ކޮވިޑް-19

ގެ އަށް ކޮވިޑް ވައްދާ މީހަކަށް އަހަރެން ނުވާނަން

މާލޭގެ މަގުމަތީގައި ބަޔަކު ދުއްވާ އެއްޗެހީގައި ދަނީ: ކޮވިޑުން ރައްކާތެރިވުމަށް އަމިއްލަ ޒިންމާ ވެސް ވަރަށް ބޮޑު.

26 ސެޕްޓެމްބަރ 2020 - 19:35

2 comments

ކޮވިޑްގެ ބަދަލުވަމުންދާ ހާލަތްތަކާ އެކު ރާއްޖެ އަށް ވެސް އޭގެ ދެ ވަނަ ރާޅެއް މި ވަނީ ބިންދާލައިފަ އެވެ. މިހާރު އެ ރާޅުގެ ބާނިތަކުގެ ތެރެއިން ނުކުމެ، ކޮންމެވެސް ވަރަކަށް ހައްލެއް ލިބެމުން އައިސް، ޕޮޒިޓިވްވާ މީހުން މަދުވަމުން އައި ނަމަވެސް، އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުން އަތް ދޫކޮށްލެވޭކަށް ނެތެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާސްކް އަޅައިގެން ބޭރުގައި އުޅުން މަޖުބޫރުކޮށްފައި އެ އޮތީ ވެސް އެހެންވެ އެވެ. ނުރައްކަލަކަށް ބަދަލެއް ނާދެ އެވެ.

ކޮވިޑް ހުއްޓުވުމާ ގުޅޭ ގައުމީ ކެމްޕޭންގައި އާއްމުންގެ ހޭލުންތެރިކަން އިތުރުކުރަން ވާހަކަ ދައްކަވަމުން ޕަބްލިކް ހެލްތު އެކްސްޕާޓް، ޑރ. ޝީނާ މޫސާ ދާދި ފަހުން ވިދާޅުވީ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެތުރިފައި އޮތް ކޮވިޑް-19 އިން އަރައިގަނެވޭނީ އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލަނބައިގެން ކަމަށެވެ. ކޭސްތައް އިތުރުވާން ފެށުމާ އެކު މާސްކް މަޖޫބޫރުކުރުމުން، އެ އަޅައިގެން ބޭރަށް ނުކުންނަން ހަނދާން ހުއްޓަސް، އަތް ދޮވުން ފަދަ މުހިއްމު ފިޔަވަޅުތަކަށް ފަރުވާކުޑަކުރެވޭކަން ޕޮޒިޓިވްވާ މީހުންގެ އަދަދުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާސްކަކީ އަބަދު އަތްލައި އުޅޭ އެއްޗެއް. މާސްކް ތިރިކުރަން ނުވަތަ ރަނގަޅު ކޮށްފައި އުޅޭއިރު ހޭންޑް ހައިޖިން މަތިން މިހާރު އެބަ ހަނދާން ނެތޭކަން ފާހަގަކުރެވޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ފަދައިން، މުޖުތަމައުގައި "ނިއު ނޯމަލް" އުސޫލުގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މާސްކް އަޅައިގެން އުޅޭއިރު ސަމާލުވާން ޖެހޭ ކަންތައްތައް ހަނދާން ނެތެމުންނެވެ. މާސްކް އަޅައިގެން ބޭރުގައި ސަމާލުނުވެ އުޅެފި ނަމަ ބަލި ހިފައިގެން ގެ އަށް ދާ މީހަކަށް ތިމާ ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މާސްކް އެޅުމުގެ ބޭނުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމެވެ. އެކަމަކު، މާސްކް އެޅުން އޭގެ ބޭނުން ނުހިފޭ ގޮތަކަށް އަޅައިގެން ހުރެފި ނަމަ އޭގެން ކުރަން ޖެހޭ މަންފާ ނުކުރާނެ އެވެ. ލިބެން ޖެހޭ ރައްކާތެރިކަމެއް ނުލިބޭނެ އެވެ.

ތަފާސްހިސާބުތަކުން ފެންނަން އޮތް ބޮޑު ހަގީގަތަކީ ގެ އިން ބޭރަށް ނުނިކުންނަ މީހުންނަށް ވައިރަސް ޖެހޭ ނިސްބަތް ހީކުރާ ވަރަށް ވުރެން ގިނަކަމެވެ. ޔަގީނުން ވެސް އަދި މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގެން އޮތް ހަގީގަތަކީ، މިއީ އޭގެ ޒާތުގައި ވައިގެ ތެރޭގައި ދައުރުވާ އެއްޗެއް ނޫން ކަމެވެ. ވައިރަސް ގޭގެއާ ހަމައަށް ދަނީ ކޮންމެވެސް މީހެއް މެދުވެރިކޮށެވެ. އެހެންވުމުން، ގެ އަށް ވައިރަސް ނުވަނުމުގެ ހުރިހާ ޒިންމާއެއް އޮތީ އެ ގެއެއްގައި ދިރިއުޅޭ ވަކިވަކި ފަރުދުންގެ އަތުގަ އެވެ.

އާއްމުން އެއްތަނަކަށް ޖަމާވާ ފަދަ ކަންކަން ނުކުރުމާއި ޕާކުތަކާއި ރެސްޓޯރަންޓްތަކަށް ދިޔަސް ގިނައިރުތަކެއް ވަންދެން ނުތިބުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ވިސްނަން ޖެހެ އެވެ. ކޮފީ އަށް ދިއުން ފަދަ ކަންކަމުގައި ހޭދަކުރާ ވަގުތު މަދުކޮށް، ވިޔަފާރިތައް ހިންގާ މީހުން ވެސް މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން ގިނަ ވަގުތު އެއް ތަނެއްގައި އުޅެން ހިތްވަރު ނުދީ، ވަގުތު މަދުކުރަން ބާރުއެޅުމަކީ ދިރިއުޅުމުގެ އާދަކާދަތަކަށް މިހާރު މި އޮތް "ނިއު ނޯމަލް" އުސޫލުތަކުގެ ތެރެއިން ގެނެވިދާނެ މުހިއްމު ބަދަލެކެވެ. ޑރ. ޝީނާ ދެކެވަޑައިގަންނަވާ ގޮތުގައި، މާލޭގެ ކާރޫބާރޫބޮޑު މާހައުލުގެ ތެރޭގައި ވެސް މި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެ، ވިސްނަން ޖެހެ އެވެ.

"ވަކި ފަރުދެއް ނޫން، އިންސްޓިޓިއުޝަންތަކުން ވެސް މި ބަދަލަށް މަސައްކަތް ކުރަން ޖެހޭ. ސަރުކާރު އޮފީސްތަކުން ވެސް ކުރަން ޖެހޭ. ވަރަށް ގިނައިން ކައުންޓަ ސާވިސަސް ދޭއިރު އޮންލައިންކޮށް ދޭ ގޮތަށް ބަދަލުކުރެވިދާނެ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ދިރިއުޅުމުގެ ބައެއް ކަންތައްތައް ފުރިހަމަކުރަން ޒަރޫރީ ބޭނުންތަކުގައި އަދިވެސް އޮތީ މާލެ އަށް ބަރޯސާވާން ޖެހިފަ އެވެ. އެހެންކަމުން، ހާއްސަ އުސޫލެއްގެ ދަށުން ރަށްރަށުން މީހުން މާލެ އަންނަން ޖެހެ އެވެ. ހަމަ އެ ގޮތަށް، މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން އިގްތިސާދީ ގޮތުން ދިމާވެފައިވާ ބޮޑެތި ދަތިކަމާ ހުރެ މާލެ ދޫކޮށް ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ވެސް ބަދަލުވަމުންނެވެ. މާލެ ސަރަހައްދަކީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދެވެ. މި ސަރަހައްދުން ރަށަށް ދާ މީހުން ކަރަންޓީނުގެ މުއްދަތަކަށް ގޭގައި ހުރެފައި ނުކުންނައިރު، ކޮވިޑް-19 އަށް ޓެސްޓްކޮށްފައި އާންމުންގެ ތެރެއަށް ދޫކޮށްލި ނަމަވެސް ފަހަކަށް އައިސް ފެންނަން އޮތީ، ކަރަންޓީނުގެ މުއްދަތުގައި އުސޫލާ ހިލާފުވެ ބޭރަށް ގޮސް އުޅުމުގެ ސަބަބުން އެކި ރަށްރަށުގައި ކޮވިޑް-19 ފެތުރޭ މައްސަލަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގުގެ ބަހުން ނަމަ، ރަށްރަށަށް ފޮނުވާ މީހުން އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓާ ނަމަ، އެ ލިބެނީ ވަރަށް ބޮޑު ގެއްލުމެކެވެ. އެއީ، ވޭތުވެ ދިޔަ ހަ މަސްދުވަހު، ބަލި ކޮންޓްރޯލް ކުރުމުގައި ހޯދި ކުރިއެރުން ގެއްލިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ޑރ. ނަޒްލާ ސިފަކުރެއްވި އެވެ.

"ހަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރި ބުރަ މަސައްކަތާއި އެ ދުވަސްތަކުގައި ރައްޔިތުން ތަހައްމަލުކުރި ބުރަ އެއްވެސް ބޭނުމެއް ނެތް ގޮތުގައި ދާނީ ބޭކާރުވެގެން އެހެންވެ އަޅުގަނޑުމެންގެ އިލްތިމާސެއް މިއީ ހުރިހާ ބޭފުޅުން ވެސް އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ލޮކްޑައުންގައި ނޫނަސް ސަމާލުވާން ޖެހޭ ކަންތައް އެބަހުރި

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެން ފެށިއިރު މާލެ ސަރަހައްދު ލޮކްޑައުންގައި އޮތްއިރު ބޭރަށް ނުކުމެ އުޅެވޭ އެކި އުސޫލުތައް އެޗްޕީއޭގެ ލަފާގެ މަތިން އާއްމުކުރި އެވެ. ހަފްތާ އަކު ވަކި ދުވަސްތަކެއްގައި ކޮންމެ ގޭބިސީއަކުން މީހަކު ނުކުންނަ ގޮތަށެވެ. ފަހުން އެ އަދަދު އިތުރުކޮށް ވެސް ދިނެވެ. ބޭރަށް ނުކުންނަ މީހާ ހާއްސަކޮށް ފަރުވާތެރިވާން ލަފާ ވެސް ދިނެވެ. މީގެ އިތުރުން، ވިޔަފާރިތަކުން ޑެލިވަރީ ކޮށްދޭން ހަމަޖައްސާފައިވާ މީހުން ގައިދުރުކަން ބަހައްޓައިގެން އަމަލު ވެސް ކުރި އެވެ. އަދި ގޭގެ އިން ޑެލިވަރީ ކުރާ އެއްޗެހި ގެނެސް ބޭނުންކުރަން ފަށަނީ އެ ދޮވެ ސާފުކޮށްގެންނެވެ.

ދިރިއުޅުމަށްޓަކައި މަސައްކަތްކުރަން ޖެހޭއިރު ބޭރުގައި އުޅެން ޖެހޭ ވަގުތު ބިނާވަނީ އެ މީހަކު ކުރަން ޖެހޭ މަސައްކަތެއްގެ މައްޗަށެވެ. އެކި މީހުންނަށް އޮންނަނީ މަސައްކަތްކުރުމަށް އެކި ވަގުތެވެ. އެކަމަކު، އެ ހުރިހާ ވަގުތެއްގައި ވެސް ވިސްނަން ޖެހޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށެވެ. އެއީ ގައިންގަޔަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔަކަށް ވާއިރު، ތިމާ އަކީ ބަލި ހިފައިގެން ގެ އަށްށް ދާ މީހާއަށް ވެއްޖެ ނަމަ، ބަލީގެ ނުރައްކަލަށް އެ ހުށަހެޅެނީ ގޭގައި ތިބޭ އެންމެނެވެ. އެހެންކަމުން ވީ އެންމެ ފުރިހަމައަކަށް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުން މުހިއްމެވެ. ބަލި ޖެހުނަސް ފަސޭހަ އިން ރަނގަޅުވާ މީހުން ގިނަޔަސް، ވައިރަހުގެ ނުރައްކާ ބޮޑުވެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ މީހުން ވެސް ތިބީމަ އެވެ.

ކޮވިޑް-19 ހުއްޓުވަން އެކި ގޮތްގޮތަށް އެކި ފިޔަވަޅު އެޅިއްޖެ އެވެ. ހަރުކަށި ފިޔަވަޅުތަކެއްގައި ވެސް ދުވަސްތައް ހޭދަކޮށްފީމެވެ. ލުއިތަކެއް ދީފައިވާތީ މިހާރު މި އަންނަނީ އެ ހާލަތަށް ހޭނެމުންނެވެ. މި ބަލި ކޮންޓްރޯލް ކުރުމުގެ އަޒަމުގައި އެންމެން ވެސް މަސައްކަތްކޮށްފި ނަމަ މީގެ ނަތީޖާ ރަނގަޅުވާނެ އެވެ.

ކޮވިޑް-19 އިން އަމިއްލަ ނަފްސާއި އެހެން މީހުން ރައްކާތެރިކުރުމުގައި ކޮންމެ މީހަކަށް ވެސް މުހިއްމު ރޯލެއް އަދާކުރެވޭނެ އެވެ. އެއީ އެ މީހެއްގެ އަމިއްލަ ޒިންމާއާ ގުޅިފައިވާ ކަމެކެވެ. އަދި ރައްކާތެރިވުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް އެހެން މީހުންނަށް ވެސް ނަސޭހަތްތެރިވެގެންނެވެ. އަމިއްލަ ގެ އަށް ކޮވިޑް-19 ނުވައްދާ މީހަކަށް ތިމާ ވުމުގެ އަމާޒުގައި މަސައްކަތްކުރާ ނަމަ، އެއީ މި ބަލިމަޑުކަމުން އަރައިގަނެ އާއްމު ހާލަތަކަށް ގެންދަން ވެވޭވެ އެންމެ ބޮޑު އެއް އެހީ އެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްޓިގްމާ

26 September 2020

މިފަދަ ހެޑްލައިންތަކުން މީހުން ސްޓިގްމަޓައިސްވުން ވަރަށް ގާތް.

The name is already taken The name is available. Register?

ކުނޫޒް މާމަ

26 September 2020

ފުރަތަމަ ދުވަހުންފެށިގެންވެސް ބޯޑަރ އެއްކޮށް ބަންދުކޮށްލިނަމަ މިއަދު ނުޖެހުނީސް ތިހެން ފާޑުފާޑުގެ ކެންޕޭން ކުރާކަށް ކޮވިޑް ހުއްޓުވާކަށް،ރިޒްގު ދެއްވަނީ ﷲ،އެކަލާނގެ އަށް ކިޔަމަން ތެރިވާ އެއްވެސް އަޅަކު ދޫކޮށެއް ނުލައްވާނެ،އެމީހަކަށް ކޮންމެސް ގޮތަކުން ރިޒްގު ދެއްްވާނެ،ރާއްޖޭގައި ވީގޮތަކީ ލިބޭތާ ލިބިގަންނަން ތެޅި ބޭލީމަ ފަހު ވަގުތު އަތަށް ގޮވީ،އޮޑިޓް ރިޕޯޓް ތަކުން އެނގޭ ކަންކަން ކޮށްފައި އޮތްގޮތް ރައްޔިތުންނަށް ހާލު ޖެހުނު ދުވަހު،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454