ރިޕޯޓް / ފަޔާ އެންޑް ރެސްކިއު

އަލިފާނުގެ ނުރައްކަލުގައި: "މިއީ އިންސާނުންނެއް ނޫން ބާ؟"

މާލޭގެ ފިތި ބާރުވެފައިވާ އުސް އިމާރާތްތައް: އަލިފާނަށް ސަލާމަތީ ފިޔަވަޅުތަކެއް ނެތް. --ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރާއްޖޭގައި އާއްމުންގެ ގެދޮރުގެ ފަޔާ ސޭފްޓީ އޮތީ "ފަރުދީ ޒިންމާ" އަށް ދޫކޮށްލައިފަ އެވެ. ފިތިބާރުވެފައިވާ އުސް އިމާރާތްތަކުގައި މީހުން ތޮއްޖެހި ފުރިފައިވާ މާލޭގައި ވެސް، ގެއްލުން ބޮޑު އަލިފާނުގެ ހާދިސާތައް ތަކުރާރުވަމުންދާ އިރު މީހުން ދިރިއުޅޭ ތަންތަން ރައްކާތެރިވާ ފަދަ ފިޔަވަޅުތަކެއް ނެތެވެ.

ބިލްޑިން ކޯޑުގެ ދަށުން އިމާރާތްތަކަށް ފަޔާ ސޭފްޓީ މިންގަނޑުތަކެއް ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތައާރަފްކޮށް މި އަހަރު ފެށުނު އިރު އަމަލުކުރަން ފަށަން ޖެހެ އެވެ. އެކަމަކު އެ މިންގަނޑުތައް ހުރީ ނަހަދަ އެވެ.

މިދިޔަ އަހަރު ކެމިކަލް ގުދަނެއްގައި ރޯވި އަލިފާނުގައި ތާށިވި ބިރުވެރި ތަޖުރިބާ އަށް ފަހު އަސްމާ ސައީދުގެ އެންމެ ބޮޑު އެއް ފިކުރަކީ މާލޭގެ އިމާރާތްތަކުގައި އަލިފާނުގެ ރައްކާތެރިކަމެއް ނެތުމެވެ. އޭނާ ދެކޭގޮތުގައި އެ ހާދިސާއަކީ މީހުން ދިރިއުޅޭ ތަންތަން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް މަޖުބޫރުކުރަން ވެއްޖެކަން ދަސްކުރަން ޖެހޭ ފިލާވަޅެކެވެ. ދުމާއި އަލިފާނުން ސަލާމަތްނުވެވި ދެ ގަޑިއިރާއި ބައި ވަންދެން ގޭތެރޭގައި ތާށިވި ފަހުން، އަސްމާ އަށް "ކޮންމެ ތަނެއް ފެނުނަސް، މި ތަނުގައި މިވެނި ކަމެއް ހިނގައިފިއްޔާ އޮތީ ކޮން އެސްކޭޕެއްތޯ" ފިކުރުކުރެވެ އެވެ.

"އިމާރާތްތައް ހަދާ އިރުގައި މިވެނި އެވެނި ކަމެއް މަޖުބޫރު ނުކުރެވެނީ ކީއްވެގެން ބާވައޭ، ވަރަށް ބޮޑަށް މިހާރު އެ ކަހަލަ ކަންތައްތަކާ ވިސްނޭ،" ހެންވޭރުގައި ހުރި، ގްރީން ޕާތު ކުންފުނީގެ ކެމިކަލް ގުދަނުގައި ސެޕްޓެމްބަރު 20، 2019ގައި ރޯވި ހާދިސާގެ އަސަރުތައް ކިޔައިދެމުން އަސްމާ ބުންޏެވެ.

"މިސާލަކަށް އިމާރާތުގެ ބޭރުން ކޮންމެވެސް އެއްޗެއް ހަރުކޮށްފައި މީހުން ތިރިއަށް ފައިބަން، މި ކަހަލަ ކަންކަމެއް ހަމަ ނުކުރެވޭނެ ބާވައޭ، ކުއްޔަށް ދޭ ބިލްޑިންތަކުގައި އަލިފާންނިވި ކަހަލަ އެއްޗެހި ހުރުން މަޖުބޫރު ނޫނީ ބާވައޭ ހިތަށް އަރާ."

އަލިފާނުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަން ދެވިދާނެ ބައެއް ކަންކަން

"މި ހުންނަނީކީ، މިހާރު މާލެ މި އޮތީ މާ ހާލު ބޮޑުކޮށޭ، އެހެންވީމާ ދޫކޮށްލަންވީއޭ ކިޔާފައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން. މަޑުމަޑުން، މަޑުމަޑުން ރަނގަޅުކުރެވޭނެ."

ހުޅުމާލޭ ޕްލެޓިނަމް ރެޒިޑެންސްގައި އަލިފާނުގެ ރައްކާތެރިކަން ފުރިހަމަ އެވެ. ފިޔަވަޅުތައް އެބަހުއްޓެވެ. އެޕާޓްމެންޓްތަކުގެ މިލްކުވެރިން އަމިއްލަ އަށް އުފައްދާފައިވާ ބޯޑުތަކަކުން، ކަންކަން ބަރާބަރަށް ހުރިކަން ކަށަވަރުކުރެ އެވެ. މެއިންޓެނެންސް އޮންނަނީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އައުޓްސޯސްކޮށްފަ އެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ރައްކާތެރިވެވޭނެ ގޮތް ހަމަޖެހިފައި ހުރުމުގެ އިތުރުން، ލިބޭ ގެއްލުންތައް އިންޝުއަރެންސުން ފޫބައްދައިދޭނެ އެވެ.

ޕްލެޓިނަމްގެ ލަގްޒަރީ ދިރިއުޅުމާ ދާދި ކައިރީގައި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓްތައް ތަފާތެވެ. އަލިފާނުގެ އާލާތެއް ހުރި ނަމަ ހުރީ ދަބަރަށް ވެފަ އެވެ. ނުވަތަ ހަލާކުކޮށްލާފަ އެވެ. އެ އެއްޗެހި ބަލަހައްޓާނެ ބަޔަކު ނެތެވެ.

"އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދެ ކަމަކަށް. އެއީ މީހުން ހޭލުންތެރިކުރުމަށާއި މީހުންނަށް އިމަޖެންސީ އެސްކޭޕް ބެހެއްޓުމަށް."

ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި އާއްމުން ދިރިއުޅޭ ތަންތަން ވެސް ތަފާތެވެ. ކުރިން އެމްއެންޑީއެފްގެ ފަޔާ ސާވިސްގައި ޚިދުމަތްކުރައްވާފައިވާ ފަޔާ ސޭފްޓީ ތަޖުރިބާކާރެއް ކަމަށްވާ މުސްތަފާ ސަމީރަށް، ސަރުކާރުން ރިސޯޓުތަކުގައި ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދީފައި، ތޮއްޖެހިފައި އޮތް މާލޭގެ އިމާރާތްތަކަށް އަޅާނުލާ އޮތުމަކީ "ހެއްވާ" ކަމެކެވެ.

"ރިސޯޓުތަކުގައި، ހަމަ އެ ބުނާ ގޮތަކަށް އެ ބުނާ ދިމާލެއްގައި އެ ބުނާ އިކުއިޕްމެންޓެއް ނެތިއްޔާ އެ ތަން ބަންދުކުރާ ހިސާބަށް އެމްއެންޑީއެފުން އިންޒާރު ދެމުން ގެންދޭ އިނގޭތޯ؟ އަޅުގަނޑަކަށް ނޭނގެ މިއާ ދޭތެރޭ ބުނާނެ އެއްޗެއް ވެސް. އަޅުގަނޑުމެން މިއީ އިންސާނުންނެއް ނޫން ބާވައޭ؟" އޭނާ ސުވާލުކުރެއްވި އެވެ.

ހަގީގަތުގައި އާއްމު ގެދޮރު އަލިފާނުން ރައްކާތެރިކުރުމުގެ ނިޒާމެއް ނެތީ އެވެ. ދިހަ ބުރި ނުވަތަ އެއަށް ވުރެ އުސްކޮށް އިމާރާތްކުރާ ތަންތަނަށް މެނުވީ، މީހުން ދިރިއުޅޭ ގޭގޭގައި އަލިފާނުގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް ހުރުން މަޖުބޫރެއް ނޫނެވެ. އެ ވަރު އުސް އިމާރާތްތަކަށް އޮންނަނީ، އެމްއެންޑީއެފްގެ މިންގަނޑަކަށް (ޝާއިއުކޮށްފައެއް ނެތް) ފަޔާ ޕްލޭނެއް ހަދައި ޑިފެންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކައުންސިލަށް ހުށަހަޅަން ޖެހޭ ގޮތަށެވެ. ކައުންސިލުން ބުނިގޮތުގައި އިމާރާތްކުރުމުގެ ހުއްދަ ދެނީ އެ ޝަރުތު ފުރިހަމަކުރީމަ އެވެ. އެކަމަކު މި އުސޫލުގެ ތެރެއިން ވެސް، ނެރެވޭ މާ ބޮޑު ނަތީޖާއެއް ނޯވެ އެވެ. މެއިންޓެނެންސް މަޖުބޫރެއް ނޫނެވެ. ޗެކްކުރުމެއް ނޯވެ އެވެ. އިމާރާތެއްގައި އެއްޗެއް ހުރި ނަމަ ހުންނަނީ މުއްދަތު ހަމަވެފަ އެވެ؛ ހަލާކުވެފަ އެވެ. ނުވަތަ އެއްގޮތަކަށް ވެސް ނުހުރެ އެވެ.

މުސްތަފާ ވިދާޅުވީ ކުއްޔަށް އޭނާ ދިރިއުޅުއްވާ 10 ބުރީގެ އިމާރާތުގައި "އެންމެ ކުޑަމިނުން އަލިފާން ނިއްވާ ފުޅިގަނޑެއްހާ ހިސާބު ވެސް ނުހައްދަވާ" ކަމަށެވެ.

"ދިރިއުޅުމުގެ ހުއްދައާ އެއްޗެހި ލިބިގެން އުޅޭ ތަންތަން މިހިރީ،" އޭނާ ވިދާޅުވި އެވެ. "ސްޓޭންޑަޑްތަކާ އެއްޗެހި ބެލެހެއްޓުން ހަމަ ސުމެއް."

ބައެއް އިމާރާތްތަކުގެ ބޭރުގައި، ފޮއްޓެއްގެ ތެރޭގައި އާލާތެއް ހުންނާނެ އެވެ. އެއީ އިމާރާތުގެ ތިރިން ފެން ދީގެން ވަކިވަކި ފްލޯތަކުން ފަޔަފައިޓަރުންނަށް ފެން ނެގޭ ގޮތަށް ހުންނަ ޑްރައި ރައިޒާ ހޮޅި އަށް ފެން ގުޅާ ތަނެވެ. ހުޅުމާލެ އިން އެ ފެންނަ ގޮތަށް މާލޭގައި ވެސް އެ އެއްޗެހި ހުރެ އެވެ. ނުބަލަހައްޓާތީ މުއްދަތު ހަމަވެ، ބާވެ، ބޭނުން ކެނޑިފަ އެވެ. ނުވަތަ ހަލާކުކޮށްލައިފަ އެވެ. އެމްއެންޑީއެފްގެ ފަޔާ ސާވިސްގައި ޚިދުމަތް ކުރެއްވުމަށް ފަހު އަމިއްލަ ފަޔަ ސޭފްޓީ ކުންފުންޏެއް ހިންގަވާ ތަޖުރިބާކާރެއް ކަމަށްވާ އާދިލް ނާއިމް ވިދާޅުވީ މާލޭގައި ޑްރައި ރައިޒާ ސިސްޓަމް ހަރުކޮށްފައި ހުރި އިމާރާތްތަކުގެ ތެރެއިން "90 ޕަސެންޓް" ތަންތަނުގައި އެ ހޮޅި ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.

"މި އެއްޗެހި އެޅުމަށް ފަހު މި އެއްޗެހި ބަލަހައްޓާ ނުހަދާ ކަމަށް ވެއްޖެއްޔާ މިސާލަކަށް ހޮޅީގައި ލީކު ވެސް އުޅެދާނެ ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

"އަސްލު މަގްސަދަކީ ހުއްދަ ހޯދާލުން. އެ ހުއްދަ ލިބުމަށް ފަހު ދެން ބޭނުމެއް ނުވޭ، ތަނުގައި ތިބޭ ބައެއްގެ ސޭފްޓީ އަށް މާ ބޮޑަށް މަސައްކަތްކުރާކަށް."

މާލޭގައި ހުންނަ ސަރުކާރުގެ އިމާރާތެއްގެ ބޭރުގައި ޑްރައި ރައިޒާ އަށް ފެން ގުޅަން ހަދާފައި ހުރި ތަން: މި ފޮށި ތެރޭގައި ހުންނަން ޖެހޭ އެކަމަށް ބޭނުންވާ އާލާތް ނެތް.

މާލޭ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވިގޮތުގައި މި މައްސަލަ ދިމާވެފައި އޮތީ އަލިފާނުގެ ރައްކާތެރިކަމަށް މޮނިޓަރިން ނިޒާމެއް ނެތީމަ އެވެ؛ "މީގައި އަންނަންވީ ގަވާއިދުން ޗެކްކުރާނެ މެކޭނިޒަމްތަކެއް،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ވެސް އެއް ހާލަތެއްގަ އެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ އިމާރާތްތަކުގައި އަލިފާނުގެ ރައްކާތެރިކަން ނުބެލެހެއްޓޭކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގަބޫލުކުރެ އެވެ.

"އިމާރާތް ހަދާ ނިމޭ އިރުގައި ރަނގަޅަށް ހުރޭ. ދެން މެއިންޓެއިން ނުކުރެވިފައި ހުންނަނީ ވަރަށް ބޮޑަށް،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި އެވެ.

"ހަލާކުކުރުން ކަހަލަ ކަންތައްތައް ކުރީމަ ބަރާބަރަށް އެޓެންޑް ނުކުރެވި އެބަހުރި. ދެން އެއީ ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން ޖެހޭ ކަމެއް ހަމަ."

ހުޅުމާލޭ ޗައިނާ ފްލެޓެއްގެ ބޭރުގައި ޑްރައި ރައިޒާ އަށް ފެން ގުޅާ ތަން ހަލާކުވެފައި

މާލޭގައި ނުވާ ވަރު ކަމެއްތަ؟

ބައެއް މީހުން ދެކޭގޮތުގައި ތޮއްޖެހި ބޮއްސުންލާފައި އޮތް މާލޭގެ ގޭގޭގައި އަލިފާނުގެ ސަލާމަތީ ފިޔަވަޅުތަކެއް އެޅުން ވާނީ ނާދިރު ކަމަކަށެވެ. ނުވަތަ އެކަމަށް އިތުރު ޖާގަ އާއި ފައިސާ ހޭދަކުރަން ޖެހިދާނެތީ ދެކޮޅުހެދުންތައް އަންނާނެ އެވެ. އެކަމަކު އާކިޓެކްސްޓް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލް (މާއީ) ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އުޒުރަކަށް ވެގެން ނުވާނެ އެވެ. އޭނާ ވިދާޅުވީ މާލެ އޮތް ގޮތުން ގޮންޖެހުން ބޮޑުވާނެ ކަމަށާއި އެކަމަކު "އަޅުގަނޑުމެންނަށް ވުރެ މާ ހާލުގައި ހުރި" ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ލަސްލަހުން ފިޔަވަޅުތައް އަޅައިގެން ރައްކާތެރިކަން ކަށަވަރުކޮށްފައި އެބަހުރި ކަމަށެވެ.

"ފަޔަ ސޭފްޓީ، ބިލްޑިން ސޭފްޓީ، ހިއުމަން ސޭފްޓީ، މި ހުންނަނީކީ، މިހާރު މާލެ މި އޮތީ މާ ހާލު ބޮޑުކޮށޭ، އެހެންވީމާ ދޫކޮށްލަންވީއޭ ކިޔާފައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން. މަޑުމަޑުން، މަޑުމަޑުން ރަނގަޅުކުރެވޭނެ،" މާއީ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ހަމަ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކޮންމެ މީހެއްގެ ކެޕޭސިޓީ ހުރި ވަރަކުން މަސައްކަތްކުރަން ޖެހޭނެ ކަމެއް ހެން އެއީ."

ފަޔާ ސޭފްޓީ މާހިރުން ވިދާޅުވާ ގޮތުގައި މި ޒަމާނުގައި ތަފާތު ބާވަތްތަކުގެ ހައްލުތައް ހުރި އިރު މާލޭގެ ދަތިތަކާއި އިމާރާތްތަކަށް ވެސް ގޮތްގޮތް އެބަހުއްޓެވެ.

"މިހާރު ހަދާފައި ހުރި ތަންތާނގައި ވެސް އެސްކޭޕް ރޫޓް ލެވޭނެ. ކޮންމެހެން ލާޒިމެއް ނޫނޭ ބޮޑު ސިޑިއެއް ލާކަށް. އެ އިމާރާތުން އޭނާ އަށް ނުކުމެވޭނެ ކޮންމެވެސް ގޮތެއް ބޭނުންވަނީ،" އާދިލް ވިދާޅުވި އެވެ.

"އެސްކޭޕް ރޫޓް މިހާރު އެބަހުރި ބޭރުން އަޅުވާލެވެން ވެސް. ބޭރުން ސިޑި ވައްޓާލެވެން ވެސް އެބަހުރި. އެބަހުރި ވެކިއުމްކޮށްފައި ހުންނަ ހޮޅިއެއްގައި އިނދެގެން ބިމާ ހިސާބަށް އަންނަ އެއްޗެހި ވެސް ދުނިޔޭގައި ތައްޔާރުކޮށްފައި. އެހެންވީމާ އޭގެ އެއްޗެއް ހުއްޓަސް، އެ މީހާ ފުންމާލީމަ ރާސްލާފައެއް ނުދާނެ، އެއިން ދާނީ ވެކިއުމް ވެގެން."

އެކަމަކު އަލިފާނުގެ ނުރައްކަލަށް އާއްމުން ހޭލުންތެރިކޮށްގެން ނޫނީ މިފަދަ ފިޔަވަޅުތަކަށް ތަރުހީބުދިނުން ނުވަތަ ބަލައިގަތުން ކުޑަވާނެ ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

އިމާރާތްތައް ހައްތަހާ އުސްވަނީ

މާލެ ސަރަހައްދަށް މިހާރު ގެންނަމުންދާ ބަދަލުތަކާ އެކު އިތުރު ކަންބޮޑުވުމެއް ވެސް ވަނީ އުފެދިފަ އެވެ. އިންތިހާ އަށް އުސްކޮށް އަޅަމުންދާ އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ފުރާނަ ސަލާމަތްވެދާނެތޯ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 40،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން މިދިޔަ ސަރުކާރުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރާ މެދު ބައެއް ބޭފުޅުންނަށް ބިރު އެބަ އޮތެވެ.

"ގައިމު ވެސް އަޅުގަނޑުގެ ރައްޓެއްސަކަށް ނުކެރޭނެ، އެތާ މައްޗަށް ދާކަށެއް. ފުރަތަމަ ބުރި އާއި ދެވަނަ ބުރި އެންމެ ރަނގަޅު. އޭރުން ފުންމާލިޔަސް ދެން ސަލާމަތްވެވޭނެތާ!" އާދިލް ވިދާޅުވި އެވެ.

"ކިހިނެއްތޯ 25 ވަނަ ބުރިން އެ އެންމެން ސިޑިން ފައިބައިގެން އަންނާނީ؟"

"ހިޔާ" ފްލެޓްތަކަށް ޖުލައި މަހު ކުރި ޒިޔާރާތަކަށް ފަހު އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް (އޭއޭއެމް) އިން ވަނީ އެ ތަނުގެ ޓަވަރެއްގެ ތިރީ ފްލޯތަކުގައި އެކީ އަލިފާން ރޯވެއްޖެ ނަމަ މަތީ ފްލޯތަކަށް ފޯރާނެ ފަޔަފައިޓިން ވަސީލަތްތައް ނެތް ހާލަތުގައި އިމާރާތް ހުރި ގޮތާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. އޭއޭއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިމާރާތުގައި އަލިފާނާއި ދުމުން ރައްކާތެރިވެވޭނެ ސެޕަރޭޝަން ޒޯންތަކެއް ނެތެވެ.

އާދިލް ވިދާޅުވީ އެފަދަ އުސް އިމާރާތްތަކަށް ފޯރާ ވަރު ފަޔާ އެންޑް ރެސްކިއު ހަރުގަނޑުތަކެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހުންނާނެ ކަމަށެވެ. އާދަޔާޚިލާފަށް އުސް އިމާރާތެއްގައި ބޮޑު ހާދިސާއެއް ހިނގައިފި ނަމަ މީހުން ސަލާމަތްކުރުން އެއްވެސް ތާކު ފަސޭހައެއް ނުވާނެ އެވެ. އެހެންކަމުން އެންމެ މުހިއްމީ އިމާރާތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ސަލާމަތުން ނުކުމެވޭނެ ގޮތް ރަނގަޅަށް ހުރުމެވެ.

ހިޔާ ފްލެޓުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ މީހުން ސަލާމަތްކުރާނެ ގޮތުގެ ތަމްރީނެއް އެމްއެންޑީއެފުން މި މަހު 12ގައި ބާއްވަނީ. ފޮޓޯ: އެމްއެންޑީއެފް

ސުހައިލް ވިދާޅުވީ "ހިޔާ" ޓަވަރުތަކުގައި އެމްއެންޑީއެފްގެ މިންގަނޑުތަކާ އެއްގޮތަށް އަލިފާނުގެ ރައްކާތެރިކަމަށް ފިޔަވަޅުތައް ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އޮޓޮމެޓިކުން ފެން ޖަހައި އަލިފާން ކޮންޓްރޯލްކޮށްދޭނެ ސްޕްރިންކްލާ ސިސްޓަމް އެޕާޓްމެންޓްތަކުގައި ހުންނާނެ އެވެ. ކޮންމެ އިމާރާތެއްގައި ހުންނަ ދެ ސިޑިގޮޅި ފަޔާ އެސްކޭޕް ގޮތުގައި ބޭނުންކުރެވޭ ވަރަށް ރައްކާތެރިވާނެ ކަމަށާއި ސިޑިގޮޅީގައި ހުންނާނީ އަލިފާން ނުހިފާ ދޮރު ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

"ހިޔާ" ފްލެޓްތަކަށް ޒިޔާރަތްކުރި އޭއޭއެމްގެ މެމްބަރެއް ކަމަށްވާ ނަދީމް މުހައްމަދު ވިދާޅުވީ ގިނަ ބަޔަކު ދިރިއުޅޭނެ އެ އިމާރާތްތަކުގައި ހުރީ ހަތަރު ފޫޓުގެ ހަނި ކޮރިޑޯތަކެއް ކަމަށާއި އެއީ ކުއްލިއަކަށް އެންމެން ނުކުމެގެންދާން ދަތިވާނެ ސަބަބެއް ކަމަށެވެ.

"ސިޑިގޮޅިއާ ހަމައަށް ދެވެންދެން ރައްކާތެރިވާނެ ގޮތަށް ކޮރިޑޯ ހުންނަންވާނީ ސްޕްރިންކްލާސް ލާފައި. އަޅުގަނޑުމެން ދިޔަ އިރަކު އެ ގޮތަކަށް ނެތް. އެއީ އެޕާޓްމެންޓުން ނުކުމެގެން ސިޑިއާ ހިސާބަށް ދާންވާ މަގު. އެ މަގު ހުންނަންވާނީ ވަކި އިރެއް ވަންދެން އަލިފާން ރޯ ނުވެ ހިފެހެއްޓޭ ގޮތަށް. އޭރަށްތާ ބެލް އެޅީމަ މީހުންނަށް ދެވޭނީ؟ މިސާލަކަށް ނިދާފައި ތިއްބާ ރޯވެއްޖެއްޔާ އެކަން އެނގެން ވެސް ވަގުތުތަކެއް ނަގާނެ،" ނަދީމް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ އިމާރާތެއްގެ އެތެރެ. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ފާޅުކުރައްވަމުން ނަދީމް ވިދާޅުވީ "ހިޔާ"ގެ ޓަވަރުތައް ހުރީ އިމާރާތުގެ އެންމެ ތިރީ ފްލޯތަކުގައި އެއްކޮށް ރޯވެއްޖެ ނަމަ މަތީގައި ތިބޭ މީހުންނަށް ނުކުމެވިދާނެ ގޮތަކަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"މި ކަންކަން ހައްލުކުރެވޭނެ ގޮތްތައް އެބަހުރި. ޓެކްނޮލޮޖީ އެބަހުރި. ފައިސާ ޚަރަދުކޮށްގެން ވާނީ. ދެން ސުވާލަކީ މީހުންގެ ފުރާނަތޯ، ފައިސާތޯ މުހިއްމީ،" ނަދީމް ވިދާޅުވި އެވެ.

"ހިޔާ" ފްލެޓްތަކުގައި ވެސް، މީހުން ދިރިއުޅޭ އިރު އަލިފާނުގެ ރައްކާތެރިކަން ބަލަހައްޓާނެތޯ އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. މެއިންޓެނެންސް ނުވަތަ ގަވާއިދުން ޗެކްކުރުމުގެ އިންތިޒާމުތަކެއް ނެތް ނަމަ އެ ތަނުގައި ވެސް އެއްޗެހި ހަލާކުވެ، ބޭނުން ކެނޑިގެން ދާނީ އެވެ.

މިންގަނޑުތައް ހަދަން ޖެހޭ މުއްދަތު ފާއިތުވިތާ އަހަރެއް ވަނީ

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން މާޗް 30، 2019ގައި ގެޒެޓުކޮށްފައިވާ ބިލްޑިން ކޯޑުގެ ދަށުން ހަދަން ޖެހޭ ކޮމްޕްލަޔަންސް ޑޮކިއުމެންޓްތަކުގެ ތެރޭގައި އިމާރާތްތަކަށް ފަޔާ ސޭފްޓީގެ ހަތަރު މިންގަނޑެއް ހިމެނެ އެވެ. ބިލްޑިން ކޯޑުގައި ކަނޑައަޅާފައި އޮތް ގޮތަށް މިދިޔަ އަހަރުގެ އޮކްޓޯބަރަށް އެ މިންގަނޑުތައް ނެރުނު ނަމަ މިހާރު އަމަލުކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ކަނޑައެޅި މުއްދަތަށް ކޮމްޕްލަޔަންސް ޑޮކިއުމެންޓްތައް ނިންމަން އުއްމީދާ އެކު މަސައްކަތް ފެއްޓި ނަމަވެސް ދިމާވި ހުރަހަކީ ރާއްޖެ އިން އެކަން ކުރާނެ ބަޔަކު ނުލިބުމެވެ. ބަޔަކު ހޯދަން އެކި ފަހަރު މަތިން އިއުލާންކުރުމުން ކުރިމަތި ނުލުމާއި ބޭނުންވާ އަދަދަށް ތިން ފަރާތުން ކުރިމަތިނުލުމުގެ މައްސަލަ ދިމާވީ، ފަންނީ މި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި މީހުން ރާއްޖޭގައި ނެތުމުން ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.

އެހެންވެ، ބޭރު ބަޔަކާ ހަވާލުކޮށްގެން ކޮމްޕްލަޔަންސް ޑޮކިއުމެންޓްތައް ހަދަން ވޯލްޑް ބޭންކުގެ މަޝްރޫއުއަކުން ފައިސާ ހޯދައިގެން އަނެއްކާވެސް އިއުލާންކުރި އެވެ. ނަމަވެސް މިދިޔަ ހަފްތާގައި މުއްދަތު ހަމަވި އިރު އަނެއްކާވެސް ޝައުގުވެރިކަން ފާޅުކުރީ ދެ ފަރާތަކުން ކަމަށް ވާތީ މިނިސްޓްރީ އަށް ޖެހެނީ އަލުން އިއުލާންކުރާށެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ފާތުމަތު ޝައުފާ ވިދާޅުވިގޮތުގައި މި ގޮންޖެހުމާ އެކު، ކޮމްޕްލަޔަންސް ޑޮކިއުމެންޓްތައް ހަދަން ބިލްޑިން ކޯޑުގައި ހުރި މުއްދަތުތައް އިތުރުކުރާނެ އެވެ.

"އެއީ މުހިއްމު ކަމެއް ވީމަ މުއްދަތެއް ކަނޑައެޅީ. ދެން އެ މުއްދަތުގެ ތެރޭގައި އެކްސްޕަޓީސް ހޯދައިގެން އެކަން ކުރެވޭތޯ ވަރަށް މަސައްކަތްކުރެވުނު. އެކަމަކު އެ މުއްދަތުގެ ތެރޭގައި އެކްސްޕަޓީސްއެއް ނުލިބުނު. އެހެންވީމާ ދެން މުއްދަތު އިތުރުކުރަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

"މުހިއްމީ ކޮމްޕްލަޔަންސް ޑޮކިއުމެންޓްތަކެއް ނެރެލުމެއް ނޫން. އެއީ މި ތަނަށް ވެސް ބޭނުންކުރެވޭ ރަނގަޅު އެއްޗަކަށް ވުން. އެހެންވީމާ ވަކި މުއްދަތެއް ކަނޑައަޅައިގެން މަސައްކަތްކުރިޔަސް އެއަށް ބޭނުންވާ އެންމެ ރަނގަޅު އެކްސްޕަޓީސް ހޯދައިގެން އެކަން ކުރުން އެންމެ ރަނގަޅީ."

މާއީ ވިދާޅުވީ އަޒުމެއް އޮތް ނަމަ، ބައިނަލްއަގުވާމީ ކޯޑުތަކަށް ބަލައިގެން ވަގުތީ ގޮތުން ނަމަވެސް މިންގަނޑުތަކެއް ތައާރަފްކޮށް މިހާރަށް ވުރެ ކަންކަން ރަނގަޅުކުރެވުނީސް ކަމަށެވެ. ކޮމްޕްލަޔަންސް ޑޮކިއުމެންޓްތައް ނުނިންމާތީ ބިލްޑިން ކޯޑު ހަގީގަތުގައި ތަންފީޒެއް ނުވެ އެވެ.

"ފަޔާ ރެގިއުލޭޝަންސް ކަހަލަ އެއްޗެއްސަކީ އަޅުގަނޑުމެން އެހާ ބޮޑަކަށް އިންވެންޓްކުރަން ޖެހޭ އެއްޗެއް ވެސް ނޫން. ދުނިޔޭގެ ހުރިހާ ތާކު ވެސް ވަރަށް އެއްގޮތްވާނެ،" މާއީ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާއެއްގައި ސަމާލުވާންވީ ކަންކަން ބުނެދިނުމަށް އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތުކޮޅެއް

އެންމެ މުހިއްމީ ހޭލުންތެރިކަން

އަލިފާނުގެ ހާދިސާގައި ގެއިން ނުނުކުމެވި 15 އަހަރުގެ ދަރިފުޅާ އެކު ކުރަން ޖެހުނު ތަޖުރިބާ އިން އަސްމާ ކިޔައިދޭން ބޭނުންވާ އެންމެ މުހިއްމު އެއް ވާހަކައަކީ މިފަދަ ކަންކަމަށް ހޭލުންތެރިވާން ޖެހޭ ކަމެވެ. އަސްމާ ބުނީ "އެ ދުވަހު އެންމެ ތަންކޮޅެއް ވެސް ތަފާތުކޮށް ދިޔަ ނަމަ" ދަރިފުޅު ފާޚާނާ ތެރޭގައި ތާށިވެފައި ހުންނާނީ އެކަނިމާއެކަނި ކަމަށެވެ. އެކަމަކު ކުރިންސުރެ ދަރިފުޅަށް ކަންކަން ކިޔައިދެވިފައި އޮތުމުގެ ހިތްހަމަޖެހުން އަސްމާ އަށް އޮތެވެ. ހޭލުންތެރިކުރުމުގެ މާ ބޮޑެތި ޕްރޮގްރާމްތަކެއް ސަރުކާރުން ނުހިންގާ އިރު މައިންބަފައިން އަމިއްލަ އަށް ދަރިން ހޭލުންތެރިކުރަން އަސްމާ އެދެ އެވެ.

"ސްކޫލްތަކުގައި ދޭތެރެ ދޭތެރެ އިން އެމްއެންޑީއެފްގެ ޑްރިލްތައް ބާއްވާ. އެކަމަކު އަހަރެމެންގެ މި ކޮންޖެސްޓެޑް ބިލްޑިންތަކުގައި މިހެންމިހެންނޭ ހަދަން ޖެހޭނީ އެކަހަލަ އެއްޗެހި ވަރަށް ނުފެނޭ،" އަސްމާ ބުންޏެވެ.

އަލިފާނުގެ ހާދިސާއެއް ހިނގަނީ މަދުން ކަމަށް ވެފައި ދުރާލާ ރައްކާތެރިވާން މާ ބޮޑު ސަމާލުކަމެއް ނުދެވެ އެވެ. ހާދިސާއެއް ހިނގައިފި ނަމަ ހަދާނެ ގޮތުގެ ހޭލުންތެރިކަން ވެސް ކުޑަ އެވެ. މުސްތަފާ ވިދާޅުވީ "އަލިފާން ރޯ ނުވުމަށް ވުރެ މޮޅު ގޮތެއް ނެތް" ކަމަށެވެ. ކުރަން ޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަނީ މީހުން ހޭލުންތެރިކުރުމެވެ. ހާދިސާއެއް ނުހިނގާނެ ގޮތަށް ބަލައިގެން އުޅުމަށާއި ކުދި އަލިފާން ނިއްވާލާނެ ގޮތާއި ހާދިސާއެއްގައި ކަން ކުރާނެ ގޮތް އާއްމުންނަށް އަންގައިދިނުމެވެ. އެކަމަކު ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތް ވެވޭނެ ގޮތެއް ހުރުން މަޖުބޫރުކަން މުސްތަފާ ފާހަގަކުރެއްވި އެވެ.

"އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދެ ކަމަކަށް. އެއީ މީހުން ހޭލުންތެރިކުރުމަށާއި މީހުންނަށް އިމަޖެންސީ އެސްކޭޕް ބެހެއްޓުމަށް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް، އެންމެ އިސްކަމެއްގެ ގޮތުގައި ފެނިގެންދާން ބޭނުންވޭ މީހުން ހޭލުންތެރިކުރުމަށްޓަކައި މަސައްކަތްކުރާ ތަން."

17 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުސް.

21 September 2020

އަލިފާނުގެ ނުރައްކަލަށްވުރެ މާ ބޮޑު ނުރައްކަލެއްނުން މިހާރު ކުރިމަތިވެގެން މި އުޅެނީ. މާލޭގައި ވެހިކަލް ނުވެއްދޭ ވަރުގެ ހަނިހަނި ގޯޅިތަކުގައި ކުނިތަށް ޖަމާކޮށް ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް އަންނާނީ ކޮންދުވަހަކުންބާ އޭ ހިތަށް އަރާ. އެފަދަ ގިނަގޯޅިތަކުގައި އުޅޭ މީހުންނަށް ކުރިމަތިވެފައިވާ ބޮޑުވެގެންވާ މުޞީބާތަކަށް އެކަން ވެއްޖެ. ކާބޯތަކެތީގެ އިތުރުން ބާ ފަރުނީޗަރުތަކުން ގޯޅިން މަގަށް ނުކުންނަ ތަންކޮޅު އޮންނަނީ ފުރިބާރުވެފައި.

The name is already taken The name is available. Register?

މުލަރު ހަސަނުގެ އައިސާ

21 September 2020

ދުނިޔެއަށް ކުރިމަތިނުވާވަރުގެ ބޮޑު ކާރިސާއެއް ކުރިމަތިވީމާ، ގޭގައި ރަށުގައި މަސައްކަތްކުރެވެން އޮއްވާވެސް އެކަން ނުކޮށް، ރަށަށްދިޔަމީހުންވެސް އަނބުރާގެނެސް، ސުކޫލު ދެހަފްތާއިން ބަންދުކޮށް ކުދިންނާއި ބެލެނެިވެރިން މިއޮށްކުޑަރަށުގައި އޮބަހައްޓައި މަރަށް ހުށަހެޅިހުށަހެޅުމުން، މިރާއްޖޭގެ މާލޭގެ ރައްވެހިން މަމެން ރާއްޖެތެރޭމީހުން އަޅުވެތިނުކޮށް ދުވަހަކުވެސް ދޫނުކުރާނެކަން އެނގިއްޖެ! ދެންކޮން ބިލްޑިން ކޯޑެކޭ ؟ މަތީވަޒީފާ ބޭނުން މަމެންވެސް! ނުދާނަން!

The name is already taken The name is available. Register?

ރަށޤޗ

21 September 2020

ކިހިނެތް ތިކަން ކުރާނީ.ދޮރެއް ހުރިއާއި ތަޅު ލާ ތަގުޑީ ކޮށްގެން މި އުޅެން ޖެހޭނީ.ކުޑަދޮރު ތަކު ގަ ތެރި ޖަހާ ބޮޑު ދޮރު ތައް ޑަބަލް ލޮކް ކޮއަގެން. ދެން ކިހިނެތް ފަޔަދޯ ލާ ފަޔަ އެސްކޭޕް ލާނީ، ލިޔަސް ުއްނާނީ ތަޅުލަފަ. އެނޫން ގޮތަކަށޤ އުލޭވޭކަތް ނެތް މި މާލެ އަކު

The name is already taken The name is available. Register?

އަހްމަދު 55

21 September 2020

އިމާރާތުގެ ބޭރުގަ ޖަހާފަ ހުންނަ އެލުމިނިއަމް ޕްލާސްޓިކް ލެމިނޭޓަޑް އެއްޗިހި ރާއްޖޭގަ ބޭނުންކުރުން އެހާ ރައްކާތެރިއެއްނޫން! މިހާރުން މިހާރަށް އެ ބޭންކުރޭ! އޭގެން އަލިފާން ސްޕްރެޑްވާން ވަރަށް ފަސޭހަ އެއް އިމާރާތުން އަނެއް އިމާރާތަށް. ޖެހިޖެހިގެން އިމާރާތްކޮށްފަ ހުންނައިރު ހުރިހާ ލަގްޒަރީއެއް ލިބޭނެކަމަށް ވިސްނައިގެން ނުވާނެ!

The name is already taken The name is available. Register?

ގަޓް ބްރޯ

21 September 2020

ސަރުކާރުތަކުގެ ކޮރަޕްޓްކަން ކަނޑުވާލައިގެން ނޫނީ ތިޔަފަދަ އެއްވެސް ކަމެއް ހައްލެއްނުވާނެ. ގާނޫނާ ގަވައިދުތައް ހަދަންވެސް ތިބީ އިންސާނުން އެގަވައުދުތައް މުގުރާފަ ރިޝްވަތުދީ ރިޝްވަތު ކާންވެސް ތިބީ ހަމަ އިންސާނުން.

The name is already taken The name is available. Register?

ޢަފްލާ

21 September 2020

ބުއްދިއެއްނެތް ދެއުޅި ވެރިކަމށް އައިސް ގެން ހުރިހާ ތަނެއް ވީރާނާވާން ދޫކޮށްފަ ލިބެ އެހީއާއި އެއްޗެހި ޕާޓީ މީހުނަށް ބަހާލާފަ ކޮންކަމެއް ކުރެވޭނީ

The name is already taken The name is available. Register?

ދޮންކަތްދާ

21 September 2020

ތިބުނާ ވިސްނޭބަޔަކު ކޮންކަމެއްކުރީ ؟ ބާކީ ތިބިމީހުންވެސް މާލެގެނެވޭތޯ ކުރީސަރުކާރުން ވެސް އުޅުނީ! ދެބައިގައިވެސް ތިބީ މާލޭގެ ރަށްވެހި ބޮޑުން! އެމީހުންގެ ޢަމަލާއި ނިޔަތަކީ އެކައްޗެއް! ގުނބޯ ހެދެނީ ނިކަމެތި ރާއްޖެތެރޭ މީހާ! މޮޔައިގައި ނުޖެހޭ!

The name is already taken The name is available. Register?

ހަސަން އަލި

21 September 2020

ހައްލަކީ މާލެ ނޫން ގޮތެއް .

The name is already taken The name is available. Register?

ބިސްބުރި

21 September 2020

ރައްޔިތުންނަށް ހިދުމަތް ކޮށްދޭ ވެރިކަމެއް އަދި ނާދޭ. މުޅިންވެސް މަހުޖަނުންގެ ވެރިކަން.

The name is already taken The name is available. Register?

ޖުލައި2020

21 September 2020

ހައްލަކީ މާލެ ހުސްކުރުން. އެހެން ތަންތާގަ ވަސީލަތްތަށް ގާއިމުކޮށް މާލެނައިސް ހުރިހާކަމެއްކުރވޭނެގޮތް ހެދުން

The name is already taken The name is available. Register?

ލައިޓް

21 September 2020

އަލިފާން ނިއްވުން ވ. މުހިންމު. އެކަމަކު އެއަށްވުރެކުރިން ބަނޑުފުރާނަ މުއްތިކުރުން މާ މުހިންމު. އަލިފާންނިވި ތައް އިންތިހާ ޔަށް އަގުބޮޑު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454