އިރާގުގެ ޕާލަމެންޓުގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ރާ މަނާކުރަން ވަނީ ޕާލަމެންޓުން ފާސްކޮށްފައި. --ފޮޓޯ:އޭއެފްޕީ
23 އޮކްޓޯބަރ 2016 - 12:01
ބަޣުދާދު (އޮކްޓޯބަރު 23) - އިރާގުގައި ބަނގުރާ އުފެއްދުމާއި އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މަނާ ކުރުމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
އިރާގުގައި ރާ މަނާކުރުމަށް ވަކާލާތު ކުރި ފަރާތްތަކުން ބުނެފައި ވަނީ ބަނގުރާ ގެންގުޅުމަކީ އިސްލާމް ދީނާ ނުގުޅޭ އަދި އެ ގައުމުގެ ގާނޫނުއަސާސީއާ ވެސް ޚިލާފު ކަމެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ގާނޫނު އަސާސީން ދީފައިވާ ދީނީ މިނިވަންކަމުގެ ހައްގަށް ހުރަސް އަޅާ ގާނޫނެއް ކަމަށެވެ. މި ގާނޫނުގެ ސަބަބުން ކްރިސްޓިއަނުން ފަދަ މައިނޮރިޓީ ގްރޫޕްތަކުގެ ހައްގުތައް ގެއްލިގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ކަމުން ޕާލަމެންޓުން ފާސްކުރި މި ގާނޫނު ބާތިލް ކުރުމަށް ކޯޓަށް ދާނެ ކަމަށް ގާނޫނާ ދެކޮޅަށް ވަކާލާތު ކުރި ފަރާތްތަކުން ބުނެފައިވެ އެވެ. އޮފިޝަލުން ބުނެފައި ވަނީ މިއީ ކޮންޒަވޭޓިވުންގެ ނިންމުމެއް ކަމަށެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ ވެރިކަން ވައްޓާލި ފަހުން ވެރިރަށް ބަޣުދާދާއި އެނޫން ސިޓީތަކުގައި ވެސް ހުރި ބަނގުރާ ވިއްކާ ފިހާރަތަކަށް ހަމަލާތައް އަމާޒުވެފައިވެ އެވެ. އިރާގުގެ ހޮޓާތަކާއި ރެސްޓޯރެންޓްތަކުން ރާ ލިބުން ދަތި ނަމަވެސް ބަޣުދާދުގެ ބާތަކާއި ކުދި ފިހާރަތަކުން ގިނަ އަދަދަކަށް ރާ ވިއްކާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ރާ މަނާކުރުމަށް ބާރު އެޅި ޕާލަމެންޓް މެންބަރެއް ކަމަށްވާ އައްމާރު ތޯމާ ބުނީ އިސްލާމް ދީނަށް ފުށުއަރާ އެއްވެސް ގާނޫނެއް އިރާގުގައި ނުހެދޭ އިރު ރާ މަނާކުރަން ފާސްކުރި ގާނޫނަކީ ސައްހަ އެއްޗެއް ކަމަށެވެ.
މި ގާނޫނާ ޚިލާފުވާ ފަރާތްތައް 10-25 މިލިއަން ދީނާރު (8،000 -20،000 ޑޮލަރު) އިން ޖޫރިމަނާކުރުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy