ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެލްސީ ބަދަލުވެއްޖެ، ޔުނައިޓެޑުން އެކަމާ ވިސްނަންޖެހޭ: ސޯލްޝެއާ

24 އޮކްޓޯބަރ 2020 - 10:48

މެންޗެސްޓާ (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު މިހާރު އޮތީ މިދިޔަ ސީޒަނުގައި ކުޅުނު ޗެލްސީ ޓީމު ނޫންކަން މެންޗެސްޓާ ޔުނައިޓެޑުން ދަންނަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ގަދަ ހަ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން ޔުނައިޓެޑް އެންމެ ގިނައިން މޮޅުވީ ޗެލްސީ އަތުންނެވެ. އެ ގޮތުން ޕްރިމިއާ ލީގުގައި ދެ ފަހަރާއި ލީގު ކަޕްގައި ޔުނައިޓެޑުން ޗެލްސީ ބަލިކުރި ނަމަވެސް އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވި އެވެ.

ލީގުގައި މިދިޔަ ސީޒަނުގެ ކުރީކޮޅުގައި ޗެލްސީ ވަނީ ޔުނައިޓެޑް ދަނޑުގައި 4-0 އިން ބަލިވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެ ނަތީޖާ އަށް މިހާރު ވިސްނައިގެން ކުރާނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ. އާ ކުޅުންތެރިންތަކެއް ގެނެސްގެން މި ސީޒަނަށް ޗެލްސީ އިތުރަށް ވަރުގަދަ ކޮށްފައިވާކަން ދަންނަން ޖެހޭ ކަމަށާއި އެއީ ވެސް މި މެޗަށް އިތުރަށް ސަމާލުވާން ޖެހޭ ސަބަބެއް ކަމަށް ސޯލްޝެއާ ދެކެ އެވެ.

"އަހަރެމެންނަށް ފެންނަނީ މިހާރު އެހެން ޗެލްސީ އެއް. އެކަމަކު މައްސަލަތަކެއް ވެސް ހުރެދާނެ. އެހާ ބައިވަރު ކުޅުންތެރިން ކުއްލިއަކަށް ގެނެސްގެން ބޭނުންވާ ސިސްޓަމަށް ހޭނުވުމުގައި. މިއީ ވަރަށް އުނދަގޫ މެޗަކަށްވާނީ. ކޮންމެ ގޮތެއް ވިޔަސް މި ދެ ޓީމަކީ ގިނަގިނައިން އެ ޓީމު އަނެއް ޓީމާ ކުޅެފައިވާ ދެ ޓީމު ކަމަށްވުމުން ފަރިތަވުމުގެ ކަންތައްތަކެއް ވެސް ހުންނާނެ،" ސޯލްޝެއާ ބުންޏެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ނިއުކާސަލް އާއި ޕީއެސްޖީ ބަލިކޮށް ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރަށުންބޭރުގައި ޖެހިޖެހިގެން 10 މޮޅު ހަމަކޮށްފަ އެވެ. އެކަމަކު އަދިވެސް އޮތް ކަންބޮޑުވުމަކީ މި ސީޒަނުގައި އަދި އަމިއްލަ ދަނޑުގައި މޮޅެއް ނުލިބުމެވެ. ސޯލްޝެއާ ބުނީ ޗެލްސީ އަތުން މޮޅެއް ހޯދަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"ވަރަށް ރަނގަޅު ދެ ނަތީޖާ އަށް ފަހު މި މެޗާ މި ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި އޮވެ އެ ކުރިއަށްގެންދިއުން އެއީ ފުޓްބޯޅައިގެ އެންމެ ބޮޑު ހިތްހަމަޖެހުންތަކުގެ ތެރެއިން އެއް ކަންތައް،" ސޯލްޝެއާ ބުންޏެވެ.

އެންތަނީ މާޝިއަލްގެ ލޯކަލް ސަސްޕެންޝަނާ ކުރިމަތިލާއިރު މިރޭގެ މެޗަށް އެޑިންސަން ކަވާނީ ފިޓެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗު ގެއްލުނު ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި ޒުވާން ވިންގް މޭސަން ގްރީންވުޑް ވެސް ޗެލްސީއާ ދެކޮޅަށް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވިތާ މިވީ 14 ވަރަކަށް މަސް ތެރޭ އެންމެ ގިނައިން ބަލިވި ދެ ޓީމުގެ ތެރޭގައި ޔުނައިޓެޑް ހިމެނެ އެެވެ. ލަމްޕާޑް ބުނީ ޔުނައިޓެޑާ ދެކޮޅަށް މިދިޔަ ސީޒަނުގައި ކުޅުނު މެޗުތަކުން ރަނގަޅު ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި އޭގެ ބޭނުންހިފަން ބޭނުންވާ ކަމަށެވެ.

"އަހަރެމެން ވަރަށް ގިނަ މެޗުތަކެއް މިހާރު އޮތް ޔުނައިޓެޑާ ދެކޮޅަށް ކުޅެފިން. މިހާރު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ދެ ޓީމަށް އައިސްފައިވީ ނަމަވެސް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަހަރެމެންނަށް މި މެޗުގައި ބޭނުންކުރެވޭނެ ކަންތައްތަކެއް އެބަހުރި. މިއީ ރަނގަޅަށް ތައްޔާރުވެއްޖެނަމަ އަހަރެމެން ބޭނުންވާ ޓާގެޓް ހާސިލްކުރެވޭނެ މެޗެއް،" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ދެ މެޗުން މޮޅުވެފައިވުމަކީ އެ ޓީމަށް މި މެޗަށް ނުކުންނައިރު އޮތް ހިތްހަަމަ ޖެހުމެއް ކަމަށެވެ. ފަހަކަށް އައިސް ހާލަތަށް ބަލާއިރު ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުމަކީ ލީގުގެ ތަށްޓާ މެދު ގޮތެއް ނިންމީ މެޗަކަށް ނުވި ނަމަވެސް އަދިވެސް މިއީ ޕްރިމިއާ ލީގުގެ ބޮޑު މެޗެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.

ޗެލްސީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454