21 އޮކްޓޯބަރ 2020 - 17:02
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތަށް ފުއްޕާމާގެ ކެންސަރު ޖެހިގެން ފަރުވާ ހޯދާތާ ދެ މަހެއްހާ ދުވަސް ފަހުން އެ ބަލިން ރަނގަޅުވެއްޖެ އެވެ.
ކެންސަރު ޖެހުނުކަން އޮގަސްޓް މަހުގެ މެދުތެރޭގައި އެނގުމާ އެކު ސަންޖޭ ވަނީ މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލްގައި ކީމޯތެރަޕީ ފަރުވާ ހޯދައިފަ އެވެ. އޭނާގެ މިހާރު އަންހެނުން މާންޔަތާ އަށް ލިބިފައިވާ އެއްމާބަނޑު ދެ ކުދިންގެ 10 ވަނަ އުފަން ދުވަހާ ދިމާކޮށް ސަންޖޭ، 61، ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ދަރިންގެ އުފަން ދުވަހު، އޭނާ ބަލިން ރަނގަޅުވި ވާހަކަ ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ސަންޖޭގެ ބަޔާނުގައި އޭނާ އަށް ފަރުވާދިން ކޮކީލާބެން ހޮސްޕިޓަލްގެ ޑރ. ސެވަންތީ އާއި އޭނާގެ ޓީމުގެ ހިދުމަތްތަކަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ. ސަންޖޭ ބުނީ އޭނާ އެހާ އަވަހަށް ފުއްޕާމޭގެ ކެންސަރާ ހަނގުރާމަކޮށް، ކާމިޔާބު ހޯދުނީ އާއިލާ އާއި ރައްޓެހިންނާއި ފޭނުންގެ ހިފަހެއްޓުމެއް ނެތް ސަޕޯޓާއި ހިތްވަރާއި ހެޔޮދުއާގެ ސަބަބުން ކަމަށެވެ.
"އަހަންނަށް ތި ދޭ ހިފަހެއްޓުމެއް ނެތް ލޯތްބާއި ހިތްހެޔޮކަމަށްޓަކައި އަބަދު ވެސް ޝުކުރު އަދާކުރާނަން." ސަންޖޭ ބުންޏެވެ.
އޭނާ އަށް ފުއްޕާމޭގެ ކެންސަރު ޖެހުނުކަން އެނގުނީ އޮގަސްޓް މަހުގެ ކުރީކޮޅު ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ގެންދިޔަ އިރު ހެދި ޓެސްޓްތަކުންނެވެ. އެެއާ އެކު ސަންޖޭ ވަނީ ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ބޮޑަށް ދުރަށް ޖެހި، ފަރުވާ އަށް އިސްކަން ދީފަ އެވެ. އޭނާ ކީމޯތެރަޕީ ފަރުވާ ހޯދަން ފެށީ އޮގަސްޓް މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން "ސަޅަކް 2" ޕްރިމިއާކުރަން ތައްޔާރުވަމުން ދަނިކޮށެވެ.
ސަންޖޭ ވަނީ ފަރުވާ ހޯދަމުން ވެސް ފަހުން ފިލްމީ މަސައްކަތްކޮށްފަ އެވެ. އެގޮތުން ބަލީގެ ތެރޭގައި އެންމެ ފުރަތަމަ ޝޫޓިން ނިންމައިލި ފިލްމަކީ ބޮޑު ބައި ޝޫޓްކޮށް، މަދު މަންޒަރުތަކެއް ނަގަން އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" އެވެ. އޭނާ މިހާރު އަންނަނީ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ނުނިމި ހުރި މަސައްކަތް ކުރަމުންނެވެ. އެއަށް ފަހު ދެން ޝޫޓިން ފަށާނީ ވައިއާރްއެފްގެ "ޕްރިތުވީރާޖް" ގަ އެވެ. ރިޕޯޓްތައް ބުނާގޮތުން އަކްޝޭ ކުމާރު ޓައިޓްލް ރޯލް ކުޅޭ ފިލްމުގެ ކާސްޓާއި ކްރޫއާ ސަންޖޭ ގުޅޭނީ އަންނަ މަހުގެ 10 ގަ އެވެ.
އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވޭ ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ.
ސަންޖޭ ކެންސަރު ސަލާމަތްވިކަން އިއުލާންކުރި އިރު، ފަރުވާ އަށް އޭނާ އަންނަ ޑިސެމްބަރު މަހު އެމެރިކާ އަށް ދާ ގޮތަށް ވެސް ނިންމާފައި އޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
22 October 2020
އުފާވެއްޖެ! އަލް ހަމްދުލިއްﷲ!
އަހުމޭ1
21 October 2020
ގަބޫލެެއް ނުކުރެވޭ. މުޅިން ރަނގަޅުވީ ކަމައް ބެލެވޭނީ ކެންސާރ އަނބުރާ ނައިއްސި ނަަމަ. 5 އަހަރު. 10 އަހަރުވެސް ވެދާނެ.
ބާބާ
22 October 2020
ކޮންކަމެއްގައި ގެރެންޓީ އޮތީ؟
ރަދީފު ބިން ރަފައިދާ
21 October 2020
ވަރަށް އުފާވެއްޖެ. ސަންޖޭދަތަކީ މުސްލިމެއްނޫނަސް އޭނާއަކީ މީހުން ހެޔޮމީހެއް. އަދި އެއަށްވުރެ ބޮޑަށް ދީލަތިމީހެއް.
ޟަޒްފާ އަސްދާ
22 October 2020
ޥައިފް އަކީ މުސްލިމެއް.