ޚަބަރު / ޕީޕީއެމްގެ ކޯޅުން

ޖޭޕީއާއެކު މިފެށުނީ ވަރަށް މުހިންމު ކަމެއް: މައުމޫން

ޕީޕީއެމްގެ ރައީސް މައުމޫން ކުނޫޒްގައި މިއަދު ޖޭޕީގެ ލީޑަރު ގާސިމްއާ ސަލާމްކުރައްވަނީ: މައުމޫން ވިދާޅުވީ މިއަދު މި ފެށުނީ ވަރަށް މުހިންމު ކަމެއް ކަމަށް. ފޮޓޯ: ނިޝާން އަލީ /މިހާރު

ޖުމްހޫރީ ޕާޓީއާއެކު މިއަދު މި ފެށުނީ ވަރަށް މުހިންމު ކަމެއް ކަމަށާއި ދެ ޕާޓީ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިޔަށް ގެންދިޔަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މާ ބޮޑެތި ކަންތައްތަކެއް ނުނިންމި ނަމަވެސް އެއްބަސްވީ އެކި ލެވެލްގައި ވާހަކަ ދައްކައިގެން ދެ ޕާޓީ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒްގައި ޕީޕީއެމްގެ ރައީސް މައުމޫން، މިއަދު ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ފޮޓޯ: ނިޝާން އަލީ /މިހާރު

"އަޅުގަނޑުމެން އެއްބަސްވީ އެކި ލެވެލްގައި ވާހަކަ ދައްކައިގެން ދެ ޕާޓީ ގުޅިގެން މަސައްކަތްކުރަން. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ދިވެހިރާއްޖެ އަށް ރަނގަޅު އިސްލާހީ ބަދަލުތައް ގެންނަން. އެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނަށް ހަގީގީ މަންފާ އާއި ލާބަ ލިބެނިވި ގޮތެއްގެ މަތިން ބާރުތައް ވަކި ކުރެވިފައިވާ ސަރުކާރެއް ގާއިމުކޮށްގެން އޭގެ ހިދުމަތް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.

"ރިޔާސީ ނިޒާމުގައި އޮންނަނީ ތިންބާރު ވަކިވާ ގޮތަށް. އެއީ ގާނޫނު ހެދުމާއި ވެރިކަން ކުރުމާއި ޝަރީއަތް ކުރުން. މިތިން ބާރު އޮންނަން ޖެހެނީ ވަކިވެފައި. އެއްބާރަކަށް އަނެއް ބާރެއްގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެހެން މަންޒަރެއް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ މިއަދު ފެންނަނީ އެއްބާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމަމުންދާ މަންޒަރު ކަމަށާއި ރާއްޖޭގެ މިނިވަން މުއައްސަސާތަކޭ ކިޔަސް ބާރެއް ނެތް ކަމަށެވެ. އަދި އެ ފަރާތްތަކުން މަސައްކަތް ކުރަނީ މަޖުބޫރީ ހާލަތްތަކެއްގައި ވަކި ފަރާތަކުން ބުނާ ގޮތަކަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"ބައްލަވާ ޕީޕީއެމް އަށް ވެގެން ދިޔަ ގޮތް. އަޅުގަނޑު ނެތިން އޭގެ ތަފުސީލަކަށް ދާކަށް. ޕީޕީއެމް އިންތިހާބީ ރައީސަކީ އަޅުގަނޑު ﷲ ވާގިފުޅާއެކީ. އެކަމަކު އަޅުގަނޑުގެ އަތުން ޕީޕީއެމް ހިންގުމުގެ ބާރުތައް ވަނީ ދަމައިގެންފައި. ވަކި ބަޔަކު ނިގުޅައިގެންފައި. އެއް ގޮތަކަށް ވެސް އަޅުގަނޑުމެންގެ ގާނޫނުތައް ތަންދޭ ގޮތަކަށް ނޫން،" މައުމޫން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒްގައި ޕީޕީއެމްގެ ރައީސް މައުމޫން، މިއަދު ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެހެން ފަރާތްތަކާ ވެސް ބައްދަލުކޮށް ގައުމަށް ގެންނަން ބޭނުންވާ ބަދަލުތަކާ ބެހޭ ގޮތުން ބައްދަލުކޮށް މަޝްވަރާ ކުރުމަށް ކަމަށެވެ.

"އެހެންވެ އަޅުގަނޑު ލިޔުނީ ޕާޓީތަކުގެ ލީޑަރުންނަށް އަޅުގަނޑު ބޭނުމޭ ތިޔަ ބޭފުޅުންނާ ބައްދަލުކޮށްލާ މަޝްވަރާކޮށްލަން. އެގޮތުން ޖުމްހޫރީ ޕާޓީން ވަރަށް އެދެވޭ ޖަވާބެއް ދެއްވައި އަޅުގަނޑުމެންނަށް ފަސޭހަ ގޮތަށް މިތަނަށް ވަޑައިގެން ބައްދަލުކުރަން،" މައުމޫން ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ހޯއްދެވުމަށް 2013 ވަނަ އަހަރު މ. ކުނޫޒަށް ކުރެއްވި ޒިޔާރަތް ހަނދުމަފުޅު ކުރައްވަމުން މައުމޫން ވިދާޅުވީ އެ ފަހަރު ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެވުނީ ޖުމްހޫރީ ޕާޓީގެ ތާއީދު ލިބިގެން ކަމަށެވެ.

"އެ އިންތިހާބުގެ ދެ ވަނަ ބުރު މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކާމިޔާބުކުރީ އަޅުގަނޑުމެން އެންމެ ގުޅިގެން ކުރި މަސައްކަތުން. އެއީ ޕީޕީއެމްގެ މަސައްކަތް އެކަންޏެއް ނޫން. ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އާއި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތުން އަޅުގަނޑުމެންނަށް މިހާރުގެ ސަރުކާރު ގާއިމު ކޮށްދެވުނީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރައްޔިތުން ސަރުކާރު އިންތިހާބު ކުރީ ޕީޕީއެމްގެ ސަރުކާރެއްގެ ގޮތުގައި ނަމަވެސް އެ ޕާޓީގެ އަސާސީ މަގުސަދުތައް މިހާރު ހާސިލްވަމުންނުދާ ކަމަށެވެ. އަދި އެހެންވެ އަލުން ޖެހެނީ އެކަންތައް އިސްލާހުކުރަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒްގައި ޕީޕީއެމްގެ ރައީސް މައުމޫން، މިއަދު ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ނުކުންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޝައްކެނެތް ގޮތުގައި ޕީޕީއެމްގެ އެންމެ ފަހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސަކަށް އިންތިހާބުވެފައި ވަނީ ރައީސް މައުމޫން ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން އެ މަނިކުފާނު ވަކިކުރެވެން ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ވާހަކަ ދަންނަވަން. ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަދި ޕީޕީއެމްގެ އާސާސީ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުނިންމޭނެކަން، ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބުނާ ބުނުން އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ގާނޫނުގެ ހުދޫދުން ބޭރުން ހިންގާ ކަންތައްތަކާ އަބަދުވެސް ދެކޮޅު ހައްދަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީތަކުގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދު ބުނެފައި ހުރި ގޮތުން އިސްލާމް ދީނަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެހެންވެސް ގާނޫނުތަކަށާއި ގަވައިދުތަކަށް ބޯލަނބާ ފަދައިން ޕާޓީތަކުގެ އަސާސީ ގަވައިދަށް ވެސް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ވާޖިބެއް ކަމަށެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ ރައީސް މައުމޫނާއެކު ބޭއްވި ބައްދަލުވުމުގައި ވަކި ކަންތައްތަކެއް ނިންމާފައިނުވާ ކަމަށާއި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވައި ރައީސް މައުމޫން ނިންމެވި ނިންމެވުން ހުރިހާ އެންމެން ވެސް ބަލައިގަންނާނެ ކަމަށެވެ.

57 ކޮމެންޓް, 177 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 2%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަދު

31 October 2016

ފިލްމު ނިމޭނީ އަލުން ޕީޕީއެމް އެއްވެ، ޖުމްހޫރީ ޕާޓީ އަލުން ޕިޕީއެމް އާގުޅި އެމް.ޑީޕީ އުވާލާ، ހުރިއްޔާ ހުރި ރަށެއް ސިޔާސީ އެކުވެރިންނަށްދީ، މަޖުލިސް މެންބަރުންގެ މުސާރަ ބޮޑު ކޮށްދީ، އަދިވެސް "ގައުމަށް ފާއިދާވާ" އެތައްކަމެއްކޮށްދިނުމުން. ރަނގަޅު އަޚުލާގެއްގައި ބޮޑެތިވެ ތިބި ކިޔަވައިގެން ތިބި ހުރިހާ ޒުވާނުންނަށް ގޮވާލަން އަވަހަށް އެހެން ގައުމެއްގެ ޕާސްޕޯޓެއް އަތުޖެހޭތޯ ބަލަން މަސައްކަތް ފެށުމަށް.

The name is already taken The name is available. Register?

ގޭމް

31 October 2016

މީ ބޮޑު 'ގޭމް' އަކާ ވައްތަރު. މިހާރު އެންމެ އަންނި ކޮޅުގައިވީމަ، އަނބުރާލުމަށް ކުޅޭ ގޭމެއް

The name is already taken The name is available. Register?

ބަނދަރުކާޅު

31 October 2016

ސިޔާސަތު ސާފުނުވާ މީހަކަށް އިތުބާރުކުރަން ވަރަށް ދަތި. މައުމޫން އެ ހައްދަވަން އުޅުއްވާ އެއްޗެއް އެއްގޮތަކަށްވެސް ސާފެއްނުވޭ. މިހާރު ރާއްޖޭގައި ބޮއްސުންލާފައޮތް ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަށް ހަމަޔަކަށް ނާޅުވަ ހަމައެކަނި 2018 އިގަ ދަރިކަލަކު ނުވަތަ ދަރިކަނަބަލަކު ރިޔާސީ އިންތިޚާބުގައި ވާދަކކުރަން ތާއީދު ހޯއްދެވުމަކުން ރައްޔިތުންނަށާ ޤައުމައްވާނެ އެއްވެސް ފައިދާއެއް އޮތްކަމަކަށް ނުދެކެން. މައުމޫން އިޚްލާސްތެރިކަމެއް ހުރިނަމަ މިހާރު ބޭއިންސާފުން ހުކުމްކޮށް ޖަލަށްލާފައިތިބި ސިޔާސީ ލީޑަރުން ދޫކޮއްލާ އެބޭފުޅުންނަށް 2018 އިގެ އިންތިޚާބުގަ ވާދަކުރެވޭނެ ފުރުސަތު ހޯއްދަވާދެއްވާނެ. އޭގެ ފަހުގަ ވާދަވެރި އިންތިޚާބެއްގަ ވާދަކޮއްގެން ކޮންމެ މީހަކު ހޮވުނަސް މައްސަލައެއްނެތް. މައުމޫންގެ ދަރިކަލަކުވިޔަސް އެއީ އެއްވެސް މައްސަލައެއްނޫން. ބޭނުންވަނީ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ރާއްޖޭގައި އޮތުން.

The name is already taken The name is available. Register?

ވިޜަން

31 October 2016

ރައީސް ޔާމީނަށް ދަންނަވަން އޮތީ މަނިކުފާނޭ! ތިޔަދެމީހުންނަށް ތަންފުކެއްވެސް ދޫކޮށްގެން ނުވާނޭ.! ނިމިދިޔަ 30 އަހަރަކީ ޤައުމުގެ ހަލާކޭ.. މިކަން އަޅުގަނޑުމެން ދަންނަން ޖެހޭނެ. އޭގެ ސަބަބުން މިއަދު މިކުޅި ކުޅެން ޖެހެނީ.........!

The name is already taken The name is available. Register?

ގުއްދޫސް ކަޅޭ

31 October 2016

މައުމޫން އާއި ގާސިމް ގެފަޅިއަށް އަދާލަތުވެސް އައުން ވަރަށް ގާތް. ދެން އެމްޑީޕީ ފަޅީގަ ހަމައެކަނީ އަންނި ތާ! ނިމޭނީ ޔާމީނުއާއި ފާރިސް ކާމިޔާބު ކޮށްގެން ދޯ؟

The name is already taken The name is available. Register?

ތެދު

31 October 2016

އާ ! މީވެސް ޒަޢީމު ކުޅޭ ކުޅިގަނޑަކާ ވައްތަރީ

The name is already taken The name is available. Register?

އެދުރުބެ

31 October 2016

މައުޟޫނާއި ގާސިމް ގެ ސިޔާސީ އެކްޕަޔަރީ ޑޭޓް ހަމަ ވެއްޖެ. ދެނެއް މާބޮޑު ފައިދާ އެއް ނުކުރާނެ. ކިތައްމެ އެއްކޮށް މަސައްކަތް ކުރިޔަސް ގާސިމް ދައްކާ މީހަކަށް ނުވަތަ މައުމޫނުގެ ދަރިޔަކަށް މިގައުމު ވޯޓް ނުދޭނެ.

The name is already taken The name is available. Register?

ހަސަނު

31 October 2016

މިހާރުވެސް އެހެރީ މައުމޫނު ދެއްކި މީހެއް ނޫންތޯ؟

The name is already taken The name is available. Register?

ފުވައްމުލަކު މީހާ

31 October 2016

ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީން ވަކިމޫނެއް، އެމް އެމް އޭ އިން ވަކިމޫނެއް ޑިފެންސް މިނިސްޓްރީން ވަކިމޫނެއް އެބަފެނޭ. ޢާއިލީ މީހުން ވެރިކަމުގެ އިސްމަގާމުތަކުން ދުރުކޮށް ގާބިލް ދިވެހީންނަށް އެފުރުސަތު އެބަލިބޭ. މީ ހިންގުން ހަރުދަނާވެ ދިވެހީން ދިވެހި ގައުމު ބޭނުންވާ ގޮތަކީ އަދި އެދޭ ގޮތަކީ. ހިއެއްނުވޭ ކޯލިޝަނެއް ހަދާގެން ނުވަތަ އިއްތިހާދުގެ ތެރެއިން ދިވެހި ރައްޔިތުން ބަޑަް ނުޖެހި ޟަރޫރީ ބޭނުންތައް ފުއްދާލެވޭ ފަދަ ތަނަވަސް ކަމެއް ދިވެހީންނަށް ލިބިގެންދާނެހެނެއް. ވީމާ ޔާމީން ސަރުކާރު ބަދަލުވެއްޖެނަމަ ނުވަތަ އާދައުރަކުން ޔާމީން ފެއިލް ވެއްޖެނަމަ ދިވެހީން ހައިހޫނުކަމުގެ ދުވަސްތައް ތަހައްމަލްކޮށް މުޅި ގައުމު ފަގީރު ޙާލަތަށް އެބުރި ދިއުމަކީ ދުރުކަމެއްނޫން.

The name is already taken The name is available. Register?

ޖޭޕީ ބޯއީ

31 October 2016

ޖޭޕީ މޭޒުގައި އެންމެ ދުރުން ދެވަނައަށް އިން މެމްބަރު އެޕާޓީގައި ނެތްނަމަ ޖޭޕީއަކީ އަޅުގަނޑަށް ނެތް ޕާޓީއެއް

The name is already taken The name is available. Register?

ހުސޭނުބެ

31 October 2016

ސޮރީ!! އަޅުގަނޑުމެންނަށް ނެތިން ދެން ތިބޭފުޅުންގެ ފަހަތުން ދުވާކަށް!! އަޅުގަނޑުމެން ބޭނުމީ ހަމަޖެހުމާއި ގައުމުގެ ތަރައްގީ!! އެގޮތުގައި އަޅުގަނޑުމެނަށް ތިބިވިޔަދީ!! ދިގު 30 އަހަރުގެ ވެރިކަން ނިމިއްޖެ!! ރައިސް މައުމޫނާއި އަނބިކަބަލުން އަބުއިކޮށް ގަނޑުވަރުތެރޭ ތިބެގެން ދަރިން ގަނޑުވަރުތެރެއަށް ވިއްސައިގެން ދައުލަތުގެ ފައިސާއިން ހުރިހާ ޚަރަދެއްކޮށްގެން އެދަރިން ގަނޑުވަރުތެރެއަށް ބޮޑުކޮށް ކިޔަވާދީ ނިމިއްޖެ!! އަދިވެރިކަންވެސް ނިމިއްޖެ!! މުސްކުޅިފުޅުވި ދުވަހު ގާސިމާ އެކުވެގެން އަމިއްލަ އެދުމުން ފޯވެފައި ތިބެގެން ގައުމު އިތުރަށް ހަލަބޮލިކުރަން ނިކުމެ އުޅުއްވުމުގެ ބޭނުމެއްނެތް!! ރައްޔިތުންނާއި ޒުވާނުންގެ ސަޕޯޓެއް ނުލިބޭނެ!!

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

31 October 2016

ރައީސް މައުމޫނަށާއި، އޮނަރަބްލް އުމަރު ނަސީރަށާޢި، އޮނަރަބްލް ޤާސިމަށް އާދޭހާއެކު ދަންނަވަން.. ބިރަކާނުލާ މަޖާ ކުރުމާއި، އަނެއް ދިވެހިރާއްޖެ އެއް އަޅުގަނޑުމެން ބޭނުމެއްނުން. ޔާމީނުގެ ގޯސްކަންތައްތަކެއް އެބަހުރި. އެކަމަކު ދެން އޮތީ ޤައުމިއްޔަތާއި، ދީން............

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454