މުނިފޫހިފިލުވުން / ބޮލީވުޑް

ޑްރަގްގެ ތުހުމަތުން ބޮލީވުޑަށް ބޮޑު ލަދެއް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާ އިރު، މުޅި ތަހުގީގުގެ މުޅި ފޯކަސް މިހާރު ހުއްޓިފައި ވަނީ އެ މަރާއި މަސްތުވާތަކެއްޗާ ހުރި ގުޅުމުގެ މައްޗަށެވެ. ސުޝާންތަށް މަސްތުވާތަކެތި ހޯދައިދިން މައްސަލަ އާއި އެތަކެތި ޓްރެފިކްކުރި މައްސަލާގައި ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރަބަތީ އާއި އޭނާގެ ބޭބެއާ އެކު މިހާތަނަށް 16 ވަރަކަށް މީހުން ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށްފަ އެވެ.

އަނެއްކޮޅުން ބަތަލާ ކަންގަނާ ރަނާވަތާ ގުޅުން ހުރި ކަމަށް ބުނާ މަސްތުވާތަކެތީގެ މައްސަލަތަކެއް ތަހުގީގުކުރަން ވަނީ ނިންމައިފަ އެވެ. މިފަހަކަށް އައިސް ކަންގަނާ ދަނީ ބޮލީވުޑާއި މަސްތުވާތަކެއްޗާ ގުޅުވައިގެން ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. އޭނާ ބުނާގޮތުން ބޮލީވުޑްގެ ނުޒޫފު ގަދަ މީސްމީހުންގެ ޕާޓީތަކާއި އެކިއެކި އިވެންޓްތަކަކީ މަސްތުވާތަކެތި ރަސްކަންކުރާ ކަންކަމެވެ.

ހަމަމިއާ އެކު ބޮލީވުޑްގެ ވަރަށް މަޝްހޫރު ގިނަ ތަރިންނަކީ މަސްތުވާތަކެއްޗާ އެކި ގޮތްގޮތުން ގުޅުން ހުރި މިހުން ކަމަށް ކަންގަނާ ބުނެ އެވެ. މި މޭރުމުން ދާދި ފަހުން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ވެސް ވާހަކަ ދައްކާފައިވެ އެވެ. އަދި ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ މަޝްހޫރު ބޯޖްޕޫރީ އެކްޓަރު ރަވީ ކިޝަން ވެސް ވަނީ ބޮލީވުޑާ ގުޅުވައިގެން މަސްތުވާތަކެތީގެ ތުހުމަތުތަކެއްކޮށްފަ އެވެ. ރަވީ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރެއް ވެސް މެ އެވެ.

ރަވީ އާއި ކަންގަނާ ފަދަ ފަންނާނުން ދައްކާ ވާހަކަތަކަށް ކުރީގެ ބަތަލާ އަދި ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއަ ސަބާގެ މެމްބަރު ޖާޔާ ބައްޗަން ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނީ ބަޔަކު މިހާރު މުޅި ބޮލީވުޑް ހަރާބުކޮށް، އެ އިންޑަސްޓްރީގެ އަގު ވައްޓައިލަން މަސައްކަތްކުރަމުންދާ ކަމަށެވެ.

އަމީތާބް ބައްޗަންގެ އަންހެނުން ޖާޔާ ބުނީ ކޮންމެ ތަނެއްގައި ވެސް ގޯސް މީހުންތަކެއް ތިބޭނެ ކަމަށާއި އެކަމަކު ކަހަލަ މަދު ބަޔަކާ ގުޅުވައިގައި މުޅި އިންޑަސްޓްރީ ހަރާބުކުރަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކަންގަނާ އާއި ރަވީ ފަދަ މީސްމީހުން ދައްކާ ވާހަކަތަކުން ބޮލީވުޑުން ގެއްލުންވުން ނޫން ކަމެއް ނުވާނެ ކަމަށާއި އިންޑަސްޓްރީގެ މޫނުމަތި ހަޑިކުރަން ފާޑުފާޑުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ކަމަށެވެ. ޖަޔާ ބުނީ ބޮލީވުޑްގެ ނަން ހަރާބުކުރަން ވާހަކަ ދައްކާ މީސްމީހުންނަކީ ކާންދޭ އަތުގައި ދަތްއަޅާ މީހުން ކަމަށާއި އެއީ ޝުކުރު ނުކުރާ ބޮޑާ ބައެއް ކަމަށެވެ.

ޖާޔާ ބުނީ ބޮލީވުޑަކީ އެތައް ހާސް ބަޔަކު ކާންބޯން މަސައްކަތްކުރާ އިންޑަސްޓްރީއެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު މުޅި އިންޑަސްޓްރީ ހުއްޓި، މާލީ ގޮތުން އެތައް ގެއްލުމެއް ލިބި، އިންޑަސްޓްރީގެ އެތައް ބަޔަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ އިރު، މި ދަނޑިވަޅަކީ ބޮލީވުޑް ކޮނޑަށް ލައިގެން ހިތުހުރިހާ ވާހަކައެއް ދައްކަން ޖެހޭ ވަގުތެއް ނޫން ކަމަށެވެ.

ޖާޔާ ވަނީ ޑްރަގާ ގުޅުވައިގެން ބޮލީވުޑާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ހަގީގަތް ސަރުކާރުން ވެސް ސާފުކޮށް ދޭން އެދިފަ އެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ބޮލީވުޑްގެ ތެރޭގައި "ޑަރްގް މާފިއާ" އޮތްކަމުގެ އެއްވެސް ސާފު ހެއްކެއް ނެތް ކަމަށެވެ. އެކަމަކު ވަކިވަކި މީސްމީހުންނާ ބެހޭ ގޮތުން އަޑުތަކެއް އަރާފައި ހުރުމުން އެކަންކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށާއި ބަލާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސުޝާންތުގެ މަރުގެ ތަހުގީގަށް ރިއާ ހައްޔަރުކުރުމުން އޭނާ ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެ ބައެއް މީހުންގެ ނަންތައް ވެސް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދިން ބަޔާންތަކުގައި ބުނެފަ އެވެ. އޭގެ ތެރޭގައި ޒުވާން ބަތަލާ ސާރާ އަލީ ޚާނާއި ރަކުލް ޕްރީތު ސިންގް އާއި ސުޝާންތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ ފަދަ ފަންނާނުން ހިމެނެ އެވެ.

ނަމަވެސް އެންބީސީން ވަނީ އަދި މިކަމާ ގުޅުން ހުރި އެއްވެސް ވާހަކައެއް ރަސްމީކޮށް ހިއްސާއެއްނުކުރެ އެވެ. ހޯމް މިނިސްޓްރީން ނެރުނު ބަޔާނަކީ އެންސީބީގެ ބަހެއް ވެސް އޮވެގެން ނެރެފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ބޮލީވުޑާއި ޑްރަގާ ހުރި ސީރިއަސް މައްސަލަތަކެއް މި ވަގުތު ބަލަމުން ނުދާ ކަމަށް ބެލެވެ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ވަގުތު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތެރޭގައި އުޅޭ މަސްތުވާތަކެއްޗާ ގުޅުން ހުރި ބަޔަކު ހައްޔަރުކޮށް ތަހުގީގު މިހާރު ކުރިއަށްދާ ކަމެވެ.

ސުޝާންތުގެ މަރާ އެކު ބޮލީވުޑާ ބެހޭ ގޮތުން ދަނީ ނޭދެވޭ އެތައް ވާހަކައެއް ދެކެވެމުންނެވެ. އަދި އެފަދަ ވާހަތަކާ ހެދި ވަރަށް ހިތާމަކުރާ ކަމަށް ކުރީގެ ބަތަލާ ހެމާ މާލިނީ ވެސް ބުންޏެވެ.

ޖާޔާ ދެއްކި ވާހަކަތަކަށް ތާއީދުކޮށް، ލޯކް ސަބާގެ މެމްބަރުކަން ވެސް ކުރާ ހެމާ އެންޑީޓީވީ އަށް އަންގާރަ ދުވަހުގެ ރޭ ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑާ ބެހޭ ގޮތުން ގޯސް ވާހަކަތަކެއް ދައްކާ އަޑު އިވުމަކީ ވަރަށް އުނދަގޫވާ ކަމެއް ކަމަށެވެ. އަދި އޭނާ އަކީ ވެސް އެތައް އަހަރެއް ވަންދެން އެ އިންސްޓްރީގައި މަސައްކަތްކުރި މީހެއް ކަމަށާއި އަބަދު ވެސް ބޮލީވުޑަކީ އާންމުންގެ އިހުތިރާމާއި ލޯބި ހަދާފައިވާ އިންޑަސްޓްރީއެއް ކަމަށެވެ. އަދި އިންޑިއާ އިންޑިއާއަކަށް ވަނީ ބޮލީވުޑާ އެކުގައި ކަމަށްވެފައި އެ އިންޑަސްޓްރީ އަކީ ކުޅަދާނަ އެތައް ފަންނާނުންގެ ހިތްވަރާއި ބުރަ މަސައްކަތުން މިއަދާ ހަމައަށް ގެނެސްދީފައި އޮތް އިންޑަސްޓްރީއެއް ކަމަށް ހެމާ ބުންޏެވެ.

އޭނާ ބުނީ ބޮލީވުޑްގެ މޫނުމަތި ހަޑިވުމަކީ މުޅި އިންޑިއާ އަށް ލިބޭނެ ހުތުރެއް ކަމަށެވެ. އަދި ހިތްހަމަނުޖެހޭ މަދު ބަޔަކު ކުރާ ކަންކަމާ ހެދި ބޮލީވުޑަށް ހުތުރުވުމަކީ އެ އިންޑަސްޓްރީގައި މިހާރު ތިބި މީހުންނާއި ކުރިއަށް ނުކުންނަން އޮތް ޖީލުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށް ބުންޏެވެ. އެހެންވެ ބޮލީވުޑްގެ އަގާއި އިހުތިރާމު ގެއްލޭ ފަދަ ވާހަކަތައް ނުދެއްކުމަށް ހެމާ އެދިފައިވެ އެވެ.

1 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 25%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބިރިހިންބެއްޔާ

17 September 2020

ބޮލީވުޑް. މޫނުމަތި ވަރަށް ނަލަ. ޢަމަލު އެހާ ނަލަނަމަ ހާދަ އައްޗާވީސް އޭ ހިތަށް އަރާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454