ރިޕޯޓް / ކޮވިޑް-19

ފަޅުވެރިންނަށް އޮތް ޒިންމާ ވަރަށް ބޮޑު

މާލޭގެ އުތުރު ބަނދަރު ސަރަހައްދު. މާލެއިން ރަށްރަށް ދަތުރުކުރާ މީހުން ސަމާލުވާން ޖެހޭ.

ރ. ހުޅުދުއްފާރުން:،  މުހައްމަދު ނަސީމް، މިހާރު

09 އޯގަސްޓް 2020 - 10:39

4 comments

މާލެއިން ރަށަށް ފުރަން ދިޔަ އިރު ފެރީ ލޯންޗްގެ އިންތިޒާމް ހުރީ ވަރަށް ރަނގަޅަށެވެ. ދަތުރުވެރިން ލޯންޗަށް އެރުމުގެ ކުރިން ފުރަތަމަ ވެސް ދިއްކޮށްލީ މާސްކާއި އަންގި އެވެ. ރައްކާތެރިކަމުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރަން ފޭސް ޝީލްޑް ވެސް ދިނެވެ. ހަތަރު ގަޑިއެއްހާއިރުގެ ދިގު ދަތުރުގައި އަހަރެން އިނީ އެ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ އެކު ވަރަށް އުނދަގުލުގަ އެވެ. އެކަމަކު ދެން ތިބި ދަތުރުވެރިންނަށާއި ރަށަށް ފައިބާ އިރު ރަށު މީހުންނަށް އަހަރެންގެ ފަރާތުން ނުރައްކަލެއް ނުވާނެކަމުގެ ހިތްހަޖެހުމާ ވެސް އެކުގަ އެވެ. ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރޭ ދުވަސްވަރަކަށް ވާތީ މިވަރަށް ރައްކާތެރިވާން ޖެހެ އެވެ.

މާލެއިން ރ. އަތޮޅަށް ދަތުރު ނިންމާ ގޮތަށް ދަތުރުކުރި އެ ލޯންޗު ބ. އަތޮޅުން ވެސް ބައެއް ރަށްރަށަށް މީހުން ބޭލި އިރު ފަޅުވެރިންގެ ފަރާތުން ފެނުނީ އެހާ ހިތްހަމަ ޖެހޭ މަންޒަރެއް ނޫނެވެ. ބައެއް ރަށްރަށުގެ ބަނދަރަށް ފައިބާ އެ ރަށްރަށުގެ މީހުންނާ ވާހަކަ ދެއްކި އިރު މާސްކެއް ނާޅަ އެވެ.

ރަށަށް ގެންދާ ބައެއް ތަކެތި މާލޭގެ އުތުރު ބަނދަރުގައި އޮތް ބޯޓަކަށް އެރުވި އިރު ފާހަގަވީ ބައެއް ބޯޓުތަކުގެ ފަޅުވެރިން ވެސް މާސްކް ނާޅާކަމެވެ. އެހެން ތިބި ފަޅުވެރިންނާއި އެއްގަމުން އަންނަ މީހުންނާ ކައިރިކައިރީގައި ތިބެގެން ވާހަކަ ދައްކާ ހަދަ އެވެ.

މާލެއަށް ދަތުރުކުރާ އުޅަނދުތައް ވަކި ސަރަހައްދަކަށް ގާތްކޮށް، ވަކި އިންތިޒާމެއްގެ ދަށުން މީހުން އަރާފައިބާ އުޅުމުގެ އުސޫލު އޭރު އަދި ތައާރަފެއް ނުކުރެ އެވެ. އެގޮތަށް ހަމަޖެއްސީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފަަޅުވެރިން ކަމަށް ވިޔަސް އެއީ ކުޑަ ނުރައްކަލެއް ނޫނެވެ. އެމީހުން ވެސް ގޮސް އުޅެނީ ވަރަށް ބޮޑަށް ބަލި ފެތުރިފައި އޮތް މާލެއިންނެވެ. އެހެންވީމާ އެހެން ދަތުރުވެރިންނެކޭ އެއްގޮތަށް އެމީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ އެވެ. ކޮންމެހެން ދޭން ޖެހޭ އަސާސީ ހިދުމަތެއް ދޭން ޖެހޭތީ ގާނޫނާއި ގަވައިދުގެ ތެރެއިން އެމީހުންނަށް ހާއްސަ އިމްތިޔާޒެއް އެބަ އޮތެވެ. އެއީ އެހެން ދަތުރުވެރިން ރަށަށް ގޮސް 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭ ޖެހުން އެމީހުންނަށް ނެތުމެވެ. އެކަމަކު ކޮރޯނާވައިރަސް އެކަމެއް ނުދަންނާނެ އެވެ. އެމީހުންނަށް އިމްތިޔާޒެއް އޮތަސް ނެތަސް އެމީހުންގެ ގައިގައި ވެސް ވައިރަސް ހުރި ނަމަ އެހެން މީހުންގެ ތެރެއަށް ފެތުރިގެން ދިއުމުގައި ވަކި ތަފާތެއް ނެތެވެ.

މީހުން އުފުލާ ލޯންޗްތަކާއި މުދާ އުފުލާ ބޯޓްފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ މި ފަރުވާކުޑަކަމުގެ ނަތީޖާ ހިއްޗެވެ. މާލޭގެ އިތުރުން ރާއްޖޭގެ 10 އަށް ވުރެ ގިނަ ރަށުގައި މިހާރު ކޮވިޑް އެބަ އޮތެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އެ ނުރައްކާ ކުރިމަތިވީ އުޅަނދުފަހަރުގެ ކައްޕިންނާއި ފަޅުވެރިންގެ ސަބަބުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅުތަކުން މާލެއަށް ދަތުރުކުރާ އުޅަނދުތައް ގާތްކުރަން މިހާރު ވަކި ސަރަހައްދުތަކެއް ކަނޑައެޅީ ފަޅުވެރިންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކުޑަކުރަން ކަމަށެވެ. އެ ފިޔަވަޅުތައް ކާމިޔާބުކަމަށް ނުފެންނަ ނަމަ ފަޅުވެރިން ވެސް ކަރަންޓީނުވާން ޖެހުން ފަދަ ފިޔަވަޅެއް އަޅަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން ބޮޑަށް މި ފޯކަސް ކުރަނީ މިކޮޅުން އެބޭފުޅުންނަށް ބަލި ފެތުރުމުގެ ފުރުސަތު، ބަލި އެރުމުގެ ފުރުސަތު، ބައްޔަށް އެކްސްޕޯޒްވުމުގެ ފުރުސަތު ކުޑަކުރަމަށް އިނގޭތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ ބޯޓްތަކުގެ ފަޅުވެރިންނާއި ކެޕްޓަނުން ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދިނުމަށެވެ. ރަށްރަށަށް ބަލި ގެންދިއުން ހުއްޓުވަން ކައްޕިންނާއި ފަޅުވެރިންނަށް ވަރަށް ބޮޑު މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދޯންޏަށް މީހުން މުދާ އެރުވުމަށް އަރާ ފައިބާ ވަގުތުތަކުގައި ވެސް ހުރިހާ ވަގުތުތަކުގައި ވެސް މާސްކް އަޅައިގެން ތިބުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަހަލަ ކުދިކުދި ކަންތައްތަކަށް ސަމާލުކަންދީގެން ހަމަ ވަރަށް ބޮޑު ނުރައްކާތެރިކަމަކުން ސަލާމަތް ވެވޭނެ. އެހެންވީމާ އެބޭފުޅުން ވެސް އެކަންކަމަށް ސަމާލުކަން ދެއްވަން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމުން އާ ފިޔަވަަޅުތަކެއް މިދިޔަ އަންގާރަ ދުވަހު އިއުލާނުކުރި އެވެ. އެ ފިޔަވަޅުތައް އިއުލާނުކުރި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ ފިޔަވަޅުތަކުގެ މުހިއްމު އެއް ބޭނުމަކީ މާލެއިން އެހެން ރަށްރަށަށް ބަލިފެތުރުން ކޮންޓްރޯލްކުރުން ކަމަށެވެ.

ދިގު ދަތުރުތަކުގައި މާސްކް އެޅުމަކީ މިހާރު މަޖުބޫރު ކަމެކެވެ. ސާމިޔާ ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީން ވުމަށް މާލެއިން ރަށްރަށަށް ގިނަ ބަޔަކު ދަތުރުކޮށްފައި ވާތީ ރަށްރަށުގައި ވެސް ބަލި އޮތުމަކީ މިހާރު އެކަށީގެންވާ ކަމެކެވެ. އެހެންވީމާ ރަށްރަށުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެދެ އެވެ.

"މީހުން ދިރިއުޅޭ ހަމަ ހުރިހާ ރަށެއްގައި މާސްކް އެޅުން އަޅުގަނޑުމެން އެބަ ރިކޮމެންޑްކުރަން. ހުރިހާ ރަށެއްގައި ވެސް،" ސާމިޔާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލި މާލެ ފިޔަވައި ރާއްޖޭގެ 13 ރަށަކުން މިހާރު ވަނީ ފެނިފަ އެވެ. އެހެންކަމުން މިހާރު ބަލީގެ ހާލަތު މިދަނީ އެހެން ގޮތަކަށް ބަދަލުވަމުންނެވެ. މި ހަގީގަތާ އެކު، އުޅަނދުފަހަރުގެ ފަޅުވެރިންނަށް އެއްވެސް ކަމެއް ފަސޭހަކޮށްލެވޭކަށް ނެތެވެ. މާލެ އައިސް އުޅޭ އިރު ވެސް، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ އުޅުން ހުއްޓާލަން ޖެހެ އެވެ. އަދި އެހެން ރަށްރަށަށް ޖައްސާއިރު، އާންމުންނާ ބައދަލުކޮށް އުޅުމުގައި، އެޗުޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލްތައް ބަހައްޓަން ޖެހެ އެވެ.

4 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 91%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަޒްރާ

09 August 2020

ގާނޫނަށްވުރެ ބޮޑަށް ގަވައދު ހަދހަނަމަ މާރަނހަލު

The name is already taken The name is available. Register?

ގަޓް ބްރޯ

09 August 2020

ރާއްޖޭގަ ގާނޫނާ ގަވައިދުތައް ތަންފީޒުކުރުމުގަ ސަރުކާރުތަކުން ދިގު މުއްދަކަށް އިހުމާލުވެފަ ވުމުން ގިނަ ރައްޔިތުންނަށް ގާނޫނާ ގަވައިދުތައްވެސް ވެފަވަނީ ބޮޑު ޖޯކަކަށް. އެހެންވެ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހަދާ ގަވައިދު ތަކާ އުސޫލުތަކަށް އަމަލުކުރަނީވެސް އަމާބުނީތީ ފަރަށް ދާ ގޮތަށް. ޚާއްސަ ރާއްޖޭގެ ގާނޫނާ ގަވައިދު މުގުރުމުގަ ބިދޭސީން އުޅެނީ ދިވެހިންނަށްވުރެވެސް މާ ކުރީގަ. ރާއްޖޭގެ ސަރުކާރުތައް ކޮރަޕްޓް ކަމުން ދެން މިކަންކަން ހައްލެއްނުވާނެ.

The name is already taken The name is available. Register?

ނަމޫނާ ފެންނަގޮތް

09 August 2020

މި ރާއްޖޭގައި އިމްތިޔާޒެއް ލިބިއްޖިއްޔާ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ބައެއް އެބަ ތިބި ހެއްޔެވެ؟ މަޖިލީސް އިދާރާ ބަލާލަބަލަ. ސުޕަ މެޖޯރިޓީ ދިނީމަ އޭގެ ބޭނުން ކުރަނީ ތިމާމެން އަމިއްލަ އެދުމާ އެއްގޮތަށް ހިތުހުރި ކަމެއް ކުރާށެވެ. ރައްޔިތުންނަށް ފާއިދާހުރި އެއްވެސް މަސައްކަތެއް ކުރެވޭ ތަން ނުފެނެއެވެ. ޒާތީވުމާއި ޕާޓީ ހަސަދަ ފިލުވުން ނުން ކަމެއް ނެތެވެ.

The name is already taken The name is available. Register?

އިމްތިޔާޒު

09 August 2020

މާލޭ އިން ރަށަށް ގޮސް ކަރަންޓީނުގައި ނުތިބެ ރަށުގެ ހޮޅުއަށި ތަކަށް ގޮސް ދަތުރު ގޮސް ކެޔޮޅު ކަމުގޮސް ހަދާ މީހުން ބައިވަރު އެބަ ތިއްބެވެ. ރަށްރަށް ކޮވިޑް އުފުލާ ދެނީ ބޯޓް ފަހަރުގެ ކައްޕިން ނެވެ. މާގަދަ ބައެކެވެ. މާލޭ ބަދަރު މަތީގައި ހިތުހުރި ގޮތަށް އުޅެފައި ރަށަށް ގޮސް ހިތުހުރި ގޮތަކަށް އުޅޭ ބައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454