މާލޭގައި ނުތާހިރުކޮށް ކާބޯތަކެތި ހަދާ އިތުރު ތަނެއް ހޯދައި 15 ބިދޭސީއަކު މިއަދު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއްވެސް ސާފުތާހިރުކަމެއް ނެތި، ގަވާއިދާ ހިލާފަށް ބިދޭސީންތަކެއް ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅޭ މައުލޫމާތު ޓާސްކް ފޯސް އަށް ލިބިގެން ހ. ބިއަންކާގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ގޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
"މި ރެއިޑުގައި ވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ބައިވެރިވެފައި. އަދި މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ވަރަށް ނުތާހިރުކޮށް ހުރި އެ ގޭގެ މޭޒެއްގެ މަތީގައި ރިހަ އަޅާފައި ހުރި ތެއްޔަކާއި ޓައްޕަކާއި ތަބަކެއް ހުއްޓެވެ. އަދި ޕްލާސްޓިކު ކޮތަޅުތަކަކަށް ބަތް އަޅާފައި ހުއްޓެވެ. ބޮޑެތި ކެއުންތައް ތައްޔާރުކުރަން ބޭނުންކުރާ އުނދުނާއި ތެލި ވެސް އެ ގޭގެ ތެރޭގައި ހުއްޓެވެ. އެތަނުގެ އެކި ތަންތަނަށް ކާއެއްޗެހި އެޅި މުޅިތަން އޮތީ ވަރަށް ނުތާހިރުކޮށެވެ.
ބެލެވޭ ގޮތުގައި، އެއީ ބިދޭސީންނަށް ކެއުން ތައްޔާރުކުރާ ތަނެކެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި މީގެ ކުރިން ވެސް ވަނީ ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ އެތައް ތަނެއް ހޯދައިފަ އެވެ. އެ ތަންތަނުގައި އުޅޭ ބިދޭސީން ހިފަހައްޓައި ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.