މާވަށު ދާއިރާގެ މެމްްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. އޭނާ ވިދާޅުވީ ޓޫރިޒަމް ގާނޫނަށް ގެންނަ ބަދަލުން އާމްދަނީ މަދުވާނެ ކަމަށް.
24 ނޮވެމްބަރ 2020 - 15:44
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ޓޫރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރުން މިއަދު ހުށަހެޅި ބަދަލުގެ ސަބަބުން އާމްދަނީ އިތުރުވުމުގެ ބަދަލުގައި ވާނީ މަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަަހެޅުއްވި ބިލުގައިވާ ގޮތުން، ޓޫރިޒަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި އެއް ރޭޓަކުން ކުލި ނެގުމުގެ ބަދަލުގައި އެކި ސަރަހައްދުތަކަށް އެކި އަގު ނަގަން އެ ބިލުގައި ވެ އެވެ. އެއީ މާލެއާ ދުރުވާ ވަރަކަށް އަގުހެޔޮވާ އުސޫލަކުންނެވެ.
އެ ބަދަލަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ ރާއްޖޭގައި ކަށަވަރު އެއް އާމްދަނީ އަކީ ޓޫރިިޒަމަށް ދޫކޮށްފައިވާ ތަންތަނުން ނަގާ ކުލި ކަމަށާއި މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފި ނަމަ ބޮޑު އާމްދަނީއެއް ކުއްލިއަކަށް ގެއްލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ 137 މިލިއަން ކުއްލިއަކަށް ގެއްލިގެންދާނެ ކަމަށެވެ. އެއީ ރުފިޔާކަމެއް ނުވަތަ ޑޮލަރު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"[ސަރުކާރުން މިބުނަނީ] ގެއްލިގެންދާ ދިއުމުގެ ކޮންޕެންސޭޝަނެއްގެ ގޮތުގައި، ފޫބެއްދުމަށްޓަކައި ލަފާކުރަމޭ މީގެ ތެރެއިން އިތުރު އާމްދަނީ އަންނާނެކަމަށް، " ސައީދު ވިދާޅުވި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަަހެޅި އިސްލާހު އޭނާ ސިފަކުރެއްވީ އާމްދަނީ އަށް ހޯދި "އާޓިފިޝަލް އިންކްރިމެންޓެއް"ގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ބަޖެޓަށް އާމްދަނީ އިތުރުކުރި ކަމަށް ހަދަން ވެގެން ކޮށްފައިވާ ކަމެކެވެ.
"މިހާރު އެމްޑީޕީގެ ހުރިހާ މެމްބަރުން މިތިބީ ގަބޫލުކޮށްގެންނޭ ހަތަރު ބިލިއަން ރުފިޔާ އާމްދަނީ އިތުރަށް ލިބޭނެ ކަމަށް. އިއްޒަތްތެރި ރައީސް މިއަށްވުރެ ބޮޑު މިރަކަލް އަކީ ކޮބައިތޯ؟" ސައީދު ވިދާޅުވި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލަށް، އެ ބިލް ސްޕޮންސާ ކުރެއްވި މެމްބަރު އަލީ އާޒިމް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ ބިލްގައި ހުރި ބައެއް ކަންތައްތަކަކީ އޭނާ ސިފަކުރެއްވި ގޮތުގައި ޓޫރިޒަމުން ލިބެން އޮތް ނަފަޔަށް އެޅޭ ހުރަސްތަކެކެވެ. އޭނާ އެންމެ ބޮޑަށް ފާޑުވިދާޅުވީ ޓޫރިޒަމް އިންޑަސްްޓްރީގައި ބައިވެރިވާން ސަރުކާރުގެ އިތުރު ކުންފުންޏެއް އުފައްދަން ހުށަހަޅާފައި އޮތީމަ އެވެ.
އާއްމުންގެ ވިޔަފާރީގެ ތެރެއަަށް ސަރުކާރުން ވަންނަން ކުންފުންޏެއް ހެދުމަކީ އެ ސިނާއަތުގެ މަންފާގައި އަތްއެޅުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމްގެ ގާނޫަނަށް ގެންނަ އިސްލާހަކީ އެ ބިލް ގާނޫނަކަށް ވުމުން ސަރުކާރަށް އާމްދަނީ ލިބޭނެ ބިލަކަށް ވާތީ މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ އަށް އާޒިމް އެ ބިލް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ޖަވާބު ދެއްވަމުން ރިއާސަަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާފައި ވަނީ އެ ބިލު ގާނޫނަކަށް ވުމުން ލިބޭ އާމްދަނީ ހިމަނައިގެން ކަމަށެވެ. އެހެންވެ އެ ބިލްގެ މަސައްކަތް އަވަހަށް ނިންމެވުމަކީ އަމާޒެއް ކަަމަށް ވިދާޅުވި އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
12134
25 November 2020
މިމީހުން ކިޔާއެއްޗެއްނެއިގޭ އެއްދުވަހުބުނާނެ ލިބޭހުރިހާއެއްޗެއް ނަގަނީ ދައުލަތަށޭ މިއަދު މިކިޔަނީ ކީކޭ؟ ރަގަޅުއެއްގޮތެއްވެސްނޯވޭ
ވަތަން އިސްކުރަންޖެހޭ
25 November 2020
އެމްޑީޕީޔަ ވެރިކަން ލިބޭ ކޮމްމެ ފަހަރަކު ރާއްޖެއައް ބޮޑެތި ގެއްލުންތައް އެބަދޭ.
މަންޑޭލާ
25 November 2020
ރާއްޖެ އަކީ މީހާރު ބައެއްގެ ބާރުގެ ދަޝުގަ އޮތް ޤައުމެ. ދިވެހިންގެ ނޯންނާނެ އަމިލްލަ ވިޔަފާރިއެއް އަމިލްލަ އެޔާޕޯޓެއް. އިންޑިޔާގެ ހިސްސާ އޮންނަގޮތައް ރާއްޖެ ފުނޑާލަނީ އެމްޑީޕީ ސަރުކާރުން.
ދޮންބެއަލީ
24 November 2020
ކުޅިވަރު ކުޅެއް ހިއްކިތާ އުޅުނު ކުދިން ކޮޅު ޤައުމެއްގެ ޤާނޫނު ހަދަށް ހަވާލު ވީމަ ވާނެ 6 އެތި މިވަނީ..
މޯދީބާއީ
24 November 2020
ކީއްކުރާ އާމްދަނީއެއް؟ އިންޑިޔާއިން ލޯނު ލިބޭ ގޮތަށް އޮތީ.
ކާޖާ
24 November 2020
މި ދަނޑިވަޅުގައި ކުއްލިއަކަށް އާމްދަނީ ދައްވާކަހަލަ ކަމެއް ކުރުން އެއްގޮތަކަށްވެސް ރަގަޅެއް ނޫނެވެ
މަސްވެރިޔާ
24 November 2020
ސަރުކާރުން އޭރުލިބުނު ހުރިހާ އެޑްވަންޓޭޖަކާ އެކުވެސް ބަގުރޫޓްވުމުގެ ރެކޯޑް ތަޖުރިބާހުރި ކުދިންގެ ޚިޔާލު. މާތްﷲއާއި ވަކީލު.
ސަންޕަ ހަސަންފުޅު
24 November 2020
އާމްދަނީގެ ވާހަކަދައްކާން މީފަހެ ކާކު؟