ފަރާޒް.
15 އޮކްޓޯބަރ 2020 - 10:56
"ފަރޭބް" އާއި "މެހެދީ" ފަދަ ފިލްމުތައް ކުޅުނު ބޮލީވުޑްގެ އެކްޓަރު ފަރާޒް ޚާން ސިކުނޑީގެ އިންފެކްޝަނަކާ ހެދި ހާލު ސީރިއަސްވެގެން އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެ އެވެ.
މީޑިއާތަކުން ބުނީ މި މަހުގެ 8 ވަނަ ދުވަހު ބެންގަލޫރުގެ ވިކްރަމް ހޮސްޕިޓަލްގައި 46 އަހަރުގެ އެކްޓަރަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ފުރާނަ ސަލަމާތްވާނެކަމުގެ އުންމީދު ވެސް ގެއްލިފައިވާ ކަމަށެވެ.
ފަރާޒްގެ ކޮއްކޮ ފަހްމާން ޚާން ބުނިގޮތުގައި ބޭބެގެ ފުރާނަ ސަލާމަތްވާނެކަމުގެ އޮތީ 50 ޕަސަންޓްގެ އުންމީދެއް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށާއި ފަރުވާ އަށް އެންމެ މަދުވެގެން ވެސް 25 ލައްކަ ރުޕީސް ބޭނުންވާ ކަމަށެވެ. ފަރާޒް އެޑްމިޓްކޮށްފައި އޮތްކަން އެނގުމުން ބަތަލާ ޕޫޖާ ބަޓް ވެސް އެ ވާހަކަ ޓްވިޓާގައި ހިއްސާކޮށް، ގިނަ ބަޔަކު އެހީވުމަށް އެދިފައިވެ އެވެ.
Please share and contribute if possible. I am. Would be grateful if any of you can as well. 🙏https://t.co/UZSbvA2sZb
— Pooja Bhatt (@PoojaB1972) October 14, 2020
ފަރާޒް 1996 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ފަރޭބް" އަކީ ޕޫޖާގެ އާއިލީ ފިލްމު ކުންފުނި ވިޝޭޝް އިން ގެނެސްދިން ފިލްމެކެވެ. އޭނާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީ" އާއި "ދުލްހަން ބަނޫ މޭ ތޭރީ" އަދި "ޗާންދު ބުޖް ގަޔާ" ހިމެނެ އެވެ.
ސަލްމާން ޚާން ސުޕަސްޓާރަކަށް ބަދަލުކޮށްލި 1989 ގެ ފިލްމު "މޭނޭ ޕިޔާރު ކިޔާ" އަކީ އެންމެ ފުރަތަމަ ފަރާޒަށް ލީޑް ރޯލް ކުޅެން ލިބުނު ފިލްމެކެވެ. ނަމަވެސް ފިލްމަށް ސޮއިކޮށްފައި ވަނިކޮށް ވަރަށް ބޮޑަށް ބަލިވެގެން އެ ފިލްމު ދޫކޮށްލަން މަޖުބޫރުވެ އެ ފުރުސަތު ގެއްލުނީ އެވެ. އޭގެ އަހަރުތަކެއް ފަހުން "ފަރޭބް" އިން އެކްޓިން އަށް ނުކުތް ނަމަވެސް ފަރާޒަކީ މާ ބޮޑު ސަމާލުކަމެއް ލިބުނު އެކްޓަރެއް ނޫނެވެ.
ފަރާޒްގެ ފަރުވާ އަށް މާލީ އެހީ ބޭނުންވާ ވާހަކަ ސޯޝަލް މީޑިއާ އިން ފެނުމުން ސަލްމާން މިހާރު ވަނީ ފަރުވާގެ ހަރަދުތަކާ ހަވާލުވެފަ އެވެ. އަދި އެ ވާހަކަ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަޕްނާގެ ކެރެކްޓާ އިން ފެންނަ ކުރުޝްނާ އަބީޝެކްގެ އަންހެނުން ކަޝްމީރާ ޝާހް އިންސްޓަގްރާމްގައި ހިއްސާކޮށް، ސަލްމާންގެ ދީލަތު އެހީ އަށް ޝުކުރު އަދާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
15 October 2020
شفاه الله عاجلا