މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ނޯރާ.

07 އޮކްޓޯބަރ 2020 - 08:25

އިންޑިއާގެ ބަތަލާ ތަމަންނާ ބާޓިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

ޒުވާން ބަތަލާ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ފަރުވާ ހޯދަމުން އަންނަނީ ހައިދަރުއާބާދުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކަމަށާއި އޭނާގެ ސިއްހަތާ ދޭތެރޭ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.

ތަމަންނާ، 30، އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބާހްބަލީ" ވެސް ހިމެނެ އެވެ. މަދުމަދުން ހިންދީ ފިލްމުތަކުން ވެސް ފެންނަ ތަމަންނާ ކުޅުނު ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ހިއްމަތުވާލާ" އާއި "ހަމްޝަކަލްސް" ހިިމެނެ އެވެ. އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ "ބޯލެ ޗޫޅިޔާ" އެވެ.

ތަމަންނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2018 ގައި ރިލީޒްކުރި ހިންދީ ފިލްމު "އަންދާދުން" ގެ ތެލެގޫ ފިލްމު ހިމެނެ އެވެ.

ކަންގަނާ "ތަލައިވީ" ގެ ސެޓްގައި

ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ގެ މަސައްކަތް ހުއްޓިފައި އޮންނަތާ ހަތް މަސް ފަހުން އަލުން އޭގެ ޝޫޓިން ފަށައި ސެޓުން ނަގާފައިވާ ފޮޓޯތަކެއް ދައްކާލައިފި އެވެ.

އިންޑިއާގައި ވާހަކަ ދައްކާ މައިގަނޑު ހުރިހާ ބަހަކުން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ އެވެ. "ތަލައިވީ" ގައި ޖަޔަލަލީތާގެ ރޯލް ކުޅެނީ ކަންގަނާ އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ބަގިޔާޝްރީ އާއި އަރްވިންދު ސްވާމީ އާއި މަދޫ އާއި ޕްރަކާޝް ރާޖް އަދި ޕޫރްނާ ހިމެނެ އެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކުރާ ފިލްމު "ތަލައިވީ" އަކީ ކުރިން މި އަހަރު ގެނެސްދޭން އުޅުނު ފިލްމަކަށް ވިޔަސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ ފުރުސަތު ގެއްލިފައިވާތީ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.

"މުމްބާއީ ސާގާ" ގައި ޔޯޔޯ ހަނީ ސިންގްގެ ލަވައެއް

ޑައިރެކްޓަރު ސަންޖޭ ގުޕްތާ ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" ގައި މަޝްހޫރު މިއުޒިޝަން ޔޯ ޔޯ ހަނީ ސިންގްގެ ލަވައެއް ހިމަނަން ނިންމައި އޭގެ މަސައްކަތް ފަށައިފި އެވެ.

މިހާރު ޝޫޓިން ވެސް ފަށާފައިވާ ލަވައިގެ ނަމަކީ "ޝޯރް މަޗާއޭގާ" އެވެ. މި ލަވައިން ފިލްމުގެ ތަރިންގެ ތެރެއިން ޖޯން އަބްރަހަމާއި އިމްރާން ހާޝިމީ ވެސް ފެނިގެން ދާނެ އެވެ. ލަވައާ ބެހޭ ގޮތުން ޔޯ ޔޯ ބުނީ ޖަންގަލީގެ ތީމަކަށް ގެނެސްދޭ އެ ލަވަ އަކީ މީގެ ދޮޅު އަހަރު ކުރިން ޓްރެކް ނިންމާފައި އޮތް ލަވައެއް ކަމަށެވެ. އަދި ލަވަ ވަރަށް ކަމުދާނެ ކަމަށް ބުންޏެވެ.

"މުމްބާއީ ސާގާ" ގެ ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ އާއި ޕްރަތީކް ބައްބަރާއި ގުލްޝަން ގްރޯވާ އާއި ރޯހިތު ރޯއި އާއި ކާޖަލް އަގަރްވާލާއި އަންޖަނާ ސުޚާނީ އާއި އަމޯލް ގުޕްތޭ އާއި ސަމީރު ސޯނީ ވެސް ހިމެނެ އެވެ.

ނޯރާގެ ޝުކުރު މަލައިކާ އަށް

ސޮނީ ޓީވީން ގެނެސްދެމުން އަންނަ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ޖަޖުންގެ ޕެނަލްގައި ހިމެނޭ މަލައިކާ އަރޯރާ މިދިޔަ މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިވްވުމާ ގުޅިގެން އޭނާގެ ބަދަލުގައި ޕެނެލާ ގުޅުނު ކުޅަދާނަ ނެށުންތެރިޔާ/ބަތަލާ ނޯރާ ފަތެހީ ސޮނީން ދިން ފުރުސަތަށާއި މަލައިކާ އަރޯރާ އަށް ޝުކުރު އަދާކޮށްފި އެވެ.

އިންސްޓަގްރާމްގައި މަލައިކާއާ އެކު ޝޯގެ ސެޓުން ކުރިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް ނޯރާ ބުނީ މަލައިކާގެ ބަދަލުގައި ޖަޖްކަން ކުރަން ލިބުމަކީ ވަރަށް އުފާވެރި ތަޖުރިބާއެއް ކަމަށެވެ. އަދި އެ ފުރުސަތު މަލައިލާ ވެސް ހިއްސާވެގެން ސޮނީން ދިން ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް ބުންޏެވެ.

"އިންޑިއާސް ބެސްޓް ޑާންސާ" ގެ ޖަޖުންގެ ޕެނެލާ ގުޅުމުގެ ކުރިން ނޯރާ ވަނީ މެހުމާނެއްގެ ގޮތުގައި ޝޯގެ އެޕިސޯޑްތަކެއްގައި ބައިވެރިވެފަ އެވެ. އަދި ފާއިތުވި ދެ ހަފުތާގައި އޭނާ ފެނިގެން ދިޔައީ މަލައިލާގެ ބަދަލުގައި ޖަޖެއްގެ ގޮތުންނެވެ. ނަމަވެސް މަލައިކާ ބަލިން ރަނގަޅުވެފައިވާތީ އަންނަ ހަފުތާގައި އޭނާ އެނބުރި ޝޯ އަށް އަންނާނެ އެވެ.

"އިންޑިއާސް ބެސްޓް ޑާންސާ" އަކީ ސޮނީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ ޝޯއެކެވެ. މީގެ އަނެއް ދެ ޖަޖުންނަކީ ގީތާ ކަޕޫރާއި ޓެރެންސް ލުވިސް އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454