އެކްސިޑެންޓެއް ފުލުހުން ތަހުގީގު ކުރަނީ: މީހަކު މަރުވި އެކްސިޑެންޓަކާ ގުޅިގެން ކުޑަކުއްޖަކަށް ކުރި ހުކުމް ވަނީ ދަމަހައްޓާފައި -- ފޮޓޯ/މިހާރު
06 ނޮވެމްބަރ 2020 - 18:45
ހުޅުމާލޭގައި ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި އެ ކުއްޖާ އެއް އަހަރަށް ގޭގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
އޮގަސްޓް، 2017 ގައި ހުޅުމާލޭގައި 16 އަހަރުގެ ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވާފައި ވަނިކޮށް ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި، އެ ސައިކަލު ދުއްވަން އިން އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، ފަރުވާ ދެނިކޮށް ސެޕްޓެމްބަރު، 2017 ގައި މަރުވި މައްސަލާގައި އެ ކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދު ކުރަން ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގަ އެވެ. ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެ ކުއްޖާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާ ދަށުން ކުޑަކުދިން ކުރާ ކުށްތަކަށް މައާފް ލިބެނިވި ދިފާއު ލިބިގެން ވިޔަސް، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި އަނިޔާވެރި ކުށްތަކުގެ ޒިންމާ އެ ކުދިން ނަގަން ޖެހޭ ކަމަށެވެ. އަދިި އެ ކުއްޖާ ކުރި އަމަލަކީ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުން ކަމަށް ވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓްވެ މީހަކަށް އަނިޔާވެ، މަރުވުމަކީ އެ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭ ފަދަ އަނިޔާވެރި ކުށެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ހާލަތުގައި މައާފް ލިބެނިވި ދިފާއު އެ ކުއްޖާއަށް ނޯންނާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ދަށު ކޯޓުން ބައެއް ހެކިވެރިންގެ ހެކިތައް ސިއްރު ކޮށްފައިވަނީ ސިއްރު ހެކިންގެ މައުލޫމާތު ހާމަވުުމުގެ ފުރުސަތު އޮތުމުން ކަމަށާއި އަދި ހެކިން ސިއްރުން ކުރިޔަސް، އެ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދީފައި އޮތުމުން އެކަމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ ކުއްޖާގެ މައްޗަށް ކަނޑައެޅި އަދަބަކީ ވެސް ކުޑަކުދިންގެ އަދުލުގެ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންވެ، އެ ކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދުކުރަން ކުރި ހުކުމް ރަނގަޅު ކަމަށް އެ ހުކުމުގައިވެ އެވެ.
ޖުވެނައިލް ކޯޓުން ނިންމާފައި އޮތީ އެ ކުއްޖާ ގޭ ބަންދު ކުރުމުގެ އިތުރުން ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށެވެ. އަދި މަރުގެ ދިޔަ ނަގައިދެމުން އައި ޝަރީއަތް ކުރުމާބެހޭ ގަވާއިދު މިހާރު އުވިފައިވާތީ އަލުން ގާނޫނުގައި އެކަން ކަނޑައެޅުން މަރުގެ ދިޔަ ހޯދަން މަރުވި މީހާގެ ވާރިސުންނަށް ދައުވާ ކުރެވޭނެ ކަމަށް އެ ކޯޓުގެ ނިންމުމުގައިވެ އެވެ.
އެކަމަކު މަރުގެ ދިޔައާ ގުޅޭގޮތުން ހައި ކޯޓުގެ ހުކުމުގައިވަނީ އެ ކޯޓުން ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް، ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ ދަށުން މަރުގެ ދިޔަ ނަގައިދެވޭނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތަކީ އެއީ ހައި ކޯޓުގެ ހުުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހާތިފް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
07 November 2020
ކުރެވުނު ކުށަށް ތައުބާވެ މަޢާފަށް އެދުމުގެ ބަދަލުގައި އަދިވެސް މިއުޅެނީ ކަމެއް ނުވާކަން ދައްކަންތަ؟ މަރެއްގެ ބަދަލަށް އެއް އަހަރަށް ގޭ ބަންދު ވީމަ ނުވެސް ގުޅޭ.
ކަލޯފުޅާ
07 November 2020
މިހާރު އޭނައަށް 18 އަހަރު ވެދާނެ. މައުލޫމާތު ހާމަ ކުރަން ދެން ހުރަހެއް އޮންނާނެ ކަމަށް އަހަރެން ނުދެކެން
މުހައްމަދު50
06 November 2020
16 އަހަރުވެ ބާލިގުވެފައިވާ ކުއްޖެއްކަމުގައި ވާނަމަ ތިޔަ ހުކުން އިންސާފްވެރި ވާނެގޮތެއް އެއްގޮތަކައްވެސް ނުވިސްނޭ.... ހަމަ ގައިމުވެސް މިނޫދުވަހެއް އޮއިކަން އަހަރެމެން ދެނެހުރިން ..ﷲ ގެ ދަރުބާރުގައި ތިޔައްވުރެ މާއަދުލްވެރި އިންސާފަކުން ބެލޭނެ ދުވަހެއް ވާކަން ހަދާކުރާތި....
ނޯމެޑް1
06 November 2020
މީހެއްގެ ދުވަސް ދުއްވާލައިފައިވެސް ލަދެއް ނުގަނޭތަ މައްސަލަ އިސްތިއުނާފު ކުރަން! މާތްﷲ ރަޝީދުބެގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާކުރަން!
ކަކުނިބޯ
06 November 2020
ކުޑަކުދިން ބޭނުންކޮށްގެން މީހުން މެރުމުގެ އެކްސިޑެންޓްއިތުރުވާނޭކަ މަށް ބެލެވޭ ފަދަ ކުޑަ ހުކު މެއްތީ