އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. އެނާ ވިދާޅުވީ މަހެއްހާ ދުވަހުގެ ތެރޭގައި ޓޫރިޒަމަށް އާ ރަށްތައް ނެރޭނެ ކަމަށް
10 ނޮވެމްބަރ 2020 - 18:01
ޓޫރިސްޓް ރިސޯޓްތައް ތަރައްގީކުރަން އާ ރަށްތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާކެޓަށް ނެރޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒްް އިސްމާއީލް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ޓޫރިޒަަމް މިނިސްޓްރީން އެ ރަށްތައް އަންނަ މަހު ބިޑަށް ލާނެކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވީ 20 ރަށެއް މާކެޓަށް ނެރެން ތައްޔާރުވެފައި ވަނިކޮށެވެ. އެކަން މަޑުޖައްސާލީ މި ހާލަތުގައި ރަށްތައް މާކެޓަށް ނެރެގެން އެންމެ ރަނގަޅު އަގު ނުލިބޭނެތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެއިން އެއް ބައި [ރަށްތައް] ޓޫރިޒަމް މިނިސްޓްރީން ޓެންޑާ ވެސް ކުރައްވާނެ،" ފައްޔާޒް ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ މިހާރު އޮތް ހާލަތުގައި ރަށްތައް މާކެޓަށް ނެރެފި ނަަމަ ކުރިއަށް ވުރެ ރަނގަޅުވެދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އަލުން ރަށްތައް ބީލަމަށް ލާނީ ބައިބަޔަށެވެ. އެއީ ފުރަތަމަ ނެރޭ ރަށްތަކަށް ވާ ގޮތެއް ބަލާފައި ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ދޫކުރި ގިނަ ރަށްތަކެއް ތަރައްގީނުކޮށް ހުރި އިރު އެރަށްތައް ދައުލަތަށް ނަގައި މާކެޓަށް އަލުން ނުނެރެެނީ ކީއްވެތޯ ވެސް ނާޒިލް އެއްސެވި އެވެ. ނަމަވެސް އެ ސުވާލަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުުގެ ތެރެއިން ބައެއް ރަށްތައް ވަނީ އެއް ފަރާތަށްް ވުރެ ގިނަ ފަރާތްތަކަށް ވެސް ދޫކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކޮރަޕްޝަނުގެ ތެރެއިން ދޫކުރި ރަށްތައް އަތުލެވޭނީ އެ ރަށްތަކާ ބެހޭ ގޮތުން ހިންގަން ޖެހޭ ގާނޫނީ އިޖުރާއަތްތައް ނިމިގެންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމުން ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓުނެވެ. ރާއްްޖޭގެ ބޯޑަރު އޭރު ބަންދުކުރުމަށް ފަހު އަލުން ހުޅުވައިލީ މިދިޔަ ޖުލައިމަހު އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ މައްޗަށް އަރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
12 November 2020
މުޅި އިޤްތިޞާދު ދާ އެންމެ ކަމަކަށް ގޮސް ހުސްވުމީ ބޮޑު ގޯހެއް ކަން ކޮވިޑް އާއި އެކުވެސް ސާބިތުވެފަ އޮތް އިރު ސަރުކާރުން އަދިވެސް އުޅެނީ ގޯސް ވިސްނުމުގަ، ފަސޭހަ ގޮތުގަ ބަޖެޓަށް ލާރި ހޯދަން!
ތިމާވެށި
11 November 2020
ސިޔާސީ މީހުން މުއްސަނދި ވާން ކުރާ ކަމެކެވެ. އިންވެސްޓަރުން ލިބުނީމަ ބިޑައްލާނެއެވެ. އާދައިގެ މީހަކަށް ކައިރިވެސް ނުވެވޭނެ އެވެ.
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
11 November 2020
ރާއްޖޭގެ ހުރިހާ ފަޅުރަށްތަކެއްގައި ރިސޯޓު ހެދީމާ ދެން ދަނޑުވެރިކަން ކުރުމަށާއި، ދަރުހޮވުމަށާއި، ޕިކްނިކް ދިއުމަށް ރަށްތަކެއް ނުހުންނާނެ. މިހާރުވެސް މިއުޅެނީ ރާއްޖޭގައި ރިސޯޓުތައް މަދުވެގެންނެއް ނޫން. ރިސޯޓުތަކުން ލިބޭ ފައިސާ ރައްޔިތުންގެ މެދުގައި ރަގަޅު ގޮތެއްގައި ބެހިގެން ނުދާތީ މައްސަލައަކީ. ރައްޔިތުމީހާ ޖެހެނީ ސަލާން ޖަހައިގެން ފައިސާ ހޯދައިގެން ބޭސްފަރުވާ ކުރަން. މިއީ މަހުޖަނުން އިތުރަށް މުއްސަދިކޮށްދޭ ކެޕިޓަލިސްޓް ނިޒާމެއްގެ ދޯހަޅިކަން
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
11 November 2020
އަނެއްކާވެސް މަހުޖަނުން އިތުރަށް މުއްސަދި ކުރުމަށް ފަޅުރަށްތަކެއްގައި ރިސޯޓު ހަދަން ހުޅުވާލަނީ. މަހުޖަނުންނާއި އާންމުންނާއި ދެމެދުގެ ފަރަގު ބޮޑުކުރަނީ ގަސްދުގައި. މިރަށްތައް ދަނޑުވެރިކަމަށް ދޫކުރުން ވެސް މާރަގަޅުވާނެ. ރައްޔިތުންނަށް އިގުތިސާދީ ގޮތުން ފައިދާ ނުވާ ކަންތައް ކުރުމުގެ ބޭނުމެއް ނެތް. ކޮމިއުނިސްޓް ޕާޓީގެ ސަރުކާރެއްގައި ރިސޯޓުތަކުގެ ހިއްސާ އާންމުންނަށް ވިއްކާނެ. މަސައްކަތްތެރިންގެ އަމިއްލަ ރިސޯޓުތައް ހުންނާނެ.
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
11 November 2020
ރާއްޖޭގެ ފަޅުރަށްތަކަކީ އެތައް ޒަމާނެއް ވަންދެން ކައިރި ރަށްތަކުގެ މީހުން ދަރުހޮވާށާއި އެހެނިހެން ބޭނުމަށް ބޭނުންކުރަމުން އައި ރަށްރަށް. އަތޮޅުތަކުގެ އެއްވެސް ބަޔަކާއި މަޝްވަރާކުރުމެއް ނެތި، ހަމަ އިކޮނޮމިކް މިނިސްޓަރު ނޫނީ ޓޫރިޒަމް މިނިސްޓަރު ބޭނުންވާ އިރަށް ރިސޯޓު ހަދަން އިއުލާންކުރުން އެއީ ހަމަޖެހޭ ގޮތެއް ނޫން. މިހާރު އަތޮޅުތަކުގެ މީހުން ޕިކްނިކް ދާންވެސް ފަޅުރަށެއް ނޯވޭ. މިއީ މަހުޖަނުންގެ ރާއްޖެ. މިއީ ނިކަމެތި ރައްޔިތުންގެ ރާއްޖެއެއް ނޫން.
ލައުރާ
11 November 2020
އަޅުގަނޑު ވަރައް އުންމީދުކުރިން ރިސޯޓު މުވައްޒަފުންނައް މިސަރުކާރު އައުމުން ވަރައްބޮޑައް ކަމޭހިތާނެ ކަމައް ޔާމިނުވެސް ބުނި ރިސޯޓު ހިއްސާ ދޭނަމޭ ޔާމިނު ރިސޯޓު ހިއްސާ ދިންނަމަ މިކޮވޮޑު ތެރޭ ވަރައްބޮޑައް މުވައްޒަފުންނައް ފައިދާވިސް އަދި ޔާމީނައް ކުޑައިމީސްކޮއް ބަސްބުނި ރިސޯޓު ހުރިހާ މުވައްޒަފުންގެ ތާއީދު ލިބުނިސް ވީމާ މިސަރުކާރުން ހދ އަތޮޅައް ފަތުރުވެރިކަން ފުޅާކޮއް ދެންވެސް ވޯޓު ހޯދަން ޖެހޭކަން ދެނެގެން އުޅުން ރަނގަޅު
ARIF
11 November 2020
މީހަމަ އަސްލު ބްރޯ. މީ މީހަކީ.
ޙަބީބު
11 November 2020
ކަމެއްކުރަންޏާ ހދ އަތޮޅައް ފަތުރުވެރިކަން ފުޅާކޮއްބަލަ ކަމެއްކުރަންޏާ މިހާރުނެތް ބުނެވޭކައް ދަތުރުފަތުރު ދައްޗެކޭ ތިޔަދުއްވާ ސީޕްލޭން އިންޑިޔާއައްދާއިރު ކީއްވެ މިކަން ނުވާންވީ ވޯޓު ކައިރިވީމަ ބަޖެޓެއްގަ އަދަދެއްޖަހާފަ ހީނުކުރާތި ރައްޔިތުންގެބޯ ކާލެވިދާނެކަމައް ނުވާނެ އެކަމެއް
ބޯގަންވިލާ ގެ
11 November 2020
ރަގަޅު އެތިކޮޅެއް މި ގެޔަށް ލިބޭނެ މި ފަހަރު.
އަހަރެން ނުދެކެން
11 November 2020
ރާއްޖޭގެ ކުރިމަގު ބަނަކޮއްލީ އެމްޑީޕީ ވެރިކަމާ ހަވާލުވީފަހުން. މިހާރު ހީވަނީ ބައެއްގެ އަޅުވެތިކަމުގަ އެޅޭހެން