ކާތިކް.
17 އޯގަސްޓް 2020 - 07:45
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބޮލީވުޑްގެ އެކްޓަރު އަފްތާބް ޝިވްދަސާނީ ވެބް ސީރީޒަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
މިދިޔަ އަހަރު "ސެޓާޒް" އިން ފެނިގެން ދިޔަ އެކްޓަރުގެ އަލަތު ވެބް ސީރީޒަކީ ޒީ5 އިން ގެނެސްދޭ "ޕޮއިޒަން 2" އެވެ. މި ރިވެންޖް ތުރިލާގެ ކާސްޓުންގެ ތެރޭގައި ރާއީ ލަކްޝްމީ، ޕޫޖާ ޗޯޕްޅާ، ރާހުލް ދޭވް، ކަރަން ވީރު މެހެރާ، ޒައިން އިމާމް، އަސްމިތާ ސޫދް، ތާހިރު ޝައްބީރް އަދި ގޯރަވް ޝަރުމާ ހިމެނެ އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ "ޕޮއިޒަން 2" ގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު މީތި ސްޓްރީމްކުރަން ފަށާނެ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ. "ޕޮއިޒަން 2" އަކީ މިދިޔަ އަހަރު ގެނެސްދިން "ޕޮއިޒަން" ގެ ދެވަނަ ސީޒަނެވެ. އޭގައި 11 އެޕިސޯޑް ހިމެނެ އެވެ.
The game of revenge continues because #RevengeNeverEnds with Sara, Oscar and Harsh.
— ZEE5Premium (@ZEE5Premium) August 15, 2020
Can you guess the what the gang is called #Poison2OnZEE5 🐍 where #RevengeNeverEnds is Coming Soon!@AftabShivdasani pic.twitter.com/gtJv7aI3FR
އަފްތާބް ދާދި ފަހުން ވަނީ އަންހެނުން ނިން ދުސަންޖްއާ ގުޅިގެން މައުންޓް ޒެން މީޑިއާގެ ނަމުގައި ފިލްމު ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެތަނުން ހަދާ ފުރަތަމަ ފިލްމަކީ "ދޫންދު" އެވެ.
މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ސަޅަކް 2" ގެ ލަވައެއް ދައްކާލައިފި އެވެ.
Sadak 2 song: pic.twitter.com/Ts2dO7Nogl
— Komal Nahta (@KomalNahta) August 15, 2020
އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރް ފެނިގެންދާ ލަވައިގެ ނަމަކީ "ތުމް ސޭ ހީ" އެވެ. މި ޑުއެޓް ލަވައިގެ މިއުޒިކް ހަދައި ލަވަ ކިޔާފައި ވަނީ އަންކިތު ތިވާރީ އެވެ. އަންހެން އަޑަކީ ލީނާ ބޯސް އެވެ. ޅެން ހެދީ ޝައްބީރް އަހުމަދެވެ.
"ސަޅަކް 2" އަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ޕޫޖާ ބަޓް ވެސް ހިމެނެ އެވެ.
އިންޑިއާގެ ލޮކްޑައުންގެ ކުރިން ލަކްނޫގެ މަންޒަރުތަކެއް ނަގާފައިވާ ޑައިރެކްޓަރު އަނީސް ބަޒްމީބގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ޝޫޓިން އަލުން މި އަހަރުގެ ފަހުކޮޅު ފަށަން ނިންމައިފި އެވެ.
Bhool Bhulaiyaa 2 poster release, Kartik Aaryan steps into Akshay's shoes https://t.co/C80x5oROe1 @TheAaryanKartik pic.twitter.com/MPf5DQQVvW
— KRKBOXOFFICE (@KRKBoxOffice) August 19, 2019
ކޮވިޑް-19 ގެ ބަލިމަޑުކަމާ ދިމާނުވި ނަމަ މި ފިލްމަކީ މިދިޔަ މަހުގެ 31 ގައި ރިލީޒްކޮށްފައި އޮންނާނެ ފިލްމެކެވެ. އެކަމަކު މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާތީ "ބޫލް ބުލައްޔާ 2" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. މީގެ ތަރިންނަކީ ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީގެ އިތުރުން ތައްބޫ އެވެ.
އަނީސް ބުނިގޮތުގައި އަލުން ޝޫޓިން ފަށާ އިރު ދިމާވާނެ އެންމެ ބޮޑު ދައްޗަކީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަރަށް މަދު ބަޔަކު ގޮވައިގެން މަސައްކަތްކުރަން ޖެހުމެވެ. އޭނާ ބުނިގޮތުގައި ލަކްނޫގައި ޝޫޓްކުރި އިރު ކްރޫގައި 400 އެއްހާ މީހުން ހިއްސާވި އެވެ. އެކަމަކު އަލުން ޝޫޓިން ފަށާ އިރު، ކްރޫގައި ހިމެނޭނީ އޭގެ 33 ޕަސަންޓެވެ.
އަނީސް ބުނީ އޭނާގެ އުންމީދަކީ ވީހާ ވެސް އަވަހަށް އާންމު ހާލަތަކަށް އާދެވި މި އަހަރު ނިމުމުގެ ކުރިން ކޮވިޑް-19 އަށް ވެކްސިނެއް ވެސް ލިބޭށެވެ. "ބޫލް ބުލައްޔާ 2" ގެ ބާކީ މަންޒަރުތައް ވެސް ނަގާނީ ލަކްނޫގަ އެވެ.
ދެހާސް އަށާރައިގައި ރިލީޒްކުރި "ސޫރްމާ" ގެ ޑައިރެކްޓަރު ޝާދު އަލީ އެ ފިލްމުގެ ބަތަލު ދިލްޖީތު ދޮސަންޖާ އެކު އާ ފިލްމެއް ހަދަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި އެ ފިލްމަކީ "މޭލް ޕްރެގްނަންސީ" އަށް ހަދާ ފިލްމެކެވެ. އަދި ދިލްޖީތާ އެކު ބަތަލާގެ ރޯލް ކުޅޭނެ ތަރިއަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ. ޝާދަކީ "ސާތިޔާ" އާއި "ބަންޓީ އޯރް ބަބްލީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ގުޑް ނިއުޒް" އާއި "އަރުޖުން ޕަޓިއާލާ" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ޕަންޖާބީ އެކްޓަރު ދިލްޖީތުގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ސޫރަޖް ޕޭ މަންގަލް ބާރީ" ހިމެނެ އެވެ. އޭގެ ކާސްޓްގައި ފާތިމާ ސަނާ ޝެއިހާއި މަނޯޖް ބަޖްޕާއީ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy