އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: އޭނާ ވިދާޅުވަނީ ކޯލިޝަނަކުން ވެރިކަން ކުރާ ރިޔާސީ ނިޒާމް ކަމުނުދާ ކަމަށް. --ފޮޓޯ/މިހާރު
22 ނޮވެމްބަރ 2020 - 13:18
ސަރުކާރުގެ ސިޔާސަތުތައް ހިނގަނީ އެމްޑީޕީގެ ތަސައްވަރާ އެއްގޮތަށް ކަމަށް ވިދާޅުވާން ދަތި ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ހަސަން ވިދާޅުވީ 2008 ގައި އެމްޑީޕީން ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށާއި އެކަމަކު އޭރު އޮތީ ކޯލިޝަންގެ މެނިފެސްޓޯއެއް ނޫން ކަމަށެވެ. އެ މެނިފެސްޓޯ އެކުލަވާލީ ރަށްރަށަށް އެމްޑީޕީން ދަތުރުކޮށް ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ހާސިލްކުރަން ބޭނުންވާ އަމާޒަށް ކަމަށް ހަސަން ވިދާޅުވި އެވެ.
"އެހެން ޕާޓީއެއް ނެތީކީއެއް ނޫން. އޭރު ވެސް އޮތް ކޯލިޝަން ޕާޓީތައް ސަރުކާރުގެ ތެރޭގައި، ޖުމްހޫރީ ޕާޓީ ވެސް އޮތް. އެކަމަކު މެނިފެސްޓޯ އަކީ އިއްތިހާދު ޕާޓީގެ ލޯގޯ މަތީގައި ޖަހާފައި އޮތް އެމްޑީޕީގެ މެނިފެސްޓޯއެއް،" ހަސަން ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑަށް ތަފާތުވެގެން މިއުޅޭ ކަމަކީ ވަރަށް ގިނަ ބޭފުޅުންނަށް، ޚާއްސަކޮށް ސަރުކާރުގެ ވަރަށް ގިނަ ބޭފުޅުން ގަބޫލުފުޅު ކުރައްވަން ބޭނުންފުޅު ވަނީ ކޯލިޝަން ސަރުކާރެކޭ، އެހެންވީމަ ކޯލިޝަން މެނިފެސްޓޯއެކޭ އޮންނަންވާނީ. އެ އަޅުގަނޑަށް ވަރަށް ދަތި، ޚާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެއްޗެއް ދަންނަވާ ކަމަށް ވަންޏާ،" ކޯލިޝަންގެ މައި ޕާޓީގެ ޗެއާޕާސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ މާނަ އަކީ މި ވެރިކަން ގެނައުމަށް އެހެން ޕާޓީތަކުން ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށް ކަންކަން އޮޅުންފިނުފިލުވާ ކަމަށް ދެކުމެއް ވެސް ނޫނެވެ. އަދި ކޯލިޝަން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުން މަގާމުތަކުގައި ދެމި ތިއްބެވުމަކީ ވެސް މައްސަލައެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް، ކަންކަން ތަންފީޒުވެ ވައުދުތައް ފުއްދެން ޖެހެ އެވެ. ދެން ވިދާޅުވީ، ކޯލިޝަން ޕާޓީތަކުން ވެރިކަން ކުރަމުން އަންނަ މި ރިޔާސީ ނިޒާމް ރަނގަޅު ނޫން ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް އޮންނަ ކަމުގެ އަޑުތަކާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެކި ކަންކަމުގައި ހިޔާލުތަފާތުވުންތަކެއް ހުރެދާނެ ކަމަށާއި އެކަމަކު ފެކްޝަން ހުރި ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަކީ ހިޔާލުތަފާތުވުންތަކާ ހެދި އެކުގައި މަސައްކަތް ނުކުރެއްވޭ އަދި ޕާޓީގެ މުހިއްމު އަސާސްތައް ދޫކޮށްލައްވާނެ ދެ ބޭފުޅުންނެއް ނޫނެވެ.
ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައި އެހި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ އެ ވޯޓު އެމްޑީޕީގެ ތެރޭގައި ހިނގައިގަތް ސަބަބު އަދިވެސް ދެމި އެބަ އޮތް ކަމަށާއި އެ ވޯޓު ހިނގައިގަތީ ހަމައެކަނި ފައްޔާޒް ކުރެއްވި ކަމަކުން ނޫން ކަމަށެވެ. އެކަމަކު ސީދާ ކޮން ސަބަބެއްކަން ވިދާޅެއް ނުވެ އެވެ.
"އޭގެ ސަބަބުތައް އެބަހުރޭ، އަޅުގަނޑު ހިތުން އެއީކީ ނިމިގެން ދިޔަ ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން އިނގޭތޯ. މި ދަންނަވާ ވާހަކަ އަކީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއީކީ ކޮންމެހެން ވަކި ކަމަކާ ދިމާވެގެން އައި ކަމެއް ވެސް ނޫނޭ. އެންމެ ކަމަކާ ދިމާވެގެން ހުއްޓިފައި އޮތް ކަމެއް ވެސް ނޫނޭ. އަދި ހުއްޓުނު ކަމަކަށް އަޅުގަނޑު ގަބޫލު ނުކުރަން ވެސް މެ،" ހަސަން ވިދާޅުވި އެވެ.
ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނޫޅުއްވާ ކަމަށް މިދިޔަ ބުރާސްފަތިދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވަމުން ހަސަން ވިދާޅުވީ އެމަނިކުފާނު ވިދާޅުވީ މަޖިލީހުން އެކަން ކުރަން ނޫޅޭ ވާހަކަ ކަމަށެވެ.
"އުސޫލެއް ގާއިމްކުރަން އަޅުގަނޑުމެން އެބަޖެހޭ، ޕާޓީގެ ތެރޭގައި،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަކާއި ހިންގާ ކޮމިޓީއަކާއި ކޮންގްރެސް އޮންނަކަން ފާހަގަކުރައްވައި ވިދާޅުވީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް އެ ތަންތަނުގެ އިތުބާރު އޮންނަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ފައްޔާޒުގެ ބާރު ސަރުކާރުގެ ތެރޭގައި ގަދަކަމުގެ ތުހުމަތަށް އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ އެއީ ކުޑައިރުއްސުރެން ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އޭނާ އަކީ ކަމެއް ހަވާލުކުރަންދެން މަޑުކުރައްވައިގެން ހުންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެ ކަންކަމުގައި ހުއްދަ އޮންނަނީ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގެން ކުރައްވަނީ ކިހާވަރަކަށް ކަން ވިދާޅުވާން އެނގިވަޑައިނުގަތަސް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޔާޒް ބޭނުންވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އެގޮތަށް ގިނަ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވަންޏާ، ޚާއްސަކޮށް މިނިސްޓަރަކަށް ވެއްޖިއްޔާ ބާރު އޮންނާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ އެ ބާރަކީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
"އެ ބާރު ރައްޔިތުންނަށް އެބަ ފެނޭ. އެކި ބޭފުޅުންނަށް ދެން ފެނިވަޑައިގަންނަވާނީ އެކި ގޮތަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންބ
28 November 2020
ކޮންގޮތެއްވާނީ ތިއަހަރެ ފެން ނަނީ ނޫންތޯ ކޮރަޕް ޝަން ފަޅާ ނުކުން ނަނީ
ކަޑަބައި
24 November 2020
"އެ ބާރު ރައްޔިތުންނަށް އެބަ ފެނޭ. އެކި ބޭފުޅުންނަށް ދެން ފެނިވަޑައިގަންނަވާނީ އެކި ގޮތަށް." މިއީ ވަރަށް ބޮޑު ތެދެކެވެ. އަޅުގަޑުގެ ވިސްނުމުގައި ދެން މާލަހެއްނުވެ ބަރުލަމާނީ ނިޒާމާ ރިޔާސީ ނިޒާމުގެ ތެރެއިން ރަގަޅު ނިޒާމެއްގެ ވާހަކަ ދެކެވެން ދެން މާލަސްވާނެހެނެއް ހިއެއްނުވެއެވެ.
އަލިބެއްޔަ
23 November 2020
ހަސަނަށް ހީވާކަހަލަ މުޅިއޮޑީގައި އޮންނަންވާނީ ހަސަނުގެ ދެފަޔޭ.
ދަރަނި ދަންތުރަ
23 November 2020
ތިޔަބުނީ ފައްޅި ނާޅާވާހަކަތަ ؟
ހަމްދީ
23 November 2020
ނަޝީދުގެ ޕަޕެޓް!
ފަލަޑޭ007
23 November 2020
ޙަސަނާ. ތިބޭފުޅާއަށް 2008 ގެ ވެރިކަމުގައި މިނިސްޓްރީއެއް ހިންގަން ދިނީމާ ބާރު ބޭނުންވެގެން، 2 މިނިސްޓްރީ ދޭތެރޭ ބޮޑު ހަނގުރާމައެއް ކޮށް މީހުންނަށް ހިދުމަތް ހޯދަން ދާންވީ ކޮން ތަނެއްކަމެއް ނޭގޭ މިންވަރަށް ކަންކަން ގޯސްވި އިނގޭތޯ
މޯޑް
23 November 2020
ސަރުކާރު ހިންގަނި ރަގަޅަށް. ހަސަނަކަށް ނޭގޭނެ ސަރުކާރު ހިންގަންވީ ގޮތެއް. މި މީހުން ހީވަނީ އިދިކޮޅު ފާޓީ ބައެއްހެން އަބަދު ސަރުކާރަށް ޖަންސަލައިގެން ރަގަޅަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވޭ. ރައީސް ސޯލިހު ސަރުކާރަށް ހަމަ 100 ދޭނި.
އާރީ
23 November 2020
ހަސަންލަތީފަކީ އެމްޑީފީ ފިކުރްމީހެއް ނޫން ފުރަތަމަ ކޮންހާ ވާހަކައެއް ދަންކާކަށް ތިހަސަނު ތި އިބުރާއާއި އެކު ފާޓީހަދައިގެން ދެމީހުންނާއި ފަޅި ލައިގެން ވެރިކަމަށް ކުރިމަތިލައި ފެއިލްވިފެވަ ހުރިމީހެއް. ތިފަދަ ދެއުޅިއެއް ނުވާ މީހުން މިއަދު އެމްޑީފީއަށް ވެރިވެގަނެ ފާޓީ ހަލާކު ކުރަނި
އޮނަރަބްލް އަފީފު ދީދީ
22 November 2020
ހަސަން. ތިކަމަށްވެސް ފަސޭހަ ހައްލެއް ހޯދިދާނެ. އެކަމަކު އެއީ އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި ހަސަންމެން ފަދަ މާލޭމީހުނަށް ޤަބޫލު ކުރެވޭނެ ކަމެއްނޫން. # ސިޔާސީ ޕާޓީތައް އުފެދި ޙަރަކާތްތެރިވާންވާނީ އެއްވިސްނުމަކާއި އެއްމިސްރާބަކަށް "އެކުއެކީގައި" މަސައްކަތް ކުރާން ތިބި ބައެއްގެ މައްޗަށް. ޢަހަރުމެނާއި މާލޭމީހުން އެކީގައި ޕާޓީހަދައިގެން އެކަން ޙާސިލެއްނުވާނެ. # އައްޑޫމީހުންގެ އަމިއްލަ ނުވަތަ ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ "ދެކުނު ޕާޓީ" އުފައްދާން ފުރުސަތުދެއްވާ.
ޑޮކްޓާރ. ބަނާނާ
23 November 2020
މިސްޓަރ، ޑީޑީ. ތިޔާފުރުސަތު ދެއްވައި ފިއްޔާ އައްޑޫ ބަހުން ބުނާނަމަ "އަފިރިޔެ ބަތަށް ލޮނޮއެޑަގެން ނިކާށުމާ." .ވިސްނާ ފާއިތުވެ ގޭ އަހަރަތަކި އަފިރިން ގެ ތާއިދާއި އެކީ ގިނައި ވެރިކަން ތަކުންއަފިރިން ނަށް ދެނީ ހުސް 'ދޯކާ"! ޖަޒީރާ ރާއްޖެ އަށް ވަރަށް ސަލާމް!
އަލީރާޖާ
22 November 2020
2008 ގެ ވެރިކަން ކޯލިޝަނާއެކު ތިޔަ ވިދާޅުވާ ގޮތަށް ކޮށްގެން 3 އަހަރުން ޖެހުނީ އެ ވެރިކަން ނިންމާލަން ދެއްތޯ؟ އެހެންވީމާ އޭރުގެ މެނިފެސްޓޯ ހިންގަން އުޅުނުގޮތް އެއީ މާ މޮޅު މިސާލަކަށް ނުހައްދަވާ.