13 ނޮވެމްބަރ 2020 - 07:45
ޖަޕާނުގެ އަވަށެއްގައި ސާރިދޯޅުގެ އުނދަގޫ ބޮޑުވެ، އިންސާނުންނަށް ވެސް ނުރައްކާވާތީ އެކަމާ ދެކޮޅަށް ރޮބޮޓް ހިޔަޅުތަކެއް ނެރެފި އެވެ.
މި ރޮބޮޓްތައް ހޮކައިޑޫގެ ޓަކިކާވާގެ ދެ ސަރަހައްދެއްގައި މިހާރު ވަނީ ބަހައްޓައިފަ އެވެ. "މޯންސްޓާ ވުލްފް" ގެ ނަން ދީފައިވާ މި ރޮބޮޓްތައް އޭގެ ކަރު އެކި ފަރާތްފަރާތައް އެނބުރޭނެ އެވެ. އަދި 60 ޓޯނަކަށް ބިރުވެރި އަޑުތަކާއި އަލިގަދަ ކުލަތަކުން ދިއްލޭނެ އެވެ. ރޮބޮޓްގެ ދެ ލޯ ވެސް ހުންނަނީ ބިރު ގަންނަ ޒާތަކަށެވެ.
ޓަކިކާވާ އޮފިޝަލުން ބުނެފައިވާ ގޮތުގައި ރޮބޮޓް ހިޔަޅު ނެރުނު ފަހުން، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް، ޖަންގަލީގެ ތެރޭގައި އުޅޭ ނުރައްކާތެރި ސާރިދޯޅުތައް ބިރުން ނުކުތުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ. މި އަހަރުވެފައި ވަނީ އެ އަވަށުގައި ސާރިދޯޅުތަކުގެ ނުރައްކާ އިންތިހާ އަށް ބޮޑުވެ، އާންމުންގެ ފުރާނަށް ވެސް ނުރައްކާ ބޮޑުވި އަހަރަކަށެވެ. އެގޮތުން ސާރިދޯޅުތަކުގެ ހަމަލާތަކުގައި ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓަކިކާވާ އިން ދެ މީހަކު މަރު ވެސް ވެފައިވެ އެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އާންމުން އުޅޭ ސަރަހައްދުތަކަށް ސާރިދޯޅުތައް ނުކުންނަން ފެށީ އެ އެއްޗިއްސަށް ބޭނުންވާ ބައެއް ޒާތުގެ ކާނާ ލިބުން ދަތިވެގެންކަން ފާހަގަކުރެވިފައިވެ އެވެ. އޭގެ ތެރޭގައި އެކޯންސް އާއި ނަޓްސްގެ ބާވަތްތައް ހިމެނެ އެވެ.
ސާރިދޯޅުގެ ނުރައްކާ ބޮޑުވެގެން އެކަމާ ދެކޮޅަށް ނެރުނު "މޯންސްޓާ ވުލްފް" ރޮބޮޓްތަކަކީ ޖަޕާނުގައި އެކި ޒާތުގެ މެޝިނަރީ އުފައްދާ އޯޓާ ސީކީގެ އުފެއްދުމެކެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ޒާތުގެ 70 ރޮބޮޓް 2018 ގައި ފަހުން ވިކިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނަމް
15 November 2020
ހިޔަލގު ބިރުގަނެ
އާދަމް0
13 November 2020
ސާރިދޯޅަކީ ހިޔަޅުދެކެ ބިރުގަންނައެއްޗެއްކަމެއް މީގެކުރިން ނުދެނެހުރިން.
ބެނީ
13 November 2020
ވުލްފްއަކީ ހިޔަޅު؟ ފޮކްސްއަށް އެހެންވިއްޔާ ކިޔަނީ ކީކޭ؟