ޚަބަރު / ފިނޭންސް މިނިސްޓްރީ

ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބަލަހައްޓަން ހާއްސަ މަގާމެއް އުފައްދައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި، "ޗީފް އެކައުންޓްސް އެގްޒެކެޓިވް" ގެ ނަމުގައި ހާއްސަ މަގާމެއް އުފައްދައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު އަދި ނޭޝަނަލް ޕްލޭނިން މިނިސްޓްރީއަށް، ޗީފް އެކައުންޓްސް އެގްޒެކެޓިވް ހޯދަން އިއުލާނުކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މާލީ ކަންކަން ބަލަހައްޓަން ވަކި މަގާމެއް އުފެއްދިއިރު، ކޮވިޑް-19 އާ ގުޅިގެން ބައެއް މިނިސްޓްރީތަކުގެ ބިޑް ކޮމިޓީން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހިންގާފައިވާކަން ފަޅާއަރާފައި ވެ އެވެ. އޭގައި ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ކަންކަން ހިމެނެ އެވެ.

މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރައްވަނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުކަމަށް ވިޔަސް ސިޔާސީ ބޭފުޅުންނަށް އެ ކޮމިޓީތަކުން ފުރުސަތު ދިނުން މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދުގެ ދަށުން މިހާރު މަނަލެއް ނޫނެވެ. އެކަމަކު، ބައެއް މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތަކުން އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅުންނަށް ފުރުސަތު ދީފައި ނެތަސް އަނެއްބައި ތަންތަނުގައި ސިޔާސީ ބޭފުޅުންގެ ދައުރު ބޮޑެވެ. ބައެއް މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތައް ޗެއާ ކުރައްވަނީ ވެސް ސިޔާސީ ބޭފުޅެކެވެ.

މިދިޔަ މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބިޑް ކޮމިޓީތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކުޑަކުރުމަށްޓަކައި އެ ކޮމިޓީތަކުގައި މިނިސްޓްރީތަކުގެ ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭނެ ގޮތް ހަމަޖެއްސެވުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެކަމަށް، ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބަލަހައްޓަން ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ނަމުގައި މަގާމެއް އުފައްދާނެ ކަމަށް ވިދާޅުވި އެވެ. ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ އަސާސީ މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ 25،000ރ. އެވެ. އޭގެ އިތުރުން ރަސްމީ ދުވަސް ދުވަހު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 1،176ރ. ގެ "ޖޮބް އެލަވަންސް" އެއް ދޭނެ އެވެ. އެއީ ހިންގުމުގެ އިސް މަގާމުގެ ތެރޭގައި ހިމެނޭ މަގާމަކަށް ވުމުން އިތުރު ގަޑި އާއި ބަންދު ދުވަހުގެ ފައިސާއެއް ނުލިބޭނެ އެވެ.

އެ މަގާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި އަމަލުކުރާނީ ސީއެސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތަށެވެ.

އިއުލާނުގައިވާ ގޮތުން ޗީފް އެކައުންޓްސް އެގްޒެކެޓިވް މަގާމުގެ އަސާސީ ޝަރުތަކީ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައިއެސްއޭސީ) އިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ ކޮލިފައިޑް އެކައުންޓެންޓަނަކަށް ވުމެވެ. އޭގެ ތެރޭގައި އޭސީސީއޭ، ސީމާ، ސީޕީއޭ އަދި ސިޕްފާ ހިމެނެ އެވެ. އޭގެ އިތުރުން ޕަބްލިކް ފައިނޭންސްގެ ދާއިރާއެއްގައި ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުރުން ނުވަތަ އެކައުންޓިން ދާއިރާގައި އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުުން ހިމެނެ އެވެ.

އެ ދެ ތަޖުރިބާގެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާން ޖެހޭނެ އެވެ. އެ މަގާމަށް މީހަކު ހޮވުމުގައި ތަޖުރިބާއަށް 40 ޕަސެންޓު، ޕަބްލިކް ސެކްޓާ ފައިނޭންސް 20 ޕަސެންޓު، ޕްރައިވެޓް ސެކްޓާ އެކައުންޓިން ތަޖުރިބާ އަށް 10 ޕަސެންޓު އަދި ފައިނޭންސް/އެކައުންޓިން ދާއިރާގެ ހިންގުމުގެ ތަޖުރިބާއަށް 10 ޕަސެންޓްު މާކްސް ދޭން ވަނީ ކަނޑައަޅައިފަ އެވެ.

އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ސީއެސްސީން ކަނޑައަޅާ އެކްސްޓާނަލް ޕެނަލްއަކުންނެވެ. އެ ޕެނަލްގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާއިި ދެ މީހަކާއި ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން ކަނޑައަޅާ ފަރާތެއް ހިމަނަން ވާނެ އެވެ. އޭގެ އިތުރުން ޗާޓާޑް އެކައުންޓެންސް އޮފް މޯލްޑިވްސް ތަމްސީލުކުރާ ޕެނަލިސްޓަކީ ފިނޭންސް މިނިސްޓްރީން ތަމްސީލުކުރާ ފަރާތަކަށް ވެގެން ނުވެ އެވެ.

ޒިންމާ އާއި މަސްއޫލިއްޔަތުތައް

ޗީފް އެކައުންޓްސް އެގްޒެކެޓިވް އަކީ މާލީ ޒިންމާދާރުވެރިޔާ އެވެ. އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާން ކޮށްފައިވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި "މާލީ ޒިންމާދުވެރިޔާގެ މަސްއޫލިއްޔަތުތައް" މި ބައިގަ އެވެ. އެ ކަންތައްތަކުގެ އިތުރުން ވެސް ޒިންމާތަކެއް ހަވާލުކޮށްފައި ވެ އެވެ. އޭގައި ބަޖެޓާ ބެހޭ ބަޔާއި ބަޖެޓުން ހަރަދުކުރުމާ ބެހޭ ކަންކަމާއި ކޭޝް މެނޭޖްކުރުން، މާލީ ރިޕޯޓު ތައްޔާރުކުރުމާ ބެހޭ މަސައްކަތް، ބޭންކް އެކައުންޓާ ބެހޭ މަސައްކަތް، ޕްރޮކިއުމަންޓާއި ޓެންޑަރިންއާ ބެހޭ މަސައްކަތް، މަޝްރޫއުތަކާ ބެހޭ ކަންކަން ހިމެނެ އެވެ.

ބަޖެޓާ ބެހޭ:

އެ އިދާރާއަކަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހިނގާނެ ކަމަށް ލަފާކުރާ ހަރަދާއި ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި މާލިއްޔަތުގެ ގަވައިދުގައިވާ ތާރީހަށް ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ އެވެ. އޭގެ އިތުރުން ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގެ ތެރޭގައި ހިންގުނު މަޝްރޫއުތަކާއި ކުރިއަށް އޮތް މާލީ އަހަރުގައި ނުވަތަ އަހަރުތަކުގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލީ މާލީ ވުޒާރާއަށާއި ރައީސްގެ އޮފީހަށް ފޮނުވަންޖެހެ އެވެ.

ބަޖެޓުގައި ނުހިމެނޭ މަޝްރޫއެއް މާލީ އަހަރުގެ މެދުތެރޭގައި ފަށަން ބޭނުންވެއްޖެ ނަމަ އެ މަޝްރޫއާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން ހުށަހެޅުން ހިމެނެ އެވެ.

ބަޖެޓުން ހަރަދުކުރުމާ ބެހޭ:

އެ އިދާރާއަކަށް ކަނޑައަޅާފައިވާ ބަޖެޓުން ވަކި ކަމަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރުނުވާނެހެން ހަރަދުތައް މޮނީޓާކޮށް ބެލެހެއްޓުމާއި މެޓީރިއަލްސް މެނޭޖްމަންޓް (އެމްއެމް) މޮޑިއުލް އިމްޕްލިމެންޓުކޮށްފައިވާ އިދާރާތްތަކުން މުދަލާއި ހިދުމަތަށް އެދޭ ފޯމުތައް ތައްޔާރުކުރުމުގެ މަސައްކަތާއި މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެމްއެމް މޮޑިއުލް އިންކަން ކަށަވަރުކުރުން ހިމެނެ އެވެ. އޭގެ އިތުރުން އެ މޮޑިއުލްގައި މައުލޫމާތު ގެންގުޅުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް މައުލޫމާތުތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުމުގެ އިތުރުން ޕަބްލިކް އެކައުންޓިން ސިސްޓަމް މެދުވެރިކޮށް ކުރާ ހަރަދުތައް ކުރެވެނީ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށްކަން ކަށަވަރުކުރުން ހިމެނެ އެވެ.

ކޭޝް މެނޭޖްކުރުމާ ބެހޭ:

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކުރާ ކޭޝްފްލޯ ޕްލޭން މާލީ ވުޒާރާއިން އަންގާ ގޮތެއްގެ މަތިން ތައްޔަރުކޮށް ހުށަހަޅަންޖެހެ އެވެ.

ޗީފް އެކައުންޓްސް އެގްޒެކެޓިވް ނިސްބަތްވާ އިދާރާ އާއި އެ އިދާރާގެ ދަށުން ހިނގާ ހުރިިހާ އިދާރާތަކުގެ ހަރަދު ކުޑަކޮށް ހަރުދަނާކޮށް އަދި ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުން އިރުޝާދުތައް، ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ބެލުމުގެ ދަށުން ހިނގާ ތަންތަނަށް ދޭން ޖެހެ އެވެ.

މާލީ ރިޕޯޓު ތައްޔާރުކުރުމާ ބެހޭ:

ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން އެ ތަނެއްގެ މާލީ ހިސާބުތައް، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އޮޑިޓާ ޖެނެރަލަށް ހުށަހަޅައި ޕަބްލިކް އެކައުންޓިން ސިސްޓަމް އިން މަހުން މަހަށް ބަލަންޖެހޭ ރިޕޯޓުތައް ބަލައި އެ އަހަރެއްގެ ތެރޭގައި ހިނގާ މަޝްރޫއުތަކަށް އަންނަ ބަދަލުތައް ގަވައިދުން ފިނޭންސް މިނިސްޓްރީ އަދި ރައީސް އޮފީހަށް ހުށަހަޅަން ޖެހެ އެވެ.

ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ އިދާރާ އާއި އެ އިދާރާގެ ބެލުމުގެ ދަށުގައިވާ އިދާރާތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އާއި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކާއި ޓްރަސްޓް ފަންޑުތަކާއި ވަގުތީގޮތުން ބަހައްޓާ ފައިސާގެ އަހަރީ ހިސާބުތައް ކޮންމެ މާލީ އަހަރެއް ނިމުމުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ތާރީހަށް ހުށަހެޅުން ހިމެނެ އެވެ.

ބޭންކް އެކައުންޓާ ބެހޭ:

ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ އިދާރާ އާއި އެ އިދާރާގެ ބެލުމުގެ ދަށުގައިވާ އިދާރާތަކުން ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ހުޅުވަން ބޭނުންވާ އެކައުންޓުތަކުގެ ތަފްސީލް ފައިނޭންޝަލް ކޮންޓްރޯލަރަށް ފޮނުވުން ޖެހެ އެވެ. އެއާއެކު ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ހުޅުވޭ އެކައުންޓުތަކުގެ ހިސާބުތައް މާލިއްޔަތު ގަވައިދާ އެއްގޮތަށް ބެލެހެއްޓޭކަން ކަށަވަރުކޮށް އެކައުންޓުތައް މަހުން މަހަށް ރިކޮންސައިލްކުރުން ހިމެނެ އެވެ.

އަހަރުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާ ގަވައިދުން ދައުލަތުގެ ހިސާބުގައި ހިމެނުމަށްޓަކައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ޕްރޮކިއުމަންޓާއި ޓެންޑަރިންއާ ބެހޭ:

އެ އިދާރާ އާއި އެ ތަނުގެ ދަށުން ހިންގާ ހުރިހާ ތަނެއްގެ ޕްރޮކިއުމަންޓާއި ޓެންޑަރިންނާބެހޭ ކަންތައްތައް ކުރިއަށްދަނީ މާލިއްޔަތުގެ ގަވައިދާއި މާލީ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން ޖެހެ އެވެ.

އެތަނެއްގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގެ ޕްރޮކިއުމަންޓާއި ޓެންޑަރިންނާ ބެހޭ އެއްވެސް ކަމެއް މާލިއްޔަތު ގަވައިދާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތަކާ ތައާރަޒުވާގޮތަށް ދާކަން ފާހަގަކުރެވިއްޖެނަމަ އެކަމެއް ވަގުތުން ހުއްޓުވައި އެކަމެއް އިސްލާހުކޮށް ކުރިއަށް އޮތް ތަނުގައި ތަކުރާރުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައި އެފަދަ ކަމެއް ހިނގުމަށް މެދުވެރިވި ފަރާތްތަކާމެދު ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އުސޫލުގައި ބުންޏެވެ.

މަޝްރޫއުތަކާ ބެހޭ:

އިދާރާ އާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާ މަޝްރޫއުތަކަކީ މާލީގޮތުން ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް ބައްޓަންކުރެވޭ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްކުރުމަކީ ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ޒިންމާއެކެވެ. އޭގެ އިތުރުން ހުރިހާ މަޝްރޫއެއްގެ މާލީ ކަންތައްތައް ކުރިއަށްދަނީ ގާނޫނުތަކާއި ގަވައިދުތަކާ ދައުލަތުން ކަނޑައަޅާފައިވާ އިޖުރާތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމާއި ހުރިހާ މަޝްރޫއުތަކުގެ މާލީ ހިސާބުތައް ގަވައިދުން ބަލަހައްޓައި ހަމަޖައްސާފައިވާ އިޖުރާތުތަކާ އެއްގޮތަށް އެފަދަ މައުލޫމާތުތައް އާއްމުކުރުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ހުރިހާ މަޝްރޫއުތަކުގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން ހިމެނެ އެވެ.

20 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 3%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

12 October 2020

އިބޫ ސޯލިހުގެ ކަމަކީ ކޮމިޓި ހެދުމާއި މަގާމު އުފެއްދުން. ކޮރަޕްޝަން އިންތިހާ

The name is already taken The name is available. Register?

އިންސާފް ބޭނުން

12 October 2020

ހާދަ ވަރުގަދަ މުސާރަ އޭ މި ހަމަޖައްސަނީ. މުސާރަ ދެގުނަ ވާނެނު ދުވަހީ އެލާވަންސް އިން. ބައިލައްކަ ރުފިޔާ ލިބޭނެނު. ޤައުމު ގެ މާލީ ހާލަތު ދައްވެފައޭ ކިޔަމުން. ދެން ތި މަޤާމަށް މީހަކު ހޯދަންޖެނުޖެހޭ މިނިސްޓްރީ އެއް ނުހުންނާނެ. މުސާރަ ވެސް ދުވަހު އެލާވަންސް ވެސް ކުޑަކުރޭ. ދުވާލަކަށް ދޭ އެލާވަންސް ވެސް ހާދަބޮޑޭ. ހާދަބޮޑޭ

The name is already taken The name is available. Register?

އައްލާ

12 October 2020

މިއޮތީވާ ޤައުމެއް

The name is already taken The name is available. Register?

ދޮންބެއްޔާ

12 October 2020

އެކަމަކު ޤައުމުގައި ފައިސާއެއް ނެތޭ މުއައްޒަފުން އިތުރު ނުކުރާށޭ، އޮފީސްތަކުން މުއައްޒަފުން މަދުކުރާށޭ އިތުރުގަޑީގައި މަސައްކަތް ނުކުރުވާށޭ ލާރިއެއްނެތޭ ކިޔާއަޑު އިވޭ. އެއީ ތެދެއްތަ

The name is already taken The name is available. Register?

އަލިމާ

12 October 2020

ވަރަށް ޤާބިލު ކަމެއް ނެތް ސަރުކާރެއްމީ. ގޯސް ވީމަ އެހަދާލީ މަޤާމެއް. މައްސަލައިގެ އަސުލު ބާއްވާ. މި ޤައުމުން ހިޖްރަކުރުން މުހިންމު. މީ އަނދަ އަނދަ އޮތް އަލިފާންގަނޑެއްބާ!؟

The name is already taken The name is available. Register?

ޖޯގޯ ގޯޖޯ

12 October 2020

ޕާޓީ ކުއްޖަކަށް ވަޒީފާއެއް ހަދާލީ...ސާބަސް މަތިބަރު ސަރުކާރު.ކަރަޕްޓް ސަރުކާރު

The name is already taken The name is available. Register?

އަބްދުއްالله

11 October 2020

"ބަޖެޓުކާ ތިބު" ގެ ނަން ބަދަލުކޮށްލީ ދޯ؟

The name is already taken The name is available. Register?

އެމްސް

11 October 2020

މާލިއްޔާގަ މިވަގުތު އެޅިފަވީ އެންމެ ބޮޑު ލޯވަޅަކީ މަޖިލިސް! މަހެއްގެ މައްޗަށް 10 ވަރަކަށް މިލިޔަން ވީމަ މިޙާލަތަށް ކުޑަ ތޯ؟

The name is already taken The name is available. Register?

ކުޑަދޫ

12 October 2020

އެއީ ޢިއްޒަތްތެރި ބޭފުޅުން. އެފޭޅުންގެ ޖީބުތަކައް ބަރުވީމާ ރައްޔިތުން ތިބޭނީ ބަނޑަށް ތިއްބަސް އުފަލުން. ދާއިމަށް ވެސް އެބޭފުޅުން ތިއްބެވީމާ ރަނގަޅުވާނެ

The name is already taken The name is available. Register?

ނަމޫނާ ކަތީބު

11 October 2020

ބޭކާރު ގޮތުގައި މަސައްކަތެއްނުކޮށް ދައުލަތުން މުސާރަދޭ މަޤާމްތަކުގައި ތިއްބަވާ މީހުންނާއި އެތަނަކަށް ނުވަތަ އާބާދީއަށްބަލައި އެތަންތަނުގައި ތިބެގެންނުވާނެ މުވައްޒަފުން މަދުކޮށް ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރަން ސާރވޭއެއް ކުރަންވެއްޖެ މުޅި ރާއްޖޭގައި. މިކުޑަ ކުޑަ ޤައުމުގައި ބޭކާރު މުވައްޒަފުންނާއި އަދި ނުވިތާކަށް މަޤާމްތައް އުފައްދައި މީހުން ވަޒީފާތަކަށް ނެގުން ހުއްޓާލަންވެއްޖެ. ސަރުކާރު ޒިންމާދާރުވާން ވެއްޖެ،

The name is already taken The name is available. Register?

އިޔެ1

11 October 2020

ތިޔަ އުޅެނީ ވެރިކަން ނިމުމުން ހިޔާނަތްވާ ފައިސާއަށް ޖަލަށްލާނެ ޒުވާނަކު ހޯދަން. އޭރުން ބުނާނެ ފިނޭންސް މިނިސްްޓަރެއް ނޫނޭ ޗީފް އެކަނުންޓުސްގެ މައްސަލައެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454