ހައި ކޯޓް: ކައުންސިލަރުން ސަސްޕެންޑްކުރަން އެލްޖީއޭއިން ހެދި އުސޫލު އެ ކޯޓުން ވަނީ ބާތިލްކޮށްފައި -- ފޮޓޯ/މިހާރު
14 ސެޕްޓެމްބަރ 2020 - 17:19
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުން ސަސްޕެންޑްކޮށް، އިންޒާރު ދޭން އުސޫލަކީ ގާނޫނާ ޚިލާފް އުސޫލެއް ކަމަށް ކަނޑައަޅައި، އެ އުސޫލު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އެލްޖީއޭއިން 2016 ވަނަ އަހަރު އެކުލަވާލައި، އަމަލުކުރަން ފެށި ކައުންސިލްތަކުން ކުރާ ގާނޫނާ ޚިލާފް ކަންކަމާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ދަށުން ގިނަ ކައުންސިލަރުންތަކެއް 2018 ވަނަ އަހަރު ސަސްޕެންޑްކުރި އެވެ.
އެ އުސޫލު ބާތިލް ކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ރައީފާ އަބްދުލްވައްހާބާއި ޒިމްނާ އަބްދުލްމުހުސިން އެވެ. އެ އުސޫލު ބާތިލް ކުރަންޖެހޭ ކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވި އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ އުސޫލު އެލްޖީއޭއިން އެކުލަވާލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ކަމަށް އެ އުސޫލުގައި ބަޔާން ކުރާއިރު، ގާނޫނުގެ އެ މާއްދާއަކީ ދެ ކައުންސިލެއްގެ ދެމެދުގައި މެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެލްޖީއޭއިން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނާ މާއްދާއެއް ކަމަށެވެ. އެ މާއްދާއަކީ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ އުސޫލަކަށް ނުވާތީ އާއި އަދި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދުތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަނުވާ އުސޫލަކަށް ވާތީ އެ އުސޫލު ބާތިލްކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހާތިފް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިސްމާލު
16 September 2020
އެލްޖީއޭ ހިންގުމުގައި ގާނޫނު އޮތް ގޮތެއް އެމީހުން ނުބަލާ، އެމީހުން ބަލަނީ ކުރިން އެޓޮލްސް މިނިސްޓަރީއިން ރަށުއޮފީސްތައް ހިންގިގޮތަށް ހަމަ އެބާރުތައް އޮތްކަމަށް. ޢަދި ކޮންމެ ސަރުކާރަކުންވެސް އެލްޖީއޭ ހިންގުން ހޯމް މިނިސްޓަރާ ހަވާލުކޮށް އެތާއުޅޭ ކުރީގެ އަތޮޅުވެރިކަން ކޮށްފަތިބި މީހުންގެ އުނދަގޫ ކައުންސިލަށް އެޙަމެބޮޑު
ދޮންއަމާ
15 September 2020
އެލްޖީއޭ އިން ތިޔަކަންތަށް ހިންގި މީހުންނާ ދޭދެރޭގަ ފިޔަވަޅު އެޅެން ޖެހޭނެ ނުލިބޭ ބާރެތްގެ ތެރެއިން ކައުންސިލުން ސަސްޕެންޑް ކުރަން ލިއުންތަކުގަ ސޮއި ކުރިމީހުން އެތިބީ އަދިވެސް އެލްޖީއޭގެ ވަޒީފާގަ ސުކުރިއްޔާ ހައިކޯޓް
މަސްތޫރު
14 September 2020
ކުރީގަ ކަތީބުން ގޭގަ މަޑުކުރަން އަންގަނީ އެޓޯލް މިނިސްޓްރީން. ލާމަރުކަޒީ ގާނޫނު އައި ފަހުން އެ އެންގުން އަންގަނީ އެލްޖީއޭއިން. ކުރިން ވެސް މިހާރުވެސް ސަރުކާރުގެ ސިޔާސަތާ ކިރިޔާވެސް ދެކޮޅުކަމެއް ކޮށްލާއިރަށް އަންގަނީ ގޭގަ މަޑުކުރަން. ގާނޫނަކުން ލިބުނު ރައްކާތެރިކަމެއް ލިބުނު މިނިވަންކަމެއް ނެތް. ތިޔަ ނިންމުން ރަނގަޅު