ހޯމް މިނިސްޓަރަކަށް ހުންނެވިއިރު އުމަރު ނަސީރު "މިހާރު" އާ ވާހަކަ ދައްކަވަނީ: ދައުވާތައް ގޯސްކަމަށް ފާޅުގައި ވާހަކަ ނުދެއްކެވި ނަމަވެސް މިނިސްޓަރަކަށް ހުންނެވިއިރު ވެސް އެ ކަންބޮޑުވުންފާޅުކުރެއްވި ކަމަށް އުމަރު ވިދާޅުވި. --މިހާރު ފޮޓޯ
01 ނޮވެމްބަރ 2016 - 12:19
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އަރިހުގައި ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު "މިހާރު" އަށް ވިދާޅުވީ މިނިސްޓަރަކަށް ހުންނެވި އިރު ޕީޖީ އަށް ލަފާ ދިނުމުގެ ހައިސިއްޔަތެއް ނެތް ކަން އެނގިވަޑައިގެން ހުންނަވައި ވެސް، އެ ބޭފުޅުން ކުރެއްވި ކުށާއި އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ނުގުޅޭ ވާހަކަ އޭރުގެ ޕްރޮސެކިއުޓަ ޖެނެރަލް މުހްތާޒް މުހްސިނަށް ދެންނެވި ކަމަށެވެ. ފޯނުން އެ ގޮތަށް ވިދާޅުވުމަށް ފަހު، ލިޔުމުން ނޯޓެއްގެ ސިފައިގައި ވެސް އެކަން އެންގެވި ކަމަށް އުމަރު ވިދާޅުވި އެވެ.
ސިޔާސީ މި ހަތަރު ބޭފުޅުންގެ އިތުރުން ބައެއް އެހެން ދައުވާތަކުގައި ވެސް، އުމަރު ވިދާޅުވި ގޮތުގައި، ގޯސްކޮށް ކަން ހިނގާފައިވާ ނަމަ އެކަން ސަމާލު ކަމަށް ގެންނަވާފައިވާނެ އެވެ.
އުމަރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުއުފުލޭނެ ކަމަށް އޭނާ ވިދާޅުވީ އެ ދައުވާގެ ސަބަބުން ސިފައިންގެ މުޅި މުއައްސަސާ އަކީ ޓެރަރިޒަމް ހިންގާ ތަނެކޭ ނުސީދާކޮށް ބުނެވޭނެތީ ކަމަށެވެ.
އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
"އަބްދުﷲ ގާޒީ ހައްޔަރު ކުރަން ނަޝީދު އަމުރު ކުރެއްވީ ސިފައިންގެ މައްޗަށް. [ނަޝީދަށް] އެ ދައުވާ ކުރުމުން ވާ ގޮތަކީ ނުސީދާކޮށް މި ބުނެވެނީ އެމްއެންޑީއެފްއަކީ ޓެރަރިޒަމް ހިންގާ އޮގަނައިޒޭޝަނެކޭ. އެހެންވެ އަޅުގަނޑު ދެންނެވީ ކުށަކާ ދައުވާއާ ނުގުޅެއޭ،" އުމަރު ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުންނަށް ކުރި ދައުވާތަކާ މެދު އުމަރު ފާޑު ވިދާޅުވަން ފައްޓަވާފައި ވަނީ، ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ޕާޓީ އޮފީހުގައި ފާހަގަ ކުރަން، ފުލުހުން ހުރަސް އެޅުމުން، ޝީ ބިލްޑިންގުގައި ޕާޓީގެ ރައީސް، މައުމޫން އަަބްދުލްގައްޔޫމް ބޭއްވި ހަފުލާއެއްގަ އެވެ.
އިމްރާނާއި ނަޝީދު އަދި ނާޒިމް: މި ބޭފުޅުންގެ ދައުވާތަކާ މެދު އުމަރު ވަނީ ފާޑުވިދާޅުވެފައި.
ދައުވާތައް ގޯސްކަމަށް އުމަރު މިހާރު ވިދާޅުވާ އިރު، މިނިސްޓަރަކަށް ހުންނެވި އިރު ނަޝީދަށް ކުރި ދައުވާ ވެސް ދިފާއު ކުރައްވައި އެ މަނިކުފާނަށް އަދަބު ހައްގުވާ ކަމަށް ވާހަކަ ދައްކަވާފައިވެ އެވެ. އޭރު މިގޮތަށް ވާހަކަ ދެއްކެވުމަށް ފަހު ސަރުކާރުން ވަކިވެވަޑައިގެން ތަފާތު ވިސްނުމެއްގައި ވާހަކަ ދައްކަވާތީ ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
މިކަމަށް ރައްދު ދެއްވައި އުމަރު އޭނާގެ ޓުވިޓާގައި އާއްމު ކުރެއްވި ލިއުމެއްގައި ވިދާޅުވީ އޭނާ އޭރު ހުންނެވީ ހޯމް މިނިސްޓަރަކަށް ކަމަށާއި ދައުވާ ކުރަން ނިންމަވާނީ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށެވެ. މިނިސްޓަރަކަށް ހުންނެވި އިރު ގޯސްތަކުގެ ވާހަކަ ފާޅުގައި ނުދެއްކެވުނީ، އުމަރު ވިދާޅުވި ގޮތުގައި، އެއީ ދައުލަތަށް ވަފާތެރިވުމަށް ހުވާ ކޮށްގެން ހުންނަވާ ބޭފުޅަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާތީ އެވެ.
"ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ގޯސްކޮށް ކަމެއް ކުރައްވައިފި ނަމަ އެކަމަކަށް ހައްލު ހޯދަން މަސައްކަތް ކުރާނީ ދައުލަތުގެ އެތެރޭގައި. ހުވާ ކޮށްގެން ހުރިހާ ދުވަހަކު ބޭރަށް ނުކުމެ މީޑިއާގައި ދައުލަތުގެ ގޯސް ވާހަކައެއް ނުދެއްކޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ކުރެވޭނީ މީހަކު ގާނޫނާ ހިލާފަށް ހިފެހެއްޓި ކަމުގެ ދައުވާ ކަމަށެވެ. އޭގެ އަދަބަކީ ބޮޑުވެގެން 2-3 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރަށް ވަނީ 11 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިނގިލީގެ ނިޝާން އެ ފިސްތޯލަ އިން ފެނިފައިވާއިރު ވެސް އެ ދައުވާގެ އަދުލުވެރިކަމާ ގުޅޭ ގޮތުން އުމަރު ވަނީ ސުވާލު އުފައްދައިވައިފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އަދުލުވެރި ވެރިކަމެއްގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، އިމްރާނަކީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ.
އުމަރު ވިދާޅުވީ މި ހުރިހާ ގޯސްތަކުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެއީ ދައުލަތް ހިންގަވަނީ ރައީސް ޔާމީން ކަަމަށްވެފައި މަޖިލިސް މެޖޯރިޓީ ޕީޕީއެމްގެ އަތުގައި އޮތުމުން ހުރިހާ ކަމެއް ހަމަޖެއްސުމުގެ ބާރު ލިިބިވަޑައިގެންފައިވާތީ ކަމަށެވެ. އަދި އެއީ އެ ބާރު އެ ގޮތަށް އޮތް ކަން އެތައް ފަހަހަރަކު ސާބިތު ކޮށްދީފައިވާތީ ކަމަށް ވެސް އުމަރު ޓުވިޓާގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
02 November 2016
އުމަރަށް ޓެރެރިޒަމް ގެ ދައުވާ ކުރެވޭނެ ދެތިން ކަމެއް އުމަރުވަނީ ކުރައްވާފަ. ކޮންމެސް ބޭފުޅަކު ތަފްސީލް ހާމަ ކޮއްދީފާނަންތޯ؟
ބެއްޔާބެ
01 November 2016
އުމަރާ .. އުމަރު ކުރި ހުވާގަ އޮވޭތަ ނާއިންސާފު ފޮރުވަން ... ހޭބަލިވެދާނެ މީހަކު
އުދުހޭ
01 November 2016
އެހެންވީމާ ޕީޖީ ވެސް މިއޮތީ ވަކި ފަރާތަކަށް އަރިއަޅާލާފައިތާ؟! އުމަރުގެ މިނިސްޓަރުކަމުގައި އިންސާފަށް އަދި އިސްލާހަތް މަސައްކަތްކުރިކަން އެނގޭ. އޭގެ ހެއްކެއް ޔާމީނު ބައެއް ބާރުތަށް އުމަރުއަތުން އަތުލުމާ ބާރުތަށް ހަނިކުރުން. އެއަށްވުރެ ބޮޑަށް އުމަރު އެކަމާ އުޅުނުނަމަ ގެއަށް ފޮނުވާލީސް. އަމިއްލަ ބޭބެއަށް އެހަދާލާގޮތަށް ވިސްނާލާއިރު އުމަރަކީ ކާކު. "ލިބޭތާ ލިބިގަންނާށޭ ނުލިބޭތާ ޖަހައިގަންނާށޭ" ގޮތަށް؟!
ތިނެސްކަން
01 November 2016
މުހްތާޒް މުހްސިން މިހާރު ހުންނެވީ އުމަރު ނަސީރު މިދައްކާ ވާހަކަތަކަށް ޖަވާބުދޭފަދަ ހާލަތެއްގައެއްނޫން. އެހެންވީމަ މުހުތާޒޭ ކިޔައިގެން ކޮންމެފަދަ އިތުރު ފުޅެއްވެސް މިހާރު ހެއްދެވިދާނެ. ކޮންމެއަކަސް ، ނަޝީދު ، އިމުރާނު ، ނާޒިމު މެންނަށް ނުހައްގު ، ނާއިންސާފު ހުކުމް ކުރެއްވުމާއި ގުޅިގެން ރައްޔިތުން މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަން ފެށުމުން އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ "ގިނައި ހިގާވަރަކަށް ފައިވަން ގޭނި ހުސްވުންނޫން އެހެންކަމެއް ނޫވާނެ"
ދެފުއްކެހެރި
01 November 2016
ދެފުއްކެހެރި
ބޮލައްތުރާ
01 November 2016
އޯކޭ! ނޯޓެޑް ސަރ!
ފާތޭ
01 November 2016
އުމަރުު ހުރިތަނުގެވާތިދައްކަނީ ދެންމިހާ ރު ޔާމީނުގެވާހަކަތިތަނައް އައީކީވެގެން އަމިއްލަޔައް ކަންތައްކޮށް މިހާރު ތިދައްކާވާހަކަ ތާކުންތާކުނުޖެހޭ އެއްފަހަރުބުނާނެ ކާއިގެންނޭފުރާނީ އަނެއްފަހަރުބުނާނެނުކައޭފު ރާނީ މިހެންގޮސް ކިތަށްމެދޮގެއްހަދާނެ ހަރުގަޑުބެހެއް ޓިވާހަކަދައްކާނީކާކު އެވާހަކަދެއް ކީމައެޒިއްމާނަގާނީކާކު އުމަރުބުނީމަ އޯކޭދޯ މިހާރުންމިހާރަ މިކަންވެސްބަލާދިނުމައް ރައީސް ޔާމީނައް ގޮވާލަން
ހަސަދު
01 November 2016
މިހާރު ދައުވާވެސް ގޯސް، ޔާމީނު ވެސް ގޯސް. މިކަހަލަ މީހުން ގައުމުން ފައްސާލައިގެން ނޫނީ މި ގައުމު ރަނގަޅެއްނުވާނެ.
ލޮލް
01 November 2016
މީނާ އެކަމަކު ރައީސް ނަޝީދު ޖަލުގަ ބަހައްޓަން އެތާ އެޕާޓްމަންޓެއް ހަދާ އެވާހަކަ މީޑިއާޔާ ހިއްސާކޮށް ހާދަ ގަނޑެއް ގަތޭ. އުމަރާ، ކަލޭ ތީ މިހާރު އިތުބާރު ގެއްލިފަ ހުރި މީހެއް. ކިޔޭނުކިޔޭ އެއް ނޭނގެ.
ލިއަލީ
01 November 2016
ވާގޮތަކީ ސިޔާސީ މީހުން ނަކީ ވަރަށް ހިޕޮކްރެޓިކް ބައެއް. ތިމާއާ އެއްކޮޅަށް މީހަކު ވާހަކަ ދައްކައިފިނަމަ ނުވަތަ ކަމެއް ވެއްޖެނަމަ އެއީ ހަމަ ބެސްޓް. ހަމަ އެއްކަލަމީހާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ އެމީހާވަރުގެ ގޯސްމީހަކު ނުހުންނާނެ. އެންމެ ފަހުގެ މިސާލު: އެފްބީއައިގެ ޑިރެކްޓަރ ޖޭމްސް ކޯމީ. ޖުލައި 7 ގައި ޑިމޮކްރެޓުންނަށް އެންމެ ފައްކާ އެންމެ އިންސާފުވެރި މީހާ. މިދިޔަ ހުކުރުދުވަހަށްފަހު، ވަރަށް ކަމުނުދާ މީހެއް.