ފްލޮރިޑާގައި މެއިލް މެދުވެރިކޮށް ވެސް ގިނަ ބަޔަކު މިހާރު ވަނީ ވޯޓުލާފައި.
25 އޮކްޓޯބަރ 2016 - 12:11
ފްލޮރިޑާ (އޮކްޓޯބަރު 25) - ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ މެދުގައި ވާދަވެރިކަން ބޮޑު ފްލޮރިޑާ ސްޓޭޓުގައި އާލީ ވޯޓިން (ވޯޓުލާ ދުވަހު އެކި ސަބަބާ ހުރެ ވޯޓުނުލެވޭ މީހުންގެ ވޯޓުލުން) ފަށައިފި އެވެ.
ފްލޮރިޑާގައި މެއިލް މެދުވެރިކޮށް ވޯޓުލާ މީހުންގެ އާލީ ވޯޓިން ވަނީ ދެ ހަފުތާ ކުރިން ފަށައިފަ އެވެ. މިހާތަނަށް އެ ސްޓޭޓުގައި ވަނީ މިލިއަނެއްހާ މީހުން ވޯޓުލައިފަ އެވެ.
އިންތިޚާބުގެ ނަތީޖާ ކަނޑައެޅުމުގެ މުހިންމު ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގެ ވޯޓުގެ މުހިންމުކަން ބޮޑުވުމުން ދެ ކެންޑިޑޭޓުން ދަނީ ސަންޝައިން ސްޓޭޓުގައި ވަރަށް ގަދައަށް ކެމްޕޭން ކުރަމުންނެވެ. އެެ ސްޓޭޓުގައި މިހާތަނަށް ފަސް އެއްވުން ޓްރަމްޕް ބާއްވާފައިވާ އިރު ހިލަރީ ވެސް ގެންދަވަނީ ވަރުގަދަ އަށް ކެމްޕޭން ކުރައްވަމުންނެވެ.
ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން ފްލޮރިޑާގައި ކުރީގައި އުޅުއްވަނީ ހިލަރީ އެވެ. ސީބީއެސްގެ އެނެމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން ހިލަރީ ވަނީ ތިން ޕޮއިންޓުގެ ލީޑެއް ހޯއްދަވައިފަ އެވެ. އެކަމަނާ އަށް 46 ޕަސެންޓް ލިބިވަޑައިގަންނަވާއިރު ޓްރަމްޕަށް ލިބިވަޑައިގަންނަވަނީ 43 ޕަސެންޓެވެ.
އެކަމަކު ފްލޮރިޑާގައި އެންމެ ފަހުން ބޭއްވި އެއްވުމުގައި ޓްރަމްޕް ވަނީ އޭނާ މޮޅުވަމުންދާ ކަމަށް ސަޕޯޓަރުންނަށް ވިދާޅުވެފަ އެވެ. އަދި ވަނީ މީޑިއާ އަށް އަނެއްކާ ވެސް ހަމަލާތައް ދެއްވާ އެއީ ދޮގު ޚަބަރު ފަތުރާ ބައެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުތައް ނަގާ ފަރާތްތަކުން ހަދަނީ ދޮގު ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy