ލައިފްސްޓައިލް / ޑަޔާނާ

ޑަޔާނާގެ "ޝީޕް ޖަމްޕަރު" އަލުން ނެރެނީ

މިހާރު ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ "ޝީޕް ޖަމްޕަރު" ގެ އަގަކީ 295 ޑޮލަރު

12 އޮކްޓޯބަރ 2020 - 08:20

ޕްރިންސެސް ޑަޔާނާގެ ޒަމާނުގައި އެކަމަނާ ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި އެއްޗިއްސެވެ. އޭގެ ތެރޭގައި ކައިވެނީގެ ހެދުމާއި "ޓްރެވޯލްޓާ ގައުން" ގެ ނަމުގައި މަޝްހޫރުވި ކަޅު ކުލައިގެ ހެދުން ވެސް ހިމެނެ އެވެ. މި ފަހަރު މިއޮތީ އަނެއްކާ ވެސް ޑަޔާނާ ބޭނުންކުރެއްވި ސްޓައިލްތަކުގެ ތެރެއިން "ކްލެސިކް" އެއްޗެއްގެ ވާހަކަ އެވެ. މިއީ ސްވެޓަރެކެވެ. މަޝްހޫރު ނަމުން ނަމަ "ޝީޕް ޖަމްޕަރު" އެވެ.

ރަތް ކުލައިގެ މި ސްވެޓަރު ފެޝަނަކަށް ވަނީ އޭގައި ހިމަނާފައިވާ ކަންބަޅި ނުވަތަ ޝީޕްތައް ހުރި ގޮތުންނެވެ. މުޅި ސްވެޓަރުގެ ހުރިހާ ދިމާއެއްގައި އެއް ސަފަކަށް ހުދު ކުލައިގެ ކަންބަޅީގެ ކުރެހުން ހިމަނާފައިވާ އިރު މޭމަތީގައި ކަޅު އެންމެ ކަންބަޅިއެއް އިނދެ އެވެ. އެކި އިވެންޓްތަކުގައި ޑަޔާނާ ތުރުކުރެއްވި މި ސްވެޓަރަކީ މިހާރު ވިކްޓޯރިއާ އެންޑް އަލްބަޓް މިއުޒިއަމްގެ ދާއިމީ ކަލެކްޝަންގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

"ޝީޕް ޖަމްޕަރު" ޑަޔާނާ ބޭނުންކުރެއްވި އިވެންޓްތަކުގެ ތެރޭގައި 1983 ގައި ފިރިކަލުން ޕްރިންސް ޗާލްސްއާ އެކު ޕޯލޯ މެޗަކަށް ވަޑައިގެންނެވި ދުވަސް ހިމެނެ އެވެ.

މި ޒަމާނުގެ އާ ފެޝަން ސްޓޭޓްމަންޓެއްގެ ގޮތުގައި ޑަޔާނާގެ "ޝީޕް ޖަމްޕަރު" އަލުން މި ނެރެނީ އެމެރިކާގެ ފެޝަން ކުންފުނި ރޯވިން ބްލޭޒާއިންނެވެ. މީގެ ވާހަކަ އެތަނުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް ބުނެފައި ވަނީ މިއީ އަލުން 80 ގެ ފެޝަނުގެ ތެރެއަށް ގެންގޮސްދޭނެ ހިތްގައިމު އުފެއްދުމަކަށް ވާނެ ކަމަށެވެ.

ޑަޔާނާގެ "ޝީޕް ޖަމްޕަރު" އަކީ ކުރިން ވޫލްގެ އުފެއްދުންތައް ނެރެމުން ދިޔަ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ވޯމް އެންޑް ވޮންޑަލްފުލް އިން 1979 ގައި ގެނެސްދިން ފަރުމާއެކެވެ. އަދި އެ ދުވަސްރު ޑަޔާނާ އެ ބޭނުންކުރެއްވުމާ އެކު އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު އެއްޗަކަށްވި އެވެ. އެގޮތުން ފަހުން 1994 ގައި ފެޝަނެއްގެ ގޮތުގައި "ޝީޕް ޖަމްޕަރު" ނެރުނެވެ. އަދި މި އަހަރަކީ އޭގެ ފަހުން ދެވަނަ ފަހަރަށް އެ ޑިޒައިން ފެޝަން ސްޓޭޓްމަންޓަކަށް ބަދަލުވި އަހަރެވެ. އަލުން މި ޑިޒައިން ރޯވިން ބްލޭޒާ އިން ގެނެސްދިނީ ވޯމް އެންޑް ވޮންޑަލްފުލްގެ ޑިޒައިނަރުން ކަމަށްވާ ޖޮއާނާ އޮޒްބޯން އާއި ސެލީ މިރާގެ އެހީގަ އެވެ.

މިކަމާ ބެހޭ ގޮތުން އެ ދެ މީހުން ބުނީ ޑަޔާނާގެ "ކްލަސިކް" ސްވެޓަރު އަލުން ނެރުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

"ހަމައެކަނި އިނގިރޭސިވިލާތުގައެއް ނޫން މުޅި ދުނިޔޭގައި ވެސް އޭރު އޭތި މަޝްހޫރުވެގެން ދިޔަ،" ސެލީ އާއި ޖޮއާނާ ބުންޏެވެ. "އަލުން އަނެއްކާ ވެސް މީތި ވައިގައި ހިފާނެ ކަމަށް އުންމީދުކުރެވޭ."

ރޯވިންގް ބްލޭޒާގެ ކްރިއޭޓިވް ޑިރެކްޓަރު ޖެކް ކާލްސަން ބުނީ "ޝީޕް ޖަމްޕަރު" ގެ އޮރިޖިނަލް ޑިޒައިނަރުންނާ ގުޅިގެން އޭތި އަލުން ގެނެސްދެވުމަކީ ފެޝަނުގެ ދުނިޔެ އަށް ގެނެވޭ އާ ބަދަލެއް ކަމަށެވެ.

"މީތި ވަރަށް މަގުބޫލު އެއްޗަކަށް ވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް." ފިނި މޫސުން ވެސް ބޯމަތީގައި އޮތުމާ އެކު ޖެކް ބުންޏެވެ.

މިހާރު ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ "ޝީޕް ޖަމްޕަރު" ޝިޕްކޮށްދޭން ފަށާނީ އަންނަ އަހަރު އެވެ. އަގަކީ 295 ޑޮލަރެވެ.

"ޝީޕް ޖަމްޕަރު" އާ އެކު ބްލޭޒާ އިން ޕްރިންސް ވިލިއަމާއި ހެރީގެ މަންމާފުޅު ތުރުކުރެއްވި ވޫލްގެ އެހެން ފަރުމާއެއް ވެސް ނެރޭނެ އެވެ. އެއީ މަޑު ފިޔާތޮޑި ކުލައިގެ ސްވެޓަރެކެވެ. ގައިލްސް އެންޑް ޖޯޖްގެ އެ ފަރުމާގެ މޭމަތީގައި "އައި އެމް އަ ލަގްޒަރީ" ޖަހާފައި އިންނަ އިރު ފުރަގަހުގައި އިންނާނީ "ފިއު ކޭން އެފޯޑް" އެވެ.

ޑަޔާނާ ވަނީ 1997 ގައި ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454