ކުޅިވަރު / ބާސެލޯނާ

ޔުވެންޓަސް އާއި ބާސެލޯނާ އެއް ގްރޫޕަކަށް

ޔުވެންޓަސްގެ ރޮނާލްޑޯ އާއި ބާސެލޯނާގެ މެސީ.-- ފޮޓޯ: އޭއެފްޕީ

01 އޮކްޓޯބަރ 2020 - 23:15

2 comments

ނިޔޯން، ސްވިޒަލެންޑް (އޮކްޓޫބަރު 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުރިއަށް އޮތް ސީޒަނުގައި ލިއޮނަލް މެސީގެ ބާސެލޯނާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ބާސެލޯނާ އިން ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލައިލީ 2015 ވަނަ އަހަރު ފައިނަލުގައި ޔުވެންޓަސް ބަލިކޮށްފަ އެވެ. އޭރު ޔުވެންޓަސްގެ މެދުތެރެއަށް ކުޅުނު އަންދްރެއާ ޕިރްލޯ އަކީ މިހާރު ޔުވެންޓަސްގެ ކޯޗެވެ. މި ފަހަރު މި މެޗު ބޮޑަށް ހާއްސަވާނީ މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. ރޮނާލްޑޯ މީގެ ކުރިން ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ޖޯޒީގައި ބާސެލޯނާއާ ދެކޮޅަށް ކުޅެފަ އެވެ. މިއީ އޭނާ ޔުވެންޓަސްއާ ގުޅުނު ފަހުން ބާސެލޯނާއާ ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ.

ގްރޫޕް ޖީގައި ބާސެލޯނާ އާއި ޔުވެންޓަސްގެ އިތުރުން ދެން އޮތީ ޔޫކްރޭނުގެ ޑިނަމޯ ކިއޭވް އާއި ދިގު މެދުކެނޑުމަކަށް ފަހު މި މުބާރާތުގައި ވާދަކުރާ ހަންގޭރީގެ ފެރެންސްވަރޯސް އެވެ.

މި ފަހަރުގެ އެންމެ ވަރުގަދަވާނެ ކަމަށް ބެލެވޭ ގްރޫޕަކީ ގްރޫޕް އެޗް އެވެ. އެ ގްރޫޕްގައި އޮތީ ފްރާންސްގެ ޗެމްޕިއަން އަދި މިިދިޔަ އަހަރުގެ ފައިނަލުން ބަލިވި ޕީއެސްޖީ އާއި މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން މިދިޔަ އަހަރު ކުއާޓާ ފައިނަލުގައި ކުޅުނު ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަދި ތުރުކީގެ އިސްތަންބޫލު ބަސެކްޝެހިރް އެވެ. ޔުނައިޓެޑްގެ ކޯޗުކަމާ އޮލެ ގުނަ ސޯލްޝެއާ ހަވާލުވުމަށް ފަހު ވަނީ މީގެ ދެ އަހަރު ކުރިން ޕީއެސްޖީގެ މައްޗަށް މުބާރާތުގެ ދެ ވަނަ ބުރުގައި ކުރިހޯދައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އޮތީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި އޮސްޓްރިއާގެ ސަލްޒްބާގް އަދި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ އެކު ގްރޫޕްއޭ ގަ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ގްރޫޕް ބީގައި ލައްވާލިއިރު، އެ ޓީމު ނުކުންނާނީ ޔޫކްރޭނުގެ ޗެމްޕިއަން ޝަހުތަރު ޑޮނެސްކާއި މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ބަލިވި އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ އިންޓަ މިލާނުގެ އިތުރުން ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ.

ގްރޫޕް ސީގައި އޮތީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ މެންޗެސްޓާ ސިޓީ އާއި ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯ، ގްރީސްގެ ޗެމްޕިއަން އޮލިމްޕިއާކޯސް އަދި ފްރާންސްގެ މާސޭ އެވެ. މިއީ ނިސްބަތުން ބަލާއިރު ސިޓީ އަށް އުނދަގޫ މެޗުތަކެއް އޮތް ގްރޫޕެކެވެ.

މުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލާފައިވާ އިންގްލެންޑްގެ ޗެމްޕިއަން ލިވަޕޫލް އޮތީ ގްރޫޕް ޑީގަ އެވެ. ދެން މި ގްރޫޕްގައި އޮތީ ނެދަލެންޑްސްގެ ޗެމްޕިއަން އަޔަކްސް އާއި މިދިޔަ އަހަރު މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި އިޓަލީގެ އެޓަލަންޓާ އަދި ޑެންމާކުގެ މިޓްޔައެލަންޑް އެވެ. މި ގްރޫޕްގައި އޮތް އަޔަކްސް އާއި ލިވަޕޫލް އެންމެ ފަހުން ޔޫރަޕްގައި ވާދަވެރި މެޗެއްގައި ކުޅެފައިވަނީ 1996-1967 ވަނަ އަހަރުގެ ސީޒަނުގަ އެވެ.

ގްރޫޕް އީގައި ޗެލްސީ އޮތީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ އާއި ރަޝިއާގެ ކްރަސްނޯޑާ އަދި ފްރާންސްގެ ރެނެސްއާ އެކު އެވެ. މިދިޔަ ސީޒަނުގައި ޗެލްސީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓީ މުބާރާތުގެ ތަށި އުފުލާލި ބަޔާން އަތުންނެވެ. ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް އޮތީ ރަޝިއާގެ ޗެމްޕިއަން ޒެނިޓް އާއި އިޓަލީގެ ލާޒިއޯ އަދި ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ އެކު ގްރޫޕް އެފްގަ އެވެ.

މިދިޔަ ސީޒަނުގައި ޔޫރަޕްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދީ ބަޔާންގެ މެނުއަލް ނޯޔާ އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ބަޔާންގެ ޔޯސުއާ ކިމިކް ހޮވުނުއިރު، އެންމެ މޮޅު ފޯވާޑަކީ އެ ޓީމުގެ ރޮބަޓް ލެވަންޑޯސްކީ އެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ބެލްޖިއަމް ގައުމީ ޓީމުގެ ތަރި ޑިބްރޭނާ އެވެ.

ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް މި ފަހަރު ހާސިލްކުރީ ޗެލްސީއާ އެކު 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އައިވަރީ ކޯސްޓުގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ އެވެ. ޑްރޮގްބާ ވަނީ ޗެލްސީގެ އިތުރުން ތުރުކީގެ ގަލަސަތަރާއިއާ އެކު ޗެމްޕިއަންސް ލީގުގައި ކުޅެފަ އެވެ.

ޗެމްޕިއަންސް ލީގުގެ މެޗުތައް ފަށާނީ މި މަހު 20 ވަނަ ދުވަހު އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކްލޮޕް

02 October 2020

ލިވަޕޫލް ހަފަހަރު ޗެމްޕިއަންސް ލީގު ނެގި.

The name is already taken The name is available. Register?

.ނިއުމާ

02 October 2020

ޗެލްސީ ޗެމްޕިއަންސް ލީގް ކާމިޔާބުކުރީ 2012 ވަނަ އަހަރު! 2013 ވަނަ އަހަރަކު ނޫން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454