04 ނޮވެމްބަރ 2020 - 08:06
ވިޔަފާރީގެ ވާދަވެރިކަމުގައި އަބަދުވެސް އޮންނަނީ އެ ވިޔަފާރިއަކީ އެންމެ ރަނގަޅު ތަން ކަމަށް ބުނެ އެހެން މީހުންގެ އަތުން ވިޔަފާރި ނުކުރަން ބާރުއެޅުމެވެ. އެކަމަކު މި ފަހަރު މިއޮތީ މިއާ މުޅިން އިދިކޮޅު ވާހަކައެކެވެ.
އިނގިރޭސިވިލާތުގައި ބާގާ ކިންގްގެ ހިދުމަތް ހޯދާ މީހުންގެ ކިބައިން އެ ކުންފުނިން އެދެނީ ވާދަވެރި މެކް ޑޮނަލްޑްސް އިން ހިދުމަތް ހޯދުމަށެވެ.
ބާގާ ކިންގުން މި ގޮތަށް އެދުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އިނގިރޭސިވިލާތުގައި އަލުން ދެވަނަ ލޮކްޑައުންއަކަށް ދާން ނިންމުމާ އެކު ވިޔަފާރި އަށް އަންނާނެ ހީނަރުކަމަށް ބަލައިފަ އެވެ.
މިކަމާ ގުޅިގެން ބާގާ ކިންގުން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ގޮތަކަށް އެދެން ޖެހިދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށެވެ.
"އެހެން ވިޔަސް އަހަރެމެންގެ އެދުމަކީ މެކްޑޮނަލްޑްސް އިން އޯޑަރު ނެގުން،" ބަޔާނުގައި ބުންޏެވެ. "ދުވަހަކު ހިއެއް ނުކުރަން އަހަރެމެންގެ ކަސްޓަމަރުންގެ ކިބައިން މެކްޑޮނަލްޑްސް އާއި ކޭއެފްސީ އާއި ސަބްވޭ އާއި ޑޮމިނޯސް ޕިއްޒާ އާއި ޕިއްޒާ ހަޓާއި ފައިވް ގާއިޒް އާއި ގްރެގާއި ޓާކޯ ބެލް އާއި ޕާޕާ ޖޯންސް ލިއޯން ނުވަތަ އެ ނޫން ވެސް ވާދަވެރި އެހެން ކުންފުންޏެއްގެ ހިދުމަތް ހޯދަން އެދެން ޖެހޭނެ ކަމަކަށް."
ބާގާ ކިންގުން ބުނީ މިއ ފާސްޓްފުޑް ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކަށް ދަތި ވަގުތަކަށްވާތީ އެ މީހުންގެ އެތައް ހާސް މުވައްޒަފުންނަކަށް އެހީވާން އާންމުންގެ އެހީ ވެސް ބޭނުންވާ ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަން ވޮޕާ ބާގާ އަކީ ލިބޭނެ އެންމެ ރަނގަޅު އެކަތިކަން. އެކަމަކު މި ވަގުތު ބިގް މެކަށް އޯޑަރުކޮށްލުމަކީ އެހާ ގޯސް ކަމަކަށް ނުވާނެ،" ބަޔާނުގައި ބުންޏެވެ.
އެމެރިކާގެ ބާގާ ކިންގްގެ 530 އައުޓްލެޓް އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ހިންގަ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާގާ ކިންގްގެ ޗީފް އެކްޒެކެޓިވް އަލަސްޑެއާ މާޑޮކް ބީބީސީ އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ ހެދި އެ ކުންފުނީގެ ރެސްޓޯރަންޓްތަކުގެ ތެރެއިން 5-10 ޕަސެންޓް ތަންތަނަކީ ހަރަދު ވެސް ފޫނުބެއްދޭ ތަންތަނެވެ. މިކަމުގެ ސަބަބުން މުވައްޒަފުންނަށް ވަޒީފާ ގެއްލިދާނެކަމުގެ ބިރު ވެސް ބޮޑުވި އެވެ.
"މި ބަލިމަޑުކަމުގެ ތެރޭގައި އަހަރެމެން އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަމަކީ އެއްވެސް މުވައްޒަފަކު ދޫކޮށްނުލައި ވާނެ ގޮތްތައް ހޯދުން." މާޑޮކް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy