށް ބުނެ ރެފްރީ ވަނީ އެ ލަނޑު ކެންސަލްކޮށްފަ އެވެ. އެކަމަކު ރީޕްލޭ އިން ފެންނަ ގޮތުގައި ބޮނޫޗީ ހުރީ އޮފްސައިޑް މަގާމެއްގައެއް ނޫނެވެ. އޮފްސައިޑުގައި ހުރި މެހްދީ ބެނާޝިއާ އެ ބޯޅައަށް ހަރަކާތެއް ނުކުރެ އެވެ.
ޔުވެންޓަސްގެ ކޮންޓްރޯލުގެ ދަށުގައި ފުރަތަމަ ހާފު އޮތް ނަމަވެސް ދެ ވަނަ ހާފު ކުރިއަށް ދިޔަ ވަރަކަށް މިލާނުން ދިޔައީ އިތުބާރު ހޯދަމުންނެވެ. އެ ޓީމުން ކައުންޓާ އެޓޭކެއްގައި އުފެއްދި ހަމަލާއެއްގައި ލޮކަޓެއްލީ ލީޑު ނަގައިދިނީ 65 ވަނަ މިނެޓުގަ އެވެ. ސުސޯ ޖައްސާލި ބޯޅަ އޭރިއާ ތެރެއަށް ވަދެ ލޮކަޓެއްލީ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ ފަހު ސިކުންތުގައި ޔުވެންޓަސްގެ ސާމީ ކެދީރާ ނުރައްކާތެރި ހަމަލައެއް ފޮނުވާލި ނަމަވެސް، އެ ބޯޅަ މިލާނުގެ އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ ވަނީ ހުށިޔާރުކަމާ އެކު މަތަކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy