މިނިސްޓަރު އަބްދުﷲ އަމީން، ނޫސްވެރިންގެ ބައްދަލުވުމުގައި.
20 އޮކްޓޯބަރ 2020 - 09:44
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލް މިއަދު މެންދުރު ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ކަަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އޭސީސީން ޕީޖީގައި އެދުނީ މިނިސްޓަރު އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު، އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.
މިނިސްޓަރު އަމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކަކާ އެކު ހަތަރު ދައުވާއެއް އުފުލައިދޭން އޭސީސީން އެދުނެވެ. އެ ދައުވާ އުފުލައިދޭން އެދުނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ (2) އާއި 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ.
ވެންޓިލޭޓަރު މައްސަލަ އަނބުރާ ފޮނުވާލިއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސް ފާތުމަތު ޝިއުނާ ވިދާޅުވީ ހެއްކާއި ބަޔާންތަކަށް ބަލާއިރު ވެންޓިލޭޓަރު ކޭސްގައި ދައުވާ އުފުލޭނެ ވަރަށް ތަހުގީގު ކުރެވުނު ކަމާ މެދު އެ ކޮމިޝަނަށް ޔަގީންކަން އޮތް ކަމަށެވެ.
ތަހުގީގަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ މަސައްކަތް ފެއްޓެވީ މިނިސްޓަރު އަމީން ކަމަށެވެ. އެ ކުންފުނީގެ އިސްވެރިޔާ ތަޚުމަތީ، ހެލްތު މިނިސްޓްރީ އަށް ތައާރަފްކޮށްދެއްވީ ވެސް އަމީން ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ތަހުމަތީގެ މައުލޫމާތު، ހެލްތު މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަހްމަދު އަސްލަމަށް ދެއްވައި އެއީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ކުންފުންޏެއް ކަމަށް ދޭހަވާ ގޮތަށް ބިޑް ކޮމިޓީ އަށް ތައާރަފްކޮށްދެއްވީ އަމީން ކަމަށެވެ. އެގްޒެކިއުޓާސްގެ ޑިއުޑެލިޖެންސް (ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ) ނުބަލައި ހަވާލުކުރީ މިނިސްޓަރު އެގޮތަށް އަމަލުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.
އޭސީސީގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނީ އެއީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަމަށެވެ. އެކަމަކު މިނިސްޓަރު އަމީން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑުގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ބޭނުންވެ، ނުލިބި ލަސްވުމުގެ ހާސްކަމުގައި އެހީއަށް އެދި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވް އަރުވިންދު މާތުރާ މަޝްވަރާ ކުރެއްވި ކަަމަށެވެ. އެގްޒެކިއުޓާސްގެ ކޮންޓެކްޓް ލިބުނީ ޑަބްލިއުއެޗްއޯގެ އޮފީހުން ކަަމަށާއި އެހެންވެ އޭނާ އެކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެކަމަގައި ކޮރަޕްޝަނެއް އަދި ނުފޫޒުން ހިންގެވި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް މިނިސްޓަރު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އޭސީސީން ބުނެފައި ވަނީ ކޮންޓްރެކްޓް އެގްޒެކިއުޓާސްއާ ހަވާލުކޮށް، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓަށްވާ ފައިސާ އާއި 15 ޕަސެންޓަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް އާއި ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ނެތި އެވެ. އެޑްވާންސް ފައިސާ ދެއްކީ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެން ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ވެންޓިލޭޓަރު ހޯދުމުގެ އެއްބަސްވުމުގައި އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތުގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020ގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުބޭބޭ
22 October 2020
ޑީލް ހެދީދޯ މިކަމުގަވެސް...އިސްތިއުފާދޭނަމަ ދަޢުވާނުކުރަން...ވަރަށްސަޅި
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
21 October 2020
ދައުވާން ނުކުރުން ޝަރުތުކޮށް ތޯ ތަހުގީގް ކުރީ.؟
އިބިރިހިންބެއްޔާ
20 October 2020
ނުލިބުނު ވެންޓިލޭޓަރުގެ ބޭނުން ނުޖެހި މިއަޅާ ސަލާމަތްވީތީ މާތްﷲގެ ޙަޒުރަތަށް ޝުކުރު ދަންނަވަމުން ނިންމާލަން.
ޢިތުބާރުކުރޭ67
20 October 2020
ނަންވާނީ ޔާމީން އައްބާނާ ކަމައް....ހައްހައްހައް
ބޮޑުމީހާ
20 October 2020
ރިހާކުރު ފުޅި ވަގަށް ނެގީމަ 1 އަހަރަށް ޖަލަށް. ދިވެހިންނޭ 32 މިލިއަން ނެގިޔަސް ރިހާކުރު ވަގަށް ނުނަގާތި
ނަޝީދުު
20 October 2020
އަހަރެން ނުބުނާން އަދި މިވަރަކުން ނިމޭނެއޭ. އަދިވެސް އަމީނަށް އަންނާނެ ހަމަލާތައް. މި ސަރުކާރުގެ ވަޒީރުންނަށް މިފަހަރު އޮތީ މި ގޮތް. މަޖިލީހުގެ އުނދަގުލެއް ކުޑައެއް ނުވާނެ. އެއްކަން ނެތިއްޔާ އަނެއްކަން ހޯދާނެ.
ޓަކަފިރޯށި
20 October 2020
ހަގީގަތުމީ އަމީނު ކުރި ވައްކަމެއްނޫން ! ފިނޭންސް މިނިސްޓަރު އަމީރުގެ ވައްކަމެއް އަމީނުބޭނުން ކޮށްގެން މިކުރީ! މިހެންބުންޏަސް އެއްއްތޮޅު މީހެއްވީމަ އަމީނުއަށްވަސް ކޮންމެވެސް އެތިކޮޅެއް ޖައްސާލާނެ އިގޭ!
ނޭވާހޮޅި
20 October 2020
ސަރުކާރެއް އެކޮޅުކޮޅުން ޖެހި ބޮޑު މަންޒަރު މިހިރަގެން އަރާ ހަމަވަނީ އެވެ ރައީސް އިބްރާހީމް އަކީ މަޑު ގިނީގަ ކައްކާލަ ކައްކާލާ އިންނަން ދަސްވެ ނިމިފަ ހުރި ބޭކަލެކެވެ
އާދަމް ބާއީ
20 October 2020
ސަހާދެއް ބޯހަލާކު.
އަމީންގެ ވަކީލު
20 October 2020
އަމީން ދެއްކެވީ ރަސްމީ ވާހަކަތަކެއް ނޫނޭ ބުނެވޭނެ ހަމައެއްގޮތްވެސް ނޯންނާނެ. އެހެނީ ތިޔަބުނާ ޑަބްލިޔު އެޗްއޯގެ މީހާ އެހުރީ މަގާމުގައި. އަމީން ހުރީކީ އޭނާ ގޭގެ ކޮޓަރީގަ އެއްނޫން. މިނިސްޓަރު ކަމުގައި ހުރެ ރަސްމީ ފަރާތަކާއި ދައްކާ ވާހަކަ އަކީ ތަނުގެ މެއިލްއެޑްރެހުން ފޮނުވާ މެއިލް އަކީ ރަސްމީ އެއްޗަކަށް ނުވާނެ ގޮތެއް ނުވިސްނޭ. ގާނޫނުގައި ބުނެފައި ނޯންނާނެ ރަސްމީ ވާހަކައަށް ވާނީ އެސްއެމްއެސް މެދުވެރިކޮށް ފޮނުވީމައޭ ނޫނީ ގަލަމަކުން ލިޔުނީމައޭ. ވެދުން.