ބާސެލޯނާގެ ލިއޮނަލް މެސީ (ކ-2) ބޯޅަ ޖަހާއިރު އިދިކޮޅު ޓީމުގެ ކުޅުންތެރިން ސަމާލުވެގެން. --ފޮޓޯ: އޭއެފްޕީ
21 އޮކްޓޯބަރ 2020 - 09:29
ބާސެލޯނާ (އޮކްޓޫބަރު 21) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އަދި ލާޒިއޯ އިން ފެށުން ރަނގަޅުކޮށްފި އެވެ.
ގްރޫޕް ޖީ ގައި ހަންގޭރީގެ ފެރެންސްވަރޯސް އަތުން 5-1 އިން ބާސެލޯނާ މޮޅުވިއިރު ޔުވެންޓަސް މޮޅުވީ ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް އަތުން 2-0 އިންނެވެ. ގްރޫޕް އެފްގައި ލާޒިއޯ މޮޅުވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިންނެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލް ޕެނަލްޓީއަކުން ޖެހީ ލިއޮނަލް މެސީ އެވެ. އޭގެ ފަހުން އަންސޫ ފާޓީ އާއި ފިލިއްޕޭ ކުޓީނިއޯ ލީޑު ފުޅާކޮށްފައިވަނިކޮށް 68 ވަނަ މިނެޓުގައި އެ ޓީމުގެ ޖެރާޑް ޕީކޭ އަށް ރަތްކާޑެއް ދެއްކުމުން އެކަކު މަދުވި އެވެ. ނަތީޖާއަކަށްވީ 70 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ފެރެންސްވަރޯސް ތަފާތު ކުޑަކުރުމެވެ. އެކަމަކު ޕެޑްރީ އާއި އޮސްމާނޭ ޑެމްބެލޭ ގޯލް ޖަހައި ބާސެލޯނާ އަށް ފަސޭހަ މޮޅެއް ހޯދައިދިނެވެ.
ކިއޭވް އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ދެ ގޯލް ވެސް ޖަހައިދިނީ ކޮވިޑުގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރޭ ފޯވާޑަކަށް ކުޅުނު އަލްވާރޯ މޮރާޓާ އެވެ. ކިއޭވްގެ ކޯޗު މިރްސޭ ލުކެސްކޫ އަކީ ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ 1995 ވަނަ އަހަރު ބްރެޝިއާ އިން ސީނިއާ ކެރިއަރު ފެށިއިރު އޭނާގެ ކޯޗެވެ.
ޔުވެންޓަސްގެ މޮރާޓާ (ވ) އާއި ޑަނީލޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ބާސެލޯނާ އާއި ޔުވެންޓަސް ތިން ޕޮއިންޓް ހޯދާފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ކިއޭވް އާއި ފެރެންސްވަރޯސް އަށް ޕޮއިންޓެއް ނުލިބެ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ލާޒިއޯ އާއި ޑޯޓްމަންޑް ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ލާޒިއޯގެ ކެޕްޓަން ޗީރޯ އިމޮބިލޭ އެ ޓީމަށް ކުރި ހޯދައިދިނެވެ. އަދި 23 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ މާވިން ހިޓްޒް އަތުން ބައިކޮޅަށް ވަން ލަނޑުން ލާޒިއޯގެ ލީޑުފުޅާވި އެވެ. އޭގެ ފަހުން 71 ވަނަ މިނެޓުގައި އާލިންގް ހާލާންޑުގެ ލަނޑުން ޑޯޓްމަންޑް ތަފާތު ކުޑަކުރި ނަމަވެސް ލާޒިއޯގެ ޑެނިއަލް އަކްޕްރޯ ލަނޑު ޖަހައި އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.
ލާޒިއޯ ތިން ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އޮތީ ރޭ ރަޝިއާގެ ޒެނިތު އަތުން 2-1 އިން މޮޅުވި ބެލްޖިއަމްގެ ކްލަބް ބްރޫޖް އެވެ. ޒެނިތާއި ޑޯޓްމަންޑަށް ޕޮއިންޓެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަނަރ
21 October 2020
ބާސެލޯނާ ހޯދިކާމިޔާބަށް މަރުހަބާ. ހަމަ އެހެންމެ މަގޭ އެކުވެރި ރަދީފްބެއްޔާގެ 2 ވަނަ ޓީމް ޔުވެންޓަސްގެ ކާމިޔާބަށްވެސް ހޫނު މަރުހަބާއެއް ކިޔަން. ހިތާމައަކީ އެކުވެރި ރަދީފްބެއްޔާގެ 1 ވަނަ ކުލަބް އަދި ލަންޑަނުގެ 3ވަނަ ކުލަބް އާސެނަލް މިމުބާރާތުގަ ނުކުޅޭތީ. އެމީހުން ކުޅެނީ ޔޫރޯ ކުޅޭހެން 4 އަހަރުން 1 އަހަރުވީއްޔާދޯ؟ މަގޭދުވާއަކީ 2022/2023 ސިޒަނުގަ އާސެނަލް ކުޅޭތަން ފެނުން. އެހެންނޫނީ ޖެހޭނީ 2026/2027 ސީޒަނަށް އިންތިޒާރު ކުރަން. ދެންމަކާލާނީކީނޫން