މުނިފޫހިފިލުވުން / އަކްޝޭ ކުމާރު

އަކްޝޭ ކުމާރުގެ "ލަކްޝްމީ" ކަމަކުނުދިޔަ

11 ނޮވެމްބަރ 2020 - 10:20

އަކްޝޭ ކުމާރަކީ އޭނާގެ ކޮންމެ ފިލްމެއް ވެސް ބޮޑު ހިޓަކަށް ހަދައިދޭނެ ކަށަވަރުކޮށްދޭ އެކްޓަރެއް ނަމަވެސް އޭނާގެ އެންމެ ފަހުގެ ފިލްމު "ލަކްޝްމީ" އަކީ އެއްގޮތަކަށް ވެސް ކަމުނުދާ ވަރަށް ފޫހި ފިލްމެއް ކަމަށް ކްރިޓިކުން ބުނެފި އެވެ.

"ލަކްޝްމީ" އަކީ ސްޓްރީމް ޕްލެޓްފޯމަކުން ޕްރިމިއާކުރި އަކްޝޭގެ ފުރަތަމަ ފިލްމެވެ. ހޯމަ ދުވަހު މި ހޮރޯ-ކޮމެޑީ ސްޓްރީމްކުރަން ފެށީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް އިތުބާރުކުރާ އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ލަކްޝްމީ" އަކީ އުންމީދުކުރި ވަރާ ގާތްކުރާ ވަރުގެ ފިލްމެއް ވެސް ނޫނެވެ.

ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް ކުޅެ، ޑައިރެކްޓްކުތޮ ހޮރޯ-ކޮމެޑީ "ކާންޗަނާ" އަށް ބިނާކޮށް ހަމަ އޭނާ ލިޔެ، ޑައިރެކްޓްކުރި "ލަކްޝްމީ" ގެ އެންމެ ބޮޑު އެއް މައްސަލަ އަކީ ފިލްމުގެ ވަނދު، ދޯހަޅި ސްކްރީންޕްލޭ ކަމަށް ތަރަން ބުންޏެވެ. އޭނާ ބުނިގޮތުގައި "ކާންޗަނާ" އަކީ ވަރަށް ކަމުދިޔަ ފިލްމެއް ނަމަވެސް އެ ފިލްމުގެ އެއްވެސް ޖާދޫއެއް އަކްޝޭގެ ފިލްމަކު ނެތެވެ. އަދި މި ފިލްމަށް އަކްޝޭ އެއްބަސްވި ސަބަބާ ދޭތެރޭ ވެސް ހައިރާންވާ ކަމަށް ތަރަން ބުންޏެވެ.

އޭނާ ބުނީ "ލަކްޝްމީ" ގެނެސްދީފައި އޮތީ އެއްވެސް ޝައުގުވެރިކަމެއް ނެތް ގޮތަށް އެކަމަކު ގަދަކަމުން ބެލުންތެރިން ހެއްވައިލަން މަސައްކަތް ކުރުވަން އުޅޭ ކަހަލަ ގޮތަކަށެވެ. ތަރަން ބުނީ "ކާންޗަނާ" އަކީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައި އޮތް ފިލްމަކަށްވާތީ "ލަކްޝްމީ" އާ ދޭތެރޭ ވަރަށް ބޮޑެތި އުންމީދުތަކެއް ކުރެވުނަސް އެ ހުރިހާ ކަމެއް ދިޔައީ ފެނަށެވެ. މި ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރެނީ ޖިންނި އަވާލާފައިވާ އާސިފު (އަކްޝޭ) ކިޔާ މީހެއްގެ އަނިޔާވެރި މަރަކާ ގުޅިގެން އޭގެ ބަދަލު ހިފަން ކުރާ ކަންކަމުގެ ތެރޭގައި ދިމާވާ މަޖާ އަދި ބިރުވެރި ހާދިސާތަކެވެ.

"ލަކްޝްމީ" އަށް ގިނަ ބަޔަކު އިންތިޒާރުކުރި އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގައި ޖިންނި އަވާލާފައިވާ ޓްރާންސްޖެންޑާ ކެރެކްޓާއެއް ވެސް އަކްޝޭ ކުޅެފައިވުމެވެ. ތަރަން ފާހަގަކުރި ގޮތުގައި އެ ކެރެކްޓާ އަކީ އަކްޝޭ އަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޗެލެންޖިން ރޯލަކަށް ވިޔަސް، ފިލްމުގެ ސްކްރީންޕްލޭގެ ބަލިކަށިކަމާ ހުރެ އެ ރޯލްގައި ވެސް މާ ހާއްސަ ކަމެއް ނެތެވެ. އެކަމަކު އަކްޝޭގެ އެކްޓިން ރަނގަޅު ކަމަށް ބުންޏެވެ.

ތަރަން ބުނީ ފިލްމުގެ ބަތަލާ ކިއާރާ އަދުވާނީގެ ރޯލް ވެސް ވަރަށް ކުރު ކަމަށާއި އޭނާގެ މާ ހާއްސަ ކަމެއް ނެތް ކަމަށެވެ. އެކަމަކު ފިލްމުގެ ކާސްޓްގައި ހިމެނޭ ޝަރަދު ކެލްކަރް އޭނާގެ ކެރެކްޓާ އަށް ވަރަށް މޮޅަށް އިންސާފުކޮށް ދީފައިވާ ކަމަށް ބުންޏެވެ.

"ލަކްޝްމީ" ގެ ސްކްރީންޕްލޭ ބަލިކަށިވުމުގެ ނަތީޖާ އަކީ ރަގަވާގެ ޑައިރެކްޝަނުގައި ވެސް މާ ބޮޑު އަޅައިގަތުމެއް ނެތުން ކަމަށް ތަރަން ބުންޏެވެ. އޭނާ ބުނީ މި ފަހުން ބޮލީވުޑްގައި ކާމިޔާބު ހޯދި ހޮރޯ-ކޮމެޑީތައް ކަމަށްވާ "އިސްތިރީ" އާއި "ގޯލްމާލް އެގެއިން" ވަރަށް ކާމިޔާބު ފިލްމުތަކަކަށްވީ އޭގެ ސްކްރީންޕްލޭ ރަނގަޅުވުމުންނެވެ.

އެގޮތަށް "ލަކްޝްމީ" އާ ދޭތެރޭ ކުރެވުނު އުންމީދު ފަނުފުލުން ދިޔަ އިރު، މި ފިލްމަށް ތަރަން ދީފައި ވަނީ ފަހެކުން ދެ ތަރީގެ ރޭޓިންއެކެވެ. މި ފިލްމުވެގެން މި ދިޔައީ މި ފަހުން އަކްޝޭ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ގޯސް ރިވިއުތައް ލިބުނު ފިލްމަށެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 38%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454