ދުނިޔޭގެ ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެލްސީން މޮރީނިއޯގެ ޔުނައިޓެޑް ހަތަރު ލަނޑުން ބަލިކޮށްފި

ޗެލްސީގެ ކުޅުންތެރިން މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޯބަރު 23) - ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން 4-0 އިން ކުރި ހޯދައިފި އެވެ.

ވާދަވެރި އިނގިރޭސި ޓީމެއްގެ ކޯޗުގެ ގޮތުގައި މޮރީނިއޯ ޗެލްސީގެ ދަނޑަށް ކުރި ފުރަތަމަ ޒިޔާރަތުގައި ޗެލްސީން އޭނާ ލަދުގަންނަވާލިއިރު، ޔުނައިޓެޑަށް ވަނީ މި ނަތީޖާއާ އެކު ޕްރެޝަރު ބޮޑުވެފަ އެވެ. ދުނިޔޭގެ ރެކޯޑް އަގެއްގައި ޕައުލް ޕޮގްބާ ގެނެސް އަދި ޒަލަޓާން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިން ޔުނައިޓެޑުގެ ސްކޮޑުގައި ހިމަނާފައިވާއިރު ނުވަ މެޗަށް ފަހު އެ ޓީމު އޮތީ 14 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މިރޭގެ މޮޅާ އެކު 19 ޕޮއިންޓް ހަމަކޮށް ޗެލްސީ ވަނީ ހަތަރު ވަނަ އަށް އަރައިފަ އެވެ. ވިހި ޕޮއިންޓާ އެކު އެއް ވަނަ އަށް އެރީ މިރޭ ސައުތުހެމްޓަންއާ 1-1 އިން އެއްވަރުވި މެންޗެސްޓާ ސިޓީ އެވެ. އެ ޓީމާއި ލިވަޕޫލް އަދި އާސެނަލަށް ވެސް 20 ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ދެ ވަނައިގައި އާސެނަލް އޮތްއިރު ތިން ވަނައިގައި އޮތީ ލިވަޕޫލެވެ.

ޗެލްސީން ވަނީ މިރޭގެ މެޗުގެ 30 ވަނަ ސިކުންތުގައި ޕެޑްރޯގެ ލަނޑުން ލީޑު ނަގައިފަ އެވެ. ޔުނައިޓެޑުގެ ދެ ޑިފެންޑަރުން ކައިރީގައި ތިއްބާ ބޯޅަ ހޯދައި ސްޕެއިން ފޯވާޑް ޕެޑްރޯ މި ގޯލް ޖެހީ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ކައިރިން ވެސް ނައްޓާލުމަށް ފަހު އެވެ. ޗެލްސީގެ ދެ ވަނަ ލަނޑު 21 ވަނަ މިނެޓުގައި ޖެހީ ގެރީ ކޭހިލް އެވެ. އެޑިން ހަޒާޑް ކޯނަރަކުން ނެގި ބޯޅަ އޭރިއާ ތެރޭ ފެނު ޖެހުނު ވަގުތު ކޭހިލް ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

ޔުނައިޓެޑުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން، 62 ވަނަ މިނެޓުގައި ހަޒާޑް ވަނީ ޗެލްސީގެ ތިން ވަނަ ގޯލް ޖަހައިފަ އެވެ. އަދި 70 ވަނަ މިނެޓުގައި އެންގޯލޯ ކޯންޓޭ ޖެހި ގޯލާ އެކު ޗެލްސީން ތިން ޕޮއިންޓް ކަށަވަރުކުރި އެވެ. އޭނާ އަށް އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ކަނަށް ވައްދާލީ ޔުނައިޓެޑުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އެވެ.

މެޗުގައި މޮރީނިއޯ އަށް ހިތްދަތިކަން ލިބުނު ނަމަވެސް މެޗުގެ ކުރިން ޗެލްސީގެ ގިނަ ސަޕޯޓަރުން ވަނީ މޮރީނިއޯ އެ ޓީމަށް ކޮށްދިން ހިދުމަތަށް އިހުތިރާމް އަދާކޮށްފަ އެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ އޭނާގެ ޓީމަށް ހެދުނު ޑިފެންސިވް ގޯސްތަކުގެ އަދަބު ލިބިއްޖެ ކަމަށެވެ.

"އެއް ލަނޑުން ބަލިވެފައި އޮތްއިރު ވެސް މަސައްކަތްކުރިން ކުރިއަށް ޖެހި ހަމަލާތައް އުފައްދަން. އެކަމަކު ފަހުން ކައުންޓާ އެޓޭކުގައި ޗެލްސީން ގޯލް ޖެހީ. އަހަރެމެން އަމިއްލަ އަށް ޗެލްސީއަށް ފައިދާކޮށްދިން މެޗެއް މިއީ،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ލީގުގެ އެއް ވަނައާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އޮތުމުން ދެން އޮތީ ވީހާ ވެސް ގިނަ މެޗު ކާމިޔާބުކުރުން ކަމަށާއި އެކަމަކު އެއީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"ފަހަރަކަށް ވުރެ ފަހަރެއް މިދަނީ ތަފާތު ބޮޑުވަމުން،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ފެށުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި މެޗުގެ ކުރީކޮޅު ލަނޑު ޖެހި ނަމަވެސް މުޅި މެޗުގައި ޗެލްސީން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި ކަމަށެވެ. އަދި ބައިކޮޅަށް ގޯލެއް ނުވުމާ އެކު، ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ.

1 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިޔާ

24 October 2016

ސަޅި މެޗެއް.. މަރުޙަބާ ޗެލްސީ ޕޮގްބާގެ ޑީލްއަށް ވުރެ ކާންޓޭގެ ޑީލް ސަޅިކަން ރޭގައި އެނާ ސާބިތު ކޮށްދީފި. ވަރަށް މޮޅަށް ކުޅުނު. މަކެލެލެ ގެ މަގާމު ފުރާތަން ފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454