ޕާޓޭ (ކ) އާއި ކަވާނީ. --ފޮޓޯ: އޭއެފްޕީ
06 އޮކްޓޯބަރ 2020 - 09:06
މެންޗެސްޓާ (އޮކްޓޫބަރު 6) – ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު މެންޗެސްޓާ ޔުނައިޓެޑުން އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ގެނައިރު އާސެނަލުން އެތުލެޓިކޯ މެޑްރިޑުގެ ގާނާ މިޑްފީލްޑަރު ތޯމަސް ޕާޓޭގެ ސޮއި ހޯދައިފަ އެވެ.
އުމުރުން 33 އަހަރުގެ ކަވާނީ ހުރީ ޖޫން މަހު ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމުން ކްލަބެއް ނެތި އެވެ. އޭނާ ޔުނައިޓެޑާ އެކު ސޮއިކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ކަވާނީ ވަނީ ޕީއެސްޖީގައި ހޭދަކުރި ހަތް ސީޒަނުގައި 200 ގޯލް ޖަހައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ.
ޔުނައިޓެޑުން ދެން ގެނައި އެންމެ މުހިއްމު ކުޅުންތެރިތަކީ ޕޯޓޯ އަށް 19 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ސޮއިކުރުވި ބްރެޒިލް ވާތު ބެކް އެލެކްސް ޓެލެސް އެވެ. އަދި ބޮރޫޝިއާ ޑޯޓްމަންޑުގެ ވިންގާ ޖޭޑަން ސަންޗޯ އާއި ބާސެލޯނާގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ނުލިބުމުން ބަދަލުގައި ގެނައީ ޒުވާން ދެ ވިންގެވެ. އެއީ އެޓަލާންޓާގެ ވިންގާ އަމަޑް ޑިއާޔޯ އަދި އުރުގުއޭ ވިންގާ ފަޗުންޑޯ ޕެލިސްޓްރީ އެވެ. މީގެ ތެރެއިން ޑިއާޔޯ ކްލަބާ ރަސްމީކޮށް ގުޅޭނީ ޖެނުއަރީ މަހު އެވެ. އެ ޓީމުން ވަނީ ނެދަލެންޑްސް މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް ކުރިން ގެނެސްފަ އެވެ.
ވާދަވެރި އާސެނަލުން ހުނަރުވެރި މިޑްފީލްޑަރު ޕާޓޭ ގެނައީ އެތުލެޓިކޯއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 59 މިލިއަން ޑޮލަރު ދައްކައިގެންނެވެ. އުމުރުން 27 އަހަރުގެ ޕާޓޭ ވަނީ 2015 އިން ފެށިގެން އެތުލެޓިކޯ އަށް 188 މެޗު ކުޅެދީފަ އެވެ. އާސެނަލުން އޭނާ އަށް ފާރަލަމުން އަންނަތާ ދުވަސްތަކެއްވެއްޖެ އެވެ.
އާސެނަލުން ވަނީ އުރުގުއޭ މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ އެއް ސީޒަނުގެ ލޯނެއްގެ ދަށުން އެތުލެޓިކޯ އަށް ދޫކޮށްލައިފަ އެވެ. އެ ލޯން ދާއިމީ ކުރުމުގެ ފުރުސަތު އެތުލެޓިކޯ އަށް އޮންނާނެ އެވެ. އަދި އާސެނަލުން ވަނީ ފްރާންސްގެ މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ ލޯނެއްގެ ދަށުން ޖަރުމަނުގެ ހާތާ ބާލިން އަށް ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފގސޒގވ123
06 October 2020
ޕާރޓޭއިން ގެނެސްގެން ތިކަން ވާނެ ހެހެހެ