19 ސެޕްޓެމްބަރ 2020 - 08:03
ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް ސޮއިކުރި ފިލްމު އިއުލާންކުރިތާ އަހަރެއްހާ ދުވަސް ފަހުން އޭގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ 2018 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަން ހަދާ ފިލްމެވެ. ފިލްމު އަންނަ އަހަރުގެ މާޗް 26 ގައި ސިނަމާތަކަށް ގެންނަ ގޮތަށް އިއުލާންކުރީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 20 ގަ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މުމްބާއީގައި ފަށާނެ ކަމަށެވެ. އަދި އޭގެ ފަހުން ފިލްމުގެ މަންޒަރުތަކެއް އިންޑިއާ އިން ބޭރުގައި ވެސް ނަގާނެ ކަމަށާއި މުޅި ފިލްމުގެ ޝޫޓިން އަންނަ އެޕްރީލް މަހަށް ނިންމާނެ ކަމަށް ބުންޏެވެ. އޭގެ މާނަ އަކީ ކުރިން އިއުލާންކުރި ތާރީހުގައި ފިލްމު ސިނަމާތަކަށް ނާންނެއޭ އެވެ.
ލަވްގެ ފިލްމުވެގެން ދާނީ ޝްރަދާ އާއި ރަންބީރް އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
ރަންބީރް މި ވަގުތު އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ކަރަން މަލްއުތުރާގެ "ޝަމްޝޭރާ" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy