ވިޔަފާރި / ޑޮލަރު

ޑޮލަރުގެ ކަޅު ބާޒާރުގެ ބާރު ކަނޑުވާލަން ވެއްޖެ!

ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރުތަކެއް ގުނަނީ: ރާއްޖެ އަށް ވަންނަ ބޭރު ފައިސާ ބެންކިން ނިޒާމުގެ ތެރެއަށް ވަންނަން ޖެހޭ -- ފައިލް ފޮޓޯ: މިހާރު

މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެކެވެ. ރާއްޖެ އަށް ބޭނުންވާ ވަރަށް ޑޮލަރު ލިބެ އެވެ. މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އުފެއްދުންތެރިކަމުން ރާއްޖެ އަށް 3.7 ބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެކަމަކު މީރާގެ ތަފާސްހިސާބުތަކުން ދައްކަނީ ސަރުކާރަށް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 654 މިލިއަން ޑޮލަރު ކަމެވެ. އެއީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ އެންމެ 17 ޕަސެންޓެވެ.

ސުވާލަކީ މިއެވެ؛ ބާކީ ހުރި ޑޮލަރުތަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް، ނުވަތަ ބޭންކިން ނިޒާމުގެ ތެރެއަށް އެ ޑޮލަރުތައް ވަދޭ ހެއްޔެވެ؟ ނުވަންނަންޏާ ނުވަންނަނީ ކީއްވެ ހެއްޔެވެ؟

ޑޮލަރުގެ ކަޅު ބާޒާރު އުފެދި، ޑޮލަރު ތާށިވަނީ ކީއްވެ؟

ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމް ދާއިރާ އަށެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމުން އެކަނި ވެސް ރާއްޖެ އަށް 3.4 ބިލިއަން ޑޮލަރު ލިބިފައި ވެ އެވެ. އޭގެ އިތުރުން، ދެން ލިބިފައި ވަނީ މަހުގެ ބާވަތްތަކާއި ޖެޓްފިއުލް ރީއެކްސްޕޯޓް ކޮށްގެން 361 މިލިއަން ޑޮލަރެވެ. ގައުމު ހިންގަން ބޭނުންވާ ބޭރު ފައިސާގެ ނިސްބަތަށް ބަލާއިރު، 3.7 ބިލިއަން ޑޮލަރަކީ ރާއްޖެ އަށް މާ ބޮޑަށް ވެސް ރަނގަޅު އަދަދެކެވެ. އެކަމަކު ރާއްޖޭގައި އެކަން ވަނީ އެހެނެއް ނޫނެވެ. ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ނުޖެހި އެ ޑޮލަރުތައް އެކި ގޮތްގޮތުން ބޭރުވާތީ ޑޮލަރުގެ ތާށިކަމަކީ އަބަދުހެން ބޮލުގައި ރިއްސާލަ ރިއްސާލަ އޮންނަ މައްސަލައެކެވެ.

"ޑޮލަރުގެ ކަޅު ބާޒާރުގައި ވެސް މި އެނބުރެނީ ހަމަ އެ ޑޮލަރުތައް. ހަގީގަތަކީ ޑޮލަރުގެ ކަޅު ބާޒާރު ނުވަތަ ރާއްޖޭގެ މުޅި ޑޮލަރުގެ ބާޒާރު ވެސް މި ކޮންޓްރޯލްކުރަނީ ރިސޯޓްތަކުން ލިބޭ ޑޮލަރުންކަން،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

"ޑޮލަރުގެ އާމްދަނީގެ 80 ޕަސެންޓް މި ހުންނަނީ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަދެ."

ޑޮލަރުގެ ކަޅު ބާޒާރުގެ ބާރު ކަނޑުވާލަންވެއްޖެ!

މުޅި ރާއްޖެ އަކީ މުޅިން އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވާތީ އެމްއެމްއޭ އަށް ވަންނަ ޑޮލަރުކޮޅު އެކަންޏަކުން ނުފުދެ އެވެ. އެހެންވެ، ހުރިހާ ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެ އެވެ.

މުދަލާއި ހިދުމަތުގެ އަގުތައް ހަގީގަތުގައި އުފުލެނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން މުދާ އިމްޕޯޓް ކުރަން ޖެހުމުންނެވެ. އެކަން ހައްލު ކުރެވެން އޮތީ އެންމެ ގޮތަކަށެވެ. ހެދެން އޮތީ ވެސް އެންމެ ފަންޑިތައެކެވެ. އެއީ ރާއްޖެ އަށް ވަންނަ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއިން، ނުވަތަ އެމްއެމްއޭ އުން ހުއްދަ ދީފައިވާ ބައެއްގެ އަތުން މާރުކުރެވޭ ގޮތަށް ބަދަލުކުރުމެވެ. އިގްތިސާދީ ހުރިހާ ތަޖުރިބާކާރުން ވެސް، އަދި ސަރުކާރާއި އެމްއެމްއޭ ވެސް ގަބޫލުކުރާ ގޮތުގައި ޑޮޮލަރުގެ ވިޔަފާރި މިހާރު މިއޮތީ ހައްދެއް ނެތި ދޫކޮށްލެވިފަ އެވެ. ޑޮލަރުގެ މައްސަލާގައި މިއޮތީ އެހެން ހުރިހާ ގައުމުތަކާ ހިލާފަށް މާ ބޮޑަށް ދޫދެވިފަ އެވެ.

މައްސަލަ އަކީ ކޮބާ؟

"މައްސަލަ އަކީ މަނިޓަރީ ގަވައިދުގެ ފަސް ވަނަ މާއްދާ ތަންފީޒު ނުކުރެވުން. އޭރުން ޑޮލަރުގެ މައްސަލަ ހައްލުވީ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"މިކަންކަން އިސްލާހު ކުރުމަށް ސަރުކާރާއި އެމްއެމްއޭ އިން ފަހަތު ފަޔަށް ބަރުވެފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކެނީ އެމްއެމްއޭގެ މަނިޓަރީ ގަވައިދު ތަންފީޒު ނުކުރާތީ."

އެމްއެމްއޭގެ މަނިޓަރީ ގަވައިދުގެ ފަސް ވަނަ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެކަމަކު ދުނިޔޭގެ ގިނަ ގައުމުތަކާ ހިލާފަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާއިން މުއާމަލާތްތައް ކުރަން އާދަޔާ ހިލާފަށް ފަސޭހަ އެވެ. ބޭނުން ފަރާތަކަށް ޑޮލަރު އެކައުންޓް ހުޅުވައިދީ އަދި އެކައުންޓުން ރާއްޖެއިން ގަންނަ މުދަލާއި ހިދުމަތްތަކަށް އަގު އަދާކުރުމަކީ އާންމު ކަމެކެވެ. އެއް ބޭންކުގެ ކަސްޓަމަރަކު އަނެއް ބޭންކުގެ ކަސްޓަމަރަކަށް ދޭ ޗެކްތައް ބަރާބަރަށް އެމްއެމްއޭ އިން ކުލިއާކުރަމުން ވެސް ގެންދެ އެވެ. ބޭންކްގެ ކަސްޓަމަރުންނަށް އޭޓީއަމްތަކުން ނަގުދު ޑޮލަރު ވެސް ނެގެ އެވެ.

"އެހެން އެކަން ކުރަން ޖެހޭ ސަބަބުތަކެއް ވެސް ހުރޭ. މިސާލަކަށް، ރާއްޖޭގެ ޓޫރިޒަމް ގާނޫނުގައިވާ ގޮތުން މި ދާއިރާގެ ވިޔަފާރިވެރިން ސަރުކާރަށް ޓެކުހާއި އެހެނިހެން ފީތަކާއި، ޖޫރިމަނާތައް ދައްކަން މިޖެހެނީ ޑޮލަރުން. ސަރުކާރުން ހިންގާ ޕްރޮޖެކްޓަކަށް ޑޮލަރުން ފައިސާ ދިނުމަށް ބައެއް ފަހަރު އެގްރީމެންޓްތަކުގައި ވެސް އޮވޭ. މީގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ގެދޮރުގެ ކުލިތައް ވެސް ޑޮލަރުން ދޭން އޮވޭ. އަނެއްކާ ޑޮލަރުން ފައިސާ ދައްކާ ނަމަ އެކަށީގެންވާ ޑިސްކައުންޓެއް ދިނުމަކީ ވެސް ޑޮލަރުން ފައިސާ ދައްކާ ސަބަބެއް،" ތަޖުރިބާކާރު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ގައުމުގެ ފައިސާ ނޫން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އެންމެ ކައިރިން ސްރީ ލަންކާ، އިންޑިޔާ އަދި މެލޭޝިޔާ، ތައިލެންޑް ނުވަތަ ސިންގަޕޫރުން ވެސް ފެންނާނީ ހަމަ މި މަންޒަރެވެ. ޑޮލަރަކުން ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެ ގައުމުތަކުގައި އަމިއްލަ ފައިސާގެ ބާރާއި އަގު ހިފެހެއްޓުމާއި އެކްސްޗޭންޖް ރޭޓް ވަކި ނިޒާމެއްގެ ތެރޭގައި ގެންގުޅުމެވެ.

ޑޮލަރު އެންމެ ތާށިވި ދުވަސްވަރު ޑޮލަރު ގަންނަން ދިޔަ ބަޔަކު އެމްއެމްއޭގައި - ފައިލް ފޮޓޯ: މިހާރު

"ރާއްޖޭގައި އެކަން ނުކުރެވި މި ހުރިހާ ދުވަހެއް ވޭތުވެގެން މިދަނީ. މީގައި ތުންތުންމަތިން އަޅުގަނޑުމެންނަށް އިވެނީ އެކަން ކުރިޔަ ނުދޭން ރާއްޖޭގެ މުއްސަނދިން މަސައްކަތް ކުރަނީއޭ. މިހެން ދޫކޮށްލައިފައި އޮތުމުން ރިސޯޓް އޯނަރުންނަށް ރިސޯޓް ހިންގައިގެން ލިބޭ އާމްދަނީގެ އިތުރުން ޑޮލަރު ވިއްކައިގެން ވެސް ވަރަށް ބޮޑު އާމްދަނީއެއް އެބަ ލިބޭ. އެހެންވީމަ އޭރަކު އޮންނަ ސަރުކާރަކަށް ވަރަށް ފިއްތުންތައް ކުރިމަތިކުރުވާ ކަމަށްވޭ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އަވަހަށް ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް

ރާއްޖެ ކަހަލަ ކުދި ގައުމުތަކުގައި އެ ގައުމެއްގެ ބޭންކިން ނިޒާމަށް ބޭރު ފައިސާ ވެއްދުމަށްޓަކައި، އެ ގައުމަކުން އެކްސްޕޯޓް ކުރާ ހުރިހާ އެއްޗަކުން ލިބޭ ބޭރު ފައިސާގެ މުއާމަލާތްތައް ހިންގަންވާނީ އެ ގައުމުގެ ބޭންކިން ނިޒާމުގެ ތެރެއިންކަން ގާނޫނުން ލާޒިމް ކުރެ އެވެ. އަދި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބައެއް އެ ގައުމުގެ ފައިސާ އަށް އެކްސްޗޭންޖް ކުރުމަށް މަޖުބޫރު ވެސް ކުރެ އެވެ. ހަމައެހެންމެ އެ ގައުމުތަކުގެ ފައިސާއިން މެނުވީ އެތެރޭގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ވެސް މަނާ ކަމެކެވެ. އެ ގައުމުތަކުގައި ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތަކާއި އެހެނިހެން ފީތަކާއި ޖޫރިމަނާތައް ވެސް ނަގަނީ އެ ގައުމުގެ ފައިސާއިންނެވެ.

"ގާނޫނަކުން މަޖުބޫރުކޮށްގެން ނޫން ގޮތަކަށް ޑޮލަރުގެ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ މިކަން ގާނޫނަކުން ލާޒިމް ކުރުން. ދެ ވަނަ ކަމަކީ ތަންފީޒީ އިދާރާތައް މިކަން ރަނގަޅަށް ތަންފީޒުކުރުން. ހަގީގަތަކީ ރާއްޖޭގައި ދިވެހި ފައިސާގެ އަގު މި ދަނީ ވެއްޓެމުން. މިގޮތަށް ގާނޫނަކުން ލާޒިމް ކުރުމަކީ ދިވެހި ފައިސާގެ އަގު ހިފަހައްޓަން ވެސް އޮތް ހަމައެކަނި މަގު."

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމަކަށް ވާއިރު، ރާއްޖެ އަށް ޑޮލަރުން ވަންނަ އާމްދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ބައެއް ރިސޯޓްތަކަށް ޓޫރިސްޓުން އަންނަ އިރު އެ މީހުން ދުނިޔޭގެ އެހެން ގައުމުތަކަށް ފައިސާ ދެއްކުމަށް ފަހު ވެސް ރާއްޖޭގައި ޗުއްޓީ އެބަ ހޭދަކުރެ އެވެ.

"އޭރުން ރާއްޖެ އަށް ލިބޭނެ އެއްވެސް ފައިސާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މިއީ ސީރިއަސް މައްސަލައެއްކަން ދެނެގަނެ، ސަރުކާރުން ވެސް މިހާރު ވަނީ މި މައްސަލަ ޓޭބަލްގެ ކުރިއަށް ލައިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއާ ގުޅިގެން މަސައްކަތްތަކެއް އެބަ ކުރެވެ އެވެ. އަދި އެއީ، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުން ކަމަށް އެމަނިކުފާނު އިޝާރާތް ކުރެއްވި އެވެ. އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވާ ގޮތުގައި ޑޮލަރުގެ މައްސަލައިގައި މަނިޓަރީ ގަވައިދަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނާނެ އެވެ.

ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރުންނާއި އައިއެމްއެފާއި ވޯލްޑް ބޭންކް ފަދަ އިދާރާތަކުން ވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް އެބަ ބޭނުންވެ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި އޮތް ފޮރިން އެކްސްޗޭންޖްގެ ނިޒާމު ގޯހެއް ނޫނެވެ. މައްސަލަ އަކީ ޒަމާނަށް ފެތޭ ހަރުދަނާ ގާނޫނެއް ނެތުމެވެ. އަދި، އެ ގާނޫނު އައުން މިހާރު މާ ބޮޑަށް ލަސްވެއްޖެ ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

80 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 2%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހިމް ސޯބިރު

27 November 2020

ލިޔުން ތެރިޔާ ހުށަހެޅި ހައްލު ރަނގަޅެނޫން އިނގޭތޯ. ހައްލަކީ، ޑޮލަރުގެ ޕެގް އުވާލުން. އޭރަށް ބޭންކުތައް ވެސް މާކެޓް ރޭޓުގައި ހުޅުވާލެވިގެން ވިޔަފާރިކުރެވޭނެ. ކަޅުބާޒާރު އިސާހިތަކު ހުއްޓިދާނެ! އަޅުގަނޑަކީ އިކޮނޮމިސްޓެއް.

The name is already taken The name is available. Register?

ފިނރުޓޭ

29 November 2020

ކައެ ތީ ކޮންކަހަލަ އިކޮނޮމިސްޓެއް! އިކޮނޮމިކް ކޮންސެންޓްރޭޝަން ޑައިލިޔުޓް ކުރަންވީ! ކޮމްޕެޓެޓިވް މާކެޓެއް ކްރިޔޭޓް ނުކޮށް ޕެގް އުވާލައިފިނަމަ، އަދި މި އަށްވުރެ ބޮޑަށް އިޤްތިސާދު ގޯސްވާނެ! އެއީ ޑޮލަރު ގެ ކޮންޓްރޯލް އޮތީ ވަކި ބަޔެއްގެ އަތުގަ ކަމަށް ވާތީ! ރުފިޔާ އެއީ ލީގަލް ޓެންޑަރ ގެ ގޮތުގަ ހަދާފަ އެންފޯސް ކުރަންވީ! ޓްއަރިޒަމުން ރާއްޖެއަށް ލިބޭ އާމްދަނީ ރާއްޖެ ގެންނަށް މަޖްބޫރުވާނީ އެހެން ހަދައިގެން! ވިއްކާ ކޮންމެ ރޫމެއްގެ 80 އިންސައްތަ ރާއްޖެއަށްގެނުވަންވީ!

The name is already taken The name is available. Register?

1234

26 November 2020

އެމްއެމްއޭ ގަވަނަރަކީ ކޯލިޝަންގެ ޕާޓީ މެމްބަރެއްނަމަ މިހާރު އޮންނީ މަޖިލީހަށް ގެންގޮސް ބެވުން. އެކަމު މޑޕ ގެ ބޮޑެއްވީމަ އަންނިއަކަށްވެސް ނުކެރޭ ކަމެއް ކުރާކަށް. ހުސް އިކިނޮމިސްޓުންނޯ ތިބީ އެކަމު ތަނެެއް ދޮރެއް ނޭންގޭ، ޕާޓީއަށް ފައިސާ ހޯދުން ކަމަކީ..

The name is already taken The name is available. Register?

ޢަހުމަދު568

25 November 2020

މި ސަރުކާރަކަށް ނުވާނެ..ގެރޭ

The name is already taken The name is available. Register?

ސަންޕަދަރި

25 November 2020

މީކީ ދިވެހިން ބޭރައް ދަތުރު ކުރި އަހަރެއްނޫން, ޑޮލަރު ގަންނަނީ ބޭރުން މުދާ ގެންނަން, ބޭންކްތަކުން 0 ޓީޓީ ހަދާދޭނަމަ ޑޮލަރުގެ އަގެއް ބޮޑެއްނުވީސް, މީހަމަ ބޭންކް ތަކުންނާ ސަރުކާރުގެ ބޮޑުން ރާވައިގެން ބޮޑު އަގުގަ ޑޮލަރު ވިއްކާ މުއްސަނދިވާން ޖަހައިގެން އުޅޭ މަޅިއެއް. ވިޔަފާރިތަކަށް ޓީޓީ 0 ހަދާދޭނަމަ ކަޅުބާޒާރެއް ނޯންނާނެ. މިއަހަރަކީ އާންމު ރައްޔިތުމީހާ ބޭރަށް ފުރި އަހަރެއްނޫން.

The name is already taken The name is available. Register?

ސާފުވެއްޖެ

25 November 2020

ތިކަމަކީ މިގައުމުގަ އުޅޭ އެންމެ ނިކަމެތިމީހާ އާވެސް ގުޅިފައޮތްކަމެއް އަވަސް ހައްލުބޭނުން ބޭންކުތަކުގަހުރި ހުރިހާ ޑޮލަރު އެކައުންޓުތަކެއް ބަންދުކުރަންވީ ކޮންމެ މީހަކުވެސް ޑޮލަރު ހޯދަންދާނީ ޑޮލާ އެކްސްޗޭންޖްތަކަށާ ބޭންކްތަކަށް އަތުން އަތަށް ގަނެވިއްކާކަން އެނގޭމީހުން ބޮޑުއަދަދުން ޖޫރިމަނާކުރާނީ މައްސަލަ ހައްލުވީ ސިމްޕަލް ނެތީ އިހްލާސްތެރިކަން

The name is already taken The name is available. Register?

ވިޔަފާރި

25 November 2020

އެމްއޭސީއެލް ގަ ގެންގުޅޭ ބޭރު މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުންވެސް ހުއްޓާލަންޖެހޭ. އެމީން އެންމެ ކުޑަވެގެން ދިވެހި ރުފިޔާ އެކަުންޓްގަޑެއްވެސް ނުހުޅުވާ.

The name is already taken The name is available. Register?

ހާސަރު

25 November 2020

އެމްއެމްއޭގެ ގަވަނުނަރު މަޖްލިހަށް ހާޒިރުކޮށް އަހާބަލަ 5 ވަނަ މާއްދާއަށް އަމަލު ނުކުރެވިގެން ތިއުޅެނީ ކީއްވެތޯ!؟ އަޑުގަދަ މަޖްލިހުންވެސް މިގަވައިދު ތަންފީޒުކުރަން ގޮވާއަޑެއްނީވޭ!؟ މިއީ ތިޔަ 5 ވަނަ މާއްދާ އަށް އަމަލުކުރަން ފަށަން އެންމެ ރަގަޅުވަގުތު.

The name is already taken The name is available. Register?

ހަސަނު

25 November 2020

ޑޮލަރަކީ މި ރާއްޖެއަށް ޒަރޫރީ އެއްޗެއް.. ޑޮލަރާ ނުލާ މިއަދު ބޯފެންފޮދެއްވެސް ލިބެން ނެތް.. ޑޮލަރު ލިބެނީ ނިސްބަތުން މަދު ބައެއްގެ އަތްމައްޗަށް... ގައުމަށް ވަންނަ ޑޮލަރުގާ ދައުލަތުގެ ހިއްސާ އެއްވާންޖެހޭ.. ގައުމުގެ ރީތި ކަން ވިއްކައިގެން މި ގައުމަށް ލިބޭ ޑޮލަރުން މިހާރަށް ވުރެ ޓެކުސްވެސް ބޮޑު ވާން ޖެހޭ....

The name is already taken The name is available. Register?

ބޮޑުތަކުރުފާނުގެ ވިންދުގަ.

25 November 2020

ރިސޯޓް ތަރައްގީކުރަން ދިންފަހުން 5 އަހަރު ފާއިތުވެދިޔައިމަ ރަށުގެ ހެޑްލީސް އެގްރިމެންޓް ބާތިލުކޮށް ތިޔަ 80 ރަށުގަ ރިސޯޓް ހަދާނެކަމެއްނެތް. އިންޓަރގްރޭޓެޑް މޮޑެލްއަށް 80ރަށުގަ ބޭސިކް އިންފުރާސްޓްރަކްޗަރ އަދި ޔޫޓިލިޓީ އަތޮޅު ކައުންސިލުން ފޯރުކޮށްދޭގޮތަށް ހެޑްލީސް ބަދަލުކޮށް. ތިޔަ ހުރިހާރަށެއްގަ ގެސްޓްހައުސް އަދި މެދުފަންތީގެ ހޮޓެލް އެޅުމަށް ބިންދޫކުރުމުން ދައުލަތަށް 10 ބިލިޔަން ޑޮލަރު 60 މަސްދުވަހުގެ ތެރޭގަ ލިބޭނެ އަދި 50ހާސް ވަޒީފާއުފެދޭނެ.

The name is already taken The name is available. Register?

ހަބީބާ

26 November 2020

އަނެެއްކާ ތީ އަދުރޭތަ؟ ތިޔަހިސާބުގެ މޮޅުކަމުން އަހާލީ

The name is already taken The name is available. Register?

މީމަގޭ ހިޔާލު

25 November 2020

ހަގީގަތުގަ ބޯހިޔާވަހިކަމާ ތައުލީމާ ސިއްހީ ކަންކަމަށްވުރެވެސް ރައްޔަތުންނަށް ބޮޑުވެފަ އޮތްކަމެއްމީ ދައުލަތުގެ ބަޖެޓުގެ އަދަދަށްވުރެ ވަންނަ ޑޮލަރުގެ އަދަދުގިނަ އެކަމަކު ޑޮލަރެއްނުހުރޭ! މިކަމުގެ ސަބަބުންް އެތަށް ރައްޔަތެއްގެ ބުރަމަސައްކަތުން ހޯދާފައިސާކޮޅުދަނީ ބޭކާރުވެގެން މިހާލަތަށް ވެލިއަސް މީގެ އަހަރެއްކުރިން 2 ހާސް ރުފިޔާއަށް ގަނެވޭތަކެތި މިހާރު ގަނެވޭނީ 2500 އަށް ހަމަ ޑޮލަރާހުރެ އިހުލާސް ތެރިކަމެއް ހުރިއްޔާ މިކަން ވަރަށް އަވަހަށް ހައްލުކޮއްދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454