މުނިފޫހިފިލުވުން / އޮސްކާ އެވޯޑްސް

އަންނަ އަހަރުގެ އޮސްކާ އަށް އިންޑިއާ އިން މަލަޔާޅަމް ފިލްމު "ޖަލިކައްޓޫ" ފޮނުވަން ނިންމައިފި

26 ނޮވެމްބަރ 2020 - 08:09

އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގެ ބެސްޓް އިންޓަނޭޝަލް ފީޗާ ފިލްމު ކެޓަގަރީގައި އިންޑިއާ އިން ވާދަކުރާ ފިލްމަކަށް މަލަޔާޅަމް ފިލްމު "ޖަލިކައްޓޫ" ހުށަހަޅަން ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން ނިންމައިފި އެވެ.

އެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އެކްޝަން ފިލްމެކެވެ. ލިޖޯ ޖޯސް ޕެލިސެރީ ޑައިރެކްޓްކުރި ފިލްމުގެ މައިގަނޑު ރޯލްތައް ކުޅުނީ އެންތަނީސް ވަރްގިސް އާއި ޗެމްބަން ވިނޯދު ޖޯސްގެ އިތުރުން ސަބުމޮން އަބްދުއްސަމަދެވެ.

ލިޔުންތެރިޔާ ހަރީޝްގެ ކުރު ވާހަކަ "މައޮއިސްޓް" އަށް ބިނާކޮށް ހެދި ފިލްމުގައި ކިޔައި ދެނީ ބަފަލޯ މަހަށް ބަރޯސާވާ އަވަށެއްގައި އެ ޖަނަވާރު ކަތިލުމުގެ ތެރޭގައި އަތުން ދޫވެގެން އަވަށުގައި ތެރޭގައި ހިނގާ ހާޖާނުގަނޑެކެވެ.

އިންޑިއާ އިން އޮސްކާ އަށް ފޮނުވާ ފިލްމަކަށް "ޖަލިކައްޓޫ" ހޮވި އިރު މި ފިލްމަކީ ބޭރުގެ ބައެއް ފެސްޓިވަލްތަކުގައި ވެސް ދައްކާފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ބޭއްވި 44 ވަނަ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) އާއި 24 ވަނަ ބުސާން ފިލްމު ފެސްޓިވަލް ހިމެނެ އެވެ. އަދި "ޖަލިކައްޓޫ" އަކީ 50 ވަނަ އިންޓެނަޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި ވާދަކޮށްގެން އެވޯޑް ވެސް ހޯދި ފިލްމެކެވެ. އެއީ ލިޖޯ އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑެވެ.

"ޖަލިކައްޓޫ" އަންނަ އަހަރުގެ އޮސްކާގައި އިންޑިއާ ތަމްސީލުކުރަން ހޮވުނީ 27 ފިލްމަކާ ވާދަކޮށްގެންނެވެ. އަދި އެ ފިލްމާ އެންމެ ބޮޑަށް ވާދަކުރި ފިލްމުތަކަކީ މި އަހަރު ރިލީޒްކުރި އަމީތާބް ބައްޗަނާއި އަޔޫޝްމަން ކްރާނާގެ "ގުލާބޯ ސިޓާބޯ" އާއި މިދިޔ އަހަރު ރިލީޒްކުރި ޕްރިޔަންކާ ޗޯޕްޅާގެ "ދަ ސްކައި އިޒް ޕިންކް" އާއި ބަތަލާ އަނުޝްކާ ޝަރުމާ ނެޓްފްލިކްސްއާ ގުޅިގެން ޕްރޮޑިއުސްކުރި "ބުލްބުލް" އާއި ނަވާޒުއްދީން ސިއްދީގީގެ "ސީރިއަސް މެން" ގެ އިތުރުން ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އެވެ.

މީގެ އިތުރުން "ޖަލިކައްޓޫ" އާ ވާދަކުރި ފިލްމުތަގެ ތެރޭގައި ދެން ހިމެނެނީ ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" އާއި ޝާހްރުކް ޚާން ޕްރޮޑިއުސްކުރި "ކާމިޔާބު" އާއި ނެޓްފްލިކްސް ޕްރިމިއާކުރަން ހަމަޖެހިފައިވާ އަނިލް ކަޕޫރާއި އަނޫރާގް ކެޝަޕްގެ "އޭކޭ ވާސަސް އޭކޭ" އާއި ދީޕިކާ ޕަދްކޯންގެ "ޗަޕާކް" އާއި ދާދި ފަހުން ރިލީޒްކުރި ރާޖްކުމާރު ރާއޯގެ "ޗަލާންގް" އާއި "ޝިކާރާ" އާއި "ބޯންސްލޭ" އާއި "ދަ ޑިސިޕްލް" އާއި "އަޓްކަން ޗަޓްކަން" އާއި "ޗެކްޕޯސްޓް" އާއި "ބިޓަސްވީޓް" އާއި "އީބް އައްލޭ އޫ" ގެ އިތުރުން "ޗިންޓޫ ކާ ބާތުޑޭ" އެވެ.

އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑްސް އަށް އިންޑިއާ އިން ފޮނުވީ ރަންވީރު ސިންގް އާލިއާ ބަޓް މިދިޔަ އަހަރު ފެނިގެން ދިޔަ "ގަލީ ބޯއި" އެވެ. އެކަމަކު އެ ފިލްމު ގަދަ ފަސް ނޮމިނޭޝަނުގައި ވެސް ލައްވައެއް ނުލަ އެވެ.

އިންޑިއާ އަށް އޮސްކާގެ އެންމެ މޮޅު ބޭރު ފިލްމުގެ ކެޓަގަރީ އަށް އެންމެ ފަހުން ނޮމިނޭޝަނެއް ލިބުނު ފިލްމަކީ 2001 ގައި ރިލީޒްކުރި އާމިރު ޚާންގެ "ލަގާން" އެވެ. އޭގެ އިތުރުން ދެން ނޮމިނޭޓްވި ފިލްމުތަކަކީ 1988 ގެ "ސަލާމް ބޮމްބޭ" އާއި 1957 ގެ "މަދަ އިންޑިއާ" އެވެ. އެކަމަކު މިހާތަނަށް އިންޑިއާގެ އެއްވެސް ފިލްމަކަށް އޮސްކާ ލިބިފައެއް ނުވެ އެވެ.

އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ އެޕްރީލް 25 ގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454