ރަޔަން.
29 އޯގަސްޓް 2020 - 08:17
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަޔަން ރެނޮލްޑްސް ނެޓްފްލިކްސްގެ ފިލްމެއްގެ ސްރީންޕްލޭގައި ހިއްސާވެ، އޭގެ ލީޑް ރޯލް ކުޅެން ސޮއިކޮށްފި އެވެ.
ޑެޑްލައިނުން ބުނީ ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން "6 ފީޓް އަންޑަގްރައުންޑް" އާއި އެ ކުންފުނީގެ "ރެޑް ނޯޓިސް" ގައި ވެސް މިހާރު މަސައްކަތްކުރަމުން އަންނަ އެކްޓަރު ސޮއިކުރި އާ ފިލްމަކީ "އަޕްސްޓޭޓް" ކިޔާ ކޮމެޑީއެއް ކަމަށެވެ.
ބަތަލާ ބްލޭކް ލައިވްލީގެ ފިރިމީހާގެ ފިލްމު ކުންފުނި މެކްސިމަމް އެފަޓުން ޕްރޮޑިއުސްކުރުމުގައި ހިއްސާވާ "އަޕްސްޓޭޓް" ގެ ސްކްރީންޕްލޭ ލިޔަނީ ރަޔަން އާއި ޖޯން އޮގަސްޓެ އެވެ. އޮގަސްޓަކީ 2007 ގައި ރަޔަން ކުޅުނު ސައިންސް ފިކްޝަން ފިލްމު "ދަ ނައިންސް" ގެ ޑައިރެކްޓަރެވެ.
އޭނާ އަކީ މިހާތަނަށް ގެނެސްދިން ވަރަށް ކާމިޔާބު ފިލްމުތަކެއްގެ ސްކްރީންރައިޓަރެވެ. އޭގެ ތެރޭގައި "ޝާލީޒް އެންޖެލްސް"، "ބިގް ފިޝް"، "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓަރީ"، "ޑާކް ޝެޑޯޒް" އަދި ޑިޒްނީން މިދިޔަ އަހަރު ގެނެސްދިން "އަލައްދިން" ހިމެނެ އެވެ.
ޖޯން އޮގަސްޓް.
"އަޕްސްޓޭޓް" އިއުލާންކުރި ނަމަވެސް މީގެ އިތުރު ކާސްޓާއި މަސައްކަތް ފަށާނެ އިރަކާއި ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
"ޑެޑްޕޫލް" ގެ ކެރެކްޓާ ވެސް ކުޅޭ ރަޔަންގެ "އަޕްސްޓޭޓް" އިއުލާންކުރި އިރު ޔުނިވާސަލް ޕިކްޗާޒްގެ "އިވްރިޑޭ ޕޭރެންޓ9ިން ޓިޕްސް" އަކީ ވެސް އޭނާ ޕްރޮޑިއުސްކޮށް ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ. ރަޔަންގެ އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ފްރީ ގާއި" އަދި "ދަ ހިޓްމޭންސް ވައިފްސް ބޮޑީގާޑް" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy