ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ. އޭނާ ވިދާޅުވީ އަމީން ވަކިކުރަން ހުށަހަޅަން ވޯޓް ނުދެއްވި މެމްބަރުން ވޯޓް ނުދެއްވީ އަމީން މަގާމުގައި ބަހައްޓަން ނޫން ކަމަށް.
20 އޮކްޓޯބަރ 2020 - 22:35
ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ވޯޓު ނުދެއްވި މެމްބަރުން އެގޮތަށް ކަންތައް ކުރެއްވީ އަމީން މަގާމުގައި ބަހައްޓަން ނޫން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގްރޫޕުގައި މިއަދު ޚިޔާލު ތަފާތުވީ ވަޒީރުކަމުގެ މަގާމުން އަމީން ވަކިކުރުމާއި ނުކުރުމުގެ މައްސަލައިގައި ނޫން ކަމަށާއި އޭނާއާ މެދު އެ ފިޔަވަޅު އަޅާނެ ގޮތަކާ މެދު ކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަަލައެއް މަޖިލީހަށް ވައްދައިގެން ވަކިކުރުމުގެ ބަދަލުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން އެދިވަޑައިގަތީ އަމީން މަގާމުން ވަކިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވަން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެމްޑީޕީގެ ބޭފުޅަކު ރައީސްކަމުގައި ހުންވާ އިރު، ރަނގަޅު ގޮތަކީ ފުރަތަމަ ރައީސަށް ދެންނެވުން ކަމަށް އޭނާ ވެސް އަދި ވޯޓު ނުދެއްވި އެހެން ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ އުސޫލަކީ މިއީ. އަނެއްކާ އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް ކޮރަޕްޝަންގެ އެ މައްސަލަ ސާބިތުވިޔަސް ނުވިޔަސް، އެފަދަ ތުހުމަތުތަކެއް ކުރެވުނީމާ އަމީން ދެން އެ މަގާމުގައި ނުބަހައްޓަވާނެކަން،" ޣަފޫރު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ތާއީދު ކުރެއްވި ބޭފުޅުންނަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ އެވެ. އެހެން އެކަން އޮއްވައި، ވޯޓު ނުދެއްވި މެމްބަރުންނަކީ "ވައްކަމަށް ތާއީދު ކުރި ބައެއް"ގެ ގޮތުގައި ލޭބަލް ކުރަން މަސައްކަތް ކުރާތީ ހިތާމަކުރައްވާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އޭސީސީން އަމީނަށް ދައުވާކުރަން ފޮނުވިތާ އަދި ގިނަ ދުވަސްތަކެއް ނުވާ ކަމަށާއި އޭނާ މަގާމުން ވަކި ނުކޮށްގެން މަޖިލީހަށް އެ މައްސަލަ ވައްދާ ހިސާބަށް އަދި ނުދާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
"ކޮންމެ ކަމެއްގައި ވެސް އޮންނާނެ ހައިރާކީއެއް. ރައީސް އެކަން ނުކުރައްވައިގެން އަޅުގަނޑުމެން މުޅިން ވަކި ބައެއް ހެން މަޖިލީހަށް އެ މައްސަލަ ވައްދާ ހިސާބަށް ދިޔަ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
އަމީން މަގާމުން ވަކިކުރަން މަޖިލީހަށް މަައްސަލަ ވައްދަން ފެނޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނެގި ވޯޓުގައި އެގޮތަށް ފާސްނުވި ނަމަވެސް 24 މެމްބަރަކު ސޮއިކުރައްވައި، އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލަ ވައްދަން ސޮއިކުރެއްވި މެމްބަރުންނަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތައުރީފުކުރަމުން އަންނަ އިރު، ސޮއި ނުކުރެއްވި މެމްބަރުންނަށް ދަނީ ފާޑުކިޔަމުންނެވެ.
ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންގެ އިތުބާރު ނެތްކަމަށް އެމް.ޑީ.ޕީ. ގެ މި މެމްބަރުންނާއެކު ސޮއިކޮށް މަޖިލީހަށް ހުށަހަޅައިފި pic.twitter.com/nyTBj48MGE
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) October 20, 2020
އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި މިވަނީ ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް އޮތް ކަމަށް ތުހުމަތުކޮށްް އޭނާ އާއި ހެލްތު މިނިސްޓްރީގެ އެެހެން ބައެއް ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ފޮނުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލާފައި ވަނިކޮށެވެ. އެ މައްސަލަ އަނބުރާ ފޮނުވައިލީ ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ އެވެ.
އެކަމަކު، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިިން ނަމަކަށް ކިޔާ ކުންފުންޏާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރީ އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކަމަށް އޮޑިޓް ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ. އެ ކުންފުންޏަަށް އެޑްވާންސަށް ފައިސާ ވެސް ދީފައި ވާއިރު ގިނަ ވެންޓިލޭޓަރުތައް އަދިވެސް ނުގެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
22 October 2020
ޣަފޫރޫ. ކަލޭމެން މަހައްދޭބަލަ. ރައްޔިތުންގެ އިތުބާރު ކަލޭމެންނަށް ގެއްލިއްޖެ.
އައްޑޫބެއްޔާ
22 October 2020
މިނިސްޓަރ އަމީންގެ ތިޔަ މައްސަލައިގައި ވޯޓު ނުދީ ނުވަތަ ވޯޓުގައި ބައިވެރިނުވާ މެމްބަރުންގެ ލިސްޓް ބަލާލީމާ ފެންނަ މަންޒަރޔ ވަރަށް ސާފު. 18 ވަނަ މަޖިލިސް މެމްބަރުންނާއި، ރ.ޔާމީނު ސަރުކާރުގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުނު، "މުއްސަނދި" ދިރިއުޅުމެއްގެ ވެރި މެމްބަރުންކޮޅެއް. މަޖިލީހުން ރުހުންދީފައި އިން މިނިސްޓަރެްގެ ރުހުން ނުރުހުމަށް ބަދަލުވީމާ ރައީސުލްޖުމްހޫރިއްޔާ އެދޭތެރެއަށް ވައްދަން މަސައްކަތްކުރަނީ އަޅެފަހެ ތިޔައީ ތަރުޖަމާނު ހޫދުތަ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
21 October 2020
ހެޔޮނިޔަތުގާ ދެއްތޮ ؟
ބިސް
21 October 2020
ނަޝީދަކީ ޗާޓުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ މީހެއް ނޫނެވެ. ވެރިކަން ގެއްލުނީވެސް އެކަމާ ހެދިއެވެ. ތިމާ ނޫން މީހަކު ނެތިގެން މާ ބޮޑަށް އުޅެނީއެވެ.
ޙުސައިންދީ
21 October 2020
ކަލޭމެން ޕެޓިޝަން ހަދާގެން ރިޒާ ބޭރު ކޮށްބަލަ ޕާޓީންވިޔަސް. އިހްލާސްތެރި ކަމެއް ހުރިޔާ...
ޢިބޫ
21 October 2020
އަމީން ބަހަށްޓަން ވޯޓް ދެވުނީ ގިނަމީހުން ތުހުމަތު ކުރާ ގޮތުގަ އެމްއެމްޕީރސީގަ ހޭކެވިފަ އޮތީމަޔޯ އެއީ ތެދެއްބާ؟
ގަރުބަޗޯ
21 October 2020
މުޅި ހދ އަތޮޅު ހަލާކު ކުރިމީހާ މަޖިލީހުގަ ކުޅުދުއްފުށި އުތުރުދާއިރާގެ ގޮނޑި ދެދައުރުގަ ފުރިއިރު ރަށުގަ އެއްވެސްމަގެއްނުހެދުނު ފަތުރުވެރިކަން ފުޅާނުކުރެވުނު ދުފާފަ މައިކައް ހަތްޕުނޑު ޖެހާފަ ގުދޯގުދޯ ގޮވުން ނޫންކަމެއްނޭނގުނު ތައުލީމުނެތް މިފަދަ މީހަކު ފައިސާ ބަހައިގެން ފަގީރުންގެ ވޯޓުން މިހޮވެނީ މިހެންވެ ރައްޔިތުން ހޭލުންތެރި ވާންވެއްޖެ.
އިއްސޭ
21 October 2020
އަމީނަކީ ބަގާވާތުން ފެށިގެން އެމްޑީޕީގެ އަދުއްވުން ގޮތުގައި ހުރި މީހެއް. ވަކިކުރަންވީމަ ބޮޑު މައްސަލައަކަށް. އަލީވަހީދަކީ އެމްޑީޕީ ފިކުރު މީހެއްވީމަތޯ ވަގުތުން ވަގުތައް ވަކިކުރެއްވީ...
ބޯވަރާއްޖެ
21 October 2020
ގަޕޯމެން ތީ ހަމަ ޕަޕެޓުން، ދެން ލަ ލާ
ނަޝީދު.
21 October 2020
ގަފޫރެއްނޫން ކޮންމެމީހެއް ބުންޔަސް އެމް.ޑީ.ޕީ ރައީސެއް ހުއްޓަސް އެއްބާރުން އަނެއްބާރު ކައިރިޔަށްގޮސް ކަންކުރަންވީގޮތް ބުނަންފެށުމަކީ ކުރަޕްޝަންއަށް ހުޅުވޭ ދޮރެއް. ބާރުތައް މައްސުނި ނުކޮށް އެބާރެއްގެ އިމުގެތެރެއިން މަސައްކަތްކުރަން ދަސްކުރަންޖެހޭ. ބޮޑަށް ލަފާކުރެވެނީ މިހާރުވެސް ރައީސްއަށް ދަންނަވަން ބޭނުންވި މެންބަރުންނަކީ ރައީސްގެ އަރިހުން ކަންކަމު ކިޔާފަތިބި މެންބަރުންހެން. އެހެންކަމަށް ވަނީނަމަ އެއީ ވަރަށް ދެރަކަމެއް.