ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ 92 ދިވެއްސަކަށް، މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި ބޮޑު އޮޕަރޭޝަންގައި ލިއުމުން ނަސޭހަތުގެ ނޯޓިސް ދީ، އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަން އަންގައިފި އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގައި ދިވެހިންތަކަކަށް ނޯޓިސް މިދިނީ، ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިން ވެސް ހުއްޓުވައި ފިޔަވަޅު އަޅަން އިމިގްރޭޝަނަށް ގޮވާލަމުން ދަނިކޮށެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 314 ތަނެއް ބަލައި ފާސްކޮށް، 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ސުވާލުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ އަދި ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ 28 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އަދި ގަވާއިދާ ހިިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެއްސަކަށް [ވަޒީފާ ދޭ ފަރާތް] ވަނީ ލިޔުމުން ނަސޭހަތް ދީފަ އެވެ،" އިމިގްރޭޝަނުން ބުންޏެވެ.
އެ ނަސޭހަތުގެ ނޯޓިސްއާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އެ މީހުންނާ މެދުގައި އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން ހުޅުމާލޭގައި ބޭއްވި ބޮޑު އޮޕަރޭޝަންގައި އެ އިދާރާގެ 200 އަށް ވުރެ ގިނަ އޮފިސަރުން ބައިވެރިވި އެވެ. އަދި އެ އޮފިސަރުންނާ އެކު އިމިގްރޭޝަންގެ ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ވެސް އެ އޮޕަރޭޝަންގައި ބައިވެރިވެވަޑައިގަތެވެ.
އިމިގްރޭޝަންއާ އެކު ފުލުހުންނާއި އިނޮކޮމިކް މިނިސްޓްރީ އާއި އެޗްޕީއޭ އަދި އެމްއެފްޑީއޭގެ އޮފިސަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވި އެވެ.
އެ އޮޕަރޭޝަން ފެށުމުގެ ކުރިން ޝަމްއާން އިއްޔެ މީޑިއާތަކަށް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެހީތެރިނުވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެގޮތަށް އުޅޭ ބިދޭސީން އަތުލައިގަތުމުގައި އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އިމިގްރޭޝަނުން މިހާރު ފަށާފައިވާ އޮޕަރޭޝަންތަކުގައި އާންމުން މާޔޫސްވިޔަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަން މިހާރު ހިންގަނީ މާލެ ސަރަހައްދުގައި ކަމަށް ވިޔަސް އޭނާ ވިދާޅުވި ގޮތުގައި އެހެން އަތޮޅުތަކަށް އެ އޮޕަރޭޝަން ފުޅާކުރުމުގެ ޕްލޭންތައް އަންނަނީ ރާވަމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފަ އެވެ.