ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް ކަމާބެހޭ ތަޖުރިބާކާރުން އެ ރަށްރަށުގައި: ކެލަ އާއި ނޭކުރެންދޫ ކަނޑޫފަލަށް ދިމާވަނީ ތަފާތު މައްސަލައެއް-- ފޮޓޯ: އީޕީއޭ
19 ޖުލައި 2020 - 14:47
ހއ. ކެލަ އާއި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން އެތައް ހާސް ގަހެއް މަރުވެފައިވާއިރު އެ ދެ ރަށުގެ ފާތަކަށް ދިމާވެފައިވާ މައްސަލަ ތަފާތު ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިންޑިއާ ކަނޑުގައި ވެސް އޮތް އެންމެ ބޮޑު އެއް ކަނޑޫފާ ކަމަށްވާ ނޭކުރެންދޫން 10،000 އަށް ވުރެ ގިނަ ކަނޑޫ ގަސް ވަނީ މަރުވެފަ އެވެ. ކެލާ ކަނޑޫފަލަށް ވެސް އޮތީ އެ މައްސަލަ ކުރިމަތިވެފަ އެވެ. އެކަން ދިމާވި ސަބަބު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.
Rajjey ge kandoofaa thakah mivanee kihineh?
The most trusted news source in the Maldives
Mihaaru
ރާއްޖޭގެ ކަނޑޫފާތަކަށް މިވަނީ ކިހިނެއް؟
މިހާތަނަށް ހޯދުނު ހޯދުންތަކުގެ އަލީގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ކެލާގައި މަރުވެފައިހުރި ބައެއް ގަސްތަކުގައި "ރޫޓް ރޮޓް" ނުވަތަ މޫ ފީވުމުގެ އަލާމާތްތަކެއް ފާހަގަ ކުރެވޭ ކަމަށެވެ. ނަމަވެސް ނޭކުރެންދޫ ކަނޑޫފަލުން މަރުވި ގަސްތަކުން އެކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ގަސް މަރުވެފައިވާ ސަރަހައްދު، ގަހުގެ މޫތައް، ތޮށިގަނޑުގެ ދޭތެރެ އަދި ލަކުޑިގަނޑު ބަލާބެލުމުގެ ތެރޭގައި، އެކި ގޮތްގޮތުން ގަސް ހެދި ބޮޑުވުމަށް ހުރަސް އެޅިދާނެ ގާބިލްކަން ހުރި ދެ ވައްތަރެއްގެ ފަނި ފަކްސާއެއް ފެނިފައިވޭ. މީގެ ތެރޭގައި ގަސް ތޮރުފާ ފަނީގެ ވައްތަރެއް ހިމެނޭ. މި ފަނީގެ އެކި އުމުރު ފުރަ އެތަނުން ލިބެން ހުރި މިންވަރަކުން ހޯދައި ފޮޓޯ އަދި ސާމްޕަލް ވަނީ އެއްކުރެވިފައި،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކެލަ އާއި ނޭކުރެންދޫން ފެނުނު މަޑީގައި ކުދި ތަފާތުތަކެއް ހުރި ކަމަށެވެ. އަދި ގަސްތައް ކައިރީގައި ފެންގަނޑުގައި އުޅޭ ފަންނެއް ދެ ރަށުން ވެސް ފެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނޭކުރެންދޫ ފަލުން ފެނުނު ފަނި: ދެ ރަށުގެ ކަނޑޫ ފަލަށް ދިމާވެފައިވާ މައްސަލަ ތަފާތު-- ފޮޓޯ: އީޕީއޭ
އެ ދެ ރަށުގެ ކުޅީގެ، އަށް ސަރަހައްދަކުން ފެން ނަގައި ވަނީ ޓެސްޓް ކޮށްފަ އެވެ. އެ ފެން ޓެސްޓް ކުރީ ފެންގަނޑުގެ އެސިޑިޓީ ނުވަތަ އަލްކަލިނިޓީ އާއި އިލެކްޓިރިކަލް ކޮންޑަކްޓިވިޓީ އަދި ލޮނުގެ އަސަރު ހުރިވަރު ބެލުމަށެވެ. އެ ނަތީޖާތަކުން ކަނޑޫފާތަކުގައި އުޅޭ ދިރުންތައް އަދި ގަސްގަހާގެހި ހެދި ބޮޑުވުމުގެ ބޮޑެތި ދަތިކަމެއް ހުރިކަން ނުވަތަ ނޫންކަން އެނގިގެންދާނެ އެވެ.
މިނިސްޓްރީން ބުނީ ފެންގަނޑުގައި ކާނާ ހުރި މިންވަރު އަދި ލޮނުގެ އަސަރު ބެލުމަށް ކުރި ޓެސްޓުތަކުން މި ދެ މިންގަނޑު މިދުވަސްވަރު ހުރީ ކަނޑޫފަލުގައި ގަސް ހެދުމަށް އެކަށޭނަ މިންގަނޑުގެ ތެރޭގައި ކަން ފާހަގަ ކުރެވުނު ކަމަށެވެ. ތަހުލީލު އަދި ދިރާސާ މަސައްކަތްތައް ކުރެވުނީ އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރަމުން ދިޔަ ދުވަސްވަރަކަށް ވުމާއެކު މި ޓެސްޓުތަކުގެ ނަތީޖާ އަށް މުޅިން ބުރަވެވެން ނެތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ދެ ރަށުގެ ކަނޑޫފަލުން ނެގި ސާމްޕަލްތަކާއި ރަނގަޅަށް ހުރި ކަނޑޫފަލެއްގެ ހާލަތު އަޅާކިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ދެ ރަށުން ފެނުނު ފަނިފަކްސާއަކީ ކޮންއެއްޗެއްކަން ދެނަގަތުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މިނިސްޓްރީން ބުނީ ނޭކުރެންދު އާއި ކެލާއިން ސާމްޕަލްތައް ނެގީ ފަންނީ ތަޖުރިބާކާރުންނާއި މި ސަރަހައްދުގެ ގައުމުތަކުގެ ތަޖުރިބާކާރުންގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި އެއްކުރެވުނު މައުލޫމާތުތައް މިހާރު ވަނީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ މި ދާއިރާގެ އެންމެ ތަޖުރިބާކާރު ފަންނީ މާހިރުންނާއި ހިއްސާކޮށްފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން އިންޑިއާގެ، ކެރެލާ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް (ކޭއެފްއާރްއައި) އަދި އޭޝިއާ ޕެސިފިކް ފޮރެސްޓްރީ އިންވޭސިވް ސްޕީޝީޒް ނެޓްވޯކްގެ ތަޖްރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑޫފަލަށް ދިމާވެގެންއުޅޭ މައްސަލައަކީ މި ހިސާބުގެ އެހެން ގައުމުތަކުން ފެނިފައިހުރި މައްސަލައެއްތޯ ބެލުމާއި، މި ދެ ރަށުން ފެންނަ ފަނިފަކްސާތަކަކީ ކަނޑޫފަލަށް ގެއްލުންދޭކަމަށް ފާހަގަކުރެވިފައިހުރި ފަނިފަކްސާތަކެއްތޯ ބެލުމާއި، މިކަމަށް ފަރުވާއެއް ހޯދައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ރަށު ފެންވަރުގަޔާއި ގައުމީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތައް ދެނެގަތުން،" މިނިސްޓްރީން ބުންޏެވެ.
ނޭކުރެންދޫ ކަނޑޫފަލުން ގަސްތަކެއް މަރުވެ، ހިކިފައި: އެކަން ދިމާވި އަސްލު ސަބަބު އަންނަނީ ހޯދަމުން-- ފޮޓޯ: އެޗްޕީއޭ
ދިރާސާ ކުރުމަށް މިނިސްޓްރީގެ ބޭފުޅުން ވަނީ ކެލާއިން 577 ގަސް، އަދި ނޭކުރެންދޫން 738 ގަހެއްގެ މައުލޫމާތު ނަގައިފަ އެވެ.
ރާއްޖޭގެ ފާތަކުގައި ކަނޑުލުގެ އިތުރުން ބުރެވި ގަހާއި ބޮޑަވަކި ގަހާއި ތެލަ ގަހާއި ތަކަފަތި ގަސް ވެސް ގިނަ އަދަދަކަށް ހުރެ އެވެ. އޭގެ ތެރެއިން ކެލަޔާއި ނޭކުރެންދޫ ފަލުން މުޅިންހެން މަރު ވަނީ ކަނޑޫ ގަހެވެ.
އީޕީއޭއިން ވެސް ލަފާ ކުރާގޮތުގައި ކަނޑޫފަލަށް އެ މައްސަލަ ކުރިމަތިވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންނެވެ.
ކެލާގައި މަރުވެފައި ހުރި ގަސްތަކުގެ ބުޑުން ފެށިގެން މައްޗަށް ފަންޏެއް ދުވެފައި ހުރި ކަހަލަ ނިޝާންތަކެއް ފެނިފައިވެ އެވެ. އެހެންކަމުން އެއީ ފަންޏެއް އެޅުމުގެ ސަބަބުން ދިމާވި ކަމަށް ވުމުގެ ފުރުސަތު އޮތް ކަމަށް އީޕީއޭ އިން ދެކެ އެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހިމާޔަތަށް ކަނޑޫފާތައް ވަރަށް މުހިންމެވެ. ރަށް ގިރުމާއި ރަށްރަށުގައި ފެން ބޮޑުވުން ފަދަ މައްސަލަތަކުގެ ގުދުރަތީ އެއް ހައްލަކީ، ރީތިކަން ވެސް އެކުލެވޭ ކަނޑޫފާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
19 July 2020
ރާއްޖޭގައި އެކިވައްތަރުގެ ގަސްތައްހުއްޓާ ދައުލަތުގެ ފައިސާއިން އެތައްމިލިއަން ރުފިޔާއެއް އިސްރާފުކޮށްގެން މާލޭ ބޭރުމަގުގައިންދަން އެރަށުބަޔަކު ބޭރުން ގެނެސް އިންދިގަސްތަކުގަވެސް މިހާރުހުރީ ލަކުޑިކޮޅު، ދެން އަނެއްކާވެސް މޫސުމީއެރާއެކޭ ކިޔާފަ އޭގެ ދެގުނަ ފައިސާ އޮއްސާލީމަ ނިމުނީ.
ޙިނި
19 July 2020
ރިސޯޓުހަދަން ހިކާލާ ގޮތައް ތިތަންވެސް ހިއްކާލާފަ ގެސްޓުހައުސް އަޅާ. ކުރިޔައް އޮތް 2000 އަހަރުތެރޭ ވެސް ތިގަސްތަކައް ވީގޮތެއް ނޭންގޭނެ
ތުނިޔަ
19 July 2020
ރާއީ ކޮބާ؟ ނަޝީދަށް ކަނޑޫ ވެދުންކުރީމަ ތިކަން ހައްލުވާންޖެހޭނެނު މިހާރު..
ކޮރަލް
19 July 2020
މުޅި ދުނިޔެ އަށް އަންނަނީ މޫސުމީ ބޮޑެތި ބަދަލު ތަކެއް އަންނަ މުންނެވެ. ކަންކަން ހޯދާ ފަރާތް ތަކުން އަންނަނީ އިންޒާރު ދެމުންނެވެ. އެކަމު މުއްސަނދި ގައުމުތަކުން އެވާހަކަ ނުދައްކަ އެވެ. މީޑިޔާ ކޮންޓްރޯލް ކުރަނީ އެމީހުންނެވެ.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
19 July 2020
ތިކަން ތަހުގީގުކުރާން ފޮނުވާންވީ މަޖުލީހުގެ ރައީސް. އޭނާނޫން ދެވަނަދެމީހަކަށް ތިކަމެއް ހައްލެއްނުވާނެ.