ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރި ތަނެއް އިމިގްރޭޝަނުން ފާސްކޮށް، އަތުލައިގަތް ތަކެތި: އެފަދަ 11 ތަނެއް ވަނީ ބަންދުކުރަން އަންގާފައި --- ފޮޓޯ/އިމިގްރޭޝަން
05 ޑިސެމްބަރ 2025 - 19:13
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ފެށި މަސައްކަތާއެކު، މިހާތަނަށް އެފަދަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓްކުރަން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިގެން 20 ކެފޭއަކާއި 12 ރީޓެއިލް އައުޓްލެޓަކާއި ދެ ގަރާޖަކާއި ގެސްޓްހައުސްއެއް ފާސްކުރި ކަމަށެވެ.
އޭގެ ތެރެއިން 11 ތަނެއް މިހާރު ބަންދު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ވިޔަފާރިތައް ބަންދުކުރުމަށް ނޯޓިސްދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ" އެތަންތަން ބަންދުކުރި ސަބަބާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން މަސައްކަތް ކުރަނީ އެ މިނިސްޓްރީ ހިމެނޭހެން އެކުލަވާލާފައިވާ ގައުމީ ޓާސްކް ފޯހަކުންނެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމުގެ ތަހުގީގެއް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އިކޮނޮމިކް މިނިސްޓްރީގެ 3333199 ނަމްބަރަށް ގުޅައިގެން ނުވަތަ އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެކަން އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާނިމާ
06 December 2025
ބަންދުކުރި ތަންތަނުގެ ލިސްޓެއްވެސް ޖަހާލިނަމަ. ހަމަ ހުރެލާފަ 500 ތަން ބަނދުކޮށްފީމޭވެސް ބުނެވިދާނެ
އަބޫ
06 December 2025
އިމާދުުއްދީން ކައިރީގައިވާ ބާޒާރުގައި ހުސް ބިދޭސީން
ހަލޯ
06 December 2025
އެބަ ރަންގަޅުވޭ
ކޮރަލް
06 December 2025
ބިދޭސީން ރޯދަ މަހު ގޮޅި ހިންގައިގެން ދުވާލަކު 10 ހާސް ރުފިޔާ އެބަ ލިބެ އެވެ . އެއީ 3 ލައްކަ ރުފިޔާ އެވެ . ހަރަދު ތައް ކަނޑާފަ ބިދޭސީ މީހާ އަށް 2 ލައްކަ އަށް ވުރެ ގިނަ އިން އެބަ ލިބެ އެވެ . އެފައިސާ އިން އެހެން ވިޔަފާރި އެއް ފަށަނީ އެވެ . ހައްޔަރު ކުރާއިރަށް ސަލާމަތް ވާން 70 ހާސް ވެސް ދޭން އެބަ އެއްބަސް ވެ އެވެ . ވިޔަފާރި ކުރަން ގޮޅި ތަކުގަ 24 ގަޑި އިރު މަސައްކަތް ކުރި ދިވެހީން ބޭރު ކޮށްލައިފި އެވެ . ރޯދައިގެކިރިން ހައްލެއް ބޭނުންވެ އެވެ .
ދަގަތްފާނު
06 December 2025
ތިޔަ ވިޔަފާރިތަކެއް ފެނިފައިވަނީ ކޮންކޮން ރަށްރަށަކުންކަން ހަބަރުން ސާފުނުވިކަން އެއީ ވަރަށް ދެރަކަމެއް. ނޫނީ ތިޔަ އޮފިސް ހިންގާރަށުގެ ވިޔަފާރިތަކެއް ބަންދުކުރީބާ.
އޮނަރަބްލް އަފީފު ދީދީ
05 December 2025
ތިފަދަ ތަޙްޤީގު ތަކުން ބިދޭސީމީހާ ވިޔަފާރި ކުރާކަން ސާބިތު ނުވިކަމަށް ވިޔަސް އޭނާއަށް ދޫކޮށްފައިވާ ވާކް ވީސާގެ މުއްދަތު އިތުރު ކޮށްނުދިނުން ފަދަ ފިޔަވަޅު އަޅައި އޭނާ ރާއްޖޭގައި ހުރުމަށް ހުރަސް އަޅާން ޖެހޭ. ވާކް ވީސާ ނެތި އިތުރަށް ޓްއަރިސްޓް ވީސާގައި އޭނާ ދަތުރުކޮށް ވިޔަފާރީގެ އެއްވެސް ޙަރަކާތެއްގައި އުޅެނިކޮށް (ޓްއަރިސްޓެއްގެ ޙައިސީއްޔަތުން ބޭރު އެއްވެސް ކަމެއް ކުރަނިކޮށް) ފެނިއްޖެ ނަމަ 20 އަހަރު ދުވަހަށް ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ކޮށްލާ.
ރަށުކަތީބު
05 December 2025
ބިދޭސީ މީހާޔައް ވިޔަފާރި ހުއްދަ ނަގައިދީގެން މަސަކަތެއް ނޮކޮށް ކައިގެން ބޮއިގެން އުޅޭ ދިވެހި މީހާޔައް އަދަބު ނުދީ ތިޔަކަން ނުހުއްޓޭނެ، ކޭސިޔަރުންނަށް ބިދޭސީން ތިބުމަކީ މަނާކަމެއް، ކީއްވެ އެތަންތަން ބަންދު ނުކުރެވެނީ ؟
ސޭކު
05 December 2025
މީ ގައުމުގެ ހާލަތު. މިކަހަލަ ކަންކަމަކީ ހަބަރު ނުލިޔެވެސް ވެވެ ހުންނަންޖެހޭ ކަންކަން.
ޖެންޒީ
05 December 2025
މިފޯއްތައް ކައިގެން އަނެއްކާ ބޭކަލުންތައް ރަތްކުޅުތަޅާނީ މަގުމައްޗަށް. ވަކި ސަހަލު ބަޔަކު ނެތެއްނު.
ވަރިހަމަދޯ
05 December 2025
ރިސޯޓްތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަޅައެއްނުލާ