ޚިޔާލު / ބިދޭސީން

ބިދޭސީ މަސައްކަތްތެރިންނާއި ދިވެހި އިގުތިސޯދީ ގުޅުން

އަލުން ރަޖިސްޓްރީވާން ގަލޮޅު ދަނޑުގައި ބިދޭސީން ކިއު ޖެހިފައި: ބިދޭސީންގެ ރޯލު ރާއްޖޭގެ އިގުތިސާދުގައި އޮތީ ވަރަސް ފުޅާކޮށް

އިބްރާހިމް އާތިފް ޝަކޫރު

19 އޮކްޓޯބަރ 2020 - 09:05

6 comments

ދިވެހި ރާއްޖޭގައި ރަށްވެހިވެގެން ތިބި މީހުންގެ ނިސްބަތުން، ބިދޭސީންނަކީ ގިނަ ބަޔަކަށް ވާ އިރު، ދިވެހި ވެށީގައި އެބައި މީހުން ކުރަމުން ގެންދަނީ ކޮން މަސައްކަތްތަކެއްތޯ އާއި، އެގޮތުން ކުރާ މަސައްކަތުގެ ސަބަބުން އިގްތިސާދަށް އަސަރު ކުރަނީ ކިހިނަކުންތޯ ވިސްނާލުމަކީ މުހިންމު ކަމެކެވެ.

ބިދޭސީ މަސައްކަތްތެރިންގެ އަދަދު

މިވޭތުގެ ދިޔަ ޖުލައި މަހު، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ހާމަކުރެއްވި ގޮތުގައި 179،964 ބިދޭސީން ރަޖިސްޓްރީވެގެން، އަދި 66،000 ބިދޭސީން ރަޖިސްޓްރީ ނުވެ، ޖުމްލަ 245964 ބިދޭސީން ރާއްޖޭގައި ދިރިއުޅެ އެވެ.

ސްޓެޓިސްޓިކަލް ބިޔުރޯގެ 2019/20ގެ ހިސާބުތައް ބުނާ ގޮތުން ދިވެހިންގެ މަސައްކަތު އާބަދީ އަކީ 181،144 އެވެ. އެހެންކަމުން، ދިވެހި މަސައްކަތްތެރިންގެ ނިސްބަތުން ބިދޭސީންގެ އަދަދު 134 ޕަސެންޓް އިތުރެވެ. ދިވެހި އިގްތިސާދުގައި ދިވެހި މަސައްކަތްތެރިންނަށް ވުރެ ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ.

ސިނާއަތްތަކުގައި އަދާކުރާ ދައުރު

ދިވެހި އިގްތިސޯދަށް ދިރުންދޭ ސިނާއަތްތަކަކީ ގައުމީ އުފެއްދުންތެރިކަމުގެ އިންޖީނަށް ހަކަތަ ދޭ ވަސީލަތްތަކެވެ. އެހެންކަމުން، ރާއްޖޭގެ އިގުތިސޯދުގައި ބިދޭސީ މަސައްކަތްތެރިންގެ ދައުރު ދެނެގަތުމަށް ކުރާ މަސައްކަތުގައި، ގައުމުގެ މުހިންމު ސިނާއަތްތަކުގައި ބިދޭސީންގެ ދައުރަކީ ކޮބައިކަން އެނގުން މުހިންމެވެ.

ރާއްޖޭގައި ދިރިތިބި ބިދޭސީންގެ ޖުމްލަ އަދަދު ޔަގީން ނުކުރެވޭ ހިނދު، ވަކިވަކި ސިނާއަތްތަކުގައި ބިދޭސީން މަސައްކަތްކުރާ އަދަދުތައް ކަށަވަރުކޮށް ދެެނެގަތުމަކީ ކުރެވިދާނެ ކަމެއް ކަމަކަސް ގަބޫލެއް ނުކުރެވެ އެވެ. މި ސަބަބަށްޓަކައި ތިރީގައި މިވާ އަންދާޒަ ތާވަލު އެކުލަވާލާފައި މިވަނީ އެކި ސިނާއަތްތަކުގައި އެންމެ މަދުން ބިދޭސީން މަސައްކަތްކުރާނޭ ކަމަށް ގަބޫލު ކުރެވޭ އިންސައްތައިގެ މައްޗަށެވެ.

ގަބޫލުކުރެވޭ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ 60 ޕަސެންޓް ވަޒީފާގައި ތިބީ ބިދޭސީންނެވެ. އެ ސިނާއަތަކަށް ދިވެހި އިގްތިސޯދު ބަރޯސާވެފައިވާ، "ރަންބިސް އަޅާ" ސިނާއަތުގެ އިންޖީނަށް ހަކަތަ ފޯރުކޮށްދިނުމުގެ ގިނަ މަސައްކަތް ކުރަނީ އެފަރާތްތަކުންނެވެ.

ރަސްމީ އިއުލާނުތަކުން މަސްދޯނި ފަހަރުގައި ބިދޭސީން ގެންގުޅުން މަނަ އެވެ. އެކަމަކު ބޮޑެތި މަސްދޯނި ފަހަރުގައްޔާއި، ކުދި ފަރުމަސް އޮޑިތަކުގައި ބިދޭސީން މަސައްކަތް ކުރަމުންގެންދާ ކަން ނޭނގޭ ބަޔަކު ނެތެވެ.

މަސް ބޭނުމުގެ އިތުރުން، ބާނައިގެން ގެންނަ މަސް ކައްކައި، ދިލަ ޖައްސައި، ވަޅޯކޮށް، ހިއްކައި، ޕެކްކޮށް ވިއްކުމުގެ ބޮޑު ބައެއްގައި ވެސް ހަރަކާތްތެރިވަނީ އެވެރިންނެވެ.

ދަނޑުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން، އުފައްދާ ތަކެތި ބާޒާރަށް ގެންގޮސް، ވިއްކައި ފައިދާ ނަގަނީ ބިދޭސީ މަސައްކަތްތެރިންނެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ކޮންޓްރޯލް އެބައި މީހުންގެ އަތުގައި އޮތް މިންވަރު ދައްކުވައިދިން އެންމެ ބޮޑު ނިޝާނަކީ، ލޯކަލް އަދި ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިއަޅައިގެން ބިދޭސީން ތިބުން މަނާވުމުން، ދިވެހި ދަނޑުވެރި އުފެެއްދުންތައް އެބައި މީހުންނާ އެކު މާލޭގެ އެކި ކަންކަންމައްޗަށް ބަދަލު ވިލެއް ހަލުއިކަމެވެ. އެހެންކަމުން، ރާއްޖޭގެ ޕްރައިމަރީ އިންޑްސްޓްރީޒްގައި، މަސްވެރިކަމާއި ދަނޑުގޮވާން ކުރުމަގައްޔާއި މިގޮތުން އުފެއްދޭ ތަކެތި ވިއްކުމައި ބިދޭސީންގެ ދައުރު ފުޅާވެފައި މުހިންމެވެ.

މިވޭތުވެ ދިޔަ ފަސް އަހަރު ރާއްޖޭގެ އިގްތިސާދުގައި އެންމެ ބާރަށް ކުރިއެރި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ އާބާދީގެ 90 ޕަސެންޓަކީ ބިދޭސީންނެވެ. ފެރީ ދޯނިތައް ދުއްވައި، ރަށްރަށަށް މީހުން އުފުލަނީ އެބައި މީހުންނެވެ. ބޮޑެތި ރިސޯޓްތަކުގެ ބަދިގެޔާއި، ކުދި ހޮޓާތަކުގައި މަަސައްކަތް ކޮށް، މޭޒުމަތި ސާފުކޮށް، ކުނި އުނައި، ކަންމަތީ ފިހާރަތައް ހިންގައި ވިކުރާ ބަލަހައްޓަނީ ހަމަ އެބައި މީހުންނެވެ.

އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން، އިގްތިސާދުގައި މަސައްކަތް ކުރާ ދިވެހިން، މަސައްކަތަށް ފޮނުވައިދިނުމަށް މަގުފަހިކޮށްދެނީ ބިދޭސީންނެވެ. މަސައްކަތު ނުކުންނަ ދިވެހި ގޭބިސީތަކުގައި ކައްކައި، ކާންހަދައި، ކުދިން ބަލަހައްޓައި، މުސްކުޅިންނަށް އަޅާލައި ބަލަހައްޓަނީ ބިދޭސީންނެވެ. ދިވެހި މަސައްކަތްތެރިން މަސައްކަތަށް ނުކުމެ، އުފެއްދުންތެރި މަސައްކަތެއް ކޮށް އާމްދަނީ ހޯދުމަށް މަގު ފަހިކޮށްދިނުމުގައި ބިދޭސީންގެ ދަައުރު މުހިންމެވެ.

މީގެ އިތުރުން ދިވެހި ދަރިންނަށް ކިޔަވައިދީ، ތަރުބިއްޔަތު ކުރުމުގައްޔާއި ހޮސްޕިޓާތަކުގައި ދިވެހިންނަށް ފަރުވާދީ އަޅާލުމުގައި ބިދޭސީ ޓީޗަރުންނާއި ސުޕަވައިޒަރުން، ޑަކްޓަރުންނާއި ނަރުހުންގެ ދައުރު ފުޅަލެވެ.

ހިނގާ މަގު އެއްވަރުކޮށްދީ، ފާހާނާ ނިޒާމު ނިންމައިދީ، ގެއާ ހަމައަށް ކަރަންޓް ނަރު ފޯރުކޮށްދީ، ބަނދަރު ސާފުކުރުން ފަދަ މުނިސިޕަލް ހުރިހާ މަސައްކަތެއް ހެންމެ ކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ.

އެހެންކަމުން ވަރަށް ފާޅުގައި ފެންނަން ހުރި ގޮތުގައި ދިވެހި ސިނާއަތްތައް ހިންގުމުގައި، ޖުމްލަ އިގުތިސާދީ އިންޖީނަށް ދިރުން ގެންސްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ވަރަށް ބޮޑު ބައެއް އަދާކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ. އަދި މީގެ އިތުރުން ދިވެހިން ދިރިއުޅޭ ވައްޓަފާޅި އަށް މަގުފަހިކޮށްދީ މުނިސިޕަލް މަސައްކަތްތައް ކުރަނީ ވެސް އެމީހުންނެވެ.

ބިދޭސީ ވިޔަފާރިވެރިންގެ ދައުރު

ދިވެހި ސިނާއަތްތަކުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން ވަރަށް ސާފު ގޮތުގައި ބިދޭސީން ގެންދަނީ ވިޔަފާރިވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުންްނެވެ. ހުކުރަށް ނުވަތަ ރޯދައަށް ގޭތެރެ ރީތިކޮށްލައި، ކޮޓަރި ފަދަ ތަންތަނުގައި ތަށިމުށި ޖަހައި، ފެންވަޔަރު ކުރުމުން ފެށިގެން، ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ހިންގަމުން ގެންދާކަން އަޅުގަނޑުމެން އެންމެން ދަންނަމު އެވެ. އެންމެ ރަނގަޅު އަގުގައި ޑޮލަރު ގަނެ ވިއްކަނީ އެބައި މީހުން ކަމަށް ވުމުގެ އިތުރުން، ބަންދު ބޯޑު އެޅުވުމަކާ ނުލާ، ގުޅާލާ ކޮންމެ ގަޑިއެއްގައި ގޭދޮށަށް އައިސް ޑޮލަރުގެ ހިދްމަތް ފޯރުކޮށްދިނުމަށް އެމީހުންނަށް އުނދަގުލެއް ނޫނެވެ. މިގޮތުން، ފުޅާކޮށް އެކަމަކު ހިޔަނީގައި ކުރަމުންދާ ވިޔަފާރިތަކުގެ ކަސްޓަމަރުންނަކީ އަޅުގަނޑުމެން ދިވެހިންނެވެ.

އެއްވެސް ބަޔަކު ރާއްޖޭގައި ވިޔަފާރި ކުރަނީ ނަމަ، ވިޔަފާރި ފައިދާއިން ޓެކްސް ދައްކަން ޖެހޭނެ އެވެ. ނަމަވެސް ކުދި އަދި ބޮޑު އެތައް ވިޔަފާރިއެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގަމުން އެގެންދަނީ، ދައުލަތަށް އެފަދަ ވިޔަފާރިތަކުން ޓެކްސް ނުދައްކަ އެވެ.

މިގޮތުން ހިޔަނީގައި ކުރާ ވިޔަފާރިތަކުގެ އިތުރުން، ކުދި ކަންމަތީ ފިހާރަތަކުން ފެށިގެން ބޮޑެތި މާޓްތަކާއި ބޯކޮށާ ދުއްކާނު، އަދި ޔުނިފޯމާއި ގަމީސް ފަޓުލޫނު ފަހައިދޭ ތަންތަން ހިމެނޭ ގޮތުން، ދިވެހި ވެށީގައި އެތައް ވިޔަފާރިތަކެއް ހިންގަމުން ގެންދެ އެވެ. މިދެންނެވި ވިޔާފާރިތައް ހުންނަނީ ދިވެހިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފަ އެވެ. އެހެންކަމުން ޖީއެސްޓީ އަދި ބީޕީޓީ ވެސް ދައްކަމުންގެންދާނެ ކަމަށް ބެލެވިދާނެ އެވެ. ނަަމަވެސް، ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދެއްކި ނަމަވެސް، ދިވެހިންގެ ނަމުގައި ހިންގަމުންގެންދާ މިފަދަ "ކަރުދާހު ވިޔަފާރިތަކަކީ" ފޮރިން އިންވެސްޓްމަންޓް އުސޫލުތަކާ ހިލާފަށް ރާއްޖޭގައި ހިންގާ ހަގީގީ ބިދޭސީ ވިޔަފާރިތަކެވެ. މިފަދަ ވިޔަފާރިތައް ހިންގަން ކަރުދާހުގެ ހިޔާ ފޯރޮކޮށްދޭ ދިވެހިންނަށް ލިބެނީ އެއްބަސްވެވިފައިވާ މަހު ފީއެކެވެ. އެފަދަ ވިޔަފާރީގެ ފައިދާގެ ހައްގުވެރިންނަކީ ބިދޭސީ އޮންޓަޕްރިއަނަރުންނެވެ.

ކުށުގެ ވެށީގައި ބިދޭސީން ހިންގާ ވިޔަފާރިތައް

ގަވާއިދުން ރަޖިސްޓްރީ ކޮށްގެންނާއި ނުކޮށް، ނިވަލުގައި ހިންގަމުންގެންދާ ވިޔަފާރިތަކުގެ އިތުރުން ކުށުގެ ވެށީގައި ވިޔަފާރި ފައިދާ އަށް ގިނަ ހަރަކާތްތަކެއް ހިންގަމުންގެންދާ ކަމަށް ވެސް މިވަނީ ޔަގީން ކުރެވިފަ އެވެ. މިގޮތުން ކުރާ ވިޔަފާރިތަކުގެ ތެރޭގައި އެމީހުންގެ އަމިއްލަ ގައުމުގެ ރައްޔިތުން އެކުލެވޭ ގޮތުން ހިޔުމަން ޓްރެފިކިން އާއި ހަށިވިއްކުމާއި، މަނީ ލޯންޑްރިން އަދި ޑްރަގާއި ރަލުގެ ބާވަތްތަކުން ވިޔަފާރި ކުރަމުން ގެންދާކަމުގެ ހެކިތައް ފެނި މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.

ކޮންމެ ގައުމެއްގައި ނަމަވެސް، ވިޔަފާރި މަގުސަދުގައި ރޭވުންތެރިކަމާ އެކު ބޮޑެތި ކުށްތަކަށް އަރައިގަންނަނީ އެ ވިޔަފާރިއެއްގެ ފައިދާ ބޮޑުކަމުންނެވެ. ރާއްޖޭގެ މާހައުލުގައި މިގޮތުން ރޭވިގެން ހިނގާ ބޮޑެތި ބައެއް ވިޔަފާރިތައް ހިންގައި ރާވައި އެކަމުން ފައިދާ ނެގުމުގެ މުހިންމު ދައުރެއް، ބިދޭސީން އަދާކުރަމުން ގެންދާ ކަމުގެ ހެކިތައް ހުރީ ފެންނާށެވެ.

ބޭރަށް ރެމިޓް ކުރާ ފައިސާގެ މިންވަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ބުނާ ގޮތުން 2016 ގައި 90 މިލިއަން ޑޮލަރު ރެމިޓަންސްގެ ގޮތުގައި ރާއްޖޭން ބޭރުކޮށްފައިވެ އެވެ. ނަމަވެސް ބޭންކުތަކުން ރެމިޓް ކުރުމުން ތިން ޕަސެންޓް ރެމިޓަންސް ޓެކްސެއް ނެގުމަށް 2016 ގައި ހަމަޖެއްސުމުން ރަސްމީ ގޮތުން ރެމިޓް ކުރާ އަދަދު މަދުވެ 2019 ގައި ރެމިޓްކޮށްފައިވަނީ 75.1 މިލިއަން ޑޮލަރެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީ އާބާދީ ބޮޑުތަނުން އިތުރުވެފައިވާ މި މުއްދަތުގައި، ރަސްމީ އިދާރާތައް މެދުވެރިކޮށް ބޭރަށް ރެމިޓްކުރި މިންވަރު މަދުވުމުން ޔަގީންކޮށްދެނީ ނުރަސްމީ "ހަވާލާ" ނިޒާމުތަކެެއް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިން ރާއްޖޭން ބޭރަށް ފައިސާ ރެމިޓް ކުރަމުންގެންދާކަމެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ކޮންމެ މަސައްކަތްތެރިއެއް މަހަކު 100 ޑޮލަރު (ވަރަށް ޔަގީން ކުރެވޭ ގޮތުގައި މަހަކު 100 ޑޮލަރަކީ ކުޑަ އަދަދެއް) ރާއްޖޭން ބޭރުކުރާނެ ކަމަށް އަންދާޒާކޮށްފި ނަމަ، ބިދޭސީ މަސައްކަތްތެރިން އަހަރަކު 295 މިލިއަން ޑޮލަރު ބޭރުކުރާނެ އެވެ.

ރާއްޖެއަށް މިދިއަ އަހަރު އެކްސްޕޯޓްކޮށްގެން ލިބުނީ 158 މިލިއަން ޑޮލަރެވެ. އެހެންކަމުން 295 މިލިއަން ޑޮލަރުގެ ރެމިޓަންސް އެ ވަނީ 2019ގެ އެކްސްޕޯޓް އާމްދަނީއަށް ވުރެ 186 ޕަސެންޓް މަތިވެފަ އެވެ. އެހެން ގޮތަކަށް ހިސާބު ކުރަނީ ނަމަ، 295 މިލިއަން ޑޮލަރަކީ ރަސްމީ ރޭޓުން 4.54 ބިލިއަން ރުފިޔާ އެވެ. ނިސްބަތުން މިނެލުމުން، 4.54 ބިލިއަން ރުފިޔާއަކީ 2019ގެ ދައުލަތަށް ލިބުނު ވިޔަފާރި ފައިދާގެ ޓެކްސްގެ 156 ޕަސެންޓެވެ. ޓުރައިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީއަށް ވުރެ 275 ޕަސެންޓް ބޮޑު މިންވަރެކެވެ. އަދި 2019ގައި މުޅި ދައުލަތަށް ލިބުނު ޖުމަލް ޓެކްސް ރެވިނިޔުގެ 34 ޕަސެންޓެވެ.

ދިވެހި އިގުތިސޯދަށް ބޭނުންވާ މިންވަރަށް ޑޮލަރު ލިބުން އަބަދުވެސް ދަތިވެ، ވިޔަފާރިތަކުންނާއި އަމިއްލަ ފަރާތްތަކުން "ކަޅު" ބާޒާރުން ޑޮލަރު ގަންނަމުން ދާއިރުގައި، މިފަދަ ބޮޑެތި އަދަދުތަކުން ޑޮލަރު ބޭރުވަމުން ދިޔުމުގެ ނޭދެވޭ އަސަރު، ފާޅުކަންމަތީ އިގްތިސާދަށް ކުރަމުން ގެންދާނެ އެވެ.

މި މަހު ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލަން ނެރުނު މަސްތުވާތަކެތި: މަސްތުވާތަކެތީގެ ވިޔަފާރީގައި ވެސް ބިދޭސީންގެ ދައުރު ބޮޑު ..-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ދިވެހި ސިނާއަތްތައް ހިނގައި، އިގްތިސާދީ އިންޖީނަށް ހަކަތަ ފޯރުކޮށްދިނުމުގައި ބިދޭސީންގެ ދައުރު މުހިންމު ވެފައި ފުޅަލެވެ. މީގެ އިތުރުން ދިވެހި އާއިލާތައް ބެލެހެއްޓުމުގަޔާއި، ދިވެހި ދަރިންނަށް ކިޔަވައިދިނުމުގައްޔާއި، ބަލި މީހުންނަށް އަޅާލުމުގެ އިތުރުން މުނިސިޕަލް މަސައްކަތްތައް ހިންގުމުގައި ވެސް އެބައި މީހުންގެ ދައުރު އެހާމެ މުހިންމެވެ.

ހަމަ މިއާ އެކުގައި ނިވަލުގައި ތިބެ ކުދި އަދި ބޮޑެތި އެތައް ވިޔަފާރިތަކެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ރަސްމީކޮށާއި ނުރަސްމީކޮށް ހިންގަމުންގެންދަނީ، ކަސްޓަމަރުންގެ ގޮތުގައި ދިވެހިން ބައިވެރިކޮށްގެން، އެ މީހުންނެވެ.

މިގޮތުން ކުރާ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކުށްތަކަށް އަރައިގަނެ، ހަށިވިއްކުމާއި މަސްތުވާ ތަކެއްޗާއި ރަލުގެ ވިޔަފާރި، ރާވައި ހިންގުމުގެ އިތުރުން، މަނީ ލޯންޑްރިން އާއި، ހިޔުމަން ޓްރެފިކިން އަދި ގަސްދުގައި މީހުން މެރުމުގެ އަމަލުތަކުގައި އެ މީހުން ބައިވެރިވެ އެވެ. ކަނު އަނދީރީގައި ކުރާ މިފަދަ ކަޅު ވިޔަފާރިތަައް ރާވައި ހިންގަނީ ބޮޑު ފައިދާއަށެވެ.

ދިވެހި ވެށީގައި ބިދޭސީންގެ ދައުރަކީ ކޮބައިތޯ، އެބައި މީހުންގެ އިންތަކަކީ ކޮބައިތޯ ކަނޑައެޅުމުގެ ވަގުތު ގާތް ވަމުން އަންނަ ކަމަށް ޔަގީން ކުރެވޭއިރު، މިބައި މީހުން ދިވެހި އިގްތިސާދުގައި އަދާކުރާ ދައުރާއި އެކަމުގެ ނަތީޖާއާ މެދު ފުންކޮށް ވިސްނާލުމަކީ މުހިންމު ކަމެކެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އިނގިރޭސި ބަހުން ނެރޭ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީގ

20 October 2020

ކުޑަދުވަސްކޮޅެއް ކުރިއައްޖެހިލާއިރު ބޮސްއަންނާނީ ފިހާރަބަންދުކޮއް ވަތްގަނޑު ހުސްކުރާގަޑިއައް ދެން އުޅޭނީ ރައްޓެހިނާއެކު ކޮފީމޭޒުތަކުގަ މިހާރު އަދިމާފަސޭހަ ބޮސްއައް މަސްނިމުމުން އެދޭންއޮނަންއެއްޗެއްދިނީމަ ނިމުނީ ބޮސްއުޅޭނީ ކޮފީމޭޒުތަކާ ބޭރު ދަތުރުތަކުގަ.

The name is already taken The name is available. Register?

Ali Gasim

19 October 2020

މިއޮތީ ދިވެހިންނަށް ވަޒީފާ ނުލިބޭސަބަބު މުޅިގައުމު ހިސޯރުކޮށްގެން ބިދޭސިން ސީދާ ސަރުކާރުން ކުރުވަކަމެއް

The name is already taken The name is available. Register?

ޙިނި

19 October 2020

ރައްޔިތުން މި ވަގައް އުޅޭ ބޭރުމީހުން ހިފާ ހައްޔަރުކޮއް ގެން ނޫނީ މިކަމަކައް ހައްލެ ނުގެނެވޭނެ. ޢިދިކޮޅު ސިޔާސީ މީހުނަކައްވެސް ނުކެރޭ މިކަހަލަ ރައްޔިތުންގެ އާމްދަނީއާ ގުޅުންހުރި ކަންކަމުގަ އެކްޓިވިޒަމް ހިންގާލާ މިކަން ހައްލުކުރާކައް

The name is already taken The name is available. Register?

ކުރައިބު

19 October 2020

އާތިފަކީ ދެން ވަރަށް މޮޅު މީހެއް!

The name is already taken The name is available. Register?

ހަސަނު

19 October 2020

އިގްތިސާދު އޮތީ ބަންގލަދޭޝާ ގުޅިފަ.. މި ރާއްޖޭގާ އަލަށް ރިސޯޓެއް ހުޅުވައިފިނަމަ މަދުވެގެން 3 މިލިއަން ޑޮލަރު ލިބޭ ބަނގލަޑޭޝަށް މުސާރައިގެ ގޮތުގަ. އެ ރިސޯޓު ހުޅުވީ އިންސެންޓިވްގެ ގޮތުގާ ބައިވަރު ލުއިތައް ދީގެން.. ރާއްޖެއަށް ލިބެނީ މިލިއަނެއްވަރު. އެ ރިސޯޓަށް މުދާ ގެންނަނީވެސް، ޓްރާންސްޕޯޓު ފޯރުކޮށްދެނީވެސް ބަންގލަދޭޝް މީހުން.. ދެން ކޮވިޑާ ގުޅިގެން ސިން ސްޓިމިއުލަސް އަށްވެސް ވަނީ މިކަހަލަ ގޮތެއް.

The name is already taken The name is available. Register?

އިސްމާލި

19 October 2020

"ޓުރައިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީއަށް ވުރެ 275 ޕަސެންޓް ބޮޑު މިންވަރެކެވެ." މާނައަކީ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތައް ހަދައި ބިލިއަނުން ފައިދާ ނަގަމުންދާ އަހަރެމެންގެ ރަށްތަކުން ލިބޭ ކުއްޔަށްވުރެ ލިޔަންކިޔަން ނެނގޭ އާދައިގެ މަސައްކަތްކުރާ ބިދޭސީން އުފައްދާ ފައިސާ ގިނަޢޭތަ!ބިމުކުލި މިހާ ކުޑަނަމަ ދެން ސުވާލަކީ ޓުއަރިސްޓު ކުންފުނިތަކުން ރާއްޖެއަށް ދެނީ ކޯޗެއްހޭ؟ ބީ.ޕީ.ޓީ ފިޔަވައި އެހެން ޓެކްސް ތަކަކީ ޓުއަރިސްޓު މީހާ ދައްކާ އެއްޗެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454