ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޔުނައިޓެޑާއި ޗެލްސީ އެއްވަރުވިއިރު، ލިވަޕޫލް ދެ ވަނަ އަށް

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްހެ ޔޮޓާ (ވ) އާއި މާނޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

25 އޮކްޓޯބަރ 2020 - 09:18

4 comments

މެންޗެސްޓާ (އޮކްޓޫބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑު ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ފަހަތުން އަރައި 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އެވަޓަން އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. އެވަޓަން އެއް މެޗު މަދުންކުޅެފައިވާއިރު މިރޭ ރަށުންބޭރުގައި ސައުތެމްޓަން އަތުން މޮޅުވެއްޖެނަމަ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ. ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓާ އެކު ޗެލްސީ ލީގުގެ ހަ ވަނައިގައި އޮތްއިރު، ފަސް މެޗުން ހަތް ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 15 ވަނައިގަ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ގޯލުގައި ހުރި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި މާކަސް ރެޝްފޯޑާއި ހުއާން މަޓާ ފޮނުވާލި ބޯޅަތައް މަތަކުރިއިރު، ދެ ވަނަ ހާފްގައި ރެޝްފޯޑް ޖެހި ބޯޅަ ވެސް ވަނީ ހުއްޓުވައިފަ އެވެ. ފުރަތަމަ ފަހަރަށް ޔުނައިޓެޑް ޖޯޒީގައި ކުޅުނު އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ވެސް ވަނީ ކުޅެން އެރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ޔުނައިޓެޑްގެ ކެޕްޓަން މެގުއާ (ކ) ޗެލްސީގެ އަޒްޕިލިކުއޭޓާ ކަރުގައި އަތް އަޅުވާލައިގެން.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ރޭގެ މެޗުގައި ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެއީ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ކަރުގައި އަތްއަޅުވާލައިގެން ހުރުމުންނެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އެ މަންޒަރު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ނުބެލީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށާއި ޔަގީނުން ވެސް އެނގޭ ކަމަކީ އެއީ ޕެނަލްޓީއެއް ދޭން ޖެހޭ ފައުލެއް ކަމަށެވެ.

މިއީ މިދިޔަ 48 އަހަރު ތެރޭ ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ ތިން މެޗުން އަމިއްލަ ދަނޑުގައި މޮޅެއް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ކްރިސްޓަލް ޕެލަސް އާއި ޓޮޓެންހަމް އަތުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިއީ ބޭނުންވި ނަތީޖާ ނޫން ކަމަށާއި އެކަމަކު މެޗުގެ ހާލަތު ދިޔަ ގޮތުން މި ޕޮއިންޓް މިއީ އެންމެ ގޯސް ނަތީޖާއެއް ގޮތުގައި ނުދެކޭނެ ކަމަށެވެ.

ލިވަޕޫލް ދަނޑުގައި ރޭގެ މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ޝެފީލްޑް އިން ވަނީ ސެންޑާ ބާގާ ޕެނަލްޓީން ލީޑުނަގައިފަ އެވެ. މިއީ ލިވަޕޫލްގެ ފަބީނިއޯ ޝެފީލްޑްގެ އޮލީ މެކްބާނީ އަށް ފައުލުކުރިކަމަށް ބަލައި ދިން ޕެނަލްޓީ އެކެވެ. އެ ފައުލަށް ފުރަތަމަ ދިނީ ގޯލު ރޮނގުމަތިން ހިލޭ ޖެހުމެކެވެ. އެކަމަކު ފަހުން ވީއޭއާރް އިން ބެލުމަށް ފަހު ޕެނަލްޓީ އަކަށް ބަދަލުކުރި އެވެ. ޝެފީލްޑްގެ ލީޑުފުޅާކުރަން ބެން އޮސްބޯން ޖެހި ބޯޅަ ލިވަޕޫލްގެ ގޯލުގައި ހުރި އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން އެއްވަރުކުރީ ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުންނެވެ. މެޗުގެ 41 ވަނަ މިނިޓްގައި ސަޑިއޯ މާނޭ ބޮލުން ޖެހި ބޯޅައެއް ޝެފީލްޑް ކީޕަރު އާރޮން ރާމްސްޑޭލް އަތުގައި ޖެހިފައި ނުކުތްވަގުތު ފިރްމީނޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ލިވަޕޫލަށް ލީޑުނަގައިދޭން މުހައްމަދު ސަލާހް ޖެހި ގޯލެއް ވީއޭއާރް މެދުވެރިކޮށް ބަލައި ވަނީ އޮފްސައިޑްކަމަށް ނިންމައިފަ އެވެ.

ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގައި ޑިއޯގޯ ޔޮޓާ އެވެ. އޭނާ މި ލަނޑު ޖެހީ މާނޭ ނަގައިދިން ހުރަހަކުން ބޮލުންނެވެ.

ލީގުގައި އިއްޔެ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވެފަ އެވެ. މިކޭލް އެންޓޯނިއޯ ފުރަތަމަ ހާފުގައި ޖެހި މޮޅު ގޯލުން ވެސްޓް ހޭމް އިން ލީޑުނަގާފައިވަނިކޮށް ސިޓީ އަށް ދެ ވަނަ ހާފްގައި އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފިލް ފޯޑެން އެވެ. ސިޓީ މޮޅުކޮށްދޭން ރަހީމް ސްޓާލިން އަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ފަސް މެޗަށް ފަހު ލީގެއްގައި އޭނާ ކޯޗުކޮށްދޭ ޓީމަކަށް 10 ޕޮއިންޓަށް ވުރެން މަދުން ލިބުނު ފުރަތަމަ ފަހަރެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާޖިދު ނަދި އަދުވާލާ

25 October 2020

އެކުވެރި ލަމްޕާޑަށް، ޖޯޖީނިއޯ އަކީ ތިބޭފުޅާގެ އާއިލީ ކުއްޖަކަށް ވީމަތޯ ކޮންމެ މެޗެއްގަ ފުލްކޮށް ތިޔަ ކުޅުވަނީ. ލިބޭ ޕެނަލްޓީއެއް ވަރަށް އިތުބާރާއެކު ގޯލަކަށް ހަދާލުން ފިޔަވާ އޭނާގެ ކިބައިން ޓީމަށް ލިބޭ ފައިދާއެއް ނެތް. ދެން އަދި ޖަރުމަނުން ތި ގެނައި 29 ނަންބަރު އެއީ ހަމަ ބޮޑު އަގެއްދީފައި ކުރި ބޮޑު އިސްރާފެއް. އިނގިރޭސި ފުޓުބޯޅައިގަ މި ބޭނުންވާ ވަރުގަދަކަމެއް އޭނަގެ ނެތް. އެހާ ސްލޯ. އަދި މީހަކު ކިރިޔާ ޗާޖުކޮށްލިޔަސް އޭނަ އަތުން ބޯޅަ ގެއްލޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

25 October 2020

ލިވަޕޫލް ފޭނުންނަށް މަރުހަބާ.އަހަރެންގެ އެކުވެރި @ލެއްގިކޮމިޝަނަރގެ ކޮމެންޓެއް މިއަދު ފެންނާނެ ބާ؟! އާޓިކަލްގެ 2ވަނަ ފޮޓޯއިން އެފެންނަ މަންޒަރު ރާއްޖޭގަ ހުރި މެންޔޫގެ 1 ނަމްބަރު ފޭން ވެސް ދިފާއުކުރި.އޭނަ ބުނީ ފުޓްބޯޅަ މެޗެއްގެ ކޮންމެ ކޯނަރެއްގަ އެކަހަލަ މަންޒަރެއް ފެންނާނެކަމަށް.ވީއޭއާރުން އޭތި އެނެލައިޒްކުރަން ވެއްޖެނަމަ އެއީ ޖޯކެއްގެ ގޮތުގަ އެމީހާ ލައިވް ޓީވީގަ ސިފަކުރި.ސުވާލަކީ ''އެމީހަކީ'' ކާކު ތޯ؟ ވ.ވެދުން

The name is already taken The name is available. Register?

ސާޖިދު ނަދި އަދުވާލާ

25 October 2020

އެމީހަކީ، އަލީ ކުލަ ރަންބީމަ ބޯ ދިގު ސުޒީ މަހާރަދުން.

The name is already taken The name is available. Register?

ލެއްގި ކޮމިޝަނަރ

25 October 2020

ވީއޭއާރުޕޫލަށް ހޫނު މަރުހަބާއެއް ކިޔަން. އެކުވެރި ރަދީފް ބެއްޔާއަށް ބުނެލަން އޮތީ ސިޓީ އެހެން މެޗަކުން އެއްވަރުވިޔަސް ހާހެއް ނުވެޔޭ. ލީގު ނިމޭރު އޮންނާނެ ހިސާބު ބަލާށެ. ކޮރެންކޭގެ އާސެނަލް މެޗަކުން ބަލިވާއިރަށް ރަދީފް ބެއްޔާފިލާހެން އަހަރުމެން ނުފިލާނަން. ލަންޑަނުގެ 3 ވަނަ ކުލަބު މިރޭ ލެސްޓާއަތުން ބަލިވެއްޖިޔާ ދެން މާދަމާ ރަދީފްގެ ހަބަރެއް ނުވާނެ. އެއްވަރުވިޔަސް ކަޅުދިދަ ނަގައިގެން ހިތާމަކުރުމުގަ މުޅިދުވަސް ދުއްވާލާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454