އަޔޫޝްމަން.
23 ސެޕްޓެމްބަރ 2020 - 10:50
އެމެރިކާގެ މަޝްހޫރު ނޫސް މަޖައްލާ "ޓައިމް" އިން މި އަހަރު އެކުލަވައިލި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކްރާނާ ހިމެނިއްޖެ އެވެ.
އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓްގައި 36 އަހަރުގެ އެކްޓަރު ހިމެނުނީ އާޓިސްޓުންގެ ކެޓަގަރީގަ އެވެ.
އަޔޫޝްމަންއާ އެކު އެ ދާއިރާ އިން ލިސްޓްގައި ހިމެނުނު ފަންނާނުންގެ ތެރޭގައި ކެނެޑާގެ މިއުޒިޝަން ދަ ވީކެންޑާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާއި ލަވަކިޔުންޔެރިޔާ ޖެނިފާ ހަޑްސަނާއި އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑްސްގައި ފިލްމު "ޕެރަސައިޓް" އިން އާ ރެކޯޑްތަކެއް ހެދި ދެކުނު ކޮރެއާގެ ޑައިރެކްޓަރު ބޮންގް ޖޫން ހޯގެ އިތުރުން އެކްޓަރު މައިކަލް ބީ ޖޯޑަން ފަދަ ފަންނާނުން ހިމެނެ އެވެ.
CONFIRMED... #Time - the hugely respected #US magazine - unveils #TIME100 in 2020... Features #AyushmannKhurrana amongst the most influential people in the world along with several global icons, leaders and titans who have had the most impact this year. pic.twitter.com/UDI3ggk6dP
— taran adarsh (@taran_adarsh) September 23, 2020
ޓައިމްގެ ލިސްޓުން އަޔޫޝްމަނަށް ޖާގަ ލިބުނު އިރު އޭނާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އަދި ކާމިޔާބު ޒުވާން އެކްޓަރުންގެ އެންމެ ކުރީގައި ގުނައިލެވޭ އެކެކެވެ. އަޔޫޝްމަންގެ އެންމެ ހާއްސަ ކަމަކީ އޭނާ ކުޅޭ ފިލްމުތަކުގެ ކޮންޓެންޓެވެ. އެގޮތުން އަޔޫޝްމަން މިހާތަނަށް ކުޅުނު ކޮންމެ ފިލްމަކީ ވާހަކައިގެ ގޮތުން ވަރަށް ތަފާތު އަދި ކްރިޓިކުން ވެސް ސިފަކުރާ ގޮތަށް ވަރަށް "އަންކޮންވެންޝަނަލް" ފިލްމުތަކެވެ. އަދި އަޔޫޝްމަނަކީ އެފްދަ ފިލްމުތައް ބޮކްސް އޮފީހުގައި ހިޓްކޮށްގެން، ފިލްމެއްގެ އެންމެ މުހިއްމު އެއްޗަކީ އޭގެ ކޮންޓެންޓްކަން ވެސް ސާބިތުކޮށް ދީފަ އެވެ.
Introducing the 2020 #TIME100 featuring the pioneers, artists, leaders, icons and titans who have had the most impact this year https://t.co/FA12jF1B2P
— TIME (@TIME) September 23, 2020
ފިލްމު "ވިކީ ޑޯނާ" އިން 2012 ގައި ބޮލީވުޑަށް ނުކުތް އެކްޓަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދަމް ލަގާ ކޭ ޚައިޝާ" އާއި "ބެރިލީ ކީ ބަރްފީ" އާއި "ޝުބް މަންގަލް ސާވްދާން" އާއި "ބަދާއީ ހޯ" އާއި "އަންދާދުން" އަދި "އާޓިކަލް 15" އިން "ބާލާ" އަދި "ޑްރީމް ގާލް" ހިމެނެ އެވެ. އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ގްލާބޯ ސިތާބޯ" އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަނާ ބެހޭ ގޮތުން "ޓައިމްސް" ގައި ބަތަލާ ދީޕިކާ ޕަދްކޯން ބުނެފައި ވަނީ އަޔޫޝަމަންގެ ފުރަތަމަ ފިލްމާ އެކު ވެސް އޭނާ އަކީ ބޮލީވުޑަށް ބަދަލެއް ގެނުވައިދޭ ފެންވަރުގެ އެކްޓަރެއްކަން ގަބޫލުކުރެވުނު ކަމަށެވެ. އަދި އެކަން ހުނަރުވެރި އެކްޓަރު މިހާރު ސާބިތު ވެސް ކޮށް ދީފި ކަމަށާއި އެއީ އިންޑިއާ ފަހުރުވެރިވާ ފަދަ ފަންނާނެއް ކަމަށް ބުންޏެވެ.
ހުނަރުވެރި ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ފަންނާނު އެކްޓިން އަށް ނުކުތުމުގެ ކުރިން ރިއަލިޓީ ޝޯތަކުގައި ބައިވެރިވެ، ހޯސްޓްކޮށް، ވީޖޭއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އަޔޫޝްމަނަކީ ދެ ކުދިންގެ ބައްޕައެކެވެ.
"ޓައިމް" ގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން އަޔޫޝްމަނަށް ޖާގަ ލިބުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy