މުނިފޫހިފިލުވުން

ސުޝާންތަށް ދިމާވި ކަންކަމުގެ ވާހަކަ ދައްކާތީ ކަންގަނާ އަށް ރުޅި ބާލަނީ

ކަންގަނާ.

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި ފަހުން އެކަމުގެ ޒިންމާ ބޮލީވުޑްގެ ނުފޫޒުގަދަ މީހުން ނަގަން ޖެހޭނެ ކަމަށާއި ޒުވާން އެކްޓަރު ފުރާނަ ދުއްވައިލުމުގައި އިންޑަސްޓްރީ ތެރޭގައި ހުރި ތަފާތުކުރުންތަކާއި ބޮޑާކަން ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު ދައްކާ ވާހަކަތަކާ ގުޅިގެން އޭނާ އަށް އިންޑަސްޓްރީގެ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ބޮލީވުޑްގެ ބައެއް މީހުންނާ ސުވާލުކޮށް އެ މީހުންގެ ބަޔާންތައް ނަގަމުން އަންނަ އިރު، ކަރަން ޖޯހަރާއި މަހޭޝް ބަޓް ފަދަ މީސްމީހުންނާ ސުވާލު ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ވެސް ކަންގަނާ ދަނީ ސުވާލު އުފައްދަމުންނެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި ސުޝާންތު ފުރާނަ ދުއްވާލުމާ ހަމައަށް ދިޔައީ އިންޑަސްޓްރީ ތެރޭގައި "ބީރައްޓެހިންނާ" ދޭތެރޭ ކަންތައް ކުރާ ގޮތުން އެކަންކަމާ ފިކުރު ބޮޑުވެ، ކަންކަން ތަހައްމަލު ނުކުރެވޭ ހިސާބަށް ދިއުމުންނެވެ. އެހެންވެ ބޮލީވުޑްގައި "ނެޕޮޓިޒަމް" ގެ ކުޅިގަނޑު ކުޅޭ މީހުން އެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ކަންގަނާ ބުނެ އެވެ.

ކަންގަނާ ބުނީ އޭނާ އަކީ ސުޝާންތު ތަޖުރިބާކުރި ހިތްދަތި އެތައް ކަމެއް ތަޖުރިބާކުރި މީހެއް ކަމަށާއި ސުޝާންތު ނެގި ކަހަލަ ފިޔަވަޅެއް އޭނާ ވެސް ކޮންމެވެސް ހިސާބަކުން ނަގާނެ ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ބައެއް ޕްރޮޑަކްޝަން ހައުސްތަކުގެ ފިލްމުތައް ގަބޫލުނުކުރުމުން އެ ތަންތަނުގެ ވެރިން އޭނާގެ ކެރިއަރު ދުއްވައިލަން ވެސް މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ތުހުމަތުކުރެ އެވެ. އެގޮތުން އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސަލްމާން ޚާން ކުޅުނު "ސުލްތާން" ގެ ބަތަލާގެ ރޯލް ގަބޫލުނުކުރުމުން އޭނާގެ ކެރިއަރު އެ ހިސާބުން ނިމުނީކަމުގެ އިންޒާރު އަދިތިޔާ ދިން ކަމަށް ވެސް ކަންގަނާ ބުނެ އެވެ.

ނަމަވެސް ހިތްވަރާ އެކު އަމިއްލަ ހުނަރުން ކުރިއަށް ގޮސް ކާމިޔާބު މީހަކަށް ވެވުނީ އެތައް އޮޅިއެއް ގިރާކޮށް، ގުރުބާނީތަކެއްވެގެން ކަމަށް އޭނާ ބުނެ އެވެ.

މިފަދަ މޭރުމުން އޭނާ ތަކުރާރުކޮށް ވާހަކަ ދައްކާތީ ބޮލީވުޑްގެ ބައެއް ފަންނާނުންނާއި ޓީވީ އިންޑަސްޓްރީގެ ބައެއް މީހުން ވެސް ދަނީ ކަންނަގާ ދެކެ ހިތްހަމަނުޖެހިގެން އެ މީހުންގެ ޝުއޫރުތައް ވެސް ބަންޑުންކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި މަހޭޝްގެ ދަރިފުޅު ޕޫޖާ ބަޓް ވަނީ ކަންގަނާ ޓްވިޓާގައި ފުލުފުލުން ބަހުގެ ހަމަލާތައް ފޮނުވައިފަ އެވެ. އޭނާ ވަނީ ކަންގަނާ ނެޕޮޓިޒަމްގެ ވާހަކަ ދައްކާ އިރު، ކަންގަނާ ބޮލީވުޑަށް ނެރެދިނީ އެ މީހުންގެ އާއިލީ ފިލްމު ކުންފުނި ވިވޭޝް ފިލްމްސްގެ 2006 ގެ ފިލްމު "ގޭންސްޓާ" އިން ކަމަށާއި އެއީ ކޮން ބައެއްގެ ނުފޫޒު އޮވެގެންތޯ އާއި ކަންގަނާ އަށް ފުރުސަތު ލިބުނު ވަކި މީހަކަށް ވެގެންތޯ ސުވާލުކޮށްފަ އެވެ. ޕޫޖާ ވަނީ ކަންގަނާ އަކީ ޝުކުރުނުކުރާ މީހެއް ކަމަށާއި ކާން ދިން މީހާގެ އަތުގައި ދަތް އަޅަން އުޅޭ މީހެއް ކަމަށް ބުނެފަ އެވެ.

ދާދި ފަހުން ޑައިރެކްޓަރު އާރް ބަލްކީ ވެސް ވަނީ "ނެޕޮޓިޒަމް" ގެ ވާހަކަ ބައެއް މީހުން ގަދައަށް މިހާރު ދައްކާތީ އެއީ އޮތް އެއްޗެއް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފަ އެވެ. "ޕާ" އާއި "ޕެޑްމޭން" ފަދަ ފިލްމުތައް ގެނެސްދިން ބަލްކީ ބުނީ ކޮންމެ މީހަކަށް ވެސް ކުރިއަށް ދެވޭނީ އަމިއްލަ ހުނަރުން ކަމަށެވެ. އެހެންވެ ވަކި ބައެއްގެ ބޮލުގައި ޒިންމާ އެޅުވުމުގެ މާނައެއް ނެތް ކަމަށް ބުންޏެވެ.

ބަތަލާ ތާޕްސީ ޕައްނޫ ބުނިގޮތުގައި ކަންގަނާ މިހާރު ހިތަށް އެރިހާ ވާހަކައެއް މީސްމީހުންނާ ބެހޭ ގޮތުން ދައްކަނީ މަރުވެފައިވާ އެކްޓަރެއްގެ ނަން ބޭނުންކޮށްގެން އަމިއްލަ މަންފާތަކެއް ހާސިލުކުރުމުގެ ބޭނުމުގަ އެވެ. އެހެންވެ މީހެއްގެ މަރުން އަމިއްލަ ފައިދާއެއް ނަގަން އުޅުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ބުންޏެވެ.

ކުރީގެ ބަތަލާ ނީލަމްގެ ފިރިމީހާ އަދި އެކްޓަރު ސަމީރު ސޯނީ އާއި ޓީވީ އެކްޓަރު ކަރަން ޕަޓޭލް ވެސް ވަނީ ކަންގަނާ ދައްކަމުން އަންނަ ވާހަކަތައް ހުއްޓާލައި މީސްމީހުންގެ ބޮލުގައި ސާބިތު ނުހިފޭ ތުހުމަތުތައް ނޭޅުވުމަށް އެދިފަ އެވެ.

ކަންގަނާ އަކީ އަބަދު ވެސް ކަންކަމާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް ވަރަށް ފާޅުކޮށް ބުނާ ބަތަލާއެކެވެ. އަދި މިކަމާ ހެދި ވަރަށް ގިނަ ބަޔަކު އޭނާއާ ދޭތެރޭ ހިތްހަމައެއްނުޖެހެ އެވެ. ހާއްސަކޮށް ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބައެއް މީހުންނެވެ.

ކަންގަނާ ބުނިގޮތުގައި އޭނާ އަކީ އަބަދު ވެސް ހަގީގަތް ހާމަކުރާ ބަތަލާއެކެވެ. އަދި އެއްވެސް އިރެއްގައި ހަދަހަދައިގެން ވާހަކަ ނުދައްކާ ކަމަށާއި އަބަދު ވެސް ދައްކަނީ ސާބިތުހިފޭ ވާހަކަތައް ކަމަށް ބުންޏެވެ. ކަންގަނާ ބުނީ އޭނާ ދައްކާ ވާހަކަތައް ތަހުގީގުކޮށް، އެއީ ދޮގު ވާހަކަތަކެއް ކަމަށް ސާބިތުވެއްޖެ ނަމަ އިންޑިއާ ސަރުކާރުން މި އަހަރު ދީފައި އޮތް ޕަދުމާ ޝުރީ އެވޯޑް ވެސް ހަވާލުކުރަން ތައްޔާރެވެ. އެ އެވޯޑަކީ އިންޑިއާގެ ހިދުމަތްތެރިންނަށް އެ ގައުމުން ހަތަރު ވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

3 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 19%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

22 July 2020

ކޮންތަނެއް ރީތީ. އެއްވެސް ރީއްޗެއް ނޫން. ބޮނޑް އަގައެއް އޮތީމަ ތަޅުވަނި. ރީތި އިގިފަ ތިހުރީ.

The name is already taken The name is available. Register?

2ބާރީ

22 July 2020

ކަލޭ ވަކި ތާހިރު ސިފައެއް ޖަހާނަމަ ރަނގަޅު އެހެން މީހުން ރީއްޗެއްނޫނޭ ކިޔަން

The name is already taken The name is available. Register?

ވެލައްސަރު އައްޔަ

21 July 2020

ބަލާ ފޫހިނުވޭ.. ހާދަ ރީއްޗޭ ކަނބުލޮ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454