ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
03 ނޮވެމްބަރ 2016 - 11:29
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދެ ހަފުތާވުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ފަހުން މިހާތަނަށް ބޭއްވީ ފަސް ޖަލްސާ އެވެ. މި ޖަލްސާތަކަށް ތިން ގަޑިއިރެއްހާ ހާއިރު ހޭދަވި އިރު، މެމްބަރުންގެ މެދުގައި މާ ބޮޑު ބަހުސްތަކެއް ވެސް ނުހިނގަ އެވެ. އަދި ކޮމެޓީ މަރުހަލާގައި ދިރާސާ ކުރަން ޖެހޭ އެތައް ކަމެއް ހުރި އިރު، ކޮމެޓީ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މަޖިލީހުގައި ތިއްބެވި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭނުން ނުވާތީ އެވެ. އެއީ މަޖިލީހުގެ ރައީސް އެހެން މެމްބަރުންނަށް އިތުބާރު ނުކުރައްވާތީ ކަމަށް ވެސް އެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ އިހްތިޔާރު ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ނުދެއްވަނީ މޫސަ އަށް ވެސް އިތުބާރު ނުކުރެއްވޭތީ އެވެ.
"މަސީހު ނެތިއްޔާ މަޖިލިސް ކުރިއަށް ގެންދަން ބޭނުމެއް ނުވޭ، އެއީ މަސީހު ބޭނުންނުވާ ކަމެއް މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރުމުގެ ފުރުސަތު އޮތުމުން ކަމަށް ބެލެވެނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ކޮމެޓީތަކުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިއިރު، އެއްވެސް ކަމެއް ކޮމެޓީ އަށް ހުށަހަޅައިގެން ކުރިއަށް ނުގެންދާ ކަމަށެވެ. އެ ގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުނު މައްސަލަ އާއި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލަ ވެސް ކޮމެޓީގައި އެޖެންޑާކޮށްފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މިނިވަން މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރަން ކޮމެޓީތަކަށް ހާޒިރު ކުރަން ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމަ އަށް އައި އިރު، މުއައްސަސާތަކުގެ ވެރިން ކޮމެޓީ އަށް ހާޒިރު ނުކުރާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މުހިންމު ގާނޫނުތަކަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅިޔަސް، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކު އެ އިސްލާހުތައް މަޖިލީހުން ބޭރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެކިއެކި ކަންތައްތައް މަޖިލީހަށް ހުށަހެޅުމަކުން އެ އަށް ބަހުސްކޮށް ފާސް ކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަޒީފާއާ ބެހޭ ގާނޫނަށާއި ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކުގަ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް މިހާރު ހާއްސަވެފައި އޮތީ ސަރުކާރުން ހުށަހަޅާ ކަންކަމަށް އެކަންޏެވެ. އަދި އިދިކޮޅު ވިސްނުމުގެ މެމްބަރުން ހުށަހަޅާ ކަންކަމަށް ބަހުސް ކުރަން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ފުރުސަތު ނުދެއްވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"އިދިކޮޅު މެމްބަރުން ކަންކަން މަޖިލީހަށް ހުށަހަޅަން ބޭނުމެއް ނުވާނެ އެގޮތަށް ބޭރު ކުރާނަމަ، އަޅުގަނޑު ދެކޭ ގޮތުގައި، މެމްބަރުން ޒިންމާދާރުވާން އެބަޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.
ފަހު ދައުރުގައި މަސައްކަތްތައް އަމާޒު ކުރާނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓަށެވެ. އެ ގޮތުން ސަރުކާރުން މިފަހަރު މަޖިލީހަށް ހުށަހެޅީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބެލެވޭ ގޮތުގައި މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުން އަންނަ ހަފުތާގައި އޮންނާނެ އެވެ.
މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ބަޖެޓުގެ މަސައްކަތް ކުރާއިރު، އެކަށީގެންވާ ގޮތެއްގައި މަޖިލިސް ޖަލްސާތައް ހިނގާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.
މައުމޫން ފެކްޝަންގެ ޕީޕީއެމް މެމްބަރަކު މިއަދު ވިދާޅުވި ގޮތުގައި ޖަލްސާތައް ނުުބާއްވާ ސަބަބެއް އެ މެމްބަރުންނަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މަޖިލީހުގެ ރައީސަށް ބޭނުންނަމަ، ކަންކަން އެޖެންޑާކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
"ބޮޑަށް ބެލެވެނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނު ކަމުގެ ބިރަށް މަޖިލިސް ނުބާއްވައިގެން އުޅެނީ ކަމަށް، މަޖިލިސް ޖަލްސާތައް ނުބާއްވަންވީ އެއްވެސް ސަބަބެއް ނެތް،" މެމްބަރު ވިދާޅުވި އެވެ.
ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މަޖިލީހުގެ ރައީސް އާއި މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
03 November 2016
ކޮންމެ މީހަކުވެސް ޖަލްސާނުބާއްވަނީ ކިއްވެގެން ކަމެއް ނޭގެއޭ ތިބުނަނީ ކާކުދެކެބިރުންތަ ! ޖަލްސާ ނުބާއްވަނީ ޔާމީނު އާއި އިދިކޮޅަށް ކަންތައް ތައް ނިންމަފާނެތީ ބިރުން ! ތިޔަ މަޖްލިސްގެ ރައީސަކީވެސް ޕަޕެޓެއް !
ބެންޖޯ
03 November 2016
ޕޕމ ޖަލްސާއަށް މީހުން ގެންދާ މަޖުބޫރުކުރުވަކަށް ނުޖެހޭ. މިގައުމުގައި ރައީސް ޔާމީނަށް ތައީދުކުރާ މީހުން ތިބީ ހިތުން ރުހުމު ޖަލްސާއަށް ދާން ހިތް ކެއްނުވެފަ!
ރީނާ
03 November 2016
ކޮންމެ މީހަކަު ކޮންމެ އެއްޗެއް ގޮވިޔަސް ރައީސް ޔާމީންނަށް މިގައުމުގައި ތައީދު އެބައޮތް. މިކަން ވަރަށް ރަގަޅަށް ލޯ ސާފްކޮށްގެން ބެލީމާ ފެންނަނެ.
ސޯބިރު
03 November 2016
ރައީސް މީހާ ވިދާޅުވި ނޫންތޯ ހައްލެއް ނުލިބިއްޖއްޔާ ޑެމޮކްރަސީ ގަ އޮންނަނީ ކޯޓައް ދިޔުމޭ
އައްޑޫ ރަދުން
03 November 2016
މަޖިލީހުގެ ރައީސު ހުންނެވީ އޮޓޯ މޯޑުގަ މެނުއަލް މޯޑަށް ލެވިގެން އަމިއްލަ ބާރުގަ މަސައްކަތް ކުރިއަށް ހިނގަން ފަށާނީ..
ރައީސް
03 November 2016
މަޖްލިސް ހުއްޓުމަކަށް ގަނެއުމުގެ ބާރު މަޖްލިސްގެ ރައީސަކަށްވެސް ނޯން ނާނެ . ވީމާ ވިހާވެސް އަވަހަކަށް ފަރުވާ ދިނުމަށް ކޯޓަށް ހުށަހެޅުމަށް އެދެން ... ހަގީގީ ފަރުވާދޭ ތަނަކީ އެއީ . ފަހަރެއްގަ ކޯޓުން ނިންމަފާނެ ރައީސް ޔާމިނަށް މަޖްލިސް ރައިސްކަން ދޭންވެސް .
އުދުހޭ
03 November 2016
އަދި މައްސަލަ ހުށައަޅަންވާނީ ސަރުކާރު ބަންދު ދުވަހަކު.
ސަނާ
03 November 2016
އަވަހަށް ކޯޓައް ވައްދާ އެއިރުން ކޮއްމެވެސް މުޝްތަޝާރަކާ ހިންގުން ހަވާލުކުރާނެ!
މަހޭ
03 November 2016
ކިތަންމެ ފިލައިގެން އުޅުނެތްކަމަކު މަސީހު ރައީސްކަމުން ދުރުކުރާނެ ކަމަށް ލަފާ ކުރެވޭ.